އަދުގެ ޚާއްސަ

Print

ދިވެހި ކްރިކެޓް - 2

ޝާޢިއުކުރީ މުފީދު ތިންމީމު . ހިމެނޭބަޔަކީ ކުޅިވަރު

ތިން މީމު

ރައީސް މައުމޫނުގެ އިރްޝާދުގެ ދަށުން ކްރިކެޓުގެ ގަސް މިފަހަރު ހެދިގަތީ އެހެންފަހަރުތަކާ ޚިލާފަށް ތާޒާކަމާއެކުގައެވެ. އާރޯކަމާއެކުގައެވެ. ތާޒާ ގަސްތަކަކާއެކުގައެވެ. ތާޒާ މޫތަކާއި ތާޒާ ކުރިތައް ފަޅަންފެށީ ނުލާހިކު އަވަހަށެވެ. މާލޭގެ ސްކޫލް، މަދަރުސާތަކުގެ ކުދިންގެ މެދުގައި ކްރިކެޓް ވެގެންދިޔައީ 1 ނަންބަރު ކުޅިވަރަށެވެ. ގަލޮޅު ދަނޑުގައި މެޗުތައް ކުޅެމުންދާއިރު ތަރްޙީބުދޭ ދެޖިންސުގެ އެކިއުމުރުފުރާގެ ބެލުންތެރިންގެ ތަރްޙީބުން ކުޅިންތެރިންގެ ލޭ ކައްކުވާލިއެވެ. ހަޔަކަށް ހަތަރަކަށް ޖެހުމަށް ކުޅުންތެރިން ތިބެނީ ކެތްމަދުވެފައެވެ. އުކުންތެރިން އުކަމުން ގެންދަނީ ކޮންމެ ބޯޅައަކުން ވިކެޓެއް ނެގުމަށެވެ. އެހާވެސް ފޯރީގައެވެ. ކުޅޭ ދެޓީމަށް ތަރްޙީބުދޭ މީހުން ތިބެނީ ހަޔަކަށް ހަތަރަކަށް ޖަހާނެ ވަގުތުގެ އިންތިޒާރުގައެވެ. ވިކެޓެއް ނަގާނެ ވަގުތުގެ އިންތިޒާރުގައެވެ. ކުޅޭ ގަޑީގެ ކޮންމެ މިނިޓެއް، ސިކުންތެއް ކުޅިބެލުންތެރިން ގުނަމުންދަނީ ތިމާ ސަޕޯޓްކުރާ ޓީމަށް ކާމިޔާބު ލިބޭނެ ވަގުތުގެ ފޮނި އިންތިޒާރުގައެވެ.
           
 ކްރިކެޓުގެ ހަތަރުވަނަ ދައުރަކީ، އެހެން ދައުރުތަކާ ޚިލާފަށް ކްރިކެޓުގެ ދާއިރާއިން ރާއްޖެއަށް ބޮޑު ކާމިޔާބެއް ހާސިލުކުރެވުނު ދައުރެކެވެ. ބޮޑު ކުރިއެރުންތަކެއް ހާސިލުކުރެވުނު ދައުރެކެވެ. ރާއްޖޭގެ އެހެން ކުޅިވަރުތަކަށް ނަމޫނާއަކަށް ކްރިކެޓް ހަދައިދިން ދައުރެކެވެ. މިދައުރުގައި ކްރިކެޓްވަނީ ފާހަގަކުރެވޭފަދަ މުހިންމު ފިޔަވަޅުތަކެއް ކުރިއަށް އަޅާފައެވެ. ފާހަގަކުރެވޭފަދަ މުހިންމު ކަންތައްތަކެއް ކޮށްފައެވެ. ޕްރެޒިޑެންޓްސް އިލެވަން (ރައީސްގެ އެގާރަ) ގެ ނަމުގައި ދިވެހިޓީމެއް، ބޭރުގެ ޓީމަކާ ބައްދަލުކޮށް ފުރަތަމަ މެޗެއް ކުޅުނީ މިދައުރުގައެވެ. އެމް.އައި.އޭ. އަށް 4 އަހަރު ފުރުމުގެ މުނާސަބަތުގައި 31 އޮކްޓޯބަރ 1981 ގައެވެ. ދިވެހިޓީމުގެ ކެޕްޓަނަކީ އަލްފާޟިލް އަލްމަރްޙޫމް އަޙްމަދު ޖަލީލެވެ. މި މެޗުން 139 ލަނޑުން މޮޅުވީ، މި މުނާސަބަތުގައި މެޗުކުޅުމަށް ރާއްޖެއަށް ޒިޔާރަތްކުރި އިންޑިޔަން އެއަރލައިންސްގެ ޓީމެވެ. މިއީ 30 އޯވަރުގެ މެޗެކެވެ.
           
