www.fanvai.info

Print

ރޯދައާއި ކެތްތެރިކަން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ދީން

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ކެތްތެރިކަމަކީ ﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ އެއް ސިފައެވެ. ކެތްތެރިކަމުގެ ތަރުބިއްޔަތު އެންމެ ބޮޑަށް ލިބިދޭ އަޅުކަމަކީ ރޯދައެވެ. ކެތްތެރިކަމުގެ ތަމްރީނު ލިބިދޭ ރޯދަމަހުގެ ފަހު ދިހައާ އަޅުގަނޑުމެން މި ކުރިމަތިލަނީއެވެ. ރަމަޟާން މަހުގެ ފަހު ދިހައަކީ ނަރަކައިން ދިންނެވުމަށް ޚާއްޞަކުރައްވައިފައިވާ ދުވަސްވަރެވެ. މިހާރު ހޭދަކުރަމުން މި ގެންދަނީ މަޣުފިރަތުގެ ދިހައެވެ. ފުރަތަމަ ދިހަ އަޅުގަނޑުމެންނަށް މާތް ﷲ ދަރުމަކުރައްވައިފައިވަނީ ރަޙުމަތުގެ ދިހަ ދުވަހުގެ ގޮތުގައެވެ. ﷲއަށް ޓަކައި ފުރިހަމަ ގޮތުގައި ރޯދަ ހިފައި، ރޭއަޅުކަން އިޚުލާޞްތެރިކަމާއެކު އަދާކުރުމުގައި ހީވާގިވަމާ ހިންގަވާށެވެ!

ރޯދައަކީ ރައްކާތެރިކަމެކެވެ. ރައްކާތެރިކަމުގެ އައްޑަނައެކެވެ. ނަފުސު ނުތާހިރުކަމުންނާއި، ފާފަތަކުން ޙިމާޔްތަކޮށްދޭނެ ހަތިޔާރެކެވެ. ނަމަވެސް ތިމާއަށް ރޯދައިގެ ރައްކާތެރިކަން މި ލިބެނީ މި ލިބިފައިވާ އައްޑަނައިގެ ބޭނުންކޮށްގެންނެވެ. ދޫ ވެސް ރައްކާތެރި ކޮށްގެންނެވެ. ބޭކާރު ވާހަކަދެއްކުމާއި ހުސްއަނގަތެޅުންތަކުން ދުރުހެލިވެގެންނެވެ. އެހެން ނޫންނަމަ އަޅުގަނޑުމެން މި ހިފާ ރޯދައަކުން ލިބޭނޭ ސަވާބެއް ނެތެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. “ނުބައި ބަސްތައް ބުނުމާއި ނުބައި ޢަމަލުތައް ދޫނުކޮށް ރޯދައަށް ތިބޭ މީހުން ފަހެ އެފަދަ މީހަކު ނުކައިނުބޮއި ހުރުމަކަށް މާތް ﷲ އެދިވޮޑިއެއް ނުގަންނަވަތެވެ.” މާނައަކީ ބޭކާރުވާހަކަތަކުން ދުރުހެލިނުވާނަމަ އޭނާ ހިފާ ރޯދައިން ފުރިހަމަ ސަވާބެއް ނުލިބޭނެއެވެ.

އާދޭހެވެ! ބޭކާރު ވާހަކަދެއްކުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ. އެކަމުގެ ސަބަބުން އެ މީހަކު ނަރަކައަށް ދިޔުމަށް މަގުކޮށޭ ނުރައްކާތެރިކަމެކެވެ. މިކަމާ ގުޅޭ ގޮތުން ކީރިތި ރަސޫލާ(ﷺ) ޙަދީޘްކުރައްވަނީ ކީކޭ ކަމަށްތޯއެވެ؟. “އަޅާ ތެދު ދޮގު ބެލުމެއް ނެތި (ބޭކާރު) ވާހަކަދެއްކުމުގެ ސަބަބުން (އޭނާ) ނަރަކައަށް ވައްޓައިލެވެއެވެ.” އެހެންވީ އިރު ނަރަކައިން ސަލާމަތްވުމަށް ޓަކައި ދޫ ރައްކާތެރިކުރާން އެބަޖެހެއެވެ. ބޭކާރުވާހަކަތައް ދޫކޮށްލާން އެބަޖެހެއެވެ. މިފަދަ ޙާލަތްތަކުގައިވެސް ކެތްތެރިކަން އިސްކުރާންޖެހެއެވެ.

އެއްވެސް ޝައްކެތް ނެތެވެ. އިސްވެ ބަޔާންކުރެވުނު އެންމެހައި ކަންކަމަކީ ވެސް ކެތްތެރިކަމާ ގުޅިފައިވާ ކަންކަމެވެ. ތިމާ ހިތްހަމަ ނުޖެހޭ ކަހަލަ އެއްޗެއް ތިމާއާ ދިމާއަށް ބުނުމުން ދޫ ހިމޭނުންލައިގެން ހުރެވޭނީ ކެތްތެރީންނަށެވެ. ތިމާ ރުޅިއަރުވަން މީހަކު މަސައްކަތްކުރުމުން ރުޅީގެ މައްޗަށް ބުއްދި އިސްކުރެވޭނީ ކެތްތެރިކަން އިސްކޮށްގެންނެވެ.

