އަދުގެ ޚާއްސަ

Print

މިއީ ފަޅުރަށެކެވެ. ގޮތް ނޭގޭރަށެކެވެ.

ޝާޢިއުކުރީ އަޙްމަދު ނާފިޢު . ހިމެނޭބަޔަކީ އާދަކާދަ


ލިޔުނީ: އަޙްމަދު ނާފިޢު ބ.ދަރަވަންދޫ
 
ބ.އަތޮޅު ދަރަވަންދުއާ ދިމާ އިރުން އޮންނަ ފަޅުރަށެކެވެ.  ކުޑަކުޑަ ރަށެކެވެ. އައިދުއޭ  ބުނުމުން މިރަށް ދަންނަ މީހަކު ނަމަ ބިރުގަނެއެވެ. އަޅުގަނޑަށް އެނގިފައިވާގޮތުގައި ވަރަށް ކުރީ ޒަމާނުއް ސުރެންފެށިގެން ވެސް މިރަށަކީ ބަރަކާތްތެރި ރަށެއްގެ ގޮތުގައި ބ.އަތޮޅު މީހުން ދަނީ ފާހަގަކުރަމުންނެވެ.  ނަމަވެސް މިހާރުގެ ކުދިންނަށް މިކަން ނޭގި ހިނގައިދާނެއެވެ.
ބުނެވޭގޮތުގައި މިރަށުގައި ހަފްސީގެ ފާނުގެ ޒިޔާރަތެއް ހުރެ އެވެ.  ނަމަވެސް މިޒިޔާރަތް މިރަށުން މަޑުމަޑުން ނެތިގެން ދާކަން ފާހަގަކުރެއެވެ. އަދި މިޒިޔާރަތުގައި ކުރިން ވަރަށް ދިގު ދިދަ ދަޑިއެއް ހުންނަކަމަށްވެއެވެ. މިހާރު އެދަޑި ފެންނަން ނެތަސް ވަރަށް ފަހަކާ ޖެހެންދެންވެސް އެދަނޑި އެރަށުގައި ހުރިކަމަށް ބުނާ މީހުން މިއަދު ބ.އަތޮޅުގައި އެބައުޅެއެވެ.

ބ.އައިދުއަކީ ގާމަތީ ރަށެއްކަމުން އެރަށަށް އަރާ ފައިބަން ވަރަށް އުނދަގުލެވެ. މިކަން އަޅުގަނޑަށްވެސް ވަނީ ތަޙައްމަލް ކުރެވިފައެވެ. އަޅުގަނޑުވެސް މިރަށަށް އެތައް ފަހަރެއްގެ މަތިން ވާނީ ޒިޔާރަތްކޮށްފައެވެ. ނަމަވެސް މިރަށަށްގޮސް ރަށަށް ފޭބުމަށްފަހު އެންމެ ފުރަތަމަވެސް ކުރަންޖެހޭކަމަކީ އެޒިޔާރަތް ދޮށަށް ގޮސް ޞަލަވާތް ފާތިޙާ ކިޔެވުމެވެ. މިއީ ޒަމާނުއްސުރެން ފެށިގެން އެރަށަށް ޒިޔާރަތްކުރާ މީހުން ކުރަމުން ގެންދާ ކަމެކެވެ. އަދި މިހާރުވެސް ކަން އޮތީހަމަ މިގޮތަށެވެ. އަޅުގަނޑަށް މިރަށާ ބެހޭގޮތުން މާގިނަ ކަންތައްތަކެއް ނޭނގުނަސް ގިނަ މީހުން ދެކޭގޮތުގައި މިއީ ވަރަށް މާތް ރަށެކެވެ. ރޫޙާނީ ދިރޭ މަޚްލޫޤެއް އުޅެމުންދާ  ރަށެކެވެ.  ބުނެވޭގޮތުގައި މިރަށަށް އަރައި ޞަަލަވާތް ފާތިޙާ ނުކިޔަވާ މިރަށުން އެއްޗެއްގައި އަތްލައިފިނަމަ އެމީހަކަށް ނުވަތަ އެބަޔަކަށް ކޮންމެވެސް ކަމަކާއި ކުރިމަތިވާނެކަމަށް ވެއެވެ. ދޯނި އެއްގަމަށް އަރާ ވަޅުޖަހާގޮތް ވެފަވެސް އެބަހުއްޓެވެ.
 
