އަދުގެ ޚާއްސަ

Print

އަލްއިމާމު އިބްނު ތައިމިއްޔާ (ހަތްވަނަ ބައި)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ޚާއްޞަ

ވަލިއްޔުލްއަމްރުންގެ ސުލޫކު
 
ޢަބްދުﷲ ފާރޫޤު ޙަސަން
      

އިމާމު އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި އިސްވެދިޔަ ވާޖިބުތަކުގެ އިތުރަށް އަދި އެހެންކަމެއްވެސް ވަލިއްޔުލް އަމްރުންގެ މައްޗަށް ވާޖިބުވެގެންވެއެވެ. އެކަމަކީ ޚަޞީލަތާއި އަޚްލާޤުގެ ގޮތުން އެބޭފުޅުންގެ ދަރަޖަ މަތިވެރިކުރެއްވުމެވެ. ޚާއްޞަކޮށް އަޚްލާޤީ ބައެއްސިފަތައް އެބޭފުޅުންގެ ގައިކޮޅުގައި އަށަގެންނެވުން ލާޒިމު ކަމުގައި ވިދާޅުވެއެވެ. އުނދަގޫތަކާއި މުޞީބާތްތައް ކުރިމަތިވާއިރު ކެތްތެރިވެ ވަޑައިގަތުމާއި، ކޯފާމަޑުކުރެއްވުމާއި، މީސްތަކުންނަށް މަޢާފުކުރެއްވުމާއި، ހަވާނަފްސުގެ އެދުންތަކާ ދެކޮޅުހެއްދެވުމާއި، ނުލަފާކަމާއި ބޮޑާކަމުން ދުރުހެލިވެވަޑައިގަތުމަކީ ޚާއްޞަގޮތެއްގައި ފާހަގަކުރައްވާކަންކަމެވެ.

