އަދުގެ ޚާއްސަ

Print

ރައްކާތެރި ގޮތަކީ މިއީއެވެ.

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ އިޖުތިމާޢީ


 އަޙުމަދު ނާޞިރު- ޑައިމަންޑްވިލާ، ސ. ހިތަދޫ 


ދުނިޔޭގައި އުޅޭއިރު އެންމެ ފައިދާ ބޮޑީ އެކަކު އަނެކަކަށް ގުޅިގެން މަސައްކަތް ކުރުމެވެ. އެއްރޫޙެއްގައި މަސައްކަތްކުރުމެވެ. ކުރާކަމަކުން އެދެވޭ ނަތީޖާއެއް ލިބުމަށް އެންމެ ފަސޭހަވާނެ ގޮތަކީ މިއީއެވެ. ދިވެހި ބަހުގައި އެއްބައިވަންތަކަމުގެ މާނައަކީ މިއީއެވެ.

އެއްބައިވަންތަކަން އާލާކުރަންވީ ރަނގަޅު ބިންގަލެއްގެ މަތީގައެވެ. ހަރުދަނާ އުސޫލުތަކެއްގެ މަތީގައެވެ. ޢާއިލާތަކުގެ މެދުގައެވެ. ޖަމާއަތްތަކުގެ މެދުގައެވެ. ނޫނީ ޤައުމުތަކުގެ މެދުގައެވެ. ކީއްކުރަންތޯއެވެ؟ އެންމެންގެ ފައިދާއަށެވެ. 

މުޖުތަމަޢުގެތެރޭގައި ހުރިހާ ބާވަތެއްގެ މީހުންވެސް އުޅޭނެއެވެ. ތަފާތު މިޒާޖުގެ މީހުންވެސް އުޅޭނެއެވެ. ތިމާކުރާ ޢަމަލަކުން ނުވަތަ ބުނާ ބަހަކުން ހިތުގައި ލައްގަނޑެއް ޖެހިދާނެ މީހަކުވެސް ހުރެދާނެއެވެ. ނުވަތަ ނަފުރަތު ކުރާނެމީހަކުވެސް ހުރެދާނެއެވެ. އެހެންކަމުން މުޖުތަމަޢުގެ ތެރޭގައި ބަސްމޮށެ އުޅެންވާނީ ވީހާވެސް ހަޤީޤަތާ އެއްގޮތަށެވެ. ބުންޏޭ ބުންޏޭ ކިޔާ ޔޯލަ ވާހަކަތަކަކީ މާއެދެވޭ ވާހަކަތަކެއްނޫނެވެ. އެކަކު ވިޔަސް ޖަމާޢަތަކުން ވިޔަސް އަނެކަކު ނޫނީ އަނެއް ޖަމާއަތެއްގެ ވާހަކަ ދައްކާއިރު ހަޤީޤަތް އޮޅޭގޮތަށް ދެއްކުން އެއީ ޖަމާއަތުގެ ނިކަމެތިކަމަށް އެޅޭ ބިންގަލެއްކަން ހަނދާން ކުރަންވާނެއެވެ. ސާބިތު ނުވާ އެއްވެސްކަމެއްގެ އިލްޒާމު އަނެކާގެ ބޮލުގައި އަޅުވައިގެން ސިއްރު މެސެޖް ރައްދުކުރުމަކީ ވަރަށް ނުރައްކާތެރިކަމެކެވެ.
މުޖުތަމަޢުގައި ވަޒީފާތަކުގައި ތިބޭ މީހުންނީ ދެން ތިބޭ ބައެއްގެ ޚާދިމުންނެވެ. އެއީ ޖަމާޢަތުގައި ޤަދަރު ލިބިގެންވާ މީހުންނެވެ. އެބަޔަކަށް ލިބިގެންވާ ޤަދަރެއް ހިފެހެއްޓުމަކީ އެބައެއްގެ އަމިއްލަކަމެކެވެ. އެކަމަކު ބައެއްގެ ޤަދަރު ނަގާލުމަކީ އެއީ އެކަކުވެސް ކޮށްގެންވާނެކަމެއްނޫނެވެ. މާތް ﷲ އިންސާނާއަށް ދެއްވާފައިވާ ބުއްދީގެ ވިސްނުމަކީ އޭނާގެ ދިރިއުޅުމުގެ ސީދާ މިސްރާބު ހޯދާދޭ ސަމުގާއެވެ. އެބުއްދީގެ ބޭނުން ރަނގަޅުގޮތުގައި ހިފިއްޔާ އެއޮތީ ނަސީބު އަތުގައި ހިފާފައެވެ. ނަސީބަކީ ކަތީބަކު ދޭއެއްޗެއްނޫނެވެ. 


