އަދުގެ ޚާއްސަ

Print

ބިސްމީގައިވާ ޢަދަދުގެ ބައެއް މުޢުޖިޒާތްތައް

ޝާޢިއުކުރީ ޢަބްދުލްމުޢީދު ޙަސަން . ހިމެނޭބަޔަކީ ޤުރުއާނާއި ސައިންސް



ބިސްމިއަކީ، ކީރިތި ޤުރުއާނުގެ ފެށުން ކަމުގައިވާ އަލްޙަމްދުގެ ހަތް އާޔަތުގެ ތެރެއިން ފުރަތަމަ އާޔަތެވެ. އެހެންވީމާ، ބިސްމިއަކީ ކީރިތި ޤުރުއާނުގެ ފުރަތަމަ އާޔަތެވެ. ޢަރަބި ބަހުން ބިސްމިއަށް ކިޔަނީ ބަސްމަލާ އެވެ. ބިސްމީގެ މާނައަކީ، "ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން (ފަށަމެވެ)." މުސްލިމުން ކުރާ ކޮންމެ ހެޔޮކަމެއް މިއާޔަތުގެ ބަރަކާތުން ފެށުމަށް، ކީރިތި ރަސޫލާވަނީ، އިރުޝާދު ދެއްވާފައެވެ. ޢަދަދުގެ ގޮތުން މިއާޔަތް ދިރާސާކޮށް ބެލިއިރު، އިޢުޖާޒުގެ ޙަޤީޤަތްތަކެއް ކަޝްފުވިއެވެ. މި މަޒުމޫނުގައި ބަލައިލާނީ އޭގެ ތެރެއިން ބައެއް ޙަޤީޤަތްތަކުގެ މައްޗަށެވެ. މި ޙަޤީޤަތްތަކުގެ މައްޗަށް ނަޒަރުހިންގައި ބަލާއިރު، ކީރިތި ޤުރުއާނާ އެއްފަދަ ފޮތެއް އުފެއްދުމަށް އިންސީންނާއި ޖިންނީންނަށް މާތްﷲ ޖައްސަވާފައިވާ ގޮންޖެއްސެވުމުގެ ބޮޑުކަން ހާމަވެއެވެ.



ބިސްމީގެ ކަލިމަތައް
ބިސްމީގައިވަނީ ހަތަރު ކަލިމައެވެ. ފުރަތަމަ ކަލިމައިގައިވަނީ 3 އަކުރެވެ. ދެވަނަ ކަލިމައިގައިވަނީ 4 އަކުރެވެ. ތިންވަނަ ކަލިމައިގައި ވަނީ 6 އަކުރެވެ. އަދި ހަތަރުވަނަ ކަލިމައިގައި ވަނީ 6 އަކުރެވެ. މި ޢަދަދުތައް އެއްކުރީމާ ލިބޭ ނަތީޖާއަކީ 19 (ނަވާރަ) އެވެ. ކަލިމަތަކުގެ ތަރުތީބު ބަދަލުވިޔަސް މި ނަތީޖާ ބަދަލެއް ނުވާނެއެވެ. އެހެންވީމާ، އެއްކުރުމުން ލިބޭ ނަތީޖާ ނޫން އެހެން ނަތީޖާއެއް މި ކަލިމަތަކުގެ ތަރުތީބުގައި ވޭތޯ ބެލިދާނެއެވެ. އެހެނީ، ކީރިތި ޤުރްއާނުގެ ކޮންމެ ކަލިމައެއް ލައްވާފައިވަނީ އެއަށް ޚާއްޞަ މަޤާމެއްގައެވެ. އެ މާތްފޮތުގެ ކަލިމަތަކުގެ ތަރުތީބަކީ، ކީރިތި ރަސޫލާ ކިޔަވާވިދާޅުވި ތަރުތީބެވެ. އިތުރު އެކަލޭގެފާނު ކިޔަވާވިދާޅުވެފައިވަނީ، ޖިބުރީލުގެފާނު ކިޔަވާވިދާޅުވި ތަރުތީބުންނެވެ.
ކަންމިހެން އޮތުމާއެކު، ޢަދަދުގެ ގޮތުން ބިސްމި ދިރާސާކުރުމަށްޓަކައި އެހެން ގޮތަކާ ތަބާވެވިދާނެއެވެ. އެއީ ގުނަން ބޭނުންކުރާ ދިހަޔެއްގެ ނިޒާމެވެ. މި ނިޒާމުގައިވާ ވަޅުތައް އުފެދެނީ ދިހަޔެއްގެ ގުނަތަކުންނެވެ. އެންމެ ވިޔައަކުރަކުން ތަމްސީލުކުރާ ޢަދަދެއްނަމަ، އެ ޢަދަދު އޮންނާނީ އޭކަންވަޅުގައެވެ. މީގެ މިސާލަކީ 1 އެވެ. ދެ ވިޔައަކުރުން ތަމްސީލުކުރާ ޢަދަދެއްނަމަ އޭގައި އޭކަންވަޅާއި ދަސްވަޅު އޮވެއެވެ. މީގެ މިސާލަކީ 21 އެވެ. ތިން ވިޔައަކުރުން ތަމްސީލުކުރާ ޢަދަދެއްނަމަ އޭގައި އޭކަންވަޅާއި ދަސްވަޅާއި ސަތޭކަވަޅު އޮވެއެވެ. މީގެ މިސާލަކީ، 321 އެވެ. ތާވަލު 1 ގައި އެވަނީ ދިހަޔެއްގެ ނިޒާމުގައިވާ ބައެއް ވަޅުތަކެވެ.

