އަދުގެ ޚާއްސަ

Print

މަދްރަސީ ތަޢުލީމް... ހަތަރު އަނގޮޅިއެއްގައި

ޝާޢިއުކުރީ ޑރ. ޙަސަން ޙަމީދު . ހިމެނޭބަޔަކީ މާދަރީބަސް


ޑރ. ޙަސަން ޙަމީދު (2002)

ވޭތިވެދިޔަ 25 އަހަރަކީ ރާއްޖޭގެ ތަޢުލީމަށް ބަހާރު މޫސުމެއް އައިސްފައިވާ ދުވަސް ތަކެކެވެ. ސަރުކާރުގެ ޚަރަދުގައި، ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ލިބިގެން، މީގެކުރިން ދުވަހަކުވެސް ތަޢުލީމު ފެތުރިފައި ނުވާހާ ފުޅާކޮށް ރާއްޖޭގައި ތަޢުލީމުގެ ނޫރު ފެތުރިގެން ހިނގައްޖެއެވެ. މަދަރުސާއަށް ދާންޖެހޭ ޢުމުރުފުރައިގެ އެންމެންހެން މަދަރުސާއަށް ދެއެވެ. ފަށާ ތަޢުލީމުގެ މަދަރުސާ ތަކުގައި ގިނައީ ދިވެހި މުދައްރިސުންނެވެ. ކިޔަވައިދެނީ ރާއްޖޭގައި އުފައްދާ ފޮތްތަކުންނެވެ. މަދަރުސާއެއްނެތް އެއްވެސް ރަށެއް މިހާރަކު ރާއްޖެއަކު ނެތެވެ. ކޮންމެ އަތޮޅެއްގައި ސާނަވީ މަދަރުސާއެއް އެބަހުއްޓެވެ. ލިޔަންކިޔަން ދަތުމުގެ ޤައުމީ ނިސްބަތް އުޅެނީ %100 އާއި ގާތްކުރާ ހިސާބުގައެވެ. މަދަރުސާ ތަކުގައި އަންހެން ކުދިންނާއި ފިރިހެން ކުދިންގެ ނިސްބަތް ގާތްގަނޑަކަށް ހަމަހަމައެވެ. 25 އަހަރުގެ ތެރޭގައި ގެނެވިފައިވާ ތަޢުލީމް ތަރައްޤީއަކީ ދުނިޔޭގެ ނިސްބަތުގައިވެސް ޙައިރާން ކުރުވަނިވި ތަރައްޤީއެއްކަން ކަށަވަރެވެ. އުފާކުރުން ޙައްޤެވެ. ޝުކުރުކުރުން ޙައްޤެވެ.


މި ނިޒާމަށް އެންމެ ފުރަތަމަ ވަން ކުދިން، މަދަރުސާ ނިންމައި މިހާރު ބައްޕައިންނަށް ވެއްޖެއެވެ. 25 އަހަރަކީ ތަޢުލީމީ ނިޒާމުގެ ނަތީޖާ އޭގެ މަޤްޞަދުތަކުގެ އަލީގައި ވަޒަންކޮށްލަން މުނާސަބު ރިހި ޔޫބީލެކެވެ. ދަރިވަރުންގެ ރިޕޯޓު ފޯމު ބަލާގޮތަށް ނިޒާމުގެ ރިޕޯޓާމެދު ވިސްނާލަން ރަނގަޅު ފުރުޞަތެކެވެ. ދަތުރުފެށިއިރު ހުރި މިސްރާބު ހިފެހެއްޓިފައިވޭތޯ ފިލާ އަޅާލަން އެކަށޭނަ ހަވީރެކެވެ. މިސްރާބު ގެއްލިފައިވާނަމަ ހޭރިޔާކޮށްލަންވީ މޮޅު ވަގުތެކެވެ.

އާދެ! ޝައްކެއް ނެތެވެ. އެއްވެސް ނިޒާމަކީ ބަރާބަރު ނިޒާމެއް ނޫނެވެ. ވޭތިވެދިޔަ 25 އަހަރުގެ ތެރޭގައި ހޯދިފައިވާ ތަޖުރިބާތަކާމެދު ތަޙްލީލީ ނަޒަރަކުން ބަލާލަމާތޯއެވެ؟ ނިޒާމުގެ ކާމިޔާބުތަކާއި ކާމިޔާބު ކުރަންވީ ކަންތައްތައް ބައިވަރެވެ. ނަމަވެސް ތަރައްޤީގައި އަވަސް ފިޔަވަޅުތަކެއް އެޅޭނީ އިޞްލާޙް ކުރަންވީ ކަންތައްތަކަށް ސާފު ފޯކަހެއް ދެވިގެންނެވެ. މިނަޒަރުން ބަލާއިރު ފާހަގަވަނީ އަވަހަށް އިޞްލާޙުކުރަން ޖެހިފައިވާ ކަންތައްތަކެވެ. ހުރިހާ ކަމެއްގައި ތަރައްޤީއަށް އޮތް ފުރުޞަތު ތަކެވެ.
އާދެ! އެންމެ ފުރަތަމަ ތަޢުލީމީ މަޤްޞަދަށް އަވަސް ކަޅިއެއް އެއްލަމާ ތޯއެވެ؟ މަޤްޞަދަކީ ވަރަށް ފުރިހަމަ މަޤްޞަދެކެވެ. [އިސްލާމީ ދިވެހި މުޖްތަމަޢުގައި ބައިވެރިއެއްގެ ގޮތުންނާއި އަމިއްލަ ފަރުދެއްގެ ގޮތުން ތިމާއަށާއި ތިމާގެ ޢާއިލާއަށާއި ތިމާގެ ރަށަށާއި ތިމާގެ ޤައުމަށް ފައިދާކުރުވަނިވި ހަރުދަނާ މީހަކަށްވުމުގެ ޤާބިލިއްޔަތު ލިބިދިނުމަށްޓަކައި ކުއްޖާގެ ވިސްނުމާއި ހަށިގަނޑާއި ރޫޙީބައި ތަރައްޤީކޮށް ހާނައި ތަރުބިއްޔަތު ކޮށްދިނުމާއި އަދި ބޭނުންވާ ހުނަރުތައް ލިބިދިނުމެވެ.] ކޮންފަދަ މަތިވެރި މާތް މަޤްޞަދެއް ތޯއެވެ؟ އާދެ! މިއަށްވުރެ ވަކިން ފުރިހަމަ ވަކިން ހަދުނާ، ބާވުމެއް ނުވާ، ތަޢުލީމީ މަޤްޞަދެއް އެކުލަވާލެވި ދާނެތޯއެވެ؟