އެކަކު ކުރާކަންތަކަށް ހާޒިރުގައި ބިނާކުރަނިވި ފާޑުކިޔުމަކީ ގޯސްކަމެއްނޫނެވެ. އެކަމަކު އޭނާގެ ޣައިރު ހާޒިރުގައި މީހުންގެތެރޭ އޭނާކުރާކަންތަކަށް މަލާމާތް ނުވަތަ ޖެއްސުން ކުރުމުގެ ފާޑު ކިޔުމަކީ ރަނގަޅުކަމެއްނޫނެވެ. ފާރުގައި ލޯވަޅުހުރެއޭ ، އެއިން ދެކެވޭ ވާހަކަ ދަތުރު ކުރެއޭ މުސްކުޅިން ބުނާވާހަކަވެސް އަޑުއަހަން ޖެހޭނެއެވެ. ކަތުރުފަނީގެ މަޖާޒީ މާނައެއްވެސް އޮންނަކަން ދަންނަންޖެހެއެވެ.  ނޫނީ އުފެދޭނީ ފިތުނައިގެ ކަނޑެކެވެ. ނޭގުމެއްގެ ތެރެއިންވެސް ދެބޯޑުވެވޭނީއެވެ. ރަނގަޅު ނިޔަތެއްގައި ބިނާކުރަނިވި ޚިޔާލެއް ދީފިއްޔާ އެކަން ޤަބޫކުރުމަކީ ރީތި ސިފައެކެވެ. އެއީ އެއްގޮތަކަށްވެސް ތިމާގެ ހައިބަތާއި ޒަމީރަށް ނިކަމެތިކަމެއް އަންނަނީކީނޫނެވެ. ނިކަމެއްޗެއްގެ ސިކުނޑިއަށްވެސް މޮޅު ބުއްދިއެއް އަތުވެދާނެއެވެ. ގޯސްކޮށް ކަމެއް ކުރެވިގެން ނުވަތަ ތމާކުރާ ކަމެއް އެއަށްވުރެ މޮޅަށް ކުރެވޭނެ ގޮތަކަށް މީހަކު ޚިޔާލެއް ދީފިނަމަ ހިތުން ރުހުމުން އެކަން ޤަބޫލުކޮށް އޭނައަށް ޝުކުރުއަދާކުރާށެވެ. ތިމާއީ އެންމެ މޮޅު މީހާކަމުގައި ދުށުމަކީ ކިބުރުވެރިވެގަތުމެވެ. 


ތިމާވިޔަސް ތިމާގެ ދަރިއަކުވިޔަސް ގޯސްކަމެއް ކުރެވިއްޖެއްޔާ ނުވަތަ ކޮށްފިއްޔާ ކޮންމެވެސް ބަޔަކު އެކަމެއް ރަނގަޅުކުރުމަށް ނަސޭހަތްތެރިވާނެއެވެ. އެއީ އެއްގޮތަކަށްވެސް ތިމާމެންގެ އަބުރު ދުއްވާލަނީ ނުވަތަ އަގުވައްޓާލަނީ ކަމުގައި ނުދެކޭށެވެ. ދަރިއަކު މިފަދަ ކަމެއްކޮށްގެން ބަޔަކު ނަސޭހަތް ދީފިނަމަ ނުވަތަ އަދަބު ދީފިނަމަ އެކުއްޖާ ކުރީ ކުށެއްކަމަށްވާނަމަ އެކަން ޤަބޫލުކުރަންޖެހޭނެއެވެ. އަދި ދެވުނު އަދަބުވެސް ބަލައިގަންނަން ޖެހޭނެއެވެ. އެއީކީ އެއްގޮތަކަށްވެސް ނަސޭހަތްދިން މީހާ ނުވަތަ ފަރާތުން ބޮޑާވެގަތީއެއްނޫނެވެ. އިންސާނުންނަކީ ކުށްކުރެވޭ ބައެކެވެ. ކުށަށް އިޢުތިރާފުވާންވެސް ޖެހޭނެއެވެ. ތިމާގެ އަތުން ކުށެއް ނުވާނެކަމަށް ޤަބޫލުކޮށްގެންވެސް ނުވާނެއެވެ. ކުށެއް ކުރެވިއްޖެއްޔާ އޮތް އެންމެ ރަނގަޅު ގޮތަކީ މަޢާފަށް އެދުމެވެ. ތަކުރާރު ކުރެވިގެން އަދަބު ދެވިއްޖެއްޔާ ޤަބޫލުވެސް ކުރަންޖެހޭއެވެ. އޭރުން އަދަބު ދޭ ފަރާތުގެ ހިތުގައިވެސް އެމީހާއަކީ ޚުލްޤު ރަނގަޅު މީހެއްކަން ކަނޑައެޅިގެންދާނެއެވެ. ދެވަނަ ފަހަރަށް މަޢާފް ލިބުން ނޫނީ އަދަބު ލުއިވެގެންދިއުމަށް މަގުފަހިވެގެންދާކަމަކަށްވެސް މިކަންވެދާނެއެވެ. ކުށެއް  ކުރެވިގެން ހައްޤު އަދަބު ދެވިއްޖެނަމަ އެއީ އިސްލާހުވާން އޮތް ފިޔަވަޅެކެވެ. އެކަމަކު އެއަދަބާ ނުރުހުންވެ އަދަބު ދިންފަރާތަށް ބަދު ބަސް ބުނުމަކީ އަނެއްކާވެސް އެއަށްވުރެ ބޮޑުކުށެއް ކުރަން ދެވޭ ހިތްވަރެކެވެ. 