ވަލިއްޔުލް އަމްރަކު އިންތިޚާބުކުރެވޭއިރު ނުވަތަ ޢައްޔަންކުރެވޭއިރު އެބޭފުޅެއްގެ ކިބައިގައި މިއިން އެއްވެސް ސިފައެއް ހުރުން އިބްނު ތައިމިއްޔާ ލާޒިމުކުރައްވައިފައި ނުވާކަމީ ވިސްނައިލާންޖެހޭކަމެކެވެ. ނަމަވެސް ސަރުކާރުގެ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގަތުމަށްފަހު ވަލިއްޔުލް އަމްރުން މިދެންނެވި ސިފަތައް ހޯއްދެވުމަކީ ވާޖިބެއްކަމުގައި އިމާމު ވިދާޅުވެއެވެ. ވަލިއްޔުލް އަމްރުން ސިފަލިބިވަޑައިގަތުން ލާޒިމުކަމުގައި އިބްނު ތައިމިއްޔާ ތަކުރާރުކުރައްވައި ބާރުއަޅުއްވާ އަނެއްދެކަމަކީ ދީލަތިފުޅުކަމާއި ހިތްވަރުފުޅުގަދަކަމެވެ. އިމާމު ލިޔުއްވައިފައިވެއެވެ. "ދީލަތިކަމާއެކު މާލީގޮތުން އެހީވެދިނުމާއި، ހިތްވަރާއި ކެރުމާ ނުލައި މާތްﷲގެ ޚަލްޤުތަކުންނަށް ރިޢާޔަތްކުރުމާއި ސިޔާސަތުހިންގުމަކީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ކީއްހެއްޔެވެ؟ އެކަންކަމާ ނުލައި ދީނާއި ދުނިޔޭގެ ކަންތައް އިސްލާޙުކުރުމަކީވެސް އުނދަގޫކަމެކެވެ. މިދެސިފައިން ސިފަލިބިގެންނުވާ ވެރިންގެ ކިބައިން ވެރިކަމުގެ މަސްއޫލިއްޔަތު ނިގުޅައިގަނެވި އެހެންމީހުންނާ ޙަވާލުކުރެވެނީ މިސަބަބާހުރެއެވެ."
        އިސްވެދެންނެވި މާތް ޚުލުޤުތައް ހޯއްދެވުމުގެ އިތުރަށް އިބްނު ތައިމިއްޔާ ވެރީންނަށް މަޝްވަރާދެއްވަނީ މާތްﷲގެ ނަސްރާއި ތައުފީޤާނުލައި ވެރިކަމުގެ މަސްއޫލިއްޔަތު ފުރިހަމަޔަށް އަދާނުކުރެއްވޭނެ ކަމަށެވެ. މާތްﷲގެ ތައުފީޤާއި ނަޞްރު ހޯއްދެވޭނެ ތިންގޮތެއްގެ މަޝްވަރާވެސް އިބްނު ތައިމިއްޔާ ވެރީންނަށް ދެއްވައެވެ. އެންމެ ފުރަތަމަކަމަކީ ކޮންމެކަމެއްވެސް މާތްﷲގެ ވަޖުހުފުޅަށް ޚާލިޞްކުރެއްވުމެވެ. އެކަލާނގެ ކިބަފުޅަށް ދުޢާކުރެއްވުމާއި ވަކީލުކުރެއްވުމާއި އެހެންވެސް ހެޔޮޢަމަލުތައް ކުރެއްވުމެވެ. ބަރާބަރަށް ނަމާދުކުރެއްވުމެވެ. ދެވަނަކަމަކީ މާތްﷲގެ ޚަލްޤުތަކުންނަށް މަންފާހޯއްދަވައިދެއްވައި އެބައިމީހުންނަށް އިޙްސާންތެރިވެވަޑައިގަތުމެވެ.  ޒަކާތުގެ މުދަލުން އެބައިމީހުންނަށް އެހީތެރިވެދެއްވުމެވެ. ތިންވަނަކަމަކީ މީސްތަކުންގެފަރާތުން ކުރިމަތިވާ އިހާނެތިކަމާއި، އުނދަގޫތަކާއި އަދި އެނޫންވެސް މައްސަލަތަކުގައި ކެތްތެރިވެވަޑައިގަތުމާއި މިންވަރުފުޅަށް ރުހިވަޑައިގަތުން ދޫކޮށްނުލެއްވުމެވެ.
މުވައްޒަފުން
        ކުރީންވެސް ދެންނެވިފަދައިން އެކިއެކި މަޤާމުތަކަށް އެކަށީގެންވާ ޤާބިލް މީހުން ހޯދުމުގެ މައްޗަށް އިބްނު ތައިމިއްޔާ ވަރަށް ބޮޑަށް ބާރުއެޅުއްވިއެވެ. ކަމާއެކަށީގެންވާ ޤާބިލުމީހުނާ މަޤާމުތައް ހަވާލުކުރުމުގެ މައްޗަށް ބާރުއެޅުއްވުމަކުން އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ މަސައްކަތްޕުޅު ހުއްޓަވައެއް ނުލައްވައެވެ. އަދިކީއްތޯއެވެ؟ ކަމާއެކަށީގެންވާ މީހުންގެ ސިފަތަކާމެދުވެސް އިބްނު ތައިމިއްޔާ ބަޙްޘު ކުރެއްވިއެވެ. އެދެސިފައެއްގެ މައްޗަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިބްނު ތައިމިއްޔާ ބާރުއަޅުއްވާ ދެސިފައަކީ ބާރުހުރުމާއި އަމާނާތްތެރިކަމެވެ. އެދެސިފައިގެ އަހައްމިއްޔަތު ސާބިތުކޮށްދެއްވަނީ މާތްﷲގެ ކަލާމުފުޅުންނެވެ. އެކަލޭގެފާނު ވިދާޅުވެއެވެ. މޫސާ ޢަލައިހިއްސަލާމް މިސުރުން މަދްޔަނަށް ވަޑައިގަތުމުން ޝުޢައިބު ޢަލައިހިއްސަލާމްގެ ދަރިކަނބަލުން މޫސާގެފާނަށް ވަޒީފާއެއް ދެއްވުމަށް އިލްތިމާސުކުރެއްވިއިރު ފާހަގަކުރެއްވީ މިދެސިފައެވެ.
        " އެދެ އަންހެނުންކުރެ އެކަކު ދެންނެވިއެވެ. އޭ ބައްޕާއެވެ! އޭނާއަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއްކަމުގައި ބަހައްޓަވަން އެންމެރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިއެކެވެ."
                                (އަލްޤަޞަޞު: 26)