ދެން މިނިޒާމުގެ ޕްރޮޑަކްޓްސް ނުވަތަ ނެރެވޭ ނަތީޖާއާއި ދޭތެރޭ ވިސްނާލަމާ ތޯއެވެ؟ ހިތަށްކުރަނީ ފުން އަސަރު ތަކެކެވެ. ފަރުދީ ގޮތުންނާއި އިޖާތިމާޢީ ގޮތުން، އުއްމީދު ކުރެވުނު ނަތީޖާ ނުލިބޭކަމުގެ ފުން ހިތާމައެވެ. ސަރުކާރުން ކުރައްވާ ބޮޑު ޚަރަދުން ބޮޑު ބައެއް [ބޭކާރު] ވަމުންދާތީ ހިތަށްކުރާ އަސަރުތަކެވެ. މަދަރުސާއިން ނުކުންނަ ގިނަ ދަރިވަރުންގެ ކިބައިގައި މަޤްޞަދު ޙާޞިލް ވެއްޖެނަމަ ހުންނަންޖެހޭ ސިފަތައް އެކަށީގެންވާ ގޮތަށް އަށަގެންފައި ނެތުމުން ކުރެވޭ ފިކުރެވެ. މާލޭގެ މަގުމަތިން ހިނގާލުމުން ފެންނަ މަންޒަރުތަކެވެ. މަދަރުސާއަކަށް، ތަޢުލީމީ މަޤްޞަދަށް ކިޔަވައިދޭ މަކްތަބަކަށް ދަރިވަރުވުމުން ހުންނަންޖެހޭ ސިފަތައް ޒުވާން ކުދިންގެ ގައިގައި ނެތް ތަނެވެ. އެކުދިންނަށް ބުނަން ބޭނުންވާ އެއްޗެއް ރީތިކޮށް ޢިބާރާތް ކޮށްލުމަށް ވާ ދައްޗެކެވެ. އާދައިގެ ހިސާބެއް ކެލްކިޔުލޭޓަރެއްގެ އެހީގައިނޫނީ ކޮށްލަން ނުކުޅެދުންވާ ތަނެވެ. ވިސްނުމަށް އައިސްފައިވާ ލޮނޑުކަމެވެ. އެއްވެސް ފިކުރެއްނެތި މަޖާކުރުމުގައި ނަގާލަމުންދާ ފުރާވަރެވެ. އެކުދިންގެ އެންމެ އުފެއްދުންތެރި ޢުމުރެވެ. އައު ކަންތައްތައް ދަސްކޮށް ޢުމުރުގެ މެންދުރަށް އަދި ހަވީރަށް ތައްޔާރުވާން އޮތް ހެނދުނެވެ. ކުޅިވަރާއި ފިލްމު ބެލުމުގައި ހޭދަކުރާ ވަގުތެވެ.

ޤައުމިއްޔަތޭ ތޯއެވެ؟ ދިވެހި ސަގާފީކަންކަމަށް ހުންނަ [ލޯތްބާއި] ބޭރު އުޅުންތަކާއި ގުޅުންތަކަށް ހެސްގެންފައިވާ ވަރު ޚިޔާލަށް ގެންނަވާށެވެ. ފެންނަ ފެނުމެވެ. ކޮންމެވެސް ކަމެއް (މުޖުތަމަޢު؟) ދެކެ އަބަދުވެސް ރުޅިއައިސްފައި ހުންނަކަމަށް އިޝާރާތްކުރާ ސިފައެވެ. ހެދުންއަޅާފައި ހުންނަ ގޮތެވެ. ބިރެއް ސިހުމެއްނެތްކަމަށް އިޢުލާނުކުރާ ޢިބާރާތްތައް ލާފައިވާ ޓީޝާޓު ތަކެވެ. ކަންފަތާއި ނޭފަތާއި ބަނޑާއި ފޫޅާއި އެހެނިހެން ތަންތަން ތޮރުފާފައި ލާފައި ހުންނަ ބޮޅުފަތި ތަކެވެ. ބޮލުގައި ތަފާތު ކުލަޖައްސާލާފައި ހިނގާ ހިނގުމުގައި އެއްވެސް ހަރުދަނާކަމެއް ނެތްކަމެވެ. ތުނބުން ނުވެއްޓޭ ސިނގިރެޓެވެ. މަސައްކަތްތެރިކަމަށް ހުންނަ ފޫހިކަމެވެ. އާމްދަނީއެއް ލިބޭ ފަދަ މަސައްކަތަކަށް ޝައުޤުވެރިކަން ނުހުންނަ ކަމެވެ. މާދަމާއާއި ދޭތެރޭ ފިކުރެއްނެތްކަމެވެ. ވަކި ޢުމުރެއްގެ ކުދިންތަކެއްގެ ނަންތަކުން ދިގުވަމުންދާ ކުށްކުރާ މީހުންނާއި ތަފާތު މަސްތުވާ ތަކެތީގެ އިސްތިޢުމާލުކުރާ މީހުންގެ ލިސްޓެވެ. ރީހެބެވެ. ޖަލެވެ. އިތުރުވަމުންދާ ކުށްތަކެވެ. މަކަރާއި ޙީލަތް ހެދުމެވެ. ވައްކަން ކުރުމެވެ. މަސްތުވާ ތަކެތީގެ ވިޔަފާރިއެވެ. ކުޑަކުދީން ހެހުމެވެ. އެންމެ އާދައިގެ މަސައްކަތަށްވެސް ބޭރު މީހުން ގެންނަން ޖެހިފައިވާ ކަމެވެ. އެއްވެސް މަސައްކަތެއްނެތް އެތައް ދިވެހީންނެއް ނެތް އިރެއްގައެވެ.

