އަދުގެ ޚާއްސަ

Print

ޖާސޫސު ކުރުން

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ ފިޤުހު


އިބްރާހީމް އަޙްމަދު

ބަހުގެގޮތުން ބަލާނަމަ ޖާސޫސުކުރުމަކީ ޢަދުއްވުންގެ ޚަބަރު ހޯދުމަށްޓަކައި އެބަޔަކަށް ފާރަލާ އެކަމުގެ އެންމެ ފުންމިނަށް ވާޞިލުވުމެވެ. ( އެއްގަމުގައި ހަނގުރާމަ ކުރުމުގެ ޤާނޫނު މާއްދާ 29) މިމާއްދާގައި ބަޔާން ކޮށްފައިވަނީ ޖާސޫސުކުރުމަކީ ޚިޔާލީ ފަރުދާއެއް ނުވަތަ ދޮގުފަރުދާއެއްގެ އަނެއްފަރާތުގައި ފިލާހުރެ ޢަދުއްވުގެ ނުވަތަ އެފަރާތަކުން ތިމާއާއި ހަނގުރާމަކުރަމުންދާ ދެފަރާތުންކުރެ އެއްފަރާތަކަށް ބޭނުންވާ ޢަސްކަރީ މަޢުލޫމާތެއް ހޯދުމަށް ކުރަމުން ގެންދާ މަސައްކަތް ކަމުގައެވެ. (33 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ހަނގުރާމައިގެ މައިދާނުގައި ޢަދުއްވާއި ބެހޭ މަޢުލޫމާތު ހޯދުން ލާޒިމުކުރާ ވަސީލަތްތައް ބޭނުންކުރުން ހުއްދަކުރާ ޤާނޫނު) ޖާސޫސުކުރުމަކީ އިސްލާމުދީނުގައި ޝަރުޢު ކުރައްވާފައިވާ ކަމެކެވެ.  އޭގެ ދަލީލުތަކަކީ:

1-    ހުޒައިލުގެ ބަނީ ލަޙްޔާންގެ ޒަޢީމު ޚާލިދު ބުނު ސުފުޔާނު  އުޙުދު ހަނގުރާމައިގެ ފަހުން ނަޚްލާގައި ނުވަތަ ޢުރުނާގައި ހުރެ މީސްތަކުން ޖަމާކޮށްގެން ރަސޫލުﷲ (ޞ) އާއި ދެކޮޅަށް ހަނގުރާމަކުރުމަށް އާދޭތޯ ބެލުމަށްޓަކައި ރަސޫލުﷲ (ޞ) ގެ ފަރާތްޕުޅުން ޢަބްދުﷲ ބުނު އަނީސްއޭ ކިޔޭ ބޭކަލަކު ޖާސޫސް ކުރުމަށް ފޮނުއްވިއެވެ. އެކަލޭގެފާނު އެތަނަށް ވަޑައިގެން ޖާސޫސްކޮށް ކަމުގެ އެކޮޅު މިކޮޅު ހޯއްދެވުމަށްފަހު އެކަމުގެ ޙަޤީޤަތް އަންގަވާ ދެއްވިއެވެ.

2-     ޚަންދަޤު ހަނގުރާމަ ނުވަތަ އަޙްޒާބު ހަނގުރާމައިގެ ތެރޭގައި މުޝްރިކުންގެ ލަޝްކަރުގެ ތެރޭގައި ޚިޔާލުތަފާތުވެ ޚިލާފުތައް ހިނގުމަށްފަހު އެރޭގެ ދަންވަރުގެ ވަގުތުގައި އައި ފިނިވައިގެ ޠޫފާންގެ ވަގުތުގައި މުޝްރިކުންގެ ޢަމަލުތައް ހުރިނެތްގޮތް ބެއްލެވުމަށް ރަސޫލުﷲ (ޞ) ފޮނުއްވައިގެން ޙުޒައިފަތު ބުނުލްޔަމާނު މުޝްރިކުންގެ ލަޝްކަރުގެ ތެރެއަށް ވަޑައިގެން އެބައިމީހުންގެ ކަންތައް ބެއްލެވުން.