އީމާންވެ ޞާލިޙު ޢަމަލުތައް ކޮށް އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، ކެތްތެރިވުމަށް ވަޞިއްޔަތްކުރާ މީހުން ފިޔަވައި އެހެން ހުރިހާ އިންސާނުން ވަނީ ގެއްލުމެއްގައިކަން ކީރިތިޤުރުއާނުގައި ވަރަށް ބަލާޣާތްތެރި ޢިބާރާތަކުން ވަނީ ވަޙީކުރައްވައި އަންގަވައިފައެވެ. ޒަމާން ގަންދެއްވައި މިވާހަކަ އަންގަވައިފައިވަނީ ސޫރަތުލްޢަޞްރުގައެވެ. އެހެންވީމާ ގެއްލުމާއި ހަލާކުން އިންސާނާ ސަލާމަތްކޮށްދޭ އެންމެ މުހިއްމު އެއް ހަތިޔާރަކީ ކެތްތެރިކަންކަން މި އޮތީ ސާބިތުވާށެވެ.

ވީމާ ރޯދައިގެ ސަބަބުން ތިމާއަށް ފައިދާއެއް ލިބޭނީ ހެޔޮ ޢަމަލުތައް ގިނަކުރުމާއެކު ކެތްތެރިކަން އިސްކޮށްގެންނެވެ. ދުނިޔެއަކީ ފިނިފެންމަލުގެ ބަގީޗާއެއް ނޫނެވެ. މިތަނުން ލޮލަށް ފެންނާނީ އެންމެ ބަލަން ބޭނުންވާ މަންޒަރުތަކެއް ނޫނެވެ. އިވޭނީ ހަމައެނި އަހަން ބޭނުންވާހާ އަޑުތަކެއް ނޫނެވެ. ތިމާއަށް ޙާޞިލުވާނީ ތިމާ ޙާޞިލުކުރަން ބޭނުންހާ ކަންތަކެއް ނޫނެވެ. މިކަންކަން ޤަބޫލުކޮށް މިންވަރަށް އީމާންވެ ޝުކުރުކުރާން ދަސްކުރުމަކީ ކެތްތެރިވުމަށްޓަކައި ފުރަތަމަ އެޅޭ ފިޔަވަޅަށް ވާނެއެވެ.

ރޯދައާއި ކެތްތެރިކަމާ ގުޅިފައިވަނީ ވަރަށް ބަދަހި ގުޅުމަކުންނެވެ. ކީރިތިޤުރްއާނުގައި “صَوْمُ” (ރޯދަ) މި ލަފުޒާއި މި ލަފުޒުން ނެގިފައިވާ ތަފާތު ލަފުޒުތައް  އައިސްފައިވަނީ، “صَبْرُ” (ކެތްތެރިކަން) މި ލަފުޒާއި އާއި މި ލަފުޒުން ނެގިފައިވާ ތަފާތު ލަފުޒުތަކާ ހަމަ އެއް ޢަދަދަކަށެވެ. އަދި “دَرَجَاتُ” (ދަރަޖަތައް) ވެސް ހަމަ އެ ޢަދަދަށް ތަކުރާރުވެފައިވެއެވެ. މި ކަންކަމުން އަންގައިދެނީ ރޯދަ އާއި ކެތްތެރިކަމާ ގުޅިފައިވާ މިންވަރާއި ކެތްތެރިކަމުގެ މަތިވެރި ދަރަޖައެވެ.

ވީމާ، ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުގަނޑުމެން މި ހޭދަކުރަމުން ގެންދާ ރަމަޟާން މަހުގެ ދަރުމައާއި ސަވާބު ޙާޞިލު ކުރުމަށްޓަކައި ކެތްތެރިވާން އެބަ އާދަކުރާންޖެހެއެވެ. ކެތްތެރިކަމަކީ ވަރަށް ކުދިކުދިކަންތަކާ ވެސް ގުޅިފައިވާ ކަމެއްކަން ހަނދާންކުރާން އެބަޖެހެއެވެ. ޚިދުމަތެއް ލިބިގަތުމަށްޓަކައި ކިޔޫގައި އިރުކޮޅަކު މަޑުކޮށްލާންޖެހުމަކީ ވެސް ކެތްތެރިކަން އިސްކުރާންޖެހޭ ވަގުތެކެވެ. އަޅުގަނޑުމެން މަގުމަތީގައި ދުއްވައިފައިދާއިރު ކުރިމަތީގައި ޓެކްސީއެއް މަޑުކޮށްލިޔަސް ކެތްތެރިކަން އިސްކުރާން އެބަޖެހެއެވެ. މިފަދަ ދަނޑިވަޅުތަކުގައި ކެތްތެރިކަން ދޫކޮށް ތިމާގެ ސައިކަލުން ނުވަތަ ކާރުން ބަރުގޮނުއަޅައި އެހެން މީހުންގެ ކަތްފަތްތަކަށް އުނދަގޫކުރުމަކީ ކެތްތެރިކަމާ ޚިލާފު ކަމެކެވެ. އަދި އެއީ އެކަމުން ތިމާއަށާއި އަނެކުންނަށް ވެސް އެއްވެސް ފައިދާއެއް ލިބޭނެ ކަމެއް ނޫނެވެ. ތިމާގެ ސަބަބުން އަނެކާއަށް އެއްވެސް އުނދަނގުލެއް ތުރާލެއް ލިބުމަކީ ރޯދައިގެ މަޤުޞަދާ ފުށުއަރާކަމެކެވެ.