ވަޅުއޭކަންދިހަސަތޭކަހާސްދިހަހާސްލައްކަދިހަލައްކަކުރޯޑު
ތަރުތީބު12345678
ތާވަލު (1)


ބިސްމީގެ ކަލިމަތަކުގައިވާ ޢަދަދުތައް، ވަޅުތަކުގައި ތަރުތީބު ކުރާއިރު އޮންނަގޮތް ތާވަލު 2 ގައި އެވަނީއެވެ. ކޮންމެ ވަޅަކާ ޖެހިގެން ކުރިޔަށް އޮންނަ ވަޅު، ދިހަ ގުނަ އިތުރެވެ.

 ފުރަތަމަ ކަލިމަ2 ވަނަ ކަލިމަ3 ވަނަ ކަލިމަ4 ވަނަ ކަލިމަ
ބިސްމީގެ ކަލިމަތަކުގައިވާ އަކުރުތަކުގެ ޢަދަދު3466
ދިހަޔެއްގެ ނިޒާމުގެ ސިލްސިލާ1101001000
އަކުރުތަކުގެ ޢަދަދާ 10 ގެ ނިޒާމުގެ ސިލްސިލާއާ ގުނަކުރުން3*14*106*1006*1000
ކަލިމަތަކުގެ ޢަދަދުގެ ސިލްސިލާ3406006000
ތާވަލު (2)


ތާވަލު 2 އިން އެނގޭފަދައިން ބިސްމީގެ ކަލިމަތަކުގައިވާ އަކުރުތަކުގެ ޢަދަދު، ވަޅުތަކުގައި ތަރުތީބުކުރާއިރު ލިބޭ ސިލްސިލާގައިވަނީ 3 އާއި 40 އާއި 600 އާއި 6000 އެވެ. މި ސިލްސިލާގެ ޢަދަދުތައް އެއްކުރުމުން ލިބޭ ނަތީޖާ އަކީ 6643 އެވެ. މި ޢަދަދު ތަމްސީލުކުރަނީ ބިސްމީގެ ކަލިމަތަކުގައިވާ އަކުރުތަކުގެ ޢަދަދުގެ ސަފެވެ. މިއީ 7 އިން ގެއްލިހުސްވާ ޢަދަދެކެވެ. 7 އަކީ އަލްޙަމްދުގައިވާ އާޔަތްތަކުގެ ޢަދަދެވެ. ހަމައެފަދައިން 7 އަކީ މި ކާއިނާތުގައިވާ ވަރަށް ގިނަ ތަކެއްޗާ ގުޅުންހުރި މުހިންމު ޢަދަދެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.



ބިސްމީގައިވާ ތިން އިސްމުފުޅު
މާތްﷲގެ ތިން އިސްމުފުޅެއް ބިސްމީގައި ވެއެވެ. ފުރަތަމަ އިސްމުފުޅަކީ ލަފުޡުލްޖަލާލާ ކަމުގައިވާ ﷲ އެވެ. ދެވަނަ އިސްމުފުޅަކީ އައްރަޙްމާނު އެވެ. ތިންވަނަ އިސްމުފުޅަކީ އައްރަޙީމް އެވެ. މި ތިން އިސްމުފުޅުގައިވާ އަކުރުތައް ބިސްމީގެ ކަލިމަތަކުގައި ތަކުރާރުވެފައިވާ މިންވަރު ތާވަލު 3 ގައި އެވަނީއެވެ.

