ނަމަކާމެދު
އަލްއުސްތާޛުލްމަރުޙޫމު މުޙަންމަދު ޖަމީލު ދީދީ
މީހެއްގެ ނަމެއް ނޫނެވެ. ރަށެއްގެ ނަމެއް ވެސް ނޫނެވެ. ކަނި ކުރެއްވި ތަކެތީގެ ތެރެއިން އެއްޗެގެ ނަމެވެ. މި ދެންނެވި އެއްޗެއް އޮޅުވައި ނުލައްވާތި އިނގޭތޯ އެވެ!
ކަނި ކުރެއްވި ތަކެއްޗޭ ދެންނެވުނީ ކާއެއްޗިއްސޭ ދަންނަވަން ވެގެންނެވެ. އާދޭހެވެ. ކާއެއްޗިއްސަށް ކިޔާނަންތަކުގެ މައިދާނަކީ ތަނަވަސް މައިދާނެއް ނޫންތޯއެވެ. ތަނަވަސް، ބަގީޗާއެއް ނޫންތޯއެވެ. އެބަގީޗާއަށް ވަދެ އެތަނުން މަލެއް ބިންނަ ހިތް ވީއެވެ. ނަމެއްގެ ފަހަތުން ދުއްވައިގަންނަ ހިތްވީއެވެ.
ނަމަކީ ފޮނިކާ އެއްޗަކަށް ކިޔާނަމެކެވެ. އަޅުގަނޑުމެންގެތެރެއިން ވަރަށް ގިނައިން ފެންނަ ފޮނިކާއެއްޗެއްގެ ނަމެވެ. ހެދިކާ ކިޔާހެން ފޮނިކާ ނުކިޔާންވީ ގޮތެއްވެސް އަޅުގަނޑަކަށް ނޭނގުނެވެ.
ނަމަކީތޯ އެވެ. ހަލުއިދާ މިނަމެވެ. މި ނަމުގެ ފަހަތުން ދުވެ ކިހިނަކުން، ކޮންތާކުން، ކޮންއިރަކު، އައިނަމެއްތޯ ބަލައިލާ ހިތްވުމަކީ، ހައިރާން ވާކަހަލަ ކަމެއް ނޫނެވެ. އެއީ ބައެއް މީހުންގައި ހުންނަ އުނި ސިފައެކެވެ. މި ކަހަލަ ކަންތަކުގެ ފަހަތުން ދުވެ އެކޮޅާއި މިކޮޅު ހޯދައި އުޅޭ ހިތްވުމަކީ ބައެއް މީހުންގައި ހުންނަ އުނި ނުވަތަ ތުނި ސިފައެކޭ ދަންނަވައިލިޔަ ދެއްވާށެވެ.
އާދެ! ހަލުއިދާ މިނަމަކީ ވެސް، މިފަދަ އެހެންނިހެން ނަންތައް ފަދައިން އުފަން ރަށަކާއި އުފަން ދުވަހެއް އޮންނާނެ ނަމެކެވެ. އުފަން ދުވަހެއް ނޭނގުނަސް އުފަން ރަށެއް އެނގޭން އެބަ އޮތެވެ. އެއީ ފާރިސް ކަރައެވެ. އީރާނެވެ. ޢައްބާސީ ރަންޒަމާނުގައި އުފަންވެގެން އައިނަމެކެވެ.
ބަސް ފޮތްތައް ބުނެދޭގޮތުގައި އަސްލު ނަމަކީ ފާރިސީ ނަމެކެވެ. ކިޔައި އުޅޭގޮތަކީ ބާލޫޛާ އެވެ. އެބަހުން އެ ނަން ކިޔާ އިރު ބާ އޮންނަނީ ފާފަކާ އެއްވެފައެވެ. ހަލުއިދާ ކައްކާ އިރު ހަކުރާއި ނަރާއި އެއްވާ ފައިންނެވެ.
މި އަކުރު އެގޮތަަށް ކިޔުމަކީ ފާރިސީން ނޫން މީހުނަށް ފަސޭހަ ކަމަކަށް ނުވެއެވެ.
ދިވެހި ނޫން މީހުނަށް ށަވިޔަނި ކިޔުން ފަސޭހަނުވާ ފަދައިންނެވެ! ޢަރަބި އަލިފުބާގެ ޝީނު އަޑުން އަކުރު ކިޔުނަސް ދިވެހި ށަވިޔަނި އޭގެ ރީތި އަޑުން ކިޔުމަކީ ދިވެހި ނޫން މީހުނަށް ފަސޭހަކަމެއް ނޫނެވެ.
ދެން ހަލުއިދާއަށް ދަމާތޯއެވެ. ފާރިސީ ބަހުން ނިކުމެގެން އަރަބި ބަހަށް އައި އިރު ފާލޫޛަޖަށް ވެއްޖެ އެވެ. ބައެއް ފަހަރަށް ފާލޫޛަޤަށް ވެސް ވެއެވެ. ބާލޫޘާ އަށް ވެސް ވެއެވެ. ކަނޑުތައް ހުރަސްކޮށް އައިސް ގާދޫކޮލުން ވަދެ ދިވެހި ބިމަށް ފުންމައިލި އިރު އޮތީ ހަަލުއިދާ އަށް ވެފައެވެ.
ރީތި ނަމެކެވެ. މީހަކަށް ކިޔާންވެސް ރީތި ނަމެކެވެ. މީރު އެއްޗެކެވެ. ދިރުވައިލުމުން ހަލުއިކަމާއެކު ކަރުތެރެއިން ބަނޑުތެރެއަށް ފައިބައިގެންދާ އެއްޗެކެވެ.
ނަންތަކުގެ ފަހަތުން ދުވާ އިރުކަން ތަކޭ މީ ފެންނަހައި
އަންތަރީހަށް ދެންނުގޮސް އިއްވާނަމޭ ނަން ދަންނަހައި
(ފަތްތޫރަ 42ވަނަ ޢަދަދުން ނަގާފާ)
މުޙަންމަދު ޖަމީލު (1994). މުޙަންމަދު ޖަމީލުގެ މަޒުމޫނުތައް (3). ދިިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޒުކަޒު،މާލެ.
ފަންވަތުގައި ޝާއިޢުކުރީ: އާދަމް ނަޞީރު އިބްރާހީމް(2009)