އަދުގެ ޚާއްސަ

Print

އިސްލާމްދީން އައުމުގެ ކުރިން ދުނިޔޭގެ ޙާލަތާއި އޭގެފަސް

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ އެނގޭތަ


އިބްރާހީމް އަޙްމަދު

އިސްލާމްދީނުގެ އަލިކަން ދުނިޔެއިން ފާއްދާލުމުގެ ކުރިން ދުނިޔެ އޮތް ޙާލަތަކީ އިންސާނީ ތާރީޚް ދުށް އެންމެ ދަށުދަރަޖައިގެ ޙާލަތެވެ. މިގޮތުން ދީނީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ސިޔާސީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ބެލިނަމަވެސް ދުނިޔޭގެ ހުރިހާ ކަމެއްގައިވެސް ފެންނަނީ ހަމަނުޖެހުން ޢާއްމުވެފައިވާ ތަނެވެ. އަދި ޖާހިލުކަމުގެ މަންހަޖު އިންސާނާގެ ފިކުރާއި ޢަޤީދާއާއި ތަޞައްވުރުގެ މައްޗަށް ވެރިވެގެންފައި ވެއެވެ. މިހެންވުމުން ޖާހިލުކަމާއި ފާޖިރުކަމާއި ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ބިނާވެފައިވާ ދަށްފެންވަރުގެ ޢަމަލުތަކުންނާއި އިންސާނާގެ ހިތުގައި އުފެދޭ ބޮޑާކަމާއި ކިބުރުވެރިކަން މުޖުތަމަޢަށް ޢާއްމުވިއެވެ. އަދި ޖާހިލިއްޔަތުގެ އެންމެ ފާޅުކަން ބޮޑު މަންހަޖަކީ މީސްތަކުންގެ ދިރިއުޅުމުގެ މައްޗަށް ވެރިވެ ގަތުމެވެ. މުޅި ދުނިޔޭގައިވެސް އަމަން އަމާންކަމެއް ސަލާމަތްކަމެއް ނެތެވެ.

ހަމަ އެހެންމެ އޭރު ދުނިޔޭގެ ޙާލަތު އޮތްގޮތަށް ބަލާއިރު ދެންނެވެން އޮތީ ދުނިޔޭގައި އޮތް ސަމާވީ ދީންތަކަކީ އިންސާނުން ބޭނުންހާ ގޮތެއް އެއަށް ހަދައި އޮޅުން ބޮޅުންކޮށް ،އޮޅުވާ މަސްހުނިކޮށް ސަގަލާ ޖެހި އެއްޗަކަށްވުމުން ދީނުގެ އަހައްމިއްޔަތު މީސްތަކުންގެ ހިތްތަކުން ވަނީ ފޮހެވި ގޮސްފައެވެ. އެހެންވީމާ  ދީންތަކުގެ ތެރެއަށް އެބައިމީހުން ބޭނުންވާ ފާސިދު ފިކުރުތަކާއި އިންސާނީ އުޞޫލުތައް ވައްދާ މަސްހުނި ކުރިއެވެ. މިހެންވެ ދީން އޮޅުވާނުލައި ތިބި މީހުންނާ އެނޫން މީހުންނާމެދު ހަނގުރާމަތައް ވެސް ހިނގާފައި ވެއެވެ. މިކަމާއި ގުޅިގެން ބައެއް މީހުން ދީނުން ބޭރުވެ މުރުތައްދުވިއެވެ. އަނެއްބަޔަކު އެއްވެސް ދީނަކަށް އުޅޭން ބޭނުން ނުވެ ތިއްބެވެ.  އަނެއްބަޔަކީ ސަމާވީ ދީންތައް އެބައިމީހުން ހިތް އެދޭހާ ގޮތަކަށް ބަދަލު ކުރި މީހުންނެވެ. ޝަރުޢީ އުޞޫލުތަކަށް ބެލިނަމަވެސް ފެންނަނީ މީސްތަކުން ﷲގެ ޝަރީޢަތާ ދުރުވެ ފިޠުރަތުގެ އުޞޫލާ ޚިލާފަށް އެބައިމީހުންގެ އަމިއްލަ ޝަރީޢަތެއް ޤާއިމުކުރި ތަނެވެ.