 ފުރަތަމަ ކަލިމަދެވަނަ ކަލިމަތިންވަނަ ކަލިމަހަތަރުވަނަ ކަލިމަ
0422
އައްރަޙްމާން1365
އައްރަޙީމް1356
ތާވަލު (3)


ތާވަލު 2 އަށް ބަލާއިރު، ބިސްމީގެ ކަލިމަތަކުގައި ލަފުޡުލްޖަލާލާ (ﷲ) ގެ އަކުރުތައް ތަކުރާރުވެފައިވާ މިންވަރު ބުނެދޭ ޢަދަދުތަކުގެ ސަފަކީ 2240 އެވެ. އައްރަޙްމާނުގެ އަކުރުތައް ތަކުރާރުވެފައިވާ މިންވަރު ބުނެދޭ ޢަދަދުތަކުގެ ސަފަކީ 5631 އެވެ. އައްރަޙީމްގެ އަކުރުތައް ތަކުރާރުވެފައިވާ މިންވަރު ބުނެދޭ ޢަދަދުތަކުގެ ސަފަކީ 6531 އެވެ. މީގެ ތެރެއިން ފުރަތަމަ ޢަދަދާއި ތިންވަނަ ޢަދަދު، ވާތުން ކަނާތަށް ތަރުތީބުކޮށްފައި އޮންނައިރު 7 އިން ގެއްލި ހުސްވެއެވެ. ނަމަވެސް ދެވަނަ ޢަދަދު ގެއްލި ހުސްވަނީ 1365 މިގޮތަށް ކަނާތުން ވާތަށް ތަރުތީބު ކުރީމައެވެ. މިއިންދޭހަވަނީ، ވާތްފަރާތުން ކަނާތްފަރާތަށް ދިއުމަށްފަހު، ވާތްފަރާތަށް އެނބުރި އަންނަކަމެވެ. އަދި ވާތްފަރާތަށް އައުމަށްފަހު އަނެއްކާވެސް ކަނާތްފަރާތަށް އެނބުރި ގޮސް، މިގޮތަށް ތަކުރާރުވަމުން ދާ ކަމެވެ. ބިސްމިއަކީ މުއުމިނުންގެ ދޫތަކުން ދާއިމީ ގޮތެއްގައި ތަކުރާރުވަމުންދާ އާޔަތެކޭ ބުނާކަހަލައެވެ. އާދޭހެވެ. ޢަދަދުތައް ވެސް މި ބުނެދެނީ މި މާތް އާޔަތް ބޭނުންކުރުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވާފައިވާ ގޮތެވެ. މުސްލިމުން ކޮންމެ ހެޔޮކަމެއް ކުރަންފެށުމަށް އިތުރު އެކަލޭގެފާނު އިރުޝާދު ދެއްވާފައިވަނީ ބިސްމި ކިއުމަށްފަހުގައެވެ. މިގޮތުގެ މަތިން ބިސްމިއަކީ މުސްލިމުންގެ ދޫތަކުން އަބަދާއަބަދު ތަކުރާރުކޮށް ކިޔަމުން ގެންދާ ކަލިމަތަކެކެވެ.



ފުތަރަމަ ކަލިމައާއި ފަހުކަލިމަ
ނަންގަނެވި ދިޔައީ، ބިސްމީގެ ކަލިމަތަކުގެ މެދުގައިވާ 7 ގެ ބައެއް ގުޅުންތަކެވެ. އޭގެ ތެރެއަށް އިތުރުކޮށްލަންޖެހޭ މުހިންމު އެހެން ނުކުތާއެއް އެބައޮތެވެ. އެއީ، ބިސްމީގެ ފުރަތަމަ ކަލިމައާއި ފަހު ކަލިމައާ ދެމެދުގައި ގުޅުމެއްވާކަމެވެ. އެ ދެކަލިމައިގެ ދެމެދުގައި ވެސް 7 ގެ ގުޅުމެއް ވެއެވެ. މިހެނީ ފުރަތަމަ ކަލިމައިގައި ވަނީ 3 އަކުރެވެ. ފަހު ކަލިމައިގައި ވަނީ 6 އަކުރެވެ. މި ދެ ޢަދަދުގެ ސަފަކީ 63 އެވެ. މި ޢަދަދަކީ 7 ގެ 9 ގުނައެވެ.