އަޅުގަނޑުވެސް އެއްބަހެވެ. ބަލާލި ކޮންމެ ދިމާއަކުން ފެންނަނީ ތަޢުލީމުގެ އުސް ކުރިބޯށިތަކެވެ. މަތީވަނަތައް ހޯދާ ކުދިންގެ ޢަދަދުތަކެވެ. ނަމަވެސް މިއީ ނިސްބަތުން ހިތާމަކުރަން މަޖުބޫރުވާ ފަދަ މަދު ޢަދަދެކެވެ. ދެން ކުރައްވާނެ ސުވާލަކީ ހުރިހާ ކަމެއްގައި ތަޢުލީމީ ނިޒާމަށް އިނގިލި ދިއްކުރަންވީ ކީއްވެގެން ހެއްޔެވެ؟ ކުދިން ތަރުބިއްޔަތު ކުރުމުގައި އެހެން ފަރާތްތައްވެސް ބައިވެރިވެއެވެ. ބެލެނިވެރިންނެވެ. ގޭގެ މާހައުލެވެ. ޚަބަރު ފަތުރާ ވަސީލަތްތަކެވެ. ޖަމާޢަތެވެ. ތެދެކެވެ. ނަމަވެސް، ރާއްޖޭގެ އިޖްތިމާޢީ ފޭރާމަށް އަންނަމުންދާ ބަދަލުތަކުން މަދަރުސާތަކެއް ބަރީޢައެއް ނުކުރެވޭނެއެވެ. އަދި ރާއްޖެފަދަ ކުޑަކުޑަ އާބާދީއެއްގެ މަގުއޮޅޭ އެންމެ ދިވެއްސަކީވެސް މުހިންމު މީހެކެވެ. ޤައުމަށް ލިބޭ ގެއްލުމެކެވެ. ބޮޑެތި ކޯރުތައްވެސް އުފެދެނީ ހިމަފޮދު ވާރޭ ތިކިތަކަކުން ވެހޭ ވާރޭންނެވެ.

ޤައުމެއްގެ ތަޢުލީމީ ޕްރޮގްރާމަކީ އެ ޤައުމެއްގެ މީހުން އެ ޤައުމުގެ އަންނަން އޮތް ޖީލްތަކަށް ރައްދުކޮށް ދިނުމަށް ހޮވާ ނަގާ އެ ޤައުމެއްގެ އެންމެ ހަރުދަނާ އާދަކާދަތަކެވެ. ޤައުމުގެ މިނިވަން ކަމެވެ. ދިވެހި ސަގާފަތެވެ. ފަސޭހަ ބަސްމޮށުންތެރި ކަމެވެ. ތަނަވަސް ވިސްނުމެވެ. ދީނެވެ. އަމާންކަމާއި ކުށްކުރުންމަދު މާހައުލެވެ. މިކަންކަން މަދަރުސީ ތަޢުލީމުން ދަރިވަރުންނަށް ފޯރުކޮށްދެވޭ ތޯއެވެ؟

ރާއްޖޭގައި މިހާތަނަށް އެންމެފުޅާކޮށް ބެލެނިވެރިންގެ ކިބައިން ތަޢުލީމުގެ ބޭނުމާ ބެހޭގޮތުން ޚިޔާލު ހޯދިފައިވަނީ މީގެ ދެތިން އަހަރެއްގެ ކުރިން ފަށާ ތަޢުލީމުގެ މަހާސިންތާއަކަށް ތައްޔާރުވުމުގެ ގޮތުންނެވެ. މިހޯދުންތަކުން ފާހަގަވީ ކަމަކީ ތަޢުލީމުގެ ޤައުމީ މަޤްޞަދަރަކީ މިހާރަށްވެސް ފެތޭ އަމާޒެއްކަމެވެ. ބެލެނިވެރިން ބޭނުންވަނީ އެ މަޤްޞަދުތައް މަދަރުސާތަކުން ޙާޞިލްކޮށްދޭށެވެ. އެހެންވިއްޔާ، އަޅުގަނޑުމެން އެދޭ ނަތީޖާ، ހަރުދަނާ ދަރިވަރުން، ނުނެރެވިގެން އުޅެނީ ކީއްވެގެން ތޯއެވެ؟
މިއީ ޤައުމީ ސުވާލެކެވެ. ކޮންމެ މަންމައަކާއި ބައްޕައެއްގެ، ކޮންމެ ދިވެއްސެއްގެ ހިތުގެ އަޑީގައި ހިނގާނޭ ސުވާލެކެވެ. ދައުލަތުން އަދި އަމިއްލަ ފަރުދުން އަހަރަކު ތަޢުލީމަށް ހޭދަކުރާ ގާތްގަނޑަކަށް 500 މިލިއަން ރުފިޔާގެ އަގުހުރި ސުވާލެކެވެ.
އަޅުގަނޑަކަށް މިސުވާލުގެ ފުރިހަމަ ޖަވާބެއް ނުދެވޭނެއެވެ. އެއީ ފުރިހަމަ ޖަވާބެއް އަޅުގަނޑަށްވެސް ނޭނގޭތީއެވެ. ނަމަވެސް، މަދުރަސީ ތަޢުލީމަކީ ދިވެހި އާދަކާދައަށް ދަރިވަރުން ބީރައްޓެހިކުރާ އެއްޗެއްކަން އަޅުގަނޑަށް ޔަޤީނެވެ. އަދި ދަރިވަރުން އަމިއްލަ ސަގާފަތަށް ބީރައްޓެހި ވުމަކީ އެކުދިންނަށް އެކުދީންނަކީ ކޮންބައެއްކަން، ފަޚުރުވެރި މާޒީއެއްގެ ވާރުތަވެރިންކަން އޮޅޭނެ ކަމެއްކަން ކަށަވަރެވެ. ކުއްޖަކު ބޮޑުވާ މާހައުލަށް ބީރައްޓެހިވުމަކީ، މުޖްތަމަޢުގެ އުޞޫލުތަކާއި ހަމަތަކަށް ނަފުރަތު ކުރުމެވެ. މުޖުތަމަޢުން އިސްކަންދޭ ކަންތައްތަކާއި ޙުރުމަތްތެރިކޮށް ހިތާ ކަންތައްތަކަށް އަޅާނުލުމެވެ. މުޖްތަމަޢުން ބަލައި ނުގަންނަ ކަންތައްތަކާއި ނުރުހޭ ކަންތައްތަކާ ދޭތެރޭ ތަފާތު އިޙްސާސްތަކެއް ކުރެވެން ފެށުމެވެ. މުޖްތަމަޢުގެ ކަރާމަތަކީ ފަކުރެކޭ ހީކުރާ ޒުވާނުން މުޖްތަމަޢުން ކުށްކަމަށް ދެކޭ ކަންތައްތައް ކުރުމަކަށް އެއްވެސް ސިހުމެއް ނުތަނަވަސްކަމެއް އިޙްސާސެއް ނުކުރާނެއެވެ. އެއީ އެ މުޖްތަމަޢަކީ، އެ މުޖުތަމަޢުގެ ރީތި އުޞޫލުތަކަކީ، އެކުދިން އަގުކުރާ އެއްޗަކަށް ނުވާތީއެވެ. ބައެއް ވިސްނުންތެރިން ބުނެއުޅެއެވެ. މީހުން ކުށް ނުކުރަނީ ދެ ސަބަބަކާ ހެދިއެވެ. އެއްސަބަބަކީ އެކަމެއް ކުރުމުން މުޖްތަމަޢުން ވަގުތުން އަންނާނޭ އަދަބަށް ބިރަށެވެ. ދެވަނަ ސަބަބަކީ ފަހުން، އާޚިރަތުގައި އަންނާނޭ ޢަޒާބުގެ ބިރުވެތިކަމެވެ. މި ދެ ސަބަބު ނެތިއްޖެނަމަ، މީހާގެ އުޅުމަށް މިސްރާބު ދައްކާނީ އޭނާގެ އެދުންތަކެވެ. މުޖުތަމަޢަށް ޙުރުމަތްތެރިކަން ކަނޑުވާލެވޭ މީހުން، މުޖުތަމަޢުގެ ފަރާތުން ކުށްކުރުމުން ލިބޭނޭ އަދަބަކަށް އެއްވެސް ބިރެއް ނުގަންނާނެއެވެ. ދީންވެރިކަން ނެތީވިއްޔާ އާޚިރަތަކަށް ބިރުވެތިކަމެއް ނޯންނާނެއެވެ. އެހެންކަމުން އެކުދިންގެ ޙަޔާތުގެ ހުންގާނަކަށް ވާނީ އެއިރަކު އެކުއްޖަކު ބޭނުންވާ ހިތްހަމަޖެހުމާއި އުފަލެވެ. އެ ހިތްހަމަޖެހުމެއް ލިބެން އޮތްގޮތަކަށް ހޯދުމަކީ އެކުދިންގެ ނަޒަރުގައި އެންމެ ރަނގަޅު ކަމެކެވެ. މިހެންވުމުން، ތަފާތު ދެވި ހިފުންތަކަށް ޚަރަދުކުރުމަށް ކޮންމެ ގޮތަކުންވެސް ފައިސާ ހޯދާކަށް ޖެހިލުމެއް ނުވާނެއެވެ. ވައްކަންކުރުމާއި ހަށިވިއްކުމެވެ. އަދި މިނޫނަސް މިފަދަ ޖަރީމާ ތަކެވެ.