3-    އަބޫސުފުޔާނު ދަތުރުކުރި ވިޔަފާރި ޤާފިލާގެ މަޢުލޫމާތު ހޯދުމަށް ބަދުރު ހަނގުރާމައިގެ ކުރިން ރަސޫލުﷲ (ޞ) ގެ ފަރާތްޕުޅުން ބަސްބަސް ބުނު ޢަމްރުލްޖުހަނީ އާއި ޢަދިއްޔު ބުނުއްރުޢްބާ އާއި ދެބޭކަލުން ފޮނުއްވައިގެން މައްކާގެ މުޝްރިކުންގެ ވިޔަފާރިޤާފިލާގެ މަޢުލޫމާތު ހޯއްދެވުން.

4-    ޙުނައިނު ހަނގުރާމައިގެ ދުވަހުގައި ރަސޫލުﷲ (ޞ) ގެ ފަރާތްޕުޅުން  ޢަބްދުﷲ ބުނު އަބީޙަދްރަދުލްއަސްލަމީ ފޮނުއްވައިގެން ޢަދާވާތްތެރީންގެ ތެރެއަށް ވެންނެވުން . އެކަލޭގެފާނު ވަޑައިގެން އެބައިމީހުންގެ ޢަމަލުތަކުގެ މަޢުލޫމާތު އެގިވަޑައިގަންނަވަންދެން މަޑުކުރެއްވިއެވެ.  އަދި އެއަށްފަހު އެޚަބަރުތައް ރަސޫލުﷲ (ޞ) އަށް ގެނެސްދެއްވިއެވެ.

5-    ރަސޫލުﷲ (ޞ) ގެފަރާތްޕުޅުން ޢަލީބުނު އަބީޠާލިބާއި އައްޒުބައިރު ބުނުލްޢައްވާމާއި އަލްމިޤްދާދު ބުނުލްއަސްވަދާއި މިތިންބޭކަލުން ފޮނުއްވުން. އޭރު މިބޭކަލުންނަށް އަމުރުކުރެއްވީ " ރައުޟަތު ޚާޚު"  ( މައްކާއާއި މަދީނާއާއި ދެމެދުގައި އޮންނަ ސަރަޙައްދެއް) ކިޔޭ ހިސާބަށް ވަޑައިގެން އެތަނުން ފެންނަ އަންހެނެއްގެ އަތުން ފެންނަ ލިޔުމެއް ހޯދައިގެން އަބުރާ ރަސޫލުﷲ (ޞ) އަށް ގެނެސްދެއްވުމަށެވެ. އެފަތްކޮޅަކީ ޙާޠިބު ބުނު އަބީބަލްތަޢަތު މައްކާގެ މުޝްރިކުންނަށް މައްކާ ފަތަޙައާއި ބެހޭގޮތުން  ރަސޫލުﷲ (ޞ) ޢަމަލުކުރައްވާނެ ބައެއްގޮތްތައް އަންގަވާ ލިޔެފައިވާ ފަތްކޮޅެއް.

މިހުރިހާ ޙާދިޘާތަކުން ދަލީލުކުރަނީ ހަނގުރާމައިގެ ޙާލަތުގައި ޖާސޫސްކުރުމަކީ އިސްލާމްދީނުގައި ޝަރުޢުކުރައްވާފައިވާ ކަމެކެވެ. އަދި އެކަމަކީ އުޖޫރައަށްވެސް ކުރެވިދާނެ ކަމެއްކަމުގައެވެ. އެގޮތުން ޖާސޫސްކުރާމީހާއަކީ ޣައިރުމުސްލިމަކަށް ވެފައި ޢަދުއްވުންގެ ބެލުމުގެ ދަށުގައި ހުރި ފަރާތެއްކަމަށްވީ ނަމަވެސް އޭނާ މުސްލިމުންނާއެކު ކުރާ މަސައްކަތް ކުރުމުގައި އޭނާއަށް އިތުބާރު ކުރެވޭނަމަ އޭނާއަށް އުޖޫރަދީގެންވެސް ޖާސޫސްކުރުން ހުއްދައެވެ. އަލްއިމާމު އިބްނުލްޤައްޔިމު ވިދާޅުވެފައި ވެއެވެ. ރަސޫލުﷲ (ޞ) ގެފަރާތްޕުޅުން ޖާސޫސުން ފޮނުއްވައިގެން ޢަދުއްވުންގެ ޚަބަރުތައް ހޯއްދަވައި އެކަމާމެދު ބަލަންޖެހޭ ބެލުންތައް ބައްލަވާ ހައްދަވައެވެ. ދެން އެކަލޭގެފާނު ލަޝްކަރާއެކު އަވަހާރަފުޅު ލައްޕަވަނީ އެލަޝްކަރުގެ ސަލާމަތަށްޓަކައި ފާރަވެރިން ބޭތިއްބުމަށްފަހުގައެވެ.