ބިސްމީގައިވާ އަލިފުބާގެ އަކުރުތައް
ބިސްމީގައިވަނީ އަލިފުބާގެ 10 އަކުރެކެވެ. އެ އަކުރުތައް ބިސްމީގައި ތަކުރާރުވެފައިވާ މިންވަރު، ގިނައިން ތަކުރާރުވެފައިވާ އަކުރުތަކަށް އިސްކަންދީގެން ސަފަކަށް އަތުރާލައިފިނަމަ، އަނެއްކާވެސް 7 ގެ އައު ގުޅުމެއް ކަޝްފުވެދެއެވެ. ބިސްމީގައި އެންމެ ގިނައިން ތަކުރާރުވެފައިވަނީ ލާމެވެ. މިއަކުރު ތަކުރާރުވެފައިވަނީ 4 ފަހަރުއެވެ. އެހެން އަކުރުތަކަށް ބަލާއިރު އަލިފު 3 ފަހަރު، މީމު 3 ފަހަރު، ރާ 2 ފަހަރު، ޙާ 2 ފަހަރު، ބާ 1 ފަހަރު، ހާ 1 ފަހަރު، ނޫނު 1 ފަހަރު އަދި ޔާ 1 ފަހަރު ބިސްމީގައި ހިމެނިފައި ވެއެވެ. ތާވަލު 3 ގައި އެވަނީ މި ޢަދަދުތައް ސަފަކަށް އަތުރާލާފައެވެ.

ލާމުމީމުއަލިފުރާޙާބާސީނުހާނޫނުޔާ
4332211111
ތާވަލު (3)


ތާވަލުގައި އެވާ ޢަދަދުތައް ވާތުން ކަނާތަށް ސަފަކަށް އަތުރާލައިފިނަމަ، ލިބޭނެ ޢަދަދަކީ 1111122334 އެވެ. މި ޢަދަދަކީ 7 އިން ގެއްލި ހުސްވާ ޢަދަދެކެވެ. އެހެނީ މި ޢަދަދަކީ 7 ގެ 158731762 ގުނައެވެ. ގިނައިން ތަކުރާރުވެފައިވާ ޢަދަދަށް އިސްކަންދީގެން ތަރުތީބު ކުރުމަކީ މިޒަމާނުގެ ހިސާބު ޢިލްމުގައި ބޭނުންކުރެވޭ މަންހަޖެކެވެ. އެހެންވީމާ، ހިސާބު ޢިލްމަށްވުރެ ކުރިން ކީރިތި ޤުރްއާނުގައި މިވަނީ އެމަންހަޖު ގެނެސްދެއްވާފައިކަން ފާހަގަކޮށްލަން ޖެހެއެވެ.



އަކުރުތަކުގެ ފުނިޖެހުން
ބިސްމީގެ ކަލިމަތަކުގައިވާ އަކުރުތަކުގެ ޢަދަދުގެ ފުނިޖެހުން ދިރާސާކުރާއިރު ވެސް 7 ގެ ގުޅުންތައް ކަޝްފުވަމުން ދެއެވެ. ތާވަލު 4 ގައި އެވަނީ ކަލިމަތަކާއި އެކަލިމަތަކުގައިވާ ޢަދަދުތަކުގެ ފުނިޖެހުމެވެ.

ކަލިމަފުރަތަމަ ކަލިމަދެވަނަ ކަލިމަތިންވަނަ ކަލިމަހަތަރުވަނަ ކަލިމަ
އަކުރުތަކުގެ ޢަދަދު3466
އަކުރުތަކުގެ ފުނިޖެހުން (ކަނާތުން ވާތަށް)371319
އަކުރުތަކުގެ ފުނިޖެހުން (ވާތުން ކަނާތަށް)1916126
ތާވަލު (4)


ތާވަލު 4 އިން އެނގޭ ފަދައިން، ކަނާތުން ވާތަށް އަކުރުތައް ފުނިޖައްސާއިރު ލިބޭ ނަތީޖާއަކީ 191373 އެވެ. މި ޢަދަދަކީ 7 އިން ގެއްލި ހުސްވާ ޢަދަދެކެވެ. މިހެނީ މި ޢަދަދަކީ 7 ގެ 27339 ގުނައެވެ. ހަމަ މިފަދައިން، ވާތުން ކަނާތަށް ފުނިޖައްސާއިރު ލިބޭ ނަތީޖާވެސް 7 އިން ގެއްލި ހުސްވެއެވެ. މިހެނީ 6121619 އަކީ 7 ގެ 874517 ގުނައެވެ.