ޒުވާނުން މުޖްތަމަޢުގެ މައި އޮއިން އެއްކައިރިއަށް ނުވަތަ ޙަވާސާއަށް ގެންދާ ސަބަބުތަކަކީ ގިނަގުނަ ކަންތައްތަކެވެ. އަޅުގަނޑު ދެކޭ ގޮތުގައި މިކަމަށް ބާރުފޯރުވާ އެއް ސަބަބެއް ކަމުގައި ގެއްލެމުންދާ ދިވެހި ބަސް ވާނެއެވެ. ބަހަކީ މުޖްތަމަޢެއް އެކަތިގަނޑެއްގެ ގޮތުގައި ދެމިއޮތުގެ އެންމެ މުހިންމު ތެރަހެވެ. މި ޚިޔާލަށް ބާރުދޭ، އިންކާރުކުރަން ދަތި އެއް ދަލީލަކީ އިޒްރޭލެވެ. އެކި ޤައުމުތަކުން އިޒްރޭލަށް ވަޒަންވެރިވާން އަންނަ ޔަހޫދީންނަށް އެއްވިސްނުމެއް ދިނުމަށްޓަކައި، ޔަހޫދީ ސަރުކާރުން ބޭނުންކުރަނީ ޔަހީދޫ ބަހެވެ. ހިބްރޫއެވެ. ހުރިހާ ކަމެއްގައި މިބަސް ބޭނުންކުރެއެވެ. މަދަރުސާތަކާއި ވިޔާފާރީގައެވެ. އިޖްތިމާޢީ ދިރިއުޅުމާއި ހުރިހާ ރަސްމީ ކަމެއްގައެވެ. އެތައް ކުލައެއްގެ، ތަފާތު ޤައުމުތަކުން އަންނަ މީހުންގެ ކިބައިގައި ޤައުމިއްޔަތުގެ ރޫޙު އުފެއްދުމަށް ބޭނުންކުރާ ހަތިޔާރަކީ ބަހެވެ.

ރަޝިޔާއިން އެމީހުންގެ ދަށަށް ގެނައި ޤައުމުތަކުގައި ރަޝިޔާ ބަސް ބޭނުންކުރުން މަޖުބޫރު ކުރުވިއެވެ. ނަތީޖާއަކަށްވީ، ޤައުމުގެ ޒުވާނުންގެ ވިސްނުން، މަޑުމަޑުން ނަމަވެސް ހަމަކަށަވަރުން، ކޮމިޔުނިސްޓް ވިސްނުމަށް ބަދަލުވެގެން ދިޔުމެވެ. މޮންގޯލިއާ ހިފި ދުވަސްވަރު ހަނދާނަށް ގެންނަމާތޯއެވެ؟ ނޫނީ ޔޫރަޕްގެ ބައެއް ޤައުމުތައް އެފްރިކާއަށް އެމީހުންގެ އިސްތިޢުމާރީ ބާރު ފަތުރާލިގޮތް ވިސްނާލަމާތޯއެވެ؟ މިއިން ކޮންމެ ޙާލަތެއްގައިވެސް، ޤައުމުގެ ރައްޔިތުންގެ ވިސްނުން އެހެން ގޮތަކަށް އެނބުރުވުމަށް ބޭނުންކުރި ހަތިޔާރަކީ ބަހެވެ. ޚުދު ރައީސުލްޖުމްހޫރިއްޔާވެސް މިކަމަށް އިޝާރާތް ކުރައްވާ ފަތްތޫރައިގެ އެއްވަނަ ޢަދަދުގައި ލިޔުއްވާފައި ވެއެވެ. [ޤައުމިއްޔަތުގެ މައިގަނޑު އަޞްލަކީ ޤައުމީ ބަސް ފިޔަވައި ދެވަނައެއް ނޫނެވެ.... އަޅުގަނޑުމެންގެ އަމިއްލަ ބަސް އުވިގެން ހިނގައްޖެނަމަ އެ އުވިގެން ދަނީ އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެންމެ ޚާއްޞަ އެއް ބިންގަލެވެ. އޭގެ ފަހުގައި ދިެވހި ޤައުމިއްޔަތެއް އޮންނާނޭ ކަމަކަށް އަޅުގަނޑު ހަމަގައިމުވެސް ނުދަންނަވާނަމެވެ.]
އަޅުގަނޑަށް ޔަޤީނެވެ. މުޖްތަމަޢެއްގައި މުޢާމަލާތްކޮށް އުޅޭ ބަހާއި އެޤައުމެއްގެ ކުޑަކުދިން ތަރުބިޔަތުކުރެވޭ ބަހާއި ތަފާތުކުރުމަކީ ކުދިންތައް މުޖްތަމަޢަށް ބީރަށްޓެހި ކުރެވޭނޭ ކަމެއްކަން ކަށަވަރެވެ.