ޖާސޫސްކުރާ މީހާގެ ޢުޤޫބާތް

ޖާސޫސްކުރާ މީހާ ވާނީ ކާފަރެއްކަމުގައި ނުވަތަ މުސްލިމުންނާއެކު މުޢާހަދާއެއް ކޮށްފައިވާ މީހެއް ނުވަތަ މުސްލިމެއް ކަމުގައެވެ. މިތިންފަރާތުން ކުރެ ކޮންމެ ފަރާތަކަށްވެސް އެކަމުގެ ސަބަބުން ކަނޑައެޅިފައިވާ ޢުޤޫބާތެއް އިސްލާމްދީނުގައި އޮވެއެވެ. މުސްލިމުންގެ ތެރޭގައި ހުރެ މުސްލިމުންގެ މައްޗަށް ޖާސޫސްކުރާ ކާފަރެއްނަމަ އެމީހަކު ޤަތުލުކުރުމަކީ ދަންނަބޭކަލުންގެ އިޖްމާއުން ހުއްދަކުރާ ކަމެކެވެ.  އެއީ ސަލަމަތު ބުނުލްއަކުވަޢުގެ އަރިހުން ރިވާވެގެން އައިސްފައިވާ ދަލީލުގައި ވާފަދައިން ކަމަށް އަލްއިމާމު އައްނަވަވީ ވިދާޅުވެއެވެ. އެދަލީލަކީ : ހަވާޒިނު ވަންހައިގެ މީހުންނާއި ޙުނައިނުގައި ހަނގުރާމަ ކުރި ދުވަހުގައި ރަތްޖަމަލެއްގެ މައްޗަށް ސަވާރުވެގެން އިން މީހަކު ޖާސޫސްކުރާތީ ޞަޙާބީންނަށް ފެނިވަޑައިގެން ރަސޫލުﷲ (ޞ) އަށް ދެންނެވުމުން އެކަލޭގެފާނު ޙަދީޘްކުރެއްވީ އެމީހާ އަތުލާ އެމީހާ ޤަތުލު ކުރުމަށެވެ. ދެން އޭނާ އަތުލާ ޤަތުލުކޮށް މުޅި މުދާ އަތުލީ އިބްނުލްއަކްވަޢުއެވެ.

މުސްލިމުންގެ މައްޗަށް ޖާސޫސްކުރާ މީހާއަކީ މުސްލިމުންގެ ޢަހްދުގެ ދަށުގައި ހުރި މީހެއްނުވަތަ ޒިއްމީއެއް ކަމަށްވާނަމަ އޭނާއާއި މެދު ކަންތައްކުރަންވީ ގޮތް ބަޔާންކޮށްދެއްވައި އިމާމު މާލިކާއި އަލްއައުޒާޢީ ވިދާޅުވަނީ އޭނާ ޤަތުލުކުރުން ހުއްދަވާނެ ކަމުގައެވެ. އެއީ އޭނާއަކީ އޭނާ ވެފައިވާ ޢަހްދު އުވާލާ މީހަކަށްވާތީއެވެ.  އެހެންނަމަވެސް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ އޭނާ އެގޮތަށް ކަންކުރުމަކުން ޢަހްދު އުވާލެވުނީކަމަށް ނުބެލެވޭނެ ކަމުގައެވެ. ޝާފިޢީންނާއި ޙަންބަލީން ވިދާޅުވަނީ އޭނާގެ ޢަހްދު އުވާލެވުނީ ކަމަށް ބެލޭނީ އެކަމުގެ ސަބަބުން މުޝްރިކުންނަށް މުސްލިމުންގެ ސިއްރުތައް އެގި އެމީހުން މުސްލިމުންނާ ހަނގުރާމަ ކުރާތީއެވެ. އެހެންނަމަވެސް ޒިންމީއެއްނަމަ އޭނާ ޢަހްދު އުވާލި ކަމަށްވާނީ އޭނާއާއިއެކު އެއްބަސްވި އެއްބަސްވުމުގައި އެކަމުގެ މައްޗަށް ޝަރުޠު ކުރެވިފައި ވާނަމައެވެ.