ނިންމުން
މިކަންކަމުގެ މައްޗަށް ނަޒަރު ހިންގާ ބަލާއިރު، ކީރިތި ޤުރްއާނުގެ ކަލިމަތަކާއި އެމާތް ފޮތުގެ އަކުރުތައް ތަރުތީބު ކުރައްވާފައިވަނީ ވަރަށް ފުރިހަމަ ނިޒާމަކުން ކަމުގައި ޤަބޫލުކުރަންޖެހެއެވެ. އަދި ކީރިތި ޤުރްއާނާ އެއްފަދަ ފޮތެއް އުފެއްދުމަށް އިންސީންނާއި ޖިންނީން ނުކުޅަދާނަ ކުރައްވާފައިވަނީ ހަމައެކަނި އެމާތް ފޮތުގައިވާ ބަލާޣާތްތެރިކަމުން ނޫންކަމުގައި ވެސް ޤަބޫލުކުރަން ޖެހެއެވެ. މިހެނީ ބިސްމީގައިވާ ފަދަ ޢަދަދުގެ މުޢުޖިޒާތްތަކަކާއެކު ފޮތެއް އުފެއްދުމަކީ މިޒަމާނުގެ ކުރިއަރާފައިވާ ކޮމްޕިއުޓަރ ޓެކްނޯލޮޖީގެ އެހީގައި ވެސް ކުރެވޭނެ ކަމެއްނޫނެވެ.
ކީރިތި ޤުރްއާން ފަދަ ފޮތެއް އުފެއްދުމަކީ އިންސީންނާއި ޖިންނީންނަށް އޮތް ގޮންޖެހުމެއްކަން ބަޔާންކުރައްވާފައިވަނީ އަލްއިސްރާ ސޫރަތުގެ 88 ވަނަ އާޔަތުގައެވެ. އެ އާޔަތުގެ މާނައިގައި ވެއެވެ. ''ކަލޭގެފާނު ވިދާޅުވާށެވެ! މި ޤުރްއާނާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި ޖިންނީން ޖަމާވިޔަސް އެއާ އެއްފަދަ އެއްޗެއް އެބައިމީހުންނަށް ނުގެނެވޭނެއެވެ. އަދި އެބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ފާޅުވެ (ވާގިވެރިވެ) އުޅުނަސް އެވެ.'' އެހެންވީމާ، ކަންއޮތްގޮތް މިއާޔަތުން ވަރަށް ސާފުކޮށް އެބަ އޮޅުންފިލައެވެ. މި އާޔަތުގައިވަނީ 21 ކަލިމަކަން ފާހަގަ ކޮށްލަން ޖެހެއެވެ. 21 އަކީ 7 ގެ 2 ގުނައެވެ. އަދި މި އާޔަތުގައިވަނީ 76 އަކުރުކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ. މި އަދަދަކީ 19 އިން ގެއްލިހުސްވާ ޢަދަދެކެވެ. މިހެނީ 76 އަކީ 19 ގެ 4 ގުނައެވެ. 19 އަކީ ބިސްމީގައިވާ އަކުރުތަކުގެ ޢަދަދެވެ. 4 އަކީ ބިސްމީގައިވާ ކަލިމަތަކުގެ ޢަދަދެވެ.
ބަޔާންވެދިޔައީ ބިސްމީގައި މާތްﷲ ލައްވާފައިވާ ޢަދަދުގެ މުޢުޖިޒާތްތަކުގެ ތެރެއިން މަދު މިންވަރެކެވެ. ޙަޤީޤަތުގައި ބިސްމިއާއި ބިސްމީގައިވާ ޢަދަދުގެ ގުޅުންތައްވަނީ ކީރިތި ޤުރްއާނުގެ ހުރިހައި ސޫރަތްތަކަކާ ގުޅި ލާމެހިފައެވެ.
ބިސްމީގެ ބަރަކާތުން ހެޔޮ ޢަމަލުތައް ފެށުމުގެ މާތް އާދަ، މާތްﷲ އެންމެހައި މުއުމިނުންގެ ކިބައިގައި ލައްވާށިއެވެ! އާމީން!

ހަމަމިގަލަމުން

އިދާރާ

ވާހަކަ