ޢިލްމުވެރިން ގިނަ، ޚިޔާލުތައް ގިނަ އިންޑިޔާގެ މަދަރުސާތަކުގެ ޤައުމީ މުޤައްރަރާބެހޭ ފޮތުގައި ބުނެފައިވެއެވެ. [ކުޑަކުއްޖެއްގެ ވިސްނުމާއި ޝުޢޫރުތަކާއި ރޫޙީ ކުރިއެރުމަށް އެންމެ އަސަރުކުރުވާ ބާރަކީ މާދަރީ ބަހެވެ. މާދަރީބަސް މާދަރީބަހަކަށް ވަނީ މަންމަގެ ބަހަށް ވާތީކީ ނޫނެވެ. މަންމަ ފަދައިން، ދަރިއެއްގެ ވިސްނުމާއި ޝުޢޫރުތައް ބައްޓަންކުރާ އެންމެ މުހިންމު ވާސިޠާއަށް އެވާތީއެވެ. އެކުދިންނަށް ދޭހަވާ އެއްޗަކާއި، ދޭ އިޖާބައާއި އީޖާދީ ޙަރަކާތްތަކާއި ވިސްނުމާއި ކަންކަން ތަޙުލީލުކުރުން އެންމެމަތީ ފެންވަރަކަށް ތަރައްޤީ ކުރެވެނީ މާދަރީ ބަހުންނެވެ. ވީމާ، އެންމެ އެދެވޭގޮތަކީ ކިޔަވައި ދިނުމުގެ ހުރިހާ ފިޔަވައްސެއްގައި ބޭނުންކުރާ ބަހަކީ މާދަރީ ބަހަށް ހެދުމެވެ.] އެންމެ ޅަފަތުގައި ދެ ބަހަކުން ކިޔަވައިދިނުމަކީ، އަދި މިކިޔަވައިދިނުމުގައި ބީރައްޓެހި ބަހަކަށް ދެވޭބާރަކީ ޅަކުދިންނަށް [އެގަހު ކޭލެއް، މިގަހު ކޭލެއް ވަކިނުވެ] ޚިޔާލެއް ހުށަހެޅުމަށް ނުކުޅެދުންތެރިކަން އުފައްދާ ކަމެކެވެ. މިއީ އެތައްގިނަ ޢިލްމީ ދިރާސާތަކަކުން ސާބިތުވެފައިވާ ޙަޤީޤަތެކެވެ.
ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގައި ދިވެހިބަސް ކިޔަވައި ދިނުމުގައި ބޭނުންނުކުރާކަމީ ޤައުމީ ނަޒަރަކުން ބަލާއިރު ނުހަނު ހިތާމަކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުގެ ނަޒަރުގައި ޒުވާނުން މުޖުތަމަޢަށް ދިވެހި ގޮތްތަކަށް، ބީރައްޓެހި ކުރުވާ އެންމެ މުހިންމު ސަބަބަކީ މިއީއެވެ. ރާއްޖޭގެ ކުށްކުރުން ހަމައިން ނެއްޓިގެންދާ އެއްސަބަބަކީ މިއީއެވެ. އަދި މަސައްކަތްތެރިކަމާ ޒުވާނުން ރައްޓެހިނޫން ސަބަބަކަށްވެސް މިކަން ހިމެނޭމެއެވެ.

މިޒަމާނުގައި ދިވެހިވަންތަކަން ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ބޭފުޅުންނަކީ، އަދި ބޭނުންފުޅު އެއްޗެއް ފަސޭހަކަމާއެކު ވިދާޅުވެވޭ ބޭފުޅުންނަކީ އެބޭފުޅުންގެ ޅަފަތުގެ ތަޢުލީމު ދިވެހިބަހުން ހޯއްދެވި ބޭފުޅުންނެވެ. ބޭރު ޤައުމުތަކުން ފަށާ ތަޢުލީމު ހޯއްދެވި ބޭފުޅުންނެވެ. ބޭރު ޤައުމުތަކުން ފަށާ ތައުލީމު ޙާޞިލްކުރާ ކުދިންގެ ޚިޔާލާތު ވަޒަން ކޮށްލެއްވުމަށް އަޅުގަނޑު ދޫކޮށްލާނީ ތިޔަ ބޭފުޅުންނަށެވެ. ޢަދަދުނުކުރެވޭ ޢިލްމީ ދިރާސާތަކުން އެނގެނީ ބޭރުބަހެއް ކިޔެވުމަށް އެންމެ ރަނގަޅީ މާދަރީބަސް މެދުވެރިކޮށްގެން ކަމެވެ. މިކަމަށް ހެކިދޭ ބުރުހާނުތައް ބައިވަރެވެ. އެއްބަހަށް ކުޅަދާނަމީހާ ވެފައި އޮންނަނީ ދެވަނަ ބަހަށްވެސް ކުޅަދާނަ މީހަކަށެވެ. މުޙައްމަދު އަމީނު މޮޅުފުޅީ ހަމައެކަނި ދިވެހި ބަހަކަށް ނޫނެވެ. އުރުދޫ ބަހަށެވެ. އިނގިރޭސި ބަހަށެވެ. މިފަދަ ބޭފުޅުންގެ ލިސްޓަކީ ދިގު ލިސްޓެކެވެ. ޢިލްމީ ހަމަތަކުން ބަލާއިރު އެކި ބަސްބަސް އަސަރުގަަދަކޮށް ބޭނުންކުރުމުގައި އާދަޔާ ޚިލާފު އެއްގޮތްކަމެއް ހުންނަކަމަށް ބަހުގެ ޢިލްމުވެރިން ހެކިވާނެއެވެ.

