އަދުގެ ޚާއްސަ

Print

إمام البخاري

ޝާޢިއުކުރީ ޔާސީން ނަސީމު އަބޫބަކުރު . ހިމެނޭބަޔަކީ ޚާއްޞަ

                            
ޔާސީން ނަސީމު އަބޫބަކުރު .މާވަށް

އިމާމުލް ބުޚާރީއަކީ ޙަދީޘުޢިލްމުގައި އެންމެ ފުންނާބު އުސް އިމާމެވެ. ކީރިތި ޤުރުއާނަށް ފަހު އެންމެ ޞައްޙަކަން ބޮޑު ފޮތަކީ އިމާމު ބުޚާރީ ޖަމާކުރައްވައި، ލިއުއްވާފައިވާ " الجامع المسند الصحيح المختصر من أمور رسول الله صلى الله عميه وسلم وسنته وأيامه" ކަމުގައި އިސްލާމީ އުއްމަތް އިއްތިފާޤުވެ އިޖުމާޢުވެއެވެ.

އެކަލޭގެފާނުގެ ފުރިހަމަ ނަންފުޅަކީ އަބޫޢަބުދުﷲ (އެއީ އެކަލޭގެފާނުގެ ކުންޔާއެވެ.) މުޙައްމަދު(ނަން)  ބިން އިސްމާޢީލު(ކާފާފުޅު)  ބިން އިބުރާހީމް(ދެވަނަ ކާފާފުޅު) ބިން އަލްމުޣީރާ ( ތިންވަނަ ކާފާފުޅު، އެކަލޭގެފާނަކީ މަޖޫސީއެކެވެ.)އެވެ. އުފަންވެ ވަޑައިގަތީ 194ހ ގައި ޝައްވާލު މަހުގެ 13ވަނަ ދުވަހުއެވެ.(4 އޯގަސްޓް 810މ)


އެކަލޭގެފާނުގެ ވަރަށް ތުއްޕުޅު އިރުގައި އެކަލޭގެފާނުގެ ލޮލޯފުޅުގެ ފެނުން ގެއްލިވަޑައިގަތެވެ. ނަމަވެސް އެކަލޭގެފާނުގެ މަންމާފުޅު އެކަމާ ހިތާމަކޮށް މާތްﷲ ގެ ޙަޟުރަތަށް ކުރެއްވި ގިނަގުނަ ދުޢާގެ ސަބަބުން މާތްﷲ އިރާދަފުޅުން، އެކަލޭގެފާނުގެ ލޯފުޅުގެ ފެނުން  އަނބުރާ އިޢާދަ ކޮށް ދެއްވި އެވެ. އަދި އެކަލޭގެފާނުގެ އުމުރުފުޅުން އެހާމެ ތުއްޕުޅު އުމުރުފުޅުގައި އެކަލޭގެފާނުގެ ބައްޕާފުޅު ވަނީ އަވަހާރަވެފައެވެ.

އެކަލޭގެފާނުގެ ޢިލްމުފުޅު

އެކަލޭގެފާނުގެ ވަރަށް ތުއްޕުޅުއިރުގައި ކީރިތި ޤުރުއާން ހިތްޕުޅުން ދަސްފުޅު ކުރައްވައިފި އެވެ.
އެއްދުވަހެއްގައި އެކަލޭގެފާނު އެކަލޭގެފާނުގެ އުސްތާޛެއް ކަމުގައިވާ އައްދާޚިލީގެ އަރިހަށް ވަޑައިގަތް އިރު އެކަލޭގެފާނު އިންނެވީ ޙަދީޘު ޢިލްމު ކިޔަވައި ދެއްވާށެވެ. އެކަލޭގެފަނު ސަނަދެއް ކިޔައިދެއްވަމުން ވިދާޅުވިއެވެ. سفيان عن ابي الزبير عن إبراهيم ރިވާކުރެއްވި ކަމަށެވެ. ދެން ބުޚާރީ ވިދާޅުވިއެވެ. ތިޔަ މަޢުލޫމާތު ޞައްޙައެއް ނޫނެވެ. އައްދާޚިލީ އެކަމާ ހިތްޕުޅު ހަމައެއް ނުޖެހުނެވެ.  ( އެއީ އެއިރު ބުޚާރީ އަކީ ވަރަށް ތުއްޕުޅު ބޭކަލަކަށް ވާތީ އެވެ.) ދެން ބުޚާރީ ދެންނެވި އެވެ. ކަލޭގެފާނު ރަނގަޅަށް  ބައްލަވާށެވެ. ދެން ދާޚިލީ ގޭތެރެއަށް ވެދެވަޑައިގެން ބެއްލެވި އިރު ބުޚާރީގެ ބަސްފުޅު ތެދުކަން އެނގިވަޑައިގަތެވެ. ދެން ވިދާޅުވިއެވެ. އެހެން ކަމަށްވާނަމަ އޭގެ ރަނގަޅުގޮތް ވިދާޅުވެ ދެއްވާށެވެ. ދެން ބުޚާރީ ވިދާޅުވިއެވެ. އެއީ أبي الزبير އެއްނޫނެވެ.  الزبير بن عديّ  އެވެ.  އައްދާޚިލީއަށް ބުޚާރީގެ ބަސްފުޅު ގަބޫލު ނުކުރެއްވުނީ އޭރު ބުޚާރީ އުމުރުން ހަގުކަމުގެ ސަބަބުންނެވެ. 

