އަދުގެ ޚާއްސަ

Print

ދުނިޔޭގެ ބިތްދޮށް ފަރާތް

ޝާޢިއުކުރީ ޝިފްޒާން އަހުމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޝިފްޒާން އަޙްމަދު (ޒާން)


''އަހަރެންގެ ގޭގައި އެއަރ ކޯނެއް ނެތެވެ. ރަނގަޅު ފެންްވަރުގެ ކާރުގަނޑެއްހައި ހިސާބުވެސް އަތަކު ނެތެވެ. އަބަދު އުޅެން މިޖެހެނީ ވޭވް ސައިކަލެއްގަ އެވެ. ލެޕްޓޮޕު ގަތްފަހުން މި ވީ ތިން އަހަރެވެ. އައި ފޯނެއްގެ ފެންނަނީ ހުވަފެނެވެ. 2009އަކަށް އަވިއައިނާއި، ހެޔަރ ސްޓަައިލާއި ފެޝަން ބަދަލު ކޮށްލެވުނީ ވެސް އަވަށްޓެރި ވަރަށް ގިނަ ރައްޓެހީންނަށްވުރެ ފަހުންނެވެ. މި ބަދުނަސީބުކަމުގެ ޝަކުވާ އިން ސަލާމަތްވެވޭނީ ކޮން އިރަކުންބާވައެވެ؟''


ޝުކުރު ކުރުމާއި ދުރުގައިވާ އަޅުގަނޑުމެންގެ ލޯތަކުން  ދުނިޔޭގެ އެހެނިހެން ބައެއް އިންސާނުންގެ ޙާލު ބަލައިލަމާތޯއެވެ؟  ތަފާސް ހިސާބުތަކުގެ އެހީގައި އިންސާނީ މުޖުތަމަޢުގެ ޙަޤީޤީ ޞޫރަ  ވަޒަންކޮށްލަމާތޯއެވެ؟ އަނދިކަމުގެ ތެރޭގައިވާ އަމިއްލަ ނަފުސާއި ޟަމީރަށް ހެޔޮމަގުގެ އުއްބައްތިން ކަނިފަށެއްގެ އަލިކަން ނަމަވެސް ފޯރާތޯއެވެ!

ދުނިޔޭގައި ފަގީރުން ގިނައީ ކީއްވެ؟

ބައިނަލްއަޤުވާމީ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އިންސާނީ އާބާދީގެ 80% މީހުންނަކީ ދުވާލަކު އެންމެ 10 ޑޮލަރުވެސް ނުލިބޭ މީހުންނެވެ. އަދި ދުނިޔޭގެ ކޮންމެ ހަތަރު މީހުން ކުރެ އެކަކީ ދުވާލަކަށް ޑޮލަރެއްގެ މިންވަރު އާމްދަނީގެ ގޮތުގައި ނުލިބޭ މީހެކެވެ. ދެކުނު އޭޝިޔާ ސަރަޙައްދުގައި އެކަނި 706 މިލިޔަން މީހުން ކަރަންޓު ލިބޭނެ ގޮތެއް ނެތިފައި ދަތި ޙާލުގައި ދިރިއުޅެމުން އެބަދެއެވެ. އެކާވީސްވަނަ ސައްތައިގެ އިރު ފެނުން ތޮޅިލީ އިރު ދުނިޔާގައި ލިޔަންކިޔަން ނުދަންނަ މީހުންގެ ގޮތުގައި ބިލިޔަނެއްހާ މީހުން ތިބިކަމަށް ލަފާކުރެވެއެވެ.