ފަންވަތުގައި އަޅުގަނޑު މި ލިޔެލަނީ  އަޅުގަނޑު ކުޑައިރު އެރަށަށްގޮސް އުޅުނު ބަޔަކަށް ދިމާވިކަމެކެވެ. ހެނދުނު ފުރައިގެން ދަރުހޮވަން ގޮސް އުޅުނު ބައެކެވެ. ރަށަށް ރަށަށް ނައިސްގެން ގޭ މީހުން ރޮނީއެވެ. ވީނުވީއެއް ނޭނގިގެންނެވެ. މިކަމާ ކަންބޮޑުވެގެން ރަށުގެ ގިނަ އަދަދެއްގެ މީހުން ރަށުގެ އަތިރިމައްޗަށް ނުކުންނަމުން ދިޔައެވެ. އަޅުގަނޑުވެސް އެމީހުންނާއެކު ނިކުތީމެވެ. ކުއްލިއަކަށް އަޅުގަނޑުމެންނަށް ފެނުނީ އެރަށުން ބޮޑު އަލިފާން ގަނޑެކެވެ. މިއަލިފާން ގަނޑު ފެނުމުން އެރަށުގައި ކޮންމެވެސް ކަމެއް ހިނގައިގެން އުޅޭކަން ރަށު މީހުންނަށް އެނގިއްޖެއެވެ. އެހެންވެ ވެގެންއުޅޭގޮތެއް ބަލަން ރަށު ދޯންޏެއް އެރަށަށް ދިޔައިރު ކަމަކު ދާކަށް ނެތެވެ. އެމީހުން ދިޔަ ދޯނި އޮތީ އެއްގަމަށް އަރާ ވަޅުޖަހާފައެވެ. އަދި ހާލުގައި ޖެހިފައިވާ އެމީހުންނާއި ސުވާލުކުރުމުން އެމީހުން ބުނިގޮތުގައި އެމީހުން ދަރުހޮވައި ނިމިގެން ރަށުގެ ގޮނޑުދޮށަށް އައިއިރު ދޯނި އޮތީ އެއްގަމަށްއަރާ ވަޅުޖަހާފައެވެ. ދޯނި އެއްކޮށް ކަހަލަ ގޮތަކަށް އޮތީ ވެލިގަނޑުގެ ތެރޭގައެވެ. ހީވަނީ ފުންވަޅުގަނޑަކަށް ދޯނި ލާ ފަސްއަޅާ ފޮރުވާލާފައި އޮތް ހެނެވެ. އެހެންކަމުން ހެދޭނެގޮތެއް ނެތިގެން ބަޔަކަށް އެންގުމުގެ ގޮތުން އަނދިރިވާން ފެށުމުން އަލިފާން ޖެހީއެވެ.

މިޚަބަރު ރަށުގެ ރައްޔިތުންނަށްލިބުމާއެކު ރަށު ދޯނިފަހަރުތައް އެރަށާއި ދިމާޔަށް މިސްރާބު ޖެހިއެވެ.  ރަށުގެ ގިނަ ފިރިހެނުންނެވެ.  އެދޯނި ފުންކުރުމުގެ ނިޔަތުގައެވެ. ރައްޔިތުންގެ ގިނަ ބައެއްގެ އެހީތެރިކަމާއެކު އެދޯނި ފުންކޮށްގެން އެރޭ މެންދަމު ރަށަށް ގެނައެވެ. އެއަށްފަހު ރަށުގެ މީހުން އެރަށަކީ ގޮތްނޭގޭ ރަށެއްކަމަށާއި، ރަށަށް އެރީ ޞަލަވާތް ފާތިޙާ ކިޔަވާފައިތޯ ސުވާލުކުރިއެވެ. އަދި އެކަން ނުކުރާކަމަށް އެމީހުން ބުންޏެވެ.  އެމީހުން ބިރުގަތެވެ. ދެން ދުވަހަކުވެސް އެރަށަށް ނާރާނެކަމަށް އެމީހުން ބުންޏެވެ. 
 
ހަފްސީގެ ފާނުގެ ޒިޔާރަތޭ ބުނުމުން ބައެއް މީހުންނަށް  އެއީ ކޮންތަނެއްކަން ނޭނގި ހިނގައިދާނެއެވެ. ޅ.ކުރެންދޫގައިވެސް ހަފްސީގެ ފާނުގެ މިފަދަ ޒިޔާރަތެއް ހުރެއެވެ. މިޒިޔާރަތަށް ނަދުރު ބުނުމަކީ މިހާރުވެސް ބައެއް މީހުންގެ އާދައެކެވެ. ދޮންކޭލާ އަޅާ ކިރައިގެންނާއި އެހެނިހެން ތަކެއްޗާ އަޅާ ކިރައިގެންނެވެ.

ސަމާލު!

ޒިޔާރަތްތަކަށް ކަމޭހިތުމާއި، ނަދުރުބުނުމުގެ ހަމަތައް މާތްވެގެންވާ އިސްލާމްދީނުގައި ހުރި ނެތް ގޮތް މިޒަމާނުގެ ވަރަށް ގިނަ މީހުން ދަންނާނެއެވެ. ޞައްޙަ އިސްލާމީ ޢަޤީދާއެއް އޮތްމީހެއްގެ ގަބޫލުކުރުން އޮންނަންވި ގޮތާއި، މި ރޮނގުން  ހުއްދަ ނުހުއްދަ ކަންކަން މި އަދު އޮޅިފައެއް ނެތެވެ.

ލިޔުންތެރިޔާ ފޮނުއްވި ގޮތަށް، ފަންވަތުގައި މި ލިޔުން  ޝާއިޢުކުރީ ހަމަ އެކަނި މި ލިޔުމުން ލިބޭ ތާރީޚީ ސަގާފީ މަޢުލޫމާތަށްޓަކައެވެ. ދިވެހިންގެ ދިރިއުޅުގައި ބައެއް ކަންކަމާމެދު ވިސްނުން ހުރި ނެތް ގޮތާއި ކަންކަން ކޮށް އުޅުނު ގޮތްތައް ސިފަވާލެއް ފުރިހަމަ ކަމުންނެވެ.
 = ފަންވަތް =


އިދާރާ

ވާހަކަ