ޞަޙީޙުލް ބުޚާރީ އަކީ ޞައްޙަޙަދީޘުގެ މައްޗަށް އެކުލަވާލެވުނު ފުރަތަމަ ފޮތެވެ. އެއީ އެކަލޭގެފާނުގެ އުސްތާޛެއް ކަމުގައިވާ إسحاق بن راهو ގެ ޚިޔާލުފުޅަކަށް ލިއުއްވެވި ފޮތެކެވެ. އިމާމު ބުޚާރީ މިފޮތަށް ދެއްވާފައިނަމަކީ "الجامع المسند الصحيح المختصر من أمور رسول الله صلى الله عليه وسلم وسننه وايامه" އެވެ. މިފަދަ ދިގުނަމެއް އެކަލޭގެފާނު ދެއްވީ އޭގައި މުހިންމު މާނައެއް އެކުލެވޭ ގޮތަށެވެ. އޭގައިވާ ކޮންމެ ކަލިމައެއްވެސް އެއީ ވަކި މާނައެއް އެއިން ދޭހަ ކޮށްދިނުމަށްޓަކައި ލައްވާފައިވާ ލަފުޡެކެވެ. އެއީ އެފޮތުގައި އެކުލެވިގެންވާ ސިފަތައް އެނަމުން ދޭހަކޮށް ދިނުމަށްޓަކައެވެ.

الجامع  : މިފޮތުގައި ހުރިހާ މައުޟޫޢަކާ ގުޅޭ ޙަދީޘްތައް ހިމެނިފައިވާނެއެވެ.
المسند : މިފޮތުގައިވާ ހުރިހާ ޙަދިޘުތަކަކީވެސް ސަނަދުގުޅިފައިވާ ޙަދީޘުތަކެވެ.
الصحيح : މިފޮތުގައިވާ  ކޮންމެ ޙަދީޘަކީވެސް ޞައްޙަ ޙަދީޘެކެވެ.
المختصر : މިއީ ހުރިހާ ޞައްޙަ ޙަދިޘެއްނޫނެވެ. (މިފޮތުގައި ނުހިމަނާ ޞައްޙަ ޙަދީޘުތައް       ހުންނާނައެވެ.
 من أمور رسول الله صلى الله عليه وسلم : ކީރިތި ރަސޫލާ (ޞ) ގެ ހުރިހާ ކަމަކާ ގުޅޭ ޙަދީޘުތައް މިފޮތުގައި ހިމެނޭނެއެވެ.
وسننه : މިފޮތުގައިވާ ކޮންމެ ޙަދީޘަކީވެސް އެއިން ޙުކުމެއް ނެގޭ ހަދީޘެކެވެ.
وايامه : ކީރިތި ރަސޫލާ (ޞ) ގެ މުޅިޙަޔާތްޕުޅު، މިފޮތުގައިވާ ޙަދީޘު ތަކުގައި ވާނެއެވެ.
 
އެކަލޭގެފާނު ވިދާޅުވެފައިވެއެވެ. ތިމަންކަލޭގެފާނު އެއްވެސް ޙަދީޘެއް ފުރިހަމަ މާނައިގައި ސާފުތާހިރުވެ،  ވުޟޫކޮށް، ދެރަކުޢަތް ނަމާދެއް ކޮށްގެންމެނުވީ ނުލިއުއްވަމެވެ. ޞަޙީޙުއް ބުޚާރީ އެކީގައި ލިއުއްވާ ނިންމެވީ 16 އަހަރުންނެވެ.
އެކަލޭގެފާނު އަވަހާރަވީ ޚަރުތަންކުގައި ހުންނަވަނިކޮށް 30 ރަމަޟާން 256ހ ގައެވެ.އެއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ 63 އަހަރުފުޅެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