ފާހަގަކުރެވޭ އަނެއް މުބާރާތަކީ، ޕްރެޒިޑެންޓްސް ޤައްޔޫމްސް ކަޕްގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ތަށްޓެއް ހުށަހަޅުއްވައިގެން މާލޭގައި ބޭއްވި މުބާރާތެވެ. މި މުބާރާތުގައި ޝްރީލަންކާގެ ސްޕޯޓްސް މިނިސްޓްރީގެ ޓީމެއް ބައިވެރިވިއެވެ. މިޓީމު ރާއްޖޭގައި ދެމެޗް ކުޅުނެވެ. މި ދެމެޗުގައި މި ޓީމާ ބައްދަލުކުރީ ޕްރެޒިޑެންޑްސް އިލެވަންގެ ނަމުގައި ކުޅުނު ޓީމެކެވެ. ފުރަތަ މެޗް އޮތީ، 17 އޭޕްރިލް 1984 ގައެވެ. މި މެޗުން މޮޅުވީ ޝްރީލަންކާގެ ޓީމެވެ. ދެވަނަ މެޗް ކުޅުނީ  22 އޭޕްރިލް 1984 ގައެވެ. މި މެޗުންވެސް މޮޅުވީ ޝްރީލަންކާގެ ޓީމެވެ. ދެމެޗް ކާމިޔާބުކޮށް މުބާރާތުގެ ތަށި ހާސިލުކުރީ ޝްރީލަންކާގެ ސްޕޯޓްސް މިނިސްޓްރީގެ ޓީމެވެ. މިޓީމާއެކު އޭރުގެ ޝްރީލަންކާގެ ސްޕޯޓްސް މިނިސްޓަރުވެސް މާލެ ވަޑައިގެންނެވިއެވެ. އަދި މިޓީމުގެ މިދަތުރުގައި މޯލްޑިވްސް ޔޫތު ކައުންސިލް އިލެވަންގެ ނަމުގައި ކުޅުނު ޓީމަކާ ބައްދަލުކުރިއެވެ. މިއީ 40 އޯވަރުގެ މެޗެކެވެ. މިމެޗް ނިމުނީ ޑްރޯވެގެންނެވެ.
           