ފަށާ ތަޢުލީމު ޢާންމުވެ ފެށިގެން އައި ދުވަސްވަރު، ރާއްޖޭގައި ކިޔަވައިދެމުން އައީ ދިވެހި ބަހުންނެވެ. ނަމަވެސް ވޭތިވެދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ދިވެހިބަހުން ފަށާ ތަޢުލީމު ކިޔަވައިދިނުން މުޅިންހެން އުވި ހިނގައްޖެއެވެ. މިކަމަށް މެދުވެރިވި ދެ ސަބަބެއް ދަންނަވާ ލާނަމެވެ. ފުރަތަމަ ސަބަބަކީ ރާއްޖެތެރޭގައި ދެވެންފެށި ޓެސްޓެކެވެ. އާދެ! ފަށާ ތަޢުލީމު ނިމުމަށްފަހު، ސާނަވީ ތަޢުލީމުގެ ކިލާސްތައް ފެއްޓެނީ ގްރޭޑް7ގެ ދަރިވަރުންނަށް ދެވޭ ޓެސްޓަކުން ވަކި މިންވަރެއް ފާސްވުމުންނެވެ. މިޓެސްޓަކީ ހަމައެކަނި އިނގިރޭސިބަހުން އޮންނަ ޓެސްޓެކެވެ. ޓެސްޓްކުރެވޭ މާއްދާތައް ދިވެހިބަހުން ގްރޭޑް 7 ގައި ކިޔަވައެއް ނުދެވެއެވެ. ކިޔަވައިދިން ކަމުގައި ވިއަސް ޓެސްޓް އޮންނަނީ އިނގިރޭސި ބަހުންނެވެ. މާތްﷲ ރަޙްމަތްފުޅުން، ދިވެހީންނަކީ އެމީހުންގެ ދަރިންނަށް ކިޔަވައިދޭ ހިތްވާ ބައެކެވެ. ނަތީޖާއަކަށް ވަނީ މިޓެސްޓުން ފާސްވުމުގެ ފުރުޞަތު ބޮޑުކުރުމަށްޓަކައި، އިނގިރޭސިބަހަށް ފަށާ ތަޢުލީމު ބަދަލުކޮށްލުމެވެ. ކަމަށް އެކަށީގެންވާ މުދައިރސުން ނެތް ނަމަވެސް މެއެވެ. ދެވަނަ ސަބަބަކީ، ސާނަވީ ނިންމާފައިދޭ އިމްތިޙާނެވެ. ޖީސީއީ އޯ ލެވެލް އިމްތިޙާނެވެ. އޯ ލެވެލް އިމްތިޙާނަކީ އިނގިރޭސި ބަހުން އޮންނަ އިމްތިޙާނެއް ކަމުން، މިބަސް އެނގުމުން އިމްތިޙާނުގެ ނަތީޖާ ރަނގަޅުވާނެކަމަށް ބަޔަކު ހީކުރެތެވެ. މި އިމްތިޙާނަކީ އޭގައި ބައިވެރިވާ ގިނަކުދިން ފޭލިވާ އިމްތިޙާނެކެވެ. ނަތީޖާއެއްގެ ގޮތުން ދިހައަހަރުގެ ތަޢުލީމަށްފަހު، ދަރިވަރުންގެ ތެރެއިން ގިނަކުދިން ކުރިމަތިލާ ނާކާމިޔާބަކީ، އެކުދިންގެ ޢިއްޒަތުއްނަފުސަށް ނުބައި އަސަރަތުކެއް ކުރުވާނެ ކަމެކެވެ. ކާމިޔާބަކީ އިތުރު ކާމިޔާބަށް ފުރުޞަތު ތަކެކެވެ. ފޭލިވިކަމުގެ ސިއްކަޖެހޭ ކޮންމެ ކުއްޖަކީ ވަރަށް ހިތްދަތި އިޙްސާސްތަކެއް ކުރާނޭ ކުއްޖެކެވެ. މީގެ ބަދަލުގައި، އެހެން މާއްދާތަކަށްވެސް އެސް.އެސް.ސީ އިމްތިޙާނެއް ޤާއިމް ކުރެވިއްޖެނަމަ، އިމްތިޙާނުތައް ޤައުމުގެ ބާރުފޯރާ ހިސާބަށް ގެނެވުނީއެވެ. ބޭރަށް ގެއްލޭ އެތައް ފައިސާއެއް އަނބުރާ ގެނެވުނީއެވެ. މައިންބަފައިން އިމްތިޙާނަށް ދައްކާ ފީ އެތައްތަނެއް ކުޑަ ކުރެވުނީއެވެ. މީގެ އިތުރަށް ދިވެހި މާހައުލަށް ފެތޭގޮތަށް އިމްތިޙާނުކޮށް ހެދުމުގެ ފުރުޞަތު މަތިވީއެވެ. މިހާރުގެ އިމްތިޙާނަކީ ބޭރު އިމްތިޙާނެއްކަމުން، މުޤައްރަރަކަށް ރާއްޖޭގެ އެއްވެސް ކޮންޓްރޯލެއް ނެތެވެ. ދަރިވަރުން އޯލެވެލް އިމްތިޙާނަށް ދަސްކުރަންޖެހޭ ކިތަންމެ އެއްޗަކީ އެއްވެސް ގޮތަކަށް އޭގެ ބޭނުން ރާއްޖޭގައި ކުރަން ނުޖެހޭނެ، ކުދިންނާއި ޤައުމާއި އެކުދިންގެ ބޭނުންތަކާ ނުގުޅޭ ތަކެއްޗެވެ. ބޭރުގެ އިމްތިޙާނުތަކަށް ދަރިވަރުން ތައްޔާރުކުރުމުން އެކުދިން ތަރުބިއްޔަތު ކުރެވެނީ ދިވެހި މާހައުލަކަށް ނޫނެވެ. ކަމުގެ ނަތީޖާ ކުރިން ދެންނެވުނީއެވެ. ކުރާ ކެނޑޭނީ އިންދާ ގޮވާމުގެ ބާވަތަކުންނެވެ.

އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ރާއްޖޭގެ ދަރިވަރުން މަސައްކަތްތެރިކަމަށް ފޯރިއެއް ނުހުންނަ ސަބަބު ގުޅިފައިވަނީވެސް ބަހާއި މަންހަޖު ނުވަތަ ކަރިކިޔުލަމާއެވެ. އޯ ލެވެލް އިމްތިޙާނަކީ މަސައްކަތްތެރިކަމުގެ މަންހަޖަކަށްވުރެ ބޮޑަށް މަތީ ތަޢުލީމާ ގުޅިފައިވާ އެއްޗެކެވެ. އެ މަންހަޖުން ގިނަ ކުދިންނަށް މަގު ދައްކާނީ މަތީ ތަޢުލީމަށެވެ. އަތުންފައިން މަސައްކަތް ކޮށްގެން ކުރާ މަސައްކަތްތެރިކަމާއި އަދި މިހާރު ރާއްޖެއަށް ވަރަށްބޮޑަށް ބޭނުންވެފައިވާ ފަންނީ މަސައްކަތްތެރިކަމަށް އެ މަންހަޖު ދަރިވަރުން ބީރައްޓެހި ކުރެއެވެ. އެހެންކަމުން، މަސައްކަތްތެރިކަމަކީ ޤައުމީ މަންހަޖުގައި މާއްދާތަކުގެ ގޮތުން، އަދި ކިޔަވާދޭގޮތުން އިސްކަމެއްނުދެވޭ ކަމަކަށް ވެއްޖެނަމަ، މިއަދުގެ ދަރިވަރުން، މާދަމާގެ ޒަވާނުން އެކަމަށް ޝައުޤުވެރިކަމެއް ނުހުންނާއެވެ. ގިނަ ދިވެހި ކުދިން އުޅެބޮޑުވެ ނިޔާވާނީ އެކުދިންގެ އަމިއްލަ ރަށުގައެވެ. މި މާހައުލަށް މިކުދިންނަށް ފައިދާކުރާނެ ގޮތަށް މަންހަޖު ފުރިހަމަ ކުރުމަކީ މަދްރަސީ ތަޢުލީމަށް އަންނަންޖެހޭ އެދެވޭ ބަދަލެއްކަން ކަށަވަރެވެ.
އާދެ! ދިވެހިބަހުން ފަށާ ތަޢުލީމުދޭ ވާހަކަ ދައްކާއިރު މިކަމާ އިދިކޮޅަށް ނެރޭ ޚިޔާލުތައް ދަންނަވާ ލާނަމެވެ. ބައެއް ބޭފުޅުން ވިދާޅުވަނީ ދަރިވަރުންނަށް އިނގިރޭސި ބަހުން ދެވޭ ތަޢުލީމުގެ އޮށްޓަރު ރަނގަޅު ކަމަށެވެ. މިހެން ވިދާޅުވަނީ އޮށްޓަރު އަޅާ ނުބެއްލެވޭ ބޭފުޅުންނެވެ. މީގެ ފަންސާސް އަހަރުގެ ކުރިން މުޙައްމަދު އަމީން ލިޔުއްވައި ނެރުއްވާފައިވާ ކިޔަވާކުދިން ބޭނުންކުރި [ޢާންމު މަޢުލޫމާތު] ގެ އޮށްޓަރު މިހާރުގެ ކިޔަވާ ފޮތްތަކާ އަޅާބަލާއިރު މަޢުލޫމާތުގެ ގޮތުން އެތައް ގުނައެއް މުއްސަންޖެވެ. އޮށްޓަރު ހަރުދަނާއެވެ. މިއީ މީގެ 60 އަހަރު ކުރީގެ ފޮތެކެވެ. އިނގިރޭސި ބަހުން އަޅުގަނޑުމެންނަށް މިކިޔަވާ ދެވެނީ އެފަދަ ފޮތްތަކުގައިވާ މިންވަރުގެ ކުޑަ ކަސްރެކެވެ. ބައެއް މީހުން ހީކުރަނީ އެއްޗަކަށް ކިޔާނަން އިނގިރޭސި ބަހުން އެނގިފައި އެ ލަފްޒުގެ އިސްޕަލިންގ އެނގުނީމާ އެއީ ޢިލްމު ކަމަށެވެ. އެއީ ރަނގަޅު ވާހަކައެއްނަމަ ދުނިޔޭގައިވާ އެންމެ ޢިލްމުވެރި މީހުންނަށް ވީހީ އިނގިރޭސިންނެވެ. ނަމަވެސް ވިސްނާލުމުން ފާހަގަކުރެވެނީ އެބައެއްގެ އަމިއްލަ ބަހަށް އަދި ސަޤާފަތަކަށް އިސްތިޢުމާރީ ބާރުތަކުގެ ބަހާއި ސަޤާފަތް ހެދި އެފްރިކާގެ މީހުންވަނީ އިނދަޖެހިފައި ކަމެވެ. ކުރިއަރައި ދިޔައީ އެބައެއްގެ އަމިއްލަވަންތަކަށް އިސްކުރި މީހުންނެވެ. ޖަޕާނާއި ޗައިނާއެވެ. ކޮރެއާ އާއި ފްރާންސެވެ. ޓައިވާނާއި ރަޝިޔާއެވެ.

އަޅުގަނޑުގެ ނަޒަރުގައި ދިވެހިރާއްޖޭގެ ކޮންމެ މަދަރުސާއެއްގައި އިނގިރޭސިބަސް ކިޔަވާދެން ޖެހޭނެއެވެ. އަދި އެހެން ބަސްބަސްވެސް ކިޔަވައިދޭން ޖެހޭނެއެވެ. ނަމަވެސް މިހާރު އިނގިރޭސިބަހަށް ދީފައިވާ އިސްކަމަކީ ޤައުމީ ނަޒަރަކުން ބަލާއިރު އަދި ޢިލްމީ ރޮނގުން ވިސްނާއިރު އެދެވޭ އަހުމިއްޔަތެއް ނޫނެވެ.