ދުނިޔޭގެ މުސްތަޤުބަލު ކަމުގައިވާ ކުޑަކުދިންގެ ޙާލަތު އަދި މާގޯހެވެ. ޔުނިސެފު ބުނާ ގޮތުގައި 26500އާއި 30000އި ދެމެދުގެ ޢަދަދަކަށް ބަނޑުހައި ހޫނުކަމުގެ ސަބަބުން ކޮންމެ އަހަރަކު ކުޑަކުދިން މަރުވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަޢުލީމު ލިބުމުގެ ނަސީބު ލިބިފައިނުވާ 121މިލިއަން ކުދިން ދިރިއުޅެމުންދެއެވެ. ދުނިޔޭގެ ކުޑަކުދިންގެ އާބާދީކަމުގައިވާ 2.2ބިލިޔަން ކުދިންގެ ތެރެއިން 1ބިލިޔަން ކުދިން ދިރިއުޅެނީ ފަޤީރު ޙާލުގައެވެ. ނުތަނަވަސްކަމާއި ކެކުޅުމުގެ ތެރޭގައެވެ. އަދި މިކުދިންގެ ތެރެއިން 640 މިލިޔަން ކުދިންނަށް ބޯހިޔާވަހިކަން ލިބިފައެއް ނުވެއެވެ. މާނައަކީ ދުނިޔޭގެ ކުޑަކުދިންގެ އާބާދީގެ ކޮންމެ 3ކުދިންކުރެ 1ކުއްޖަކީ ބޯހިޔާކޮށްލާނެ ފަދައެއްނެތް ނިކަމެތި ކުއްޖެކެވެ.  އަދި ކޮންމެ 5 ކުދިންކުރެ 1ކުއްޖަކީ ސާފު ބޯފެން ފޮދެއް ލިބޭނެ ގޮތެއް ނެތިވެފައިވާ ކުއްޖެކެވެ. 270 މިލިޔަން ކުދިންވަނީ ޞިއްޙީ ފަރުވާ ލިބޭނެ މަގެއް ނެތިވެފައެވެ.
ފެނަކީ އިންސާނާގެ ދިރިހުރުމަށް އެންމެ ބޭނުން ވަސީލަތްކަމުގައި ވާއިރު، އެވަސީލަތް ދުނިޔޭގެ އެންމެނަށް ލިބޭތޯއެވެ؟ ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި 1.1 ބިލިޔަން މީހުން ސާފު ބޯފެން ފޮދެއް ލިބޭނެ މަގެއް ތަނަވެސް ނުވެފައި އެބަތިއްބެއެވެ. ނަރުދަމާގެ ނިޒާމް ލިބުމުން މަޙުރޫމުވެފައިވާ 660މިލިޔަން މީހުން އެބަތިއްބެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ސާފު ބޯފެން ނުލިބުމުން، ނުވަތަ ކިލަނބުވެފައިވާ ފެން ބޭނުންކުރުމުގެ ސަބަބުން ފެތުރޭ ބަލިމަޑުކަމުގެ ޝިކާރަ އެއް ކަމުގައި ވެފައިވާ ކުޑަ ކުދީންނެވެ.

ފައިސާއާއި މުދާވެރިކަން ނެތީހެއްޔެވެ؟

މިހިސާބަށް އިންސާނީ މުޖުތަމަޢުގެ ޙާލުދިޔައީ ފައިސާ ނެތިގެންހެއްޔެވެ؟ ނުވަތަ ފަޤީރުންނަށް އެހީވެވޭނެ ފަދައެއް މުއްސަނދިންކިބައިގައި ނެތިގެންތޯއެވެ؟ މިސުވާލުތަކުގެ ޖަވާބުވެސް ތަފާސް ހިސާބުތަކުން ދެނެގަންނަމާތޯއެވެ؟ 2006ވަނަ އަހަރު މުޅި ދުނިޔޭގެ ޖުމްލަ ޖީޑީޕީއަކީ 48.2ޓްރިލިއަން ޑޮލަރެވެ. އެއިގެ ތެރެއިން 76 އިންސައްތަ ކަމުގައިވާ 36.6 ޓްރިލިއަން ޑޮލަރުގެ މައްޗަށް ބާރު ފޯރުވަނީ ދުނިޔޭގެ އެންމެ މުއްސަނދި ޤައުމުތަކުންނެވެ. އެއީ ދުނިޔޭގެ އެންމެންގެ އާބާދީން އެންމެ ބިލިޔަނެކެވެ. ހަބައިކުޅަ އެއްބައި މީހުންނެވެ. އަދި ދުނިޔޭގެ ބިލިޔަނަރުން ކަމުގައިވާ 497 މީހުންގެ ބާރު ދަށުގައި 3.5ބިލިޔަން ޑޮލަރު އެބަހުއްޓެވެ. އެބައިމީހުންނަކީ ދުނިޔޭގެ އާބާދީން އެންމެ 0.000008%އެވެ. އެހެންނަމަވެސް އެބައިމީހުންގެ ބާރުގެ ދަށުގައި ދުނިޔޭގެ ޖީޑީޕީގެ 7% އެބަވެއެވެ. ދުނިޔޭގެ އެންމެ މުއްސަނދި 8.3މިލިޔަން މުޅި ދުނިޔޭގެ ޖުމްލަ އާމްދަނީގެ ހަތަރުބައި ކުޅަ އެއްބައިގެ މައްޗަށް ބާރު ފޯރުވައެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ދުނިޔޭގެ އާބާދީގެ 0.13%މީހުން ދުނިޔޭގެ ފައިސާގެ 25%ގެ މައަޗަށް 2004ވަނަ އަހަރު ބާރު ފޯރުވިއެވެ. އެހެންކަމުން ފައިސާ ދުނިޔޭގައި އެބަ ދައުރުކުރެއެވެ. އެހެންނަމަވެސް އެންމެނަށް ބެހިގެންނުދަނީއެވެ. އަދި ފައިސާވެރިން ނިކަމެތި ފަޤީރުންނަށް އެހީނުވަނީއެވެ. އެބައިމީހުންގެ މުދަލުގައި ފަޤީރުންގެ ޙިއްސާއެއްވާކަމަށް ޤަބޫލު ނުކުރަނީއެވެ.