ބޭރުގެ ޓީމުތައް ރާއްޖެއަށް ޒިޔާރަތްކުރަން ފެށުމުން ކުޅުން އިތުރަށް ވަރުގަދަވިއެވެ. ފޯރިގަދަވިއެވެ. ރާއްޖޭގެ ކުޅުންތެރިންވެސް ބޭރުގެ ޖައްވު ބަލާލާ ހިތްވާން ފެށިއެވެ. ރާއްޖެއިން ބޭރުގައި މެޗުތައް ކުޅުމުގެ ޝައުޤުވެރިކަން އިތުރުވާންފެށިއެވެ. ކުޅުންތެރިންނަށް މިކަންވެސް ފުރިހަމަވިއެވެ. ދިވެހިރާއްޖެ، ރާއްޖެއިން ބޭރުގައި ތަމްސީލުކުރުމުގެ ފުރްޞަތު ދިވެހި ކުޅުންތެރިންނަށް ލިބުނެވެ. ދިވެހިރާއްޖެ ތަމްސީލުކުރުމަށް ދިވެހި ކްރިކެޓް ޓީމެއް އެންމެފުރަތަ ދިޔައީ އިންޑިޔާގެ ހައިދަރު އާބާދަށެވެ. މިދަތުރުކުރީ 3 އޮކްޓޯބަރ 1983 ން 10 އޮކްޓޯބަރ 1983 އަށެވެ.  މި ދަތުރުގައި، ދިވެހިޓީމު ކުޅުނީ ކްރިކެޓް ކޮންޓްރޯލް ބޯޑްސް އިލެވެންގެ ނަމުގައެވެ. ޓީމުގެ ކެޕްޓަނަކީ ޗަމްޕާ ޙުސައިން ޢަފީފެވެ. ވައިސް ކެޕްޓަނަކީ ކެނެރީ ޢަބްދުއްސައްތާރެވެ. ދަތުރުގައި ބައިވެރިވި ދިވެހި ޤައުމީ ކްރިކެޓް ޓީމުގައި ހިމެނޭ އެހެން ކުޅުންތެރިންނަކީ، ހ.ހިރިޔާދޫ އެން.ޑީ. ޢަބްދުލްޙަމީދު ޢަބްދުލްޙަކީމު، ފާއިޒު ޞަމަދު، މ.ތާނގީދޮށުގޭ އިސްމާޢީލު ނޫރައްދީން، ގ.މަޚްމާގޭ އިބްރާހީމް އިސްމާޢީލު، މއ.ދިލްބަހާރުގޭ އެން.ޑީ. ޢަބްދުލްޢަޒީޒު ޢަބްދުލްޙަކީމް، ހ.ޖާވާ ޙަސަން ޙަބީބު، މ.މެޓްރޯވިލާ މުޙަންމަދު ނާޞިރު، މ.ޗާނދަނީގޭ އިބްރާހީމް ނޫރައްދީން، މއ.ހިތިލާގޭ ޢަލީ ހާޝިމް، މ.ދީފުރަމްއާގޭ ސިއްކަ މުޙަންމަދު ނަސީމް، ގ.ރެޑިއަމްގޭ ރެޑިއަމް މުޙަންމަދު ދީދީ، ހ.އަންދަރުސަވާ އިބްރާހީމް ރަޝީދުއެވެ.
           
މިދަތުރުގައި ދިވެހިޓީމު ދެ މެޗް ކުޅުނެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރީ ސިކަންދަރު އާބާދު ޔުނިއަންގެ ޓީމާއެވެ. މި މެޗް 9 ވިކެޓުން ކާމިޔާބުކުރީ ދިވެހި ޓީމެވެ. ދެވަނަ މެޗުގައި ބައްދަލުކުރީ އެޕޯލޯ އިލަވަން ކްރިކެޓް ކްލަބާއެވެ. މި މެޗުން ދިވެހިޓީމު ބަލިވީ އެންމެ 9 ލަނޑުންނެވެ.  މި މެޗުގައި ޓޮސް ކާމިޔާބުކޮށް ފުރަތަމަ ކުޅެން އެރީ އެޕޯލޯ އިލަވަންގެ ޓީމެވެ. 36.2 އޯވަރުގެ ތެރޭގައި އެޓީމުގެ ހުރިހާ ކުޅުންތެރިން ނުބައިވެގެން ދެވުނީ 154 ލަނޑެވެ. ޖަވާބުގައި ދިވެހިޓީމު ކުޅެންއަރާ 40 އޯވަރު ހަމަވިއިރު ދެވުނީ 9 ވިކެޓަށް 146 ލަނޑެވެ. ދިވެހިޓީމުން އެންމެރަނގަޅަށް ކުޅުނީ 53 ލަނޑު ހެދި ފާއިޒު ޞަމަދާއި، 43 ލަނޑު ހެދި ޗަމްޕާ ޙުސައިން ޢަފީފާއި 15 ލަނޑު ހެދި އިބްރާހީމް އިސްމާޢީލެވެ. އެންމެރަނގަޅަށް އުކީ 18 ލަނޑަށް 4 ވިކެޓްނެގި ޢަބްދުލްޢަޒީޒު ޢަބްދުލްޙަކީމާއި، 35 ލަނޑަށް 4 ވިކެޓްނެގި އިބްރާހީމް ނޫރައްދީނެވެ.
          
 ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަ މުބާރާތެއް ފުރަތަމަ ބޭއްވީވެސް ކްރިކެޓުގެ ހަތަރުވަނަ ދައުރުގައެވެ. އަޙްމަދު ޢަލިދީދީގެ ހަނދާނީ ވާދައިގެ ތަށްޓަށް ކުޅޭ ކްރިކެޓް މުބާރާތަކީ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކްރިކެޓް ބޯޑުން އިންތިޒާމުކޮށްގެން ބާއްވަން ފެށި މުބާރާތެކެވެ. މި މުބާރާތް ބޭއްވުމުގެ ޚިޔާލު ހުށަހެޅުއްވީ ރައީސް މައުމޫނެވެ. މުބާރާތާބެހޭ ތަފްޞީލުތައް ޢާންމުކުރީ 19 ޖޫން 1987 ގައެވެ. ކްރިކެޓްބޯޑުގެ މަޝްވަރާގެ މަތިން މުބާރާތުގެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސެވީ މޯލްޑިވްސް ކްރިކެޓް ފައުންޑޭޝަނުންނެވެ. މުބާރާތް އޮތީ 25 ޖޫން 1987 ން 21 ޖުލައި 1987 އަށް ގަލޮޅު ބޯޅަ ދަނޑުގައެވެ. މުބާރާތުގެ ޝަރަފުވެރި މެހްމާނަކީ، އަލްފާޟިލް ޢަބްދުﷲ ޖަމީލެވެ. މުބާރާތް ފެށުމުގެކުރިން އަޙްމަދު ޢަލިދީދީގެ ހަނދާނުގައި 1 މިނިޓްގެ ސްކޫތެއް ގެނެވުނެވެ. މުބާރާތުގައި ބައިވެރިވީ މަޖީދިއްޔާ ސްކޫލާއި، އީ.ޕީ.އެސް.އެސް.އާއި، އެމް.އީ.އެސް.އާއި، މަދަރުސަތުލްޢާލިޔާއާއި، މާފަންނު މަދަރުސާއާއި، ހެންވޭރު ސްކޫލެވެ. މިހާރުގެ ގޮތަށް ދަންނަވާނަމަ މަދްރަސަތުލްއަމީރު އަޙްމަދެވެ. ފައިނަލް މެޗް އެއްވަރުވުމުގެ ސަބަބުން މުބާރާތުގެ ޗެމްޕިއަންޓީމުގެ ގޮތުގައި ހޮވުނީ، މަޖީދިއްޔާއާއި، އީ.ޕީ.އެސް.އެސް.އެވެ. މުޅިމުބާރާތުގެ އެންމެމޮޅު ކުޅުންތެރިޔަކަށް ހޮވުނީ، އީ.ޕީ.އެސް.އެސް.ގެ ގ.ހުޅަނގުހިޔާ އިބްރާހީމް ޢަބްދުﷲ އެވެ. އެންމެމޮޅު ކުޅުންތެރިޔަކަށް ހޮވުނީ، އީ.ޕީ.އެސް.އެސް.ޓީމުގެ އިބްރާހީމް ޙުސައިނެވެ. އެންމެމޮޅު އުކުންތެރިޔަކަށް ހޮވުނީ މަޖީދިއްޔާ ސްކޫލުގެ ޢިމާދު އިސްމާޢީލެވެ. އެންމެމޮޅު ހޮވުންތެރިޔަކީ ޢަބްދުﷲ ޝަފީޢުއެވެ.



