އަދުގެ ޚާއްސަ

Print

"ތޯ"ގެ ދައުރަކީ ކޮބައިތޯއެވެ؟

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ މާދަރީބަސް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ދިވެހިބަހުގެ ބައިތަކުގެ ތެރޭގައި ނަން ކިއިގެންވާ ނަން، ކަން، މަސްދަރު، ނަންއިތުރު، ކަންއިތުރު، ނަންއިތުރުގެނަން،  މި ހަތްބައިގެ ތެރޭގައި ނުހިމެނޭ ކޮންމެ ލަފުޒެއް ހިމެނިފައިވަނީ "އަކުރު"ގެ ތެރޭގައެވެ. އަށްވަނަ ބައިގައެވެ. މިހެންވުމުން އަކުރުގެ ތަޢާރަފުގައި ލިޔުއްވައިފައި އޮންނަ އެއްޗަކާ ދިމާނުވާ ފަހަރު ވެސް އާދެއެވެ. ދިވެހިބަހުގެ ގަވާއިދުގެ ތެރޭގައި "އަކުރު" ކަމަށް ބަލަނީ އެ ލަފުޒެއް އެކަނި، ޖުމުލައަކާ ވަކީން އޮންނަ އިރު ފުރިހަމަ މާނައެއް ދޭހަ ނުވާ، އެހެން ނަމަވެސް ޖުމުލައިގެ ތެރޭގައި އެހެން ލަފުޒުތަކާ ގުޅުވައިގެން އައުމުން މުޅި ޖުމުލައަށް ފުރިހަމަ މާނަ ގެނެސްދޭ މަސައްކަތުގެ ލަފުޒުގެ ގޮތުގައެވެ. އިނގިރޭސި ބަހުން ކިޔާ "ފަންކްޝަނަލް" ލަފުޒަށެވެ. 

ދިވެހިބަހުގެ ބައިތަކުގެ ތެރެއިން "ތޯ" މި ލަފުޒަށް  ޖާގަލިބެނީ "އަކުރު"ގެ ގިންތީންނެވެ. އެއީ އެ ލަފުޒު ވަކީން އޮންނަ އިރު ފުރިހަމަ މާނައެއް ދޭހަނުވާތީއެވެ. އެހެންވީމާ މިއީ އެންމެ އަކުރަކާއި ފިއްޔަކުން އޮތަސް "އަކުރެއް"ކަމަށް ބަލާން ޖެހެއެވެ. މިކަމާ އަޅުގަނޑު ވެސް ޝައްކެއް ނުކުރަމެވެ. ނަމަވެސް ދިވެހިބަހުގެ ބައެއް ބަހުރުވަތަކުގައި ބަދަލުނަމެއްގެ ގޮތުގައި ވެސް "ތޯ" ބޭނުންކުރާކަމަށް އަޅުގަނޑަށް ވެސް އިވެއެވެ. ނަމަވެސް މިއަދު އަޅުގަނޑު މަސައްކަތްކޮށްލެވޭތޯ މި ބަލަނީ، އަކުރެއްގެ ގޮތުގައި "ތޯ" އަދާކުރަނީ ކޮން ދައުރެއްތޯ ބަލައިލެވޭތޯއެވެ.

1. މި އަކުރު ބޭނުންކުރެވޭ އެއް ގޮތް ކަމަށް ފާހަގަކުރެވެނީ މާތް ދަރަޖައާއި އެންމެ މާތް ދަރަޖައިން ވާހަކަ ދައްކާއިރު ސުވާލުގެ އަކުރެއްގެ ގޮތުން މި އަކުރު ބޭނުންކުރާ ކަމެވެ. އެހެންކަމުން ސުވާލުގެ އަކުރެއްގެ ގޮތުން "ތޯ" ބޭނުންކުރެއެވެ. އާދައިގެ ދަރަޖައިން ވާހަކަދައްކާއިރު ބޭނުންކުރާ "ތަ"ގެ ބަދަލުގައެވެ.

•މިސާލު: ދެން މި ގެއަށް ވަޑައިގަންނަވާނީ ކޮންއިރަކުތޯ؟

ދެން މި ގެއަށް ދުރުވާނީ ކޮން އިރަކުތޯ؟ 

2. އާންމު އިސްތިމާލަށް ބަލާއިރު، އެ އަކުރު އަދާކުރާ އެހެން ދައުރެއް ކަމަށް ފެންނަނީ ކަމަކަށް އުންމީދުކުރުމުގެ މާނައިގައި ބޭނުންކުރާ ބަޔާނުގެ ޖުމުލައިގައި އެ އުންމީދުކުރާ ކަމަކާ ވިދިގެން ފަހަތަށް ގެންނަ އަކުރެއްގެ ދައުރެވެ. އެކަމަކު ސުވާލުގެ އަކުރެއްގެ ގޮތުގައެއް ނޫނެވެ.

•މިސާލު: އަޅުގަނޑު މި ގެއަށް މިއަކީ މުހަންމަދާ ބައްދަލުވޭތޯއެވެ.

މި މިސާލަށް ބަލާއިރު، އަޅުގަނޑު (ކޮންމެވެސް މީހަކު) އެ ގެޔަށް ދިޔައީ މުހަންމަދާ ބައްދަލުވާނެ ކަމުގެ އުންމީދުގައިކަން އެނެގެއެވެ.

3. "ތޯ" އަދާކުރާ އަނެއް ދައުރެއް ކަމަށް ފެންނަނީ ކަމަކަށް އެދުމުގެ ގޮތުން ނުވަތަ ކަމެއް އޮޅުން ފިލުވުމުގެ ގޮތުން ބޭނުންކުރާ ޖުމުލައިގައި އެ އޮޅުންފިލުވާން ބޭނުންވާ ނުވަތަ އެދޭ ކަމެއްގެ ފަހަތަށް އެ އެދުން ފާޅުކުރުމުގެ ގޮތުންބޭނުންކުރުމެވެ.