ކުޑަކުދިންގެ ކިޔެވުމުގައި މައިންބަފައިންގެ މަގުދެއްކުމަކީ ތަރުބިއްޔަތަށް މުހިންމު، ނަފްސާނީގޮތުން ބޭނުންތެރި ކަމެކެވެ. އެންމެ ޅަފަތުގައި އިނގިރޭސިބަހުން ކިޔަވައިދިނުމުން ގިނަ ބެލެނިވެރިންނަށް އިނގިރޭސިބަސް ނޭނގުމާއެކު ދަރިވަރުންނަށް މަދަރުސާގެ ފިލާވަޅު ތަކުގައި އެހީތެރިވުމަށް ދަތިވެއެވެ. އަދި ބައެއް ސްކޫލްތަކުގައި ދިވެހި/އިސްލާމް ގަޑި ފިޔަވައި ދިވެހިބަހުން ވާހަކަދެއްކުމަކީ މަނާ ކަމެކެވެ. އެއް އިރެއްގައި ދިވެހިބަހުން ވާހަކަ ދައްކާ ކުދިން ޖުރުމާނާކޮށްވެސް އުޅެނެވެ. ނަތީޖާއަކަށްވަނީ، މައިންބަފައިންނާއި ދަރިންނާ ދޭތެރޭ އޮންނަންޖެހޭ ގުޅުމަށް ނޭދެވޭ އަސަރެއް ކުރުމެވެ. ދަރިންގެ އިޙްތިރާމް މައިންބަފައިންނަށް ގެއްލުމެވެ. މައިންބަފައިންގެ ކޮންޓްރޯލް ދަރިންގެ މައްޗަށް ގެއްލުމެވެ. 1998 ވަނަ އަހަރު ނޮވެމްބަރުމަހު މެލްބަންގައި ބޭއްވުނު 21 ވަނަ ޤަރުނުގެ ތަޢުލީމާބެހޭ މަހާސިންތާގައި ޕެޕުއާ ނިއުގިނީގައި 867 ބަހުން ވާހަކަ ދައްކައެވެ. އެއީ ދުނިޔޭގައި ވާހަކަ ދައްކާ އުޅޭ ބަސްތަކުގެ ފަސްބައިކުޅަ ހަތަރު ބައެވެ. އޭނާ ވިދާޅުވިއެވެ. 1995 ވަނަ އަހަރު އަހުރެމެން ޕެޕުއާ ނިއުގިނީގައި ވާހަކަ ދައްކާ އުޅޭ 867 ބަސް އެއީ ފަށާ ތަޢުލީމުގެ ފުރަތަމަ ތިން އަހަރު ކިޔަވައިދޭންޖެހޭ ބަސްކަމަށް ރައްޔިތުންގެ މަޖިލިހުން ޤާނޫނެއް ފާސްކޮށްފީމެވެ. އަހަރުމެން ބޭނުންވަނީ ރަށްފުށުގައި އުޅޭ އަހަރެމެންގެ މައިންބަފައިންނަކީ ދަރިންގެ މުދައްރިސުންނަށް އަދި ސަޤާފީ އެދުރުންނަށް ވުމަށެވެ. އަހަރެމެން ޝައްކެއްނެތި ޤަބޫލުކުރާ ގޮތުގައި މުޅި ޢުމުރުގައި ކިޔެވުމުގައި އުޅުމަށް ބޭނުންނަމަ، ކުޑަކުއްޖެއްގެ ޝަޚްޞިއްޔަތުގެ ބިންގާ ބިނާކުރަން އެންމެ ފުރަތަމަ ބާއްވާ ގަލަކީ އެންމެ މުހިންމު ގަލެވެ. ސަޤާފީ ގާތްކަން އެންމެ ހަގު ދުވަސްވަރު އަށަގަންނުވަން ޖެހޭނެއެވެ.]

ދަރިވަރުންގެ ތަރުބިއްޔަތުގައި މުދަރުސާގެ ރޯލު ހަރުދަނާ ކުރުމަށްޓަކައި އިތުރު ޙަރަކާތްތަކެއް ތަޖުރިބާ ކުރުމަށް، އައު ވިސްނުމަށް، އިންތިހާއަށް ވަނީ ބޭނުންވެފައެވެ. މިގޮތުން ފާހަގަކުރެވޭ އެއްކަމަކީ، މިހާރު އޮންނަ ތަފާތު ދަންފަޅި ތަކުގައި ކިޔަވާދިނުމުގެ ބަދަލުގައި އެއް ދަންފަޅިއަކަށް މަދަރުސާތަކުގެ ކިޔަވައިދިނުން ބަދަލުކޮށްލުމެވެ. މިއީ އިންތިހާއަށް ޚަރަދުބޮޑު، ޚިޔާލުގެ އަހުގެ ލަގަނަށް ވަރަށްބޮޑު ދުލެއްދީގެން ނޫނީ ބައެއް މީހުންނަށް ކުރެވިދާނޭ ކަމަކަށް ޤަބޫލުވެސް ނުކުރެވޭނޭ ކަމެކެވެ. ނަމަވެސް ދުނިޔޭގެ އެހެން ޤައުމުތަކުގައި، ރާއްޖެފަދަ ކުދި އެތައް ޤައުމެއްގައިވެސް މިކަން މިގޮތަށް ހަމަޖެހިފައި ވެއެވެ. އަޅުގަނޑުގެ ނަޒަރުގައި މުސްތަޤްބަލުގެ ޖީލަށްޓަކައި މިކަމަށް ވިސްނަންޖެހޭ ވިސްނުމާ، ކުރަންޖެހޭ ޚަރަދަކީ ޤައުމިއްޔަތުގެ ނަޒަރުން ބަލާއިރު ދާދި ކުޑަ އެއްޗެކެވެ.

ދިވެހިރާއްޖޭގެ މަދްރސީ ތަޢުލީމުވަނީ ހަތަރު އަނގޮޅި އެއްގައެވެ. މަންޒިލަށް ވާޞިލްވުމަށްޓަކައި މިޞްރާބެއް ކަނޑައަޅަންޖެހޭ ހިސާބެއްގައެވެ. ކުރިއަށްދާނެ ތިން މަގެއް އަޅުގަނޑުމެންނަށް ފެނެއެވެ. ނަމަވެސް ވަކިމަގަކުން ދަތުރުކުރުމުން ދެވޭނީ ކޮން މަންޒިލަކަށް ކަމެއް ގައިމެއް ނޫނެވެ. ޔަޤީންވަނީ އާދެވުނުމަގުން އެދެވޭ މަންޒިލަށް ނުފޯރިކަމެވެ. ނަމަވެސް ކަޑައްތުކުރެވުނު އަޑިގުނޑަންތަކާއި ހުރަސްތަކުން މުއްސަނދި ތަޖުރިބާތަކެއް ލިބިއްޖެއެވެ. މުސްތަޤްބަލާ ދޭތެރޭ އިތުބާރު ބޮޑުވެއްޖެއެވެ.
-ނިމުނީ-


ޑރ. ޙަސަން ޙަމީދު (2002).ފުރަދާނަ (ނަންބަރު،04 ވޮލިއުމް04).ފެކަލްޓީ އޮފް އެޑިޔުކޭޝަން، މާލެ.

އިދާރާ

އެނގޭތަ؟

ވާހަކަ