މިހިރަ ކަންތައްތަކަކީ ތަނެއް ހަލާކުކުރާކަށް މާލަހެއްކުރާނެ "ބުލްޑޯޒަރު" ތަކެއް ނޫނެވެ. ތިމާއަކީ ތަފާތު ޖަމާއަތްތަކުގެ ތެރޭގައި އުޅޭ މީހެއްކަން ކޮންމެ މީހަކުވެސް ޤަބޫލުކުރަން ވާނެއެވެ. މިހެންއުޅޭއިރު އެއްޖަމާއަތެއްގެ މަސްލަހަތަށްޓަކައި ދެކެވިފައި ހުންނަ ވާހަކަ ފަރުދާގެ އަނެއް ފަރާތުން އަނެއްޖަމާއަތަށް ފޯރުކޮށްދެވިއްޖެނަމަ އެކުރެވުނީކީ މޮޅުކަމެއް ނޫނެވެ. ކިތަންމެ ގާތަސް ބައެއްފަހަރު ދައްކަން ނުޖެހޭ ވާހަކަތައް ހުރެއެވެ. އެކަމަކު ކެތް ނުކުރެވިގެން ތުން މޮހެލެވިއްޖެނަމަ އެގޯސްވީއެވެ. އޮފީހެއް ވިޔަސް ނުވަތަ އިޖުތިމާއީ އެހެން އިދާރާއެއްވިޔަސް އެތަނެއްގެ މަސްލަހަތު އެހިސާބުން ދިޔައީއެވެ. މިއީ ހަޤީޤަތެވެ. ނަފްރަތު ކުރާންވީ އެއްވެސް ސަބަބެއް ނެތެވެ. ކުރަންއޮތީ ވަރަށް ކުޑަކަމެކެވެ. މިފަދަކަންތަކުން ދުރުހެލިވާންވީއެވެ. މިފަދަކަންތައް ނުކުރިޔަސް ގެއްލުމެއް ނެތެވެ. ކޮށްފިއްޔާ ހުރިހިތާމައެއްގެ ބޮޑުކަމާއެވެ.
އެހެންކަމުން ކާމިޔާބުގެ މައިދާނަކަށް ދިއުމަށް އޮތް އެންމެ މޮޅު ގޮތަކީ އެއްބައިވަންތަ ކަމުގެ މަގުން ދަތުރުކުރުމެވެ. ދައްކަންވީ ވާހަކަތައް ދައްކަންވީއެވެ. ނުދައްކަންވީ ވާހަކަތައް ނުދައްކަންވީއެވެ. އޭރުން އެއްވެސް ހުރަހެއް ނެތެވެ. މުސްކުޅިބަހެއްގައިވެސް އޮވެއެވެ. " ބަސްމަދުކުރާށެވެ. ޢަމަލު ގިނަކުރާށެވެ. " ރައްކާތެރި ގޮތަކީ މިއީއެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