•މިސާލު: މިއަދު މި މަސައްކަތް ނިންމައިލެވޭތޯ ބަލައިދެއްޗެވެ!

ގޭގައި މީހަކު އުޅޭތޯ ބަލައިދޭށެވެ!

މި ދެ މިސާލަށް ބަލާއިރު ވެސް މި ޖުމުލަތަކުގައި "ތޯ ބޭޏުންކޮށްފައި އެ ވަނީ ކަމެއް އޮޅުން ފިލުވާން ނުވަތަ ކަމަކަށް އެދުމުގެ މާނައިގައިކަން އެނެގެއެވެ. މި ޙާލަތުގައި މިއީ ވެސް ސުވާލުގެ އަކުރެއް ނޫނެވެ.

މި ނޫން ބައެއް ޙާލަތްތަކުގައި ވެސް މި އަކުރު ބޭނުން ކުރެވިފައި ހުރެދާޏެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް މިއީ "ތޯ" މި އަކުރު އާންމެ އިސްތިމާލުގައި ބޭނުންކުރާ ތަފާތު ގޮތްގޮތަށް މަތިމަތީން ބަލައިލި ބަލައިލުމުން އަޅުގަނޑަށް ފާހަގަކުރެވުނު ބައެއް ކަންކަމެވެ.

އެހެން ނަޒަރަކުން ވިސްނާއިރު، ބައެއް ހާލަތުގައި މި "ތޯ"އަކީ، ކަން އެކި ޒަމާންތަކަށް ފުރޮޅިގެންދާ ދިޔުމުގައި ކަމަށް ގެނެވޭ ބަދަލެއްގެ ގޮތުން އަންނަ ބަދަލެއްކަމަށް ވެސް ވިސްނެއެވެ. އެ ފަދަ ހާލަތުގައި ހިތަށް އަރަނީ އެއީ ވަކި އަކުރެއް ނޫން ކަމަށެވެ. ނަމަވެސް ފުންކޮށް ވިސްނައިލުމުން އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ އެ ފަދަ ހާލަތުގައި ނަމަވެސް ކަމުގެ ފަހަތަށް އެ ގެނެވެނީ "ތޯ" މި އަކުރެވެ. އެއީ އަކުރެކެވެ. ކޮންމެ ސަބަބަކަށް ޓަކއި ނަމަވެހެވެ.

އަކުރުތައް އަދާ ކުރާ ދައުރު ކަމަށް އަޅުގަނޑު ބަޔާންކޮށްފައިވާ ގޮތުގެ ފުރަތަމަ މިސާލުގައި އެވަނީ ސުވާލުގެ އަކުރެއްގެ ގޮތުގައި މާތް ދަރަޖައާއި އެންމެ މާތް ދަރަޖައިން ވާހަކަ ދައްކާއިރުގައިކަމާ މެދަކު އެކަކުވެސް ސުވާލެއް ނުފައްދާނެއެވެ. 

ދެވަނަ ނަންބަރުގައި ބޭނުންކޮށްފައިވާ މިސާލުން ދޭހަވަނީ އޭނާ އެ ގެއަށް ދިޔައީ މުހަންމަދާ ބައްދަލުވާނެ ކަމުގެ އުންމީދުގައިކަމެވެ. 

ތިންވަނަ ނަންބަރުގައި އަޅުގަނޑު ގެނެސްފައިވާ ފުރަތަމަ މިސާލުގައި އެ ވަނީ ވަކި މުއްދަތަކަށް މަސައްކަތް ނިންމައިލާން އެދިފައެވެ. އެ ނަންބަރުގެ އަނެއް މިސާލުގައި އެ ވަނީ ގޭގައި މީހަކު އުޅޭތޯ އޮޅުންފިލުވުމުގެ ގޮތުން ބުނެފައިވާ ބުނުމެކެވެ. 

މި މިސާލުތަކަށް ބަލާއިރު، އަކުރެއްގެ ގޮތުން "ތޯ" ބޭނުންކުރެވެނީ ސުވާލުކުރުމުގެ ގޮތުން ޖުމުލައިގެ ފަހަތުގައްޔާއި، ކަމަކަށް އުންމީދުކުރުމުގެ މާނައިގައި ބޭނުންކުރާ ބަޔާނުގެ ޖުމުލައިގައި އެ އުންމީދުކުރާ ކަމަކާ ވިދިގެން ފަހަތަށް ގެންނަ އަކުރެއްގެ ގޮތުގައެވެ. "ތޯ" މި އަކުރު ބޭނުންކުރާ އަނެއް ގޮތެއް ކަމަށް ފެންނަނީ، ކަމަކަށް އެދުމުގެ ގޮތުން ނުވަތަ ކަމެއް އޮޅުން ފިލުވުމުގެ ގޮތުން ބޭނުންކުރާ ޖުމުލައިގައި އެ އޮޅުންފިލުވާން ބޭނުންވާ ނުވަތަ އެދޭ ކަމެއްގެ ފަހަތަށް އެ އެދުން ފާޅުކުރުމުގެ ގޮތުން ކަމަށެވެ. މިއީ ހަމައެކަނި ޚިޔާލެކެވެ. މިއަކުރު ބޭނުންކޮށްފައި ހުންނަ ގޮތްތައް އިތުރަށް ދިރާސާކޮށްފި ނަމަ، އެ އަކުރު ބޭޏުންކޮށްފައި ހުންނަ ތަފާތު އިތުރު ގޮތްގޮތް ފެނުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

________________________________________

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