އާދެ! ފުރަތަމަ ޤައުމީ ކްރިކެޓް މުބާރާތެއް އޮތީ ހިޖުރައިން 1369 ވަނަ އަހަރުއެވެ. މީލާދީން 1949 ވަނަ އަހަރުއެވެ. އެ މުބާރާތުގައި ބައިވެރިވީ، 6 ކްލަބެވެ. އެއީ، ސިފައިންގެ ކްލަބާއި، ހެންވޭރު ކްލަބާއި، މައްޗަންގޮޅީ ކުޅިވަރު ކްލަބާއި، ނާދީ އައްތަމައްދުންއާއި، މާފަންނު ފިޔާތޮށި ކްލަބާއި، ގަލޮޅު ގްރީން ކްލަބެވެ. މުބާރާތުން 1 ވަނަ އަށް އައީ ގަލޮޅު ގްރީން ކްލަބެވެ.
         
ފުރަތަމަ ލިމިޓެޑް އޯވަރް ކްރިކެޓް މުބާރާތެއް ރާއްޖޭގައި ބާއްވަން ހަމަޖެއްސެވީ ޤައުމީ ކްރިކެޓް މުބާރާތަށްފަހުގައެވެ. މިގޮތަށް ހަމަޖެއްސެވީ 1981 ވަނަ އަހަރުއެވެ. އެއަހަރު ބޭއްވި ފުރަތަމަ ލިމިޓެޑް އޯވަރ ކްރިކެޓް މުބާރާތުގައި 8 ކްލަބް ބައިވެރިވިއެވެ. އެއީ، ލަޔަންސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިޔާ، ރޭވަން ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް ޖޫއެންޓާރސް، މާލޭ ރާނީ ކްލަބް، ވިކްޓްރީ ސްޕޯޓްސް ކްލަބެވެ. މި މުބާރާތް ކާމިޔާބުކޮށް ފުރަތަމަ ލިމިޓެޑް އޯވަރ ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެވެ. މިދުވަސްވަރު މި މުބާރާތުގައި މާގިނަ މަގާމުތަކެއް ނުހޮވައެވެ. ހޮވަނީ ކޮންމެ މެޗެއްގެ އެންމެމޮޅު ކުޅުންތެރިޔާއެވެ. މުބާރާތުގެ ފައިނަލް މެޗުގެ މޮޅުކުޅުންތެރިޔަކީ، ރިނބުދޫ މުޙަންމަދު ނާޞިރެވެ. ފައިނަލް މެޗުފިޔަވައި މުބާރާތުގައި ކުޅުނު އަނެއް 6 މެޗުގެ ތެރެއިން 1 ވަނަ މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ، ޙަސަން ޙަބީބެވެ. ދެވަނަ މެޗުގައި ޝާމީ އަޙްމަދެވެ. ތިންވަނަ މެޗުގައި އިބްރާހީމް ޢަބްދުލްޣަފޫރެވެ. ހަތަރުވަނަ މެޗުގައި ފާއިޒު ޞަމަދެވެ. ފަސްވަނަ މެޗުގައި ރަންޖީތު ފާނަބޮކޭ އެވެ. ހަވަނަ މެޗުގައި ޢައްބާސް އާދަމެވެ.
           
އިންޓަރ ސްކޫލް ކްރިކެޓް މުބާރާތް ބާއްވަން ފެށީ 12 މެއި 1983 ގައެވެ. މުބާރާތް އިންތިޒާމުކުރީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި، ކްރިކެޓް ކޮންޓްރޯލް ބޯޑް އޮފް މޯލްޑިވްސްއާއި، ރާއްޖޭގެ ކުޅިވަރު މަޖިލިސްގެ އެހީގައެވެ. މި މުބާރާތަށް ރައީސް މައުމޫން “ދަ ޕްރެޒިޑެންސްޓް އިންޓަރ ސްކޫލް ކްރިކެޓް ޓްރޮފީ] ގެ ނަމުގައި ތަށްޓެއް ހުށަހެޅުއްވިއެވެ. ފުރަތަމަ މުބާރާތުގައި ބައިވެރިވީ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލާއި، މާލޭ އިންގްލިޝް ސްކޫލާއި، މަޖީދިއްޔާ ސްކޫލުގެ ޖޫނިއަރ އަދި ސީނިއަރ ޓީމާއި، މަދްރަސަތުލްޢާލިޔާއެވެ. ފުރަތަމަ މުބާރާތުގެ ތަށި ހާސިލުކުރުމުގެ ފަޚްރު ލިބުނީ މަދްރަސަތުލްޢާލިޔާއަށެވެ.
           