މިގޮތްތަކުގެ ތެރެއިން އެންމެ ޞައްޙަކަން ބޮޑު ގޮތަކީ އިމާމު މާލިކާއި އަލްއައުޒާޢީގެ މަޒްހަބެވެ.  އެކަމުގެ ދަލީލަކީ  އަބޫސުފުޔާނުގެ ފަރާތުން މުސްލިމުންގެ މައްޗަށް ޖާސޫސްކުރުމަށް ފޮނުވި ފުރާތު ބުނު ޙައްޔާނު  ޤަތުލުކުރުމަށް ރަސޫލުﷲ (ޞ) އަމުރު ކުރެއްވިއެވެ. މީނާއަކީ ޒިއްމީއެކެވެ. އަދި އޭނާއަކީ އަންޞާރިއްޔަ ބޭކަލެއްގެ ބެލުމުގެ ދަށުގައި ހުރި މީހެކެވެ. އަދި  ފަހުން މީނާ ޤަތުލުނުކޮށް ރަސޫލުﷲ (ޞ) ދޫކޮށްލެއްވީ އޭނާ " ތިމަންނައަކީ މުސްލިމެކޭ " ބުނުމުންނެވެ.

މިކަމާމެދު ތާރީޚީ ނަޒަރަކުން އެއްޗެއް ދަންނަވާނަމަ ދެންނެވޭނީ އަލްއިމާމު އަބޫޔޫސުފު ވިދާޅުވި ބަސްފުޅެވެ. އެކަލޭގެފާނު ވިދާޅުވަނީ ތިމަންމެންގެ ތެރޭގައި ތިބެގެން ޖާސޫސްކުރާ ޖާސޫސުންނާއި ބެހޭގޮތުން ތިމަން އަމީރުލްމުއުމިނީންގެ އަރިހުން ސުވާލުކުރީމެވެ.  އޭ އަމީރުލްމުއުމިނީންއެވެ! އެބައިމީހުންނަކީ ޒިއްމީންގެ ގޮތުގައި ތިބެ ޖިޒްޔަ ދީ އުޅޭ މީހުން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިންނާއި މަޖޫސީންނެވެ.  ފަހެ އެބައިމީހުން ޤަތުލުކުރާށެވެ! އެކަމަކު އެގޮތަށް މުސްލިމުންގެ މައްޗަށް ޖާސޫސްކުރާ މީހުންނަކީ މުސްލިމުން ކަމަށްވާނަމަ ބޮޑު އަދަބުން އަދަބުދީ ބަންދުކޮށްފައި ތިބޭ މުއްދަތު ދިގުކުރައްވާށެވެ! އެއީ އެބައިމީހުން ތައުބާވެއްޖައުމަށް ދާންދެނެވެ.

ޝައިޚުލްއިސްލާމު އިބްނު ތައިމިއްޔާ ވިދާޅުވަނީ މުސްލިމުންގެ މައްޗަށް ޖާސޫސްކުރާ މީހަކުނަމަ އެމީހާ އިސްލާމްވިޔަސް އޭނާ ޤަތުލުކުރަންޖެހޭނެ ކަމުގައެވެ.

