އަދުގެ ޚާއްސަ

Print

ޤުރުބާނީއަކާނުލައި ކާމިޔާބެއްނުވާނެއެވެ.

ޝާޢިއުކުރީ ޝަމްސުލްފަލާޙު . ހިމެނޭބަޔަކީ އިޖުތިމާޢީ


ޝަމްސުލް ފަލާޙް

މިދުނިޔޭގައި ކޮންމެ ކަމެއްވެސް ޙާޞިލްކުރެވޭނީ އެކަމަކަށް ގިނަ ވަގުތުތަކެއް ހޭދަކޮށްގެންނެވެ. އެތައް ޤުރުބާނީތަކެއް ވެގެންނެވެ. މި ޙަޤީޤަތް އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ފެންނަމުންދެއެވެ.

އަޅުގަނޑުމެން މޭވާ ކެއުމަށް ބޭނުންނަމަ، އެންމެ ފުރަތަމަވެސް ޖެހެނީ އޮށެއް ވަޅުލާށެވެ. އަދި އެއޮށުން ގަސްފަޅައި މޭވާ އައުމަށް ގިނަ ދުވަސްތަކެއް ނަގައެވެ. މި މިސާލަށް ތިބާ ފުންކޮށް ނަޡަރުހިންގަވާށެވެ. ބިމުގައި ވަޅުލެވޭ އޮށް، އެއިން އުފެދޭ ގަހަށްޓަކައި ފަނާވެ ޤުރުބާންވުމަށް އެއްބަސްވެއެވެ. ގަސް ފޯދި މޭވާ އަޅަންދެން، އަޅުގަނޑުމެން އެތައް ވަގުތެއް މޭވާއަށް އިންތިޒާރުކުރުމުގައި ވޭތުކުރަމުއެވެ. އާދެ، މޭވާއަށްޓަކައި އެތައް ވަގުތެއް ޤުރުބާންކުރަމުއެވެ.
ދެން ރުކެއްގެ މިސާލަށް ތިބާ ބައްލަވައިލައްވާށެވެ. ބިމުގައި ވަޅުލެވޭ ކާށި، ރުކަށްޓަކައި ޤުރުބާންވެއެވެ. ރުށް ހެދި ފޯދޭން އެތައް ދުވަހެއް ނަގައެވެ. ރުކުން އަންނަ އެތް، އޭގެ ރީތި ބައްޓަން ޤުރުބާންކުރަނީ އެތްފޮޅި އެތުމާގަނޑު އައުމަށް އެއްބަސްވަމުންނެވެ. އެތުމާގަނޑު، އޭގެ ރީތި ކުލަ މިލައިގެން ދިޔައަސް ހެޔޮކަމަށް އެއްބަސްވަނީ ގޮބޮޅިއަށްޓަކައެވެ. ދެން އޭގެ ފަހުން ގޮބޮޅި މިރިއަށްވުމަށް އޭގެ ސިފަ ބަދަލުވިއަސް ވަރިހަމަކަމަށް އެއްބަސްވެއެވެ. މިރި ކުރުނބަޔަށް އަދި ކުރުނބާ ގަބުޅިއަށް ބަދަލުވެ ކާށްޓަށް ބަދަލުވާފަހުން ކާށި ކުރޮޅިއަށްވެސް ބަދަލުވެގެންދަނީ މިދެންނެވިފަދަ ޤުރުބާނީތަކެއް ކޮންމެ މަރުޙަލާއެއްގައިވެސް ވުމަށް އެއްބަސްވަމުންނެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ކަންތައްތައްވެސް ކުރެވޭނީ މިދެންނެވިފަދަ ޤުރުބާންތަކެއް ވެގެންނެވެ. އެއްޗެއް ލިބުމަށްޓަކައި އެއްޗެއް ދޫކުރަންޖެހެއެވެ. މިއީ މިދުނިޔޭގެ ޤާނޫނެވެ.