ޚަރަދު ކުރެވެނީ ކިހިނެއް؟

މިދެންނެވުނު ފައިސާ ޚަރަދު ކުރެވެނީ ކޮން ގޮތަކަށްތޯއެވެ؟ އިންސާނީ މުޖުތަމަޢަށް ފައިދާ ހުރި ގޮތެއްގައިތޯއެވެ؟ ނުވަތަ ބޭކާރު ތާކުން ތާކުނުޖެހޭ ފަދައަކުންތޯއެވެ؟ ތަފާސް ހިސާބުތަކުން ސާބިތުވާ ގޮތުގައި ދުނިޔޭގައި ދައުރުކުރާ ފައިސާ އެންމެ ގިނައިން ހޭދަކުރެވެނީ ހަތިޔާރުގެ ވިޔަފާރިއަށެވެ. ފަޤީރުކަމާއި ބަނޑުހައިހޫނުކަން ގެނެސްދޭ ހަނގުރާމަތައް ކުރުމަށް ބޭނުންވާ ހަތިޔާރު ހޯދައި ރައްކާކުރުމަށެވެ. އެގޮތުން ހަމައެކަނި 1998ވަނަ އަހަރު ހަތިޔާރުގެ ވިޔަފާރިއަށް މުޅި ދުނިޔެއިން 180 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދުކޮށްފައިވެއެވެ. ހަމަ އެއަހަރު މުއްސަނދި ޤައުމުތަކުން ޚަރަދު ކޮށްފައިވަނީ ކޮންކަންތައްތަކަކަށްތޯ ބަލާލަމާ ހިންގަވާށެވެ. 400މިލިޔަން ކުދިން ސާފު ބޯފެން ފޮދެއް ނުލިބި ކަރުހިއްކައިގެންފައިތިއްބާ ޔޫރަޕުން އައިސްކްރީމަށް 11ބިލިޔަން ޑޮލަރު ޚަރަދުކޮށްފައިވެއެވެ.1ބިލިޔަނަށްވުރެ ގިނަމީހުން އޮރިޔާންހާލު ނިވާކުރެވޭނެ ގޮތެއް ނެތިފައި ތިބިއިރު އެމެރިކާގައި އެކަނި އަންނައުނުގެ ވިޔަފާރިއަށް 8ބިލިޔަން ޑޮލަރު ޚަރަދުކުރިއެވެ. 1.8 ބިލިޔަން މީހުން ފެނަށް ބޭނުންވެފައިވާއިރު އެމެރިކާގައި ދުވާލަކު ބޭނުން ކުރެވުނު ފެނުގެ ނިސްބަތް ބޮލަކަށް 600ލީޓަރު ޖެހިފައިވެ އެވެ.