އިސްލާމްވެގެންހުރެ މުސްލިމުންގެ މައްޗަށް ޖާސޫސްކުރާ މުސްލިމު ޖާސޫސަކުނަމަ އޭނާގެ ޙުކުމާއިމެދު ޤާޟީ ޢިޔާޟާއި މާލީ މަޒްހަބުގެ ކުރިޔަށް ތިއްބެވި ދަންނަބޭކަލުންގެ ބަހަކީ އަދި ޙަންބަލީ މަޒްހަބުގެ ޢިލްމުވެރިންކުރެ އިބްނު ޢުޤައިލުގެ ބަސްފުޅަކީވެސް ޤަތުލުކުރަންޖެހޭނެ ކަމުގައެވެ. އެހެންނަމަވެސް މިކަމުގައި އިމާމު އަބޫޙަނީފާއާއި އިމާމު ޝާފިޢީއާއި އިމާމު އަޙްމަދާއި އަލްއައުޒާޢީއާއި މާލިކީ މަޒްހަބުގެ ދަންނަބޭކަލުންކުރެ ބައެއްބޭކަލުންނާއި ޖުމްހޫރު ޢިލްމުވެރިންގެ ބަހަކީ ޤަތުލު ކޮށްގެން ނުވާނެކަމުގައެވެ. އެހެންނަމަވެސް ވެރިޔަކަށް ހުންނަ މީހާއަށް އޭނާ ތަޢުޒީރު ކުރެވިދާނެ ކަމުގައެވެ. އެގޮތުން ތަޢުޒީރުގެ ގޮތުގައި ހައްޔަރު ކުރުމާއި ތެޅުންފަދަ އަދަބު ދެވިދާނެކަމުގައެވެ.

މިކަމުގައި މީގެ ދެބައިމީހުންގެ ދަލީލަކީވެސް ޙާޠިބު ބުނު އަބީބަލްތަޢަތުގެފާނުގެ ޙާދިޘާއެވެ. އެކަލޭގެފާނަކީ އަންހެނެއްގެ އަތަށް ފަތްކޮޅެއްދީފައި މައްކާގެ މުޝްރިކުންނަށް މައްކާފަތަޙައިގެ ބައެއް ޚަބަރުތައް ލިޔުއްވި ކަލޭގެފާނެވެ.  މިފަތްކޮޅުގައިވަނީ " ހަމަކަށަވަރުން ރަސޫލުﷲ (ޞ) މީސްތަކުންނަށް މައްކާފަތަޙައަށް ނުކުންނަވަން ހުއްދަ ދެއްވައިފިއެވެ. އެހެންކަމުން އެކަލޭގެފާނު މިފަހަރު ތިޔަބައިމީހުން ނޫން ބަޔަކު ޤަޞްދުކުރާކަމަކަށް ތިމަންކަލޭގެފާނު ހީފުޅެއް ނުކުރައްވަމެވެ." މީނާއާއި މެދު ރަސޫލުﷲ (ޞ) ޢަމަލު ކުރެއްވި ގޮތްކޮޅަކީ "އޭޙާޠިބުއޭ މިއީ ކޮންކަމެއްހޭ " މިގޮތަށް ސުވާލު ކުރެއްވުމެވެ. ޙާޠިބު ވިދާޅުވިއެވެ. އޭ ﷲގެ ރަސޫލާ (ޞ)އެވެ. ތިމަންކަލޭގެފާނުގެ މައްޗަށް ކޯފާއިސްނުކުރައްވާށެވެ! ތިމަންނާއަކީ ޤުރައިޝުންނާއެކު މަޞްލަޙަތުތަކެއް އޮތް މީހަކީމެވެ. އެއީ ޚިލާފަށް ކަލޭގެފާނުގެ އަރިހުގައި ތިއްބެވި މުހާޖިރުން ކުރެ ކޮންމެ ބޭކަލަކަށްވެސް އެބޭކަލެއްގެ މަޞްލަޙަތު ޙިމާޔަތްކޮށްދޭނެ ޢާއިލީ ގާތްމީހަކު މައްކާގައި ވެއެވެ. ތިމަންގެ ފަރާތުގައި އެފަދަ އެއްވެސްކަމެއްނުވާތީ އެމީހުންނަށް ހެއުކޮށް ހިތުމުގެ ގޮތުން ކަމެއްކޮށްދީ އެބައިމީހުންނަށް ޙިމާޔަތެއް ހޯދައިދޭނީއެވެ. މިހެން ހީކޮށް މިކަން ކުރެވުނީއެވެ. ތިމަން މިކަން ކުރީ އިސްލާމްވުމަށްފަހު ދީނުން ބޭރުވެ މުރުތައްދުވެގެންނެއް ނޫނެވެ. ނުވަތަ ކާފިރުންދެކެ ވާ ލޯއްބަކުންނެއް ނޫނެވެ. ރަސޫލުﷲ (ޞ) ޙަދީޘް ކުރެއްވިއެވެ. " ކަލޭގެފާނުގެ ބަސްފުޅު ތެދެވެ." ޢުމަރުގެފާނު ވިދާޅުވިއެވެ. "އޭ ﷲގެ ރަސޫލާ (ޞ) އެވެ. މިމުނާފިޤު ކަލޭގެ ބޯކަނޑާލުމުގެ ހުއްދަ ތިމަންކަލޭގެފާނަށް ދެއްވާށެވެ!" ރަސޫލުﷲ (ޞ) ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން އެކަލޭގެފާނަކީ ބަދުރު ހަނގުރާމައިގައި ބައިވެރިވެ ވަޑައިގެން ބޭކަލެކެވެ. އެބޭކަލުންނާމެދު ﷲ ރުހިވޮޑިގެން އެބޭކަލުންނަށް  ފާފަ ފުއްސަވާ ދެއްވެވިކަން އަންގަވާފައިވާ ބޭކަލުން ކަމުގައި އެބޭކަލުން ވެއެވެ. "