އެންޑްރޫ ކާރނެގީއަކީ ސްކޮޓްލެންޑަށް އުފަން ބޭފުޅެކެވެ. އޭނާގެ އުމުރުފުޅުން 13 އަހަރުފުޅުގައި އެމެރިކާއަށް ހިޖުރަކުރެއްވިއެވެ. ފުރަތަމަ އަދާކުރެއްވި ވަޒީފާއަކީ ޕިޓްސްބާރގުގެ ޕިޔޯނެއްގެ ވަޒީފާއެވެ. ނަމަވެސް، އޭނާގެ ޙަޔާތްޕުޅު ބާއްޖަވެރިކުރެއްވުމަށްޓަކައި އިޚްލާޞްތެރިކަމާއެކު އެތައް ޤުރުބާނީތަކެއް އޭނާ ވެވަޑައިގަތެވެ. ޕިޔޯނެއްގެ ވަޒީފާ އަދާކުރެއްވި ކާރނެގީގެ މިދެންނެވުނު ޤުރުބާނީތަކުގެ ސަބަބުން، ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި އޭނާ ހިމެނިވަޑައިގެންނެވިއެވެ. ޙަޔާތްޕުޅުގައި ހިތްދަތި އެތައް ކަންތައްތަކެއް ކުރިމަތިވެވަޑައިގަތެވެ. ނަމަވެސް، ކޮންމެ ކަމަކާވެސް ކުރިމަތިލެއްވެވީ ކެރިވަޑައިގެން ކޮންމެ ފަދަ ޤުރުބާނީއެއް ވެވަޑައިގަތުމަށްވެސް ތައްޔާރަށް ހުންނަވައިގެންނެވެ.

ދުނިޔެ ދުށް ކާމިޔާބު ބަޠަލުން އެހެން މީހުންނާ ތަފާތުވީ ކީއްވެގެންތޯއެވެ. އާދެ، އެއީ އެބަޠަލުންގެ މިޒާޖުގައި މިދެންނެވުނު ޤުރުބާނީވުމުގެ ސިފަ އަށަގެންފައިވާތީއެވެ. ސިޔާސީ މައިދާނަށް ބަލާލާއިރު، މުޙަންމަދު ޢަލީ ޖިނާޙް، ޕާކިސްތާނަށްޓަކައި އެތައް ޤުރުބާނީއެއް ވެވަޑައިގަތެވެ. މަހަތުމާ ގާންދީ، އިންޑިޔާއަށްޓަކައި އެތައް ޤުރުބާނީއެއް ވެވަޑައިގަތެވެ. ޢިލްމާއި ފަންނަށް ބަލާލާއިރު، އަލްބަރޓް އެއިންސްޓެއިން، ނިއުޓަން ފަދަ ބޭބޭފުޅުން، އެބޭބޭފުޅުންގެ ތަޙްލީލްތައް ކުރެއްވުމާއި އީޖާދުތައް ކުރެއްވުމުގައި އެތައް ޤުރުބާނީތަކެއް ވެވަޑައިގަތެވެ. ހަމައެކަނި ހޮނު ދަގަނޑު (ލައިޓްނިންގ ކޮންޑަކްޓަރ) އީޖާދުކުރެއްވުމުގެ މަސައްކަތުގައިވެސް އެތައް ސައިންސްވެރިންނެއް މިދުނިޔެ ދޫކުރެއްވިއެވެ. ތިބާއަށް ތާރީޚުން މިފަދަ އެތައް ކަމެއް ފެނިވަޑައިގަންނަވާނެއެވެ. މިދުނިޔޭގައި ކޮންމެ ކަމެއް ޙާޞިލްކުރުމުގައިވެސް، އެކަމަކަށް ވެވޭ ޤުރުބާނީއަކީ އެއާނުލައި އެކަމެއް ޙާޞިލްނުކުރެވޭނޭ ކަމެކެވެ.

ހަމަމިގަލަމުން

އިދާރާ

ވާހަކަ