އަދުގެ ޚާއްސަ

Print

ރޯދަމަސް ނިމުން

ޝާޢިއުކުރީ އިދާރާ . ހިމެނޭބަޔަކީ ސައިންސް

 

ޢަބްދުﷲ ރަޝީދު މ.ލިނެޓް

11 މޭ 2021 ވަނަ އަންގާރަ ދުވަހަކީ މި ހިނގާ ރަމަޟާން މަހުގެ 29 ވަނަ ދުވަހެވެ. އިސްލާމީ އާދަކާދައިގައި މައްސަރުތައް ގުނައި ކަނޑައެޅުމުގައި އޮންނަ ހަމަޔަކީ، ހަނދު ބެލުމެވެ. 

ކަން އެހެން ހުރިނަމަވެސް، ޢިލްމީ ގޮތުން ފަލަކީ ޙިބާސުން އެކަންކަން ކަށަވަރަށް ބަލާން އެނގޭން ފެށިފަހުން، ހަނދުބެލުމުގެ އާދަ ދިރުވަމުން އައި ނަމަވެސް، ޢަމަލީ ގޮތުން ބުރަވަނީ ފަލަކީ، ޙިސާބަށެވެ. ސަބަބަކީ، އިރާއި ހަނދު، ޙިސާބެއްގެ މަތީގައި ލެއްވެވިކަން ޤުރުއާނުން އެނގޭން އޮތް އޮތުން، ޙިސާބު ޢިލްމުން ދެނެގަންނަން އިންސާނުންނަށް އެނގި، އޭގެ ކަށަވަރުކަން ތަޖްރިބާ ކުރެވިފައި ވާތީއެވެ. 

ފަލަކުގައި ކަން ހިނގާ އަޞްލަށް ބަލާއިރު ކޮންމެ އާ މަހެއްގައި އިރުގެ މެދުން ދުނިޔޭގެ މެދަށް ދަމާލެވޭ ޚިޔާލީ ރޮނގަކާއި ހަނދުގެ މެދު އަރާ ހަމަވުމަކީ، ނުވަތަ އެއްއުއިވުމަކީ، ހަނދު މަހެއްގެ ނިމުމާއި ހަނދުގެ އާ މައްސަރެއްގެ ފެށުން ކަމުގައި ވެއެވެ. 

އެއްއުއިވުމަކީ، ވަންހަނާ ވަޤުތެއް ނޫނެވެ. ނޭނގޭ ވަޤުތެއް ވެސް ނޫނެވެ. ސުން ސިކުންތަށް ކަށަވަރުކޮށް ދެނެގަނެވޭ އިތުބާރު ހުރި ވަޤުތެކެވެ. ޔޫނުސު ސޫތަރުގެ 5 ވަނަ އާޔަތުން އެނގޭ ގޮތުން އަހަރުތަކުގެ ޢަދަދު ދެނެގަތުމަށްޓަކައި ހަނދަށް މަންޒިލް (ނަކަތް) ތައް މިންވަރު ކުރެއްވިކަމާއި ދަންނަ ބަޔަކަށް އެކަލާނގެ އާޔަތްތައް (ބޮޑަތި ޢިލްމީ ހެކިތައް) ތަފްޞީލްކޮށް ދެއްވާކަން އަންގަވާފައި އޮންނަ އޮތުމުގެ ތެދުކަން މި ކަންކަމުން އެއްވެސް ޝައްކެއް ނެތި އެނގި ކަށަވަރުވެއެވެ.

އެ  ނަޒަރުން ބަލާއިރު މިހާރު މި ހިނގަމުންދާ ރަމަޟާމް މަހުގެ 30 ވިލޭރޭ (11 މޭ 2021 ވަނަ ދުވަހުގެރޭ) ޖީއެމްޓީން 18:58 ގައި ނުވަތަ މާލޭ ގަޑިން 23:58 ގައި އިރު ހުންނަނީ އިސަބަ ރާހީގެ 21 ދަރަޖަ 17 ދަޤީޤުގައެވެ.  އެއީ، ކެތީގެ 8 ދަރަޖަ 15 ދަޤީޤެވެ. އެހެންކަމުން ހަނދުގެ މެދު، އިރުގެ މެދުން ދުނިޔޭގެ މެދަށް ދެމޭ ޚިޔާލީ ރޮނގާއި ހަނދު އަރައި ހަމަވަނީ އެރޭ މާލޭ ގަޑިން 23:58 ގައިކަން އެނގޭން އޮތުމުން އެއީ އިރު އޮއްސުމުގެ މާ ފަހުގެ ވަޤުތެއްކަން އެނގޭން އޮތަތީ، އެ ދުވަހުގެ އިރަށްވުރެ ހަނދު އޮއްސުން ފަސްވާނެ އެއްވެސް ޢިލްމީ ހަމައެއް ނެތްކަން ކަށަވަރުވެ އެނގެއެވެ. 

އެފަދައިން، ފަލަކީ ޙިސާބުން ބަލާއިރު މާލެއަށް އެ ދުވަހުގެ 17:59 ގައި ހަނދު އޮއްސެއެވެ. އަދި ހަނދު ލެއްވުމުގައި ބަަލައި އުޅޭ ހަމަތަކުން އިސްލާމީ ބައްރުގެ އެންމެ ހުޅަނގުން މޮރޮކޯގެ ހުޅަނގު އައްސޭރި އަށާއި ސެނެގޯލްގެ ހުޅަނގު އައްސޭރި އަށްވެސް އިރަށް ވުރެން 7 މިނެޓާއި 6 މިނެޓު ކުރިން ހަނދު އޮއްސޭކަން ފަލަކީ ޙިސާބަށް އެއްވެސް ޝައްކެއް ނެތި ކަށަވަރުވެއެވެ.

އެހެންކަމުން، 12 މޭ 2021 ވަނަ ބުދަ ދުވަހަކީ މި ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށް އިސްލާމީ ދައުލަތްތަކުން މި އަހަރު ކަނޑައެޅުމަކީ، އެންމެ އެކަށީގެންވާ ގޮތެވެ. އިސްލާމީ ދައުލަތްތަކުގެ ރައްޔިތުން ޢަމަލުކުރާން ޝަރުޢީ ގޮތުން ލާޒިމުވަނީ ދައުލަތުން ކަނޑައަޅުއްވާ ގޮތަށެވެ. 

___________________________________

ހަމަމިގަލަމުން

އިދާރާ

ވާހަކަ