ތަފާތު އެކިއެކި އުއްމަތްތަކުގެ ޙާލަތުވެސް ވަނީ އަނިޔާވެރިކަމާއި ހަމަހަމަކަމުން އެއްކިބާވެފައެވެ.  ދުނިޔޭގައި އޭރު އޮތް ދެބާރުން އެއްބާރު ކަމުގައިވާ ފާރިސީން އަޅުކަން ކުރަމުން ދިޔައީ ޠަބީޢީ އެކިއެކި ބައިތަކަށެވެ. އޭގެ ތެރެއިންވެސް ވަކިން ޚާއްޞަކޮށް އަލިފާނަށެވެ. އަލިފާނަށް އަޅުކަންކުރާ މަރުކަޒުތައް މުޅި ފާރިސްކަރައިގެ ހުރިހާ ދިހަމައްޗެއްގައި ވިއެވެ. އެބައިމީހުންގެ އަޅުކަމުގެ މަރުކަޒުގެ ތެރޭގައި އަދަބުތަކަކާއި އުޞޫލުތަކެއް ވިޔަސް އެތަނުން ބޭރުގައި އެމީހަކު ބޭނުންހާ ގޮތަކަށް އުޅުމުގެ މިނިވަންކަން އޮތުމުން ދީނެއް ނެތްބަޔަކާ މިބައިމީހުންނާ ދެމެދު އެއްވެސް ތަފާތެއް ނެތެވެ. މިބައިމީހުންގެ އުޅުން ހުރިގޮތް ސިފަކޮށް ޑެންމާކުގެ މުއައްރިޚަކު ލިޔުއްވާފައިވަނީ " އެބައިމީހުންގެ ވާޖިބަކީ ދުވާލަކު ހަތަރުފަހަރު އިރަށް އަޅުކަން ކުރުމެވެ.  އަދި އޭގެ އިތުރަށް ހަނދާއި އަލިފާނާއި ފެނަށްވެސް އަޅުކަން ކުރުމެވެ. މިބައިމީހުން ނިދުމާއި ހޭލުމާއި ފެންވެރުމާއި ކެއުމާއި ކިބިހި އެޅުމާއި ބޯބޭލުމާއި ނިޔަފަތި ކެނޑުމާއި ޤަޟާ ޙާޖަތް ކުރުމާއި މިފަދަކަންކަމާއި ގުޅުވައިގެން ޚާއްޞަ ދުޢާތަކެއް ކުރަން ޖެހެއެވެ. އަދި ޚާއްޞަކޮށް އަލިފާން ނުނިވުން އެދިގެން ދުޢާކުރުމާއި އަލިފާނާއި ފެނާއި ނުގުޅުމަށް އެދިގެންވެސް ދުޢާ ކުރަން ޖެހެއެވެ."

މަސީޙިއްޔަތަށް އުޅެމުންދިޔަ ރޯމަނުންގެ ޙާލަތަކީ އިލާހުން ގިނަވެ މީސްތަކުން ފަންތިތަކަށް ބަހައި އެބައިމީހުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކު ކުފުރުކޮށް އެއްބަޔަކު އަނެއްބަޔަކު ޤަތުލުކޮށް ފަސާދަކުރުމާއި ލޫޓުވުމުގައި ޝާމިލުވެފައި ވުމެވެ.  އަދި އިރަށް އަޅުކަން ކުރުމާއި ބުދަށް އަޅުކަން ކުރުމާއި  މިފަދަ ކަންކަމުގައި ޙައްދު ފަހަނައަޅައި ދިއުމެވެ. މިބައިމީހުންގެ ޢަޤީދާގެ އެންމެ މުހިންމު ބަޔަކީ ތިންކައުވަންތަ ކަމެވެ. ޝަހީދުންނާއި ވަލީވެރިންނަށް އަޅުކަން ކުރުމާއި ފާދިރީން ބޭނުން މީހަކު ސުވަރުގެ ވެއްދުމާއި ފާފަ ފުއްސަވާ ދިނުމާއި މިކަންކަމުގެ އިތުރަށް ޚުރާފީ ކަންކަން ޢާއްމުވެފައި ވިއެވެ. ހަމައެއާއެކު މީސްތަކުން އަޅުވެތިކޮށް އަޅުންނަށް ހެދިއެވެ. އެބައިމީހުން އަންހެނުންނާމެދު ދެކެމުން ދިޔައީ އެއީ ފާފައިގެ އަޞްލު ކަމުގައެވެ. އަދި ގަނެ ވިއްކޭ މުދަލެއް ކަމުގައެވެ.