މިދަލީލާމެދު ވާހަކަ ދައްކަމުން އެއްބަޔަކު ބުނަނީ ރަސޫލާ ޙާޠިބުގެފާނު ޤަތުލު ނުކުރެއްވީ މުސްލިމަކަށްވާތީއެވެ. އަނެއްބަޔަކު ބުނަނީ ޢުމަރުގެފާނު އެކަލޭގެފާނު ޤަތުލުކުރެއްވުމަށް އެވިދާޅުވި ބަސްފުޅަށް ރަސޫލާ އިޤްރާރުވެ އެއްބަސްވެ ވަޑައިގަތެވެ. އެހެންނަމަވެސް އެހެންކަމެއްގެ ސަބަބުން އެކަން މަނާވީއެވެ. އެއީ ބަދުރު ހަނގުރާމައަށް ޙާޠިބު ވަޑައިގެންފާ ހުންނެވުމެވެ.  އެހެންވީމާ ޙާޠިބު ޤަތުލުކުރުން މަނާވީ އެކަމުގެ ސަބަބުންނެވެ. އެހެންކަމަށްވާނަމަ ބަދުރު ހަނގުރާމައިގައި ބައިވެރިވެ ވަޑައިނުގެން ހުންނެވި މުސްލިމަކު ޤަތުލުނުކުރުން ނަފީވެގެން ދެއެވެ. އިސްލާމްވުމުގެ ސަބަބުން ޤަތުލުކުރުން މަނާވާނަމަ  އެމީހަކު އިސްލާމްވުން ނޫން އެހެން ކަމަކުން ޢިއްލާއެއް ހޯދާކަށް ނުޖެހޭނެއެވެ. ސަބަބަކީ ޙުކުމެއްގައި ޢާއްމުކޮށް އޮތްކަމެއް ޢިއްލާއަކަށް ފުދޭނަމަ އޭގައި ޚާއްޞަކުރާކަމަކުން އެއަށް އަސަރުކުރުން މަނާވާނެއެވެ.  އެހެންވީމާ ޢާއްމަށްވުރެ ޚާއްޞަ ގަދަވާނެއެވެ.  ޙާޠިބުނޫން މީހުންގެ ފަރާތުން ބަދުރުހަނގުރާމައިގައި ބައިވެރިވުމުގެ ޝަރުޠު އުނިވާނަމަ ޖާސޫސްކުރާ މީހާ ޤަތުލުކުރުމަކީ ޝަރުޢު ކުރައްވާފައިވާ ކަމެކެވެ. އެކަން މަނާކުރާނެ އެއްވެސް ފަރާތެއް ނުވެއެވެ. ޑޮކްޓަރ ވަހްބާ އައްޒުޙައިލީ ލިޔުއްވަނީ އޭނާ ބުރަވެ ވަޑައިގަންނަވަނީ ފުރަތަމަ ބައިމީހުންގެ ގޮތުގެ މައްޗަށް ކަމުގައެވެ. އެއީ އިމާމު މާލިކާއި މުސްލިމުންގެ ޢާއްމު މަޞްލަޙަތުގެ މައްޗަށް ބުރަވެ ވަޑައިގަންނަވާ ބޭކަލުންގެ ގޮތެވެ. އޭނާ ވިދާޅުވަނީ ބައިނަލްއަޤްވާމީ ޤާނޫނުގައި ޖާސޫންނާއިމެދު މުޢާމަލާކުރާނެ ގޮތުގެ އުޞޫލު އޮތްގޮތަށް ބަލާއިރު ޤައުމުގެ މީހަކާމެދު ޢަމަލު ކުރާ އުޞޫލަށްވުރެ އޯގާތެރިކޮށް ބޭރު ޤައުމުތަކުގެ މީހުންނާމެދު މުޢާމަލާކުރަންވާނެ ކަމަށް އޮންނަ ކަމުގައެވެ. އެހެންނަމަވެސް ކަންއޮތީ އެގޮތަށް ނޫންކަމުގައެވެ.

