Print

މުޖުތަމަޢުގައި ވިކޭ މީހަކަށްވާނީ ކިހިނެއް؟

ޝާޢިއުކުރީ އަޙުމަދު ނާޞިރު . ހިމެނޭބަޔަކީ އިޖުތިމާޢީ

 

އަޙުމަދު ނާޞިރު- ޑައިމަންޑްވިލާ، ސ. ހިތަދޫ

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެއިލާހު ހެއްދެވި އެންމެހައި މަޚުލޫޤުންގެ ތެރެއިން އިންސާނާ ވަކިން މާތްކުރައްވާފައެވެ. މިކާއިނާތުގައި ލައްވަވާފައިވާ ދިރޭ އެހެން ހުރިހާ މަޚުލޫޤުން ތަކަކަށް ނުދެއްވާ އެތައް ކަންތައްތަކެއް ދެއްވާފައެވެ. ބަސްމޮށުމުގެ ކުޅަދާނަކަމާއި، ބުއްދީގެ ފުރިހަމަކަމާއި އުފެއްދުންތެރިކަމާއި މިނޫނަސް ޠަބީޢީގޮތުން އެތައް އިޚުތިޔާރެއް އިންސާނާއަށް ލިބިގެންވެއެވެ. އިންސާނާއަށް ސީދާވެގެންވާ މަގުން ދަތުރު ކުރުމަށް ނޫނީ ކަސިޔާރުވެ ނުބައި މަގުން ދިއުމަށް ފުރުސަތު ލިބެނީ މިއިޚުތިޔާރުގެ ބޭނުން ހިފޭ ގޮތަކުންނެވެ.
އިންސާނާ ހެދިބޮޑުވެ މުޖުތަމަޢުގެ ތެރެއަށް ހަށިފޮޅާލާއިރު މުޖުތަމަޢުގެ ތެރެއިން އެތައްކަމެއް ދަސްކުރެއެވެ.

ދަސްކޮށްދޭނެ މީހުންތިބެއެވެ. ދަސްކުރުމުގެ ޤާބިލުކަންވެސް އޮވެއެވެ. އެހެނަސް ޙަޤީޤީ މަންޒިލަށް ވާސިލުވުން އޮތީ،  ތަޢުލީމާއި ތަރުބިއްޔަތުގެ އަލީގައި ޒިންމާދާރު މަޔަކު ކުރަހާ ކުރެހުމެއްގައި ޢިލްމުވެރި އެދުރެއްގެ ފިހިގަނޑަކުން ކުލަޖެއްސޭގޮތަކުންނެވެ. އަދި ހަމަ އޭނާގެ  ނަފްސު ހޭލައްވައި ސިކުނޑީގައި ތެތްކަން ހަރުލައްވައި ، ދީނީ ރޫޙާއި ޤައުމީ ލޯބި ދަސްވެ މަސައްކަތަށް އަހުލުވެރިކޮށް އޭނާގެހަޔާތް ބައްޓަން ކޮށްދެވޭ މިންވަރަކުންނެވެ. ޅަފަތުގައި އިސްލާމީ ޢަޤީދާގެ ރަނގަޅު ބިންގަލެއް ހަރުދަނާ ގޮތުގައި އެޅި އިޖުތިމާޢީ ރިވެތި އަދަބުތައް ދަސްވެ އޭގެ ބޭނުން ހިފަމުން ރަނގަޅު އަޚުލާޤަކާއެކު ބޮޑުވެއްޖެނަމަ މުޖުތަމަޢުގައި އެއީ ވިކޭ މީހަކަށްވާނެއެވެ. މާތް ﷲ ގެ ވަހީބަސްފުޅެއްގައިވެއެވެ. " ހިތްޕުޅު ހަރު ޚުލްޤުފުޅު ނުބައި ބޭކަލަކު ކަމުގައި ކަލޭގެފާނު ވެއްޖެނަމަ ކަލޭގެފާނުގެ އަރިހުން އެބައިމީހުން ވަކިވެގެން ހިނގައްޖެއީހެވެ". އަދި ކީރިތި ރަސޫލާގެ ހަދީޘްފުޅެއްގެ މާނައިގައިވަނީ " ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ޚުލްޤު ހެޔޮ މީހަކަށެވެ". 