މިދެންނެވި މުބާރާތްތަކުގެ އިތުރަށްވެސް ވަރަށްގިނަ މުބާރާތްތައް ކްރިކެޓުގެ ހަތަރުވަނަ ދައުރުގައި ބާއްވާފައިވެއެވެ. ކްރިކެޓް ތަރައްޤީކުރުމަށްޓަކައި ވަރަށް ޚާއްޞަ ޙަރަކާތްތައްވެސް ހިންގާފައިވެއެވެ. މީގެތެރޭގައި، ރާއްޖޭގައި ކޮމާޝަލްކޮށް ކުޅިވަރު ތަރައްޤީކޮށް ހިންގުމަށް ފުރަތަމަ ބޭއްވި ސެމިނާރެއްވެސް ބޭއްވުނެވެ. މި ސެމިނާރ އިންތިޒާމުކުރީ ކްރިކެޓް ބޯޑުންނެވެ. ސެމިނަރ އޮތީ ނަސަންދުރަޕެލަސް ހޮޓަލު ގައެވެ.
           
ކްރިކެޓުގެ ހަތަރުވަނަ ދައުރުގައި ކްރިކެޓް ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތަކީ، ކާމިޔާބު މަސައްކަތެކެވެ. ޤައުމީ މަސައްކަތެކެވެ. ރާއްޖެއިން ބޭރުގައި ބޭއްވި މުބާރާތަކުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ރަންމެޑެލް ހޯދައިދިނީވެސް ކްރިކެޓެވެ. މިހާތަނަށް ރާއްޖެއިން ބޭރުގައި ބޭއްވި ތިން މުބާރާތެއްގެ ރަންމެޑެލް ރާއްޖެއަށް ގެނެސްދީފައިވާ ހަމައެކަނި ޓީމަކީވެސް ދިވެހި ޤައުމީ ކްރިކެޓް ޓީމެވެ. މިތިން މެޑެލް ރާއްޖެއަށް ހޯދައިދިނީވެސް މިދައުރުގައި ރާއްޖޭގައި އުފެދުނު އެންމެމޮޅު އެންމެ ކާމިޔާބު ކްރިކެޓަރ މޫސާ ކަލީމުގެ ކެޕްޓަނުކަމުގެ ދަށުގައި ކުޅުނު ޤައުމީ ކްރިކެޓް ޓީމެވެ. ފުރަތަމަ ރާއްޖެއަށް ދިވެހި ޤައުމީ ކްރިކެޓް ޓީމު ގެނެސްދިން މެޑެއްޔަކީ، ސީޝެލްސްގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެތާނގައި ބޭއްވި ކްރިކެޓް މުބާރާތުގެ ރަންމެޑެއްޔެވެ. އަދި ސަރަޙައްދީ ފެންވަރުގައި ބޭއްވި އިމާރޖިންގ ނޭޝަންސް ކްރިކެޓް މުބާރާތް ދެފަހަރު ކާމިޔާބުކޮށް ރާއްޖެއަށާއި ދިވެހި ކްރިކެޓަށް ވަރަށް ފަޚުރުވެރިވެރި ވަނަތަކެއް ދިވެހި ޤައުމީ ކްރިކެޓް ޓީމުވަނީ ހޯދާދީފައެވެ. ކުރުގޮތަކަށް ބުނާނަމަ ކްރިކެޓުގެ ހަތަރުވަނަ ދައުރަކީ ރަންދައުރެކެވެ. ކްރިކެޓުގެ ގޯލްޑަން ޖުބިލީ ފާގަހަކުރަނީ ރަންކުލަތަކާއެކުގައެވެ. ރަން ވަނަތަކާއެކުގައެވެ.
           
                  ދިވެހިރާއްޖޭގައި ކްރިކެޓް ކުޅެން ފެށީ ކޮން އިރަކުތޯއެވެ. ކޮން ރަސްކަލެއްގެ ރަސްކަމުގައިތޯއެވެ.

(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