އަޅުގަނޑުމެން އީމާންވެގެން ތިބެ ހަމަ އެކަނި ހެޔޮ ޢަމަލުތައް ކޮށްލުމަކުން ނުފުދެއެވެ. އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކުރާޏްޖެހެއެވެ. އަދި ކެތްތެރިވުމާއެކު އެކަކު އަނެކަކަށް އެކަމަށް ވަޞިއްޔަތްކުރާންޖެހެއެވެ. އަޅުގަނޑޫމެންނަށް ސަލާމަތްތެރިކަން އޮތީ މި ގޮތުގައެވެ. މި ނޫން އެންމެން ވަނީ ގެއްލުމެއްގައިކަމަށް މާތް ﷲ ވަނީ ޒަމާން ގަންދެއްވައި ހުވައިވަޙީކުރައްވައިފައެވެ. سورة العصرގައި މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. وَالْعَصْرِ. إِنَّ الْإِنسَانَ لَفِي خُسْرٍ. إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ("ޒަމާން ގަންދެއްވަމެވެ. ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. އީމާންވެ ޞާލިޙު ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވާން ވަޞިއްޔަތްކޮށްއުޅުނު މީހުން މެނުވީއެވެ.")

ރަމަޟާން މަހަކީ ކެތްތެރިކަމުގެ ތަރުބިޔަތު ލިބިދެއްވުމަށް ޓަކައި މާތް ﷲ ޚާއްޞަކުރައްވައިފައިވާ ދުވަސް ވަރެކެވެ. އަޅުގަނޑުމެން މާތް ﷲ އަށް ޓަކައި ކާބޯތަކެއްޗާ ދުރުވެގެން ތިބެމުއެވެ. ހަށިގަނޑުގައި އުފެދޭ ޖިންސީ ޣަރީޒާތަކަށް އަޅުގަނޑުމެން ކެތްތެރިވަމުއެވެ. ދޫ ރައްކާތެރިވުމުގައި ކެތްތެރިވަމުއެވެ. މި ތަމްރީނު ފުރިހަމަ ގޮތުގައި ލިބިގަތުމަކީ މި ދުވަސްވަރު ޚާއްޞަ އިސްކަމެއް ދޭން ޖެހޭނެ ކަމެކެވެ. 

އާދޭހެވެ! މިއީ އަޅުކަމުގެ މޫސުމެކެވެ. ﷲއަށް ޓަކައި ހިފާ ރޯދައަށް، މިންވަރެއް، ޙައްދެއް، ޙުދޫދެއް ނެތް މިންވަރަށް މާތް ﷲ ސަވާބުދެއްވުމުގައި ޖާމިނުވެވޮޑިގެންވެއެވެ. އަދި މި މަހުގައި އަންނަ ޤަދަރު އުފުލިގެންވާ ރޭ (ލައިލަތުލްޤަދުރި)ގައި އަޅުކަމުގައި ހޭދަކޮށްފި ނަމަ، އެއް ހާސް ރޭގެ އަޅުކަމުގެ ސަވާބުދެއްވައެވެ. އެހެންކަމުން މި ބަރަކާތްތެރި މައްސަރުގެ ދަރުމައާއި ސަވާބު އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރުމަށް ޓަކައި އަޅުކަމުގައި މަޝްޣޫލުވެ، ކެތްތެރިކަން އިސްކުރަމާތޯއެވެ! ތިމާގެ ސަބަބުން އެހެން މީހަކަށް އުނދަގުލެއް ފޯރާނެ ހަމަ އެއްވެސް ކަމެއް ނުކުރަމާތޯއެވެ! އޭގެ ބަދަލުގައި ކެތްތެރިކަމާއެކު، މުސްލިމު އަނެއް އަޚާއާއި ގާތްތިމާގެ މީހުންނަށާއި އަނބިދަރީންނާއި ފިރީންނަށް އެހީތެރިވެދެމާތޯއެވެ! ނަފުރަތާއި ރުޅިވެރިކަމުން އަތްފަޔާއި ދުލާއި ހިތް ސަލާމަތްކުރަމާތޯއެވެ! ރޯދައިން ޙާޞިލުވާންޖެހޭ އެންމެ މަތިވެރި އެއް ސިފަ ކަމުގައިވާ ކެތްތެރިކަމުގެ މަތިވެރި ސިފަ ފުރިހަމަ ގޮތުގައި ލިބިގަންނަމާތޯއެވެ!

__________________________________

www.fanvai.info