އިހުތިރާމު ކުރުމާއި އިޙުތިރާމު ލިބިގަތުމުގެ ރީތި ސިފަ ޖަމާޢަތުގައި ޤަދަރު ލިބިގެންވާ ކޮންމެ މީހެއްގެ ކިބައިގައި ހުންނާނެއެވެ. އިހުތިރާމު ކުރުމަކީ ކޮބައިތޯއެވެ؟ ނޫނީ އިޙުތިރާމު ލިބިގަތުމަކީ ކޮބައިތޯއެވެ؟ ތިމާއަށްވުރެ ބޮޑެތިމީހުންނަށް އިޙުތިރާމު އަދާކުރުމަކީ އިސްލާމީ ރިވެތި އަޚުލާޤުގެތެރެއިން ވާކަމެކެވެ. މިކަމަކީ މާތްﷲ ގެ ރަސުލާ އެކަލޭގެފާނުގެ ޞަޙާބީންނަށް ދަސްކޮށްދެއްވާފައިވާ ކަމެއްވެސްމެއެވެ. އެއްދުވަހަކު ޞަހާބީންގެ ދެމީހަކު އެކަލޭގެފާނުގެ އަރިއަހަށް މީހެއްގެ މަރުގެ ޚަބަރު ދޭން ދިޔައެވެ. ދެމީހުންގެ ތެރެއިން ހަނގަށް ހުރި މީހާ އެވާހަކަ އިސްވެ ދަންނަވަން ފެށުމުން އެކަން މަނާކުރައްވައި ދޮށްޓަށްހުރި މީހާއަށް އެފުރުސަތު ދެއްވިއެވެ. ދެން އޮތީ އިހުތިރާމު ލިބިގަތުމުގެ ވާހަކައެވެ. އެހެންމީހުންގެ ކުރިމަތީގައި ތިމާގެ ޤަދަރާއި އަބުރު ނުގެއްލޭ ގޮތަކަށް ދީނާއި ދުނިޔަވީ ރީތި އާދަތަކުގައި ހިފައިގެން ހުރި މީހެއްނަމަ އެހެންމީހުންގެ އިޙުތިރާމު އެމީހަކަށް ލިބޭނެއެވެ. އޭރުން އެއޮތީ ވިއްކި އެއްޗެއްގެ ފުރިހަމަ އަގު ލިބިފައެވެ. ހަމަގައިމުވެސް މިއީ މަގުމަތީ ބާޒާރުގައި ގަންނާނެއްބާ ކިޔައިގެން އެއްޗެއް ވިއްކުމެއް ނޫނެވެ.
ތިމާ ދުނިޔޭގައި ހޭދަކުރާ ދުވަސްކޮޅުގެ ތެރޭގައި ހަރުދަނާ އީމާންކަމެއްގައި ހުރެ ރަނގަޅު ޢިލްމެއް ލިބިގެންފި މީހާއީ ގިނަބައެއްގެ މަޤުބޫލުކަން ލިބޭނެމީހެކެވެ. ޝަރީޢަތުގެ ޙުކުމްތަކާއި، އެޙުކުމްތައް އޮޅުން ފިލުވޭނެ ޛަރީޢާތަކާއި ، ފިޤުހުއް ސުންނަތާއި ޤާނޫނާއި ޤަވާޢިދު ފުރިހަމައަށް އެނގިއްޖެމީހެއްގެ އަގު ވަރަށްބޮޑެވެ. މީސްތަކުންގެ ކުރިމަތީގައި ކަމަކަށް ކުރިމަތިލައިފިނަމަ އިންސާފުވެރި ނަޒަރަކުން ބަލައިގެން އެންމެ ގިނަ ބައެއްގެ ރުހުން ލިބޭމީހަކަށް އެމީހަކު ވާނެއެވެ. އަދި ހަމަ އެހެންމެ ތިމާއަށް ކުރެވޭ ކުށްތައް ޤަބޫލުކޮށް އެއަށް މަޢާފު އެދުމާއި، ގާތްތިމާގެމީހުންނަށް ހެޔޮކޮށް ހިތުމާއި ކުރާކަންތައް ރީތިކޮށް ރަނގަޅަށްކުރާމީހުންނަކީވެސް މީހުންގެ މަޤުބޫލުކަން އިންތިހާއަށް ލިބޭބައެކެވެ. ކަހުފް ސޫރަތުގައި ﷲ ތަޢާލާ ވަހީކުރައްވާ އަންވަފާފައިވާ އާޔަތެއްގެ މާނައިގައިވަނީ "ތިމަން އިލާހު ކަންތައް ރީތިކޮށް ރަނގަޅަށް ކޮށްފި މީހަކަށް އެކަމަކުން ވާޖިބުވާ އުޖޫރަ ގެއްލަނި ނުކުރައްވާ ހުށިކަމެވެ".


މުޖުތަމަޢުގައި އުޅޭ މީހުންގެ ރުހުމާއި ލޯބި ލިބިގަންނަންބޭނުން ނަމަ އެކަންތައްތަކަކުން ދުރުހެލިވެގަންނަން ޖެހޭ އެތައްކަމެއް ވެއެވެ. މީގެތެރެއިން އެންމެ ބޮޑު އެއްކަމަކީ ދޮގުހެދުމެވެ. ހަމަކަށަވަރުން ދޮގުހަދާމީހުންނީ އެއްކައުވަންތަ ﷲ ގެ އާޔަތްތަކަށް އީމާން ނުވާމީހުންނެވެ. މީގެ އިތުރަށް ކިބުރުވެރިކަމާއި ފިތުނަ އުފެއްދުމާއި ދެބޯޑުވުމާއި މިނޫނަސް ނަހީކުރެއްވި ކަންތައް ކުރުމުގައި މަޝްޢޫލުވެ އުޅޭމީހަކީ ހަލާކާއި ގެއްލުމުގެ ތެރެއިން ވާމީހެކެވެ. ލުޤުމާނު ސޫރަތުގެ 18 ވަނަ އާޔަތުގައިވާ ﷲ ގެ ވަހީބަސްފުޅުގެ މާނައިގައިވަނީ " އަދިމީސްތަކުންގެ ކުރިމަތީގައި ކިބުރުވެރިވެ މޫނު އަނބުރައި ނުލާށެވެ! އަދި އަމިއްލަ މޮޅުކަން ފާޅުކޮށް ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން ކިބުރުވެރިވެ ފަޚުރުވެރިވާ މީހުންދެކެ މާތްﷲ ރުހިވޮޑިގެން ނުވެއެވެ".

ހަމަމިގަލަމުން

އިދާރާ

ވާހަކަ