ޔަހޫދީންގެ ޙާލަތަށް ބަލައިފިނަމަ ދީނީ ޛައުޤު މީސްތަކުންގެ ކިބައިން ގެއްލި ބުއްދީގެ އުޞޫލުތައް ގެއްލި  ހަމައެކަނި އެބައިމީހުންގެ މީހުން މުޤައްދަސްވެ އިންސާނީ އެހެނިހެން ދަރިފަސްކޮޅު ނަޖިހަށް ހެދިއެވެ. އަދި ޙަޤީޤަތްތަކާ ކުޅެނަގައި ދީނާއި ބުއްދިޔާއި ކުޅެލިއެވެ. އެބައިމީހުންގެ ދީނީ އުޞޫލުގައި އެއްވެސް ރޫޙެއް ނެތެވެ.  ޔަހޫދީންގެ ނޭއްގާނި ޢަމަލުތައް މިހެންހުރި އިރު އަޅުގަނޑުމެންގެ އަވަށްޓެރި އުތުރުކަރަ ނުވަތަ އިންޑިޔާގެ ހިންދީންނަކީ އެތަކެއް ކަލާނގެ ގެންގުޅުނު ބަޔެކެވެ. މައްސަލަ ޙައްލު ކުރަނީ ކަނޑުގެ ޤާނޫނާ އެއްގޮތަށް ގަދަ އެތި ބަލިއެތި ނައްތާލައިގެންނެވެ. އަންހެނުންނާމެދު ދެކެނީ ނަޖިހެއް ކަމުގައެވެ.

ޢަރަބިންގެ ޙާލަތަށް ބަލައިފިނަމަ ތަފާތު ގިނަ ބުދުތަކަކަށް އަޅުކަން ކޮށް އެބައިމީހުން އުޅުނެވެ.  " މިގޮތުން ހިލަހިލަގަނޑަށް އަޅުކަން ކުރާކަމަށް ބުނެ އުޅެއެވެ. އަދި މިހެން އުޅެނިކޮށް އެއަށްވުރެ ރީތި އެހެން ހިލަގަނޑެއް ފެނިއްޖެނަމަ އެހިލަގަނޑަކަށް އަޅުކަން ކޮށް އުޅެއެވެ."  އެބައިމީހުންގެ މެދުގައި ފާޙިޝް ޢަމަލުތައް ފެތުރިފައި ވެއެވެ. މިބައިމީހުންގެވެސް ޤާނޫނަކީ ޖަންގަލީގެ ޤާނޫނެވެ. އަންހެނުން ދިރިދިރިތިއްބާ ވަޅުލިއެވެ. މީސްތަކުންގެ ޙައްޤުތަކާމެދު ޣާފިލުވިއެވެ.

މިދަރަޖައިގައި އިންސާނީ ޙާލަތު ވަނިކޮށް ރަޙްމަތުގެ ރަސޫލާ ފޮނުއްވައި އެރަސޫލާ އިސްލާމްދީން ގެނެސްދެއްވިއެވެ. އެރަސޫލާ ފޮނުއްވެވުނީ ޢާލަމްތަކަށް ރަޙްމަތެއް ކަމުގައެވެ. ﷲގެ ވަޙީ ކުރައްވާފައި ވެއެވެ. وَمَا أَرْسَلْنَاكَ إِلاَّ رَحْمَةً لِّلْعَالَمِيْن  އަލްއަންބިޔާ 107 މާނައަކީ  "އަދި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މެނުވީ ތިމަން ﷲ ކަލޭގެފާނު ރަސޫލުކަމާއިގެން ނުފޮނުއްވަމެވެ." ރަސޫލާ އިސްލާމްދީނާއިގެން ވަޑައިގެން ދުނިޔެއިން ޖާހިލުކަން ފޮހެލެއްވިއެވެ. ދުނިޔެއަށް ތަޢުލީމު ގެނެސް ދެއްވާ ޢިލްމު އުނގެނުން ވާޖިބު ކުރެއްވިއެވެ. އަންހެނުންނާ ފިރިހެނުން ހަމަހަމަ ކުރައްވާ އިންސާނީ ކަރާމާތް  ހާމަ ކުރެއްވިއެވެ. ޢަދުލު އިންޞާފަށް ޢަމަލުކުރައްވާ މީސްތަކުންވަނީ ފުނަލުގެ ދަތްތައް ފަދައިން ހަމަހަމަ  ބައެއްގެ ގޮތުގައި ކަން އެންގެވިއެވެ. މާތްކަމަކީ ތަޤްވާވެރި ކަމުންލިބޭ ކަމެއްކަން ބަޔާން ކުރެއްވިއެވެ.