މުސްލިމުންކުރެ އެބައިމީހުންގެ މައްޗަށް ޖާސޫސްކުރާ މީހެއްގެ ޙަޤީޤީ ޚަބަރު އެގޭ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވަނީ ދައުލަތަށް އެކަން އަވަހަށް އެންގުމެވެ. އެއީ އެކަމުން ލިބިދާނެ ގެއްލުމާއި ނުރައްކަލުން ސަލާމަތްވުމަށް ބޭނުންކުރާނެ އުޞޫލުތައް އަވަހަށް ހޯދުމަށެވެ. އެއީ ސޫރަތުލްމުމްތަޙިނާގެ ފުރަތަމަ އާޔަތުގައި ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގައި ވާ ފަދައިންނެވެ. ފަހެ މާތް ﷲ ވަޙީކުރެއްވިއެވެ. يَا أَيُّهَا الَّذِينَ آمَنُوا لا تَتَّخِذُوا عَدُوِّي وَعَدُوَّكُمْ أَوْلِيَاء تُلْقُونَ إِلَيْهِم بِالْمَوَدَّةِ وَقَدْ كَفَرُوا بِمَا جَاءَكُم مِّنَ الْحَقِّ.. މާނައަކީ : އޭއީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ޢަދުއްވުންނާއި އަދި ތިޔަބައިމީހުންގެ ޢަދުއްވުންނަކީ އެހީތެރިންކަމުގައި ތިޔަބައިމީހުން ނުހިފާށެވެ! ތިޔަބައިމީހުން އެއުރެންނަށް ލޯތްބާއި އެކުވެރިކަން ހުށަހަޅަމުއެވެ. އަދި ތިޔަބައިމީހުންގެ ގާތަށް އައި ޙައްޤުދީނަށް އެއުރެންވަނީ ކާފިރުވެއެވެ."  ބައިނަލްއަޤްވާމީ ޤާނޫނުގައި ޖާސޫސުންގެ އަދަބެއްކަމުގައި 1907ގެ ލާހައިގެ އެއްބަސްވުމުގައި ކަނޑައަޅާފައިވަނީ ކޯޓަކުން ޙުކުމްކޮށް އެޙުކުމާ އެއްގޮތަށް ބަޑިޖަހާ މަރާލުން ނުވަތަ ދަންޖައްސާ މެރުމެވެ.

(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