ކިހިނެއް؟

އިސްރާފުކުރުން މިހާވަރަށް މައްޗަށް ގޮސްފައިވާތީ އުފެދޭ ސުވާލަކީ ފަޤީރުކަމާއި ކުރާ ހަނގުރާމަ ކާމިޔާބު ކުރުމަށް މާބޮޑު ޚަރަދުތަކެއް ކުރަންޖެހޭތޯއެވެ؟ ދުނިޔޭގެ އާމްދަނީ އެކީ އެކަމަށް ބޭނުންވާނެތޯއެވެ؟ ސުވާލުގެ ޖަވާބުގައި ދަންނަވަމެވެ. މުޅި ދުނިޔޭގެ އެންމެނަށް އަސާސީ ތަޢުލީމު ހޯދައިދިނުމަށް ޚަރަދުވާނެކަމަށް އަންދާޒާކުރެވިފައިވަނީ 6ބިލިޔަން ޑޮލަރެވެ. އެމެރިކާ މީހުން އަންނައުނަށް ކުރާ ޚަރަދަށްވުރެވެސް ކުޑަ ޚަރަދެކެވެ. މިޚަރަދު އެންމެ ބިލިޔަނަރަކަށްވެސް ދެވިދާނެކަމަށް ޤަބޫލުކުރެވެއެވެ. ދުނިޔޭގެ މުޅި އާބާދީއަށް ސާފު ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރު ކޮށްދިނުމަށް ޚަރަދުވާނެކަމަށް ލަފާކުރެވެނީ 9ބިލިޔަން ޑޮލަރެވެ. ދުނިޔޭގެ ހުރިހައި މާބަނޑު އަންހެނުންނަށް ދަރިމައިވުމުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޚަރަދުކުރަން ޖެހޭނީ 12 ބިލިޔަން ޑޮލަރުކަމަށް ބެލެއެވެ. އަދި ދުނިޔޭގެ އެންމެނަށް އަސާސީ ފެންވަރަށް ޞިއްޙީ ފަރުވާއާއި ރަނގަޅު ކާނާ ފޯރުކޮށްދިނުމަށް ޚަރަދުވާނީ 13 ބިލިޔަން ޑޮލަރެވެ.

ނިންމުން:

މިދެންނެވުނު ޢަޖައިބުކުރުވަނިވި ތަފާސް ހިސާބުތަކުން ދޭހަވަނީ ކޮންކަމެއްތޯއެވެ؟ ފުރަތަމަ ކަމަށް އަޅުގަނޑަށް ވިސްނެނީ އަޅުގަނޑުމެންނަށް ލިބިހުރި ނިޢުމަތްތަކުގެ މައްޗަށް ދީލަތިވަންތަ ﷲގެ ޙަޟުރަތަށް ޝުކުރުވެރިވުމުގެ ހިތެއް ބާއްވަން ދަސްކުރަންޖެހޭކަމެވެ. ޝަކުވާއާއި ނާއުންމިދުގެ ދުނިޔޭން ނިކުންނަންޖެހޭކަމެވެ. އުރެދުންތެރިކަމުން ބަރީއަވެ އެކަލާނގެ އަށް ލޮބުވެތުމުގެ ޝުޢޫތައް އާލާކުރަންޖެހޭކަމެވެ.

ދެވަނަ ކަމަކަށް ހިތަށް އަންނަނީ މުޅިން ތަފާތު ޝުޢޫރެކެވެ.  މި ދިރާސާއިން އެނގުނީ މުޅިންތަފާތު އެނގުމެކެވެ. ދުނިޔޭގެ ބިތްދޮށްފަރާތުގައި އޮތް ގިލަންވެރިކަމެވެ. ބޭއިންސާފާއި އަނިޔާވެރިކަމެވެ. ބޯފެނާއި ނަރުދަމާއާއި ޞިއްޙީ ޚިދުމަތްތަކާއި ތަޢުލީމު ދުނިޔޭގެ އެންމެނަށް ފޯރުކޮށްދިނުމަށް ޚަރަދުވާނެކަމަށް ބެލެވޭ ޢަދަދުގެ އެތައްގުނައެއް ހަމައެކަނި ޢަސްކަރީ ބޭނުންތަކަށް ދުނިޔޭގެ ބޮޑެތި ބާރުތަކުން ޚަރަދުކުރާކަމެވެ. އިންސާނީ ޙައްޤުތައް ހޯދައިދޭން ބުނަނީ ދުލުކޮޅުންނެވެ. ޢަމަލުގައި އޮތީ ރަޙުމެއްނެތި ޤަތުލުކުރުމެވެ. އެހެންނޫންނަމަ 40ބިލިޔަން ޑޮލަރު ޚަރަދުކޮށް ދުނިޔޭގެ އެންމެނަށް ނަންގަނެވުނު އަސާސީ ޙައްޤުތައް ހޯދައިދިނީސް ނޫންތޯއެވެ؟

ް ތަފާސްހިސާބުތައް:  /WWW.GLOBALISSUES.ORG

އިދާރާ

އެނގޭތަ؟

ވާހަކަ