މުޅި ދުނިޔެ ޖާހިލުކަމާއި ޚުރާފާތާއި ބާޠިލު ޢަޤީދާއާއި އުޞޫލުތަކުން ނެރެ އެއްކައުވަންތަ އިލާހަށް އާދެ! ﷲ ތަޢާލާއަށް އަޅުކަން ކުރާނެ ފުރިހަމަ ގޮތް ބަޔާން ކޮށްދެއްވިއެވެ. އިންސާނުން އިންސާނުންގެ އަޅުވެތި ކަމުންނެރެ ﷲގެ އަޅުންނަށް އިންސާނުން ވާންވީ ގޮތްތައް ދަސްކޮށް ދެއްވިއެވެ. ދެން އެއާއިއެކު ޢަދުލު އިންޞާފާއި ރިވެތި އަޚްލާޤުން މުޖުތަމަޢު އަލިކުރިއެވެ. ރަސޫލާގެ ބަސްފުޅެއްގެ މާނައިގައި ވެއެވެ. " ތިމަން ކަލޭގެފާނު ފޮނުއްވެވުނީ ރިވެތި އަޚްލާޤު ފުރިހަމަ ކުރެއްވުމަށެވެ." އިންސާނުން ޖާހިލު ކަމާއި ބައިބައިވުމުން ނެރެ " ކޮންމެ މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެއްކަން" ބަޔާން ކުރެއްވިއެވެ. އަދި" ﷲ ވޮޑިގެންވަނީ ޖަމާޢަތާއި އެކުގައި ކަން" ބަޔާންކޮށް ދެއްވިއެވެ. އެހެންކަމުން އަޚްވަންތަކަމުގެ ރޫޙު އިތުރުވެ އަނެކާގެ މަޞްލަޙަތަށް މަސައްކަތް ކުރުމާއެކު ތިމާގެ އަވައްޓެރިޔާއަށާއި ގާތްތިމާގެ މީހުންނަށް އެހީތެރިވެ ދޭބަޔަކަށް މުސްލިމުން ވިއެވެ. ނިކަމެތިންނަށް އަޅާލުމާއި މުސްކުޅިންނާ ބޮޑެތިމީހުންނަށް އިޙްތިރާމު ކުރަން ފެށިއެވެ. އެކަކު އަނެކަކަށް ސަލާމްކޮށް މުޖުތަމަޢުގައި ސަލާމް ފެތުރުމަކީ މިބައިމީހުންގެ އުޞޫލު ކަމުގައި ހެދިއެވެ. މިއީ އިސްލާމްދީނަށް ފަހު ދުނިޔެއަށް އައި ހެއު ބަދަލެވެ. އަޅުކަން ކުރަންވީ ހެއްދެވި ފަރާތަށްކަން ކަނޑައަޅާ ޝިރުކުގެ އުޞޫލު މުގުރާ ލެއްވިއެވެ. އިސްލާމްކަމުގެ މާނައަކީ އަމާންކަމާއި ޞުލްޙަ މަސަލަސްކަމެވެ. މީހުން ބިނާކުރުމުގެ އާ އުޞޫލަކީ ތަރުބިޔަތު ކުރުމުގައި ހެއުނަމޫނާ  ދެއްކުމެވެ. މިއަދު ދުނިޔެ މިދެކޭ ހެއުބަދަލުގެ އަސާސަކީ ފަހެ މިއީނޫންތޯއެވެ؟

އިދާރާ

ވާހަކަ