        އެކެއްގެ ކިބައިގައި މިދެސިފަ ޖަމާވުމަކީ ނާދިރުކަމެއްކަންވެސް އިބްނު ތައިމިއްޔާ އިޙްސާސް ކުރައްވައެވެ. އެހެންކަމުން މީހަކުބޭނުންވާ މަޤާމަކަށް ނިސްބަތްކުރާއިރު މިދެސިފައިގެ ތެރެއިން މުހިންމު ސިފައެއްގެ މީހަކަށް އެހެންމީހުންނަށްވުރެ އިސްކަންދިނުމަށް އިރްޝާދުދެއްވިއެވެ. އިމާމު ލިޔުއްވައެވެ. "ބާރުހުރުމާއި އަމާނާތްތެރިކަމާ ދެކަންތައް އެކެއްގެކިބައިގައި ޖަމާވުމަކީ ވަރަށް މަދުންވާކަމެކެވެ. ދައުލަތުގެ ކޮންމެ ދާއިރާއަކާބެހޭގޮތުންވެސް އެދާއިރާއަކަށް ވާޖިބުވެގެންވަނީ އެތަނަކާގުޅޭ، އެތަނެއްގެ ޙާލަތާ މުނާސަބު ގޮތަކަށް ޢަމަލުކުރުމެވެ. ދެމީހަކާމެދު ވިސްނާއިރު އޭގެތެރެއިން އެކަކީ އެންމެނަށްވުރެ އަމާނާތްތެރިޔަކަށްވެފައި އަނެކަކީ އެންމެނަށްވުރެ ބާރުގަދަ މީހެއްކަމުގައިވާނަމަ އެދެމީހުންކުރެ އިސްކަންދޭނީ ދައުލަތަށް އެންމެ މަންފާހުރި މީހަކަށެވެ. މީސްތަކުންނަށް އެންމެ ގެއްލުންކުޑަވުމުގެ އިޙްތިމާލުއޮތް މީހަކަށެވެ." ނަމަވެސް މިދެސިފަ ކޮންމެހެން ބޭނުންވާ މަޤާމަކަށް މިދެސިފަހުރި އެކަކު ނުލިބިއްޖެނަމަ އިމާމު ލަފާދެއްވަނީ ދެމީހުން ޢައްޔަންކުރުމަށެވެ. މިސާލެއްގެގޮތުން ގޮޔާއިވާރުނަގާ މީހެއްގެ ކިބައިގައި ބާރާއި އަމާނާތްތެރިކަމާ މިދެސިފަހުރުން ބޭނުންވެއެވެ. ބާރެއް ނެތްމީހެއްކަމުގައިވާނަމަ ގޮޔާއިވާރުނެގުމުގައި ދަތިތަކެއް ކުރިމަތިވެދާނެއެވެ. އަމާނާތްތެރިޔަކަށް ނުވާނަމަ ލިބޭއާމްދަނީ ޢާންމުންގެ މަޞްލަޙަތަށް ޚަރަދުކުރުމުގެ ބަދަލުގައި އަމިއްލަޔަށް ބޭނުންކޮށްފާނެއެވެ. އެހެންކަމުން އަމާނާތްތެރިކަމާއި ބާރާ މިދެސިފަހުރި އެކަކު ނުލިބިއްޖެނަމަ އިމާމު ވިދާޅުވަނީ "އެކަކު ޢައްޔަންކޮށްގެން ބޭނުންވާ މަޞްލަޙަތު ޙާޞިލު ނުކުރެވިއްޖެނަމަ އެކަކަށްވުރެ ގިނަމީހުން އެކަމަކަށް ޢައްޔަންކުރެވިދާނެ" ކަމުގައެވެ.
        ޢާމިލުން ޢައްޔަންކުރުމާބެހޭގޮތުން ވަރަށް ހިތްގައިމު މަޝްވަރާއެއްވެސް އިބްނު ތައިމިއްޔާ ދެއްވައެވެ. ވަލިއްޔުލް އަމްރު އޭނާގެ މިޒާޖުފުޅާއި ޠަބީޢަތާ ޚިލާފުމީހަކު ޢައްޔަންކުރެއްވުމެވެ. އެކެއްގެ އުނިކަން އަނެކެއްގެފަރާތުން ފުރިހަމަވުމަށްޓަކައެވެ. އިމާމު ވިދާޅުވެފައިވެއެވެ. ޚަލީފަތުލްމުސްލިމީން ނުވަތަ އަމީރުލްމުސްލިމީނަކީ ކެތްތެރި، މަޑުމައިތިރި ބޭފުޅެއްކަމުގައިވާނަމަ ނާއިބުއްސުލްޠަނަތަކަށް ވާންޖެހޭނީ ހަރުކަށިކަމަށް ލެބިވަޑައިގެންފައިވާ ބޭފުޅެކެވެ. ސުލްޠާނުލްމުސްލިމީންގެ މިޒާޖުފުޅުގައި ހަރުކަށިފުޅު ކަމާއި ކޯފާގަދަކަން އެކުލެވިފައިވާނަމަ އޭނާގެ ނާއިބަކަށް މުނާސަބުވާނީ ކެތްތެރި ހިތްޕުޅުމަޑު ބޭފުޅެކެވެ. ދެބޭފުޅުން އެކުވުމުން ކަންތައް މެދުމިންވަރަށް އައުމަށްޓަކައެވެ."
        އިބްނު ތައިމިއްޔާ އެކަލޭގެފާނުގެ މިވާހަކަފުޅުގެ ހެއްކަކަށް ދައްކަވަނީ ވަރަށް ރަނގަޅު ތާރީޚީ މިސާލެކެވެ. "އަބޫބަކުރުއް ޞިއްދީޤު އެކަލޭގެފާނުގެ ނާއިބަކަށް ޚާލިދު ހަމަޖެއްސެވީ މިސަބަބާހުރެއެވެ. އެންމެނަށްވެސް އެނގޭނެފަދައިން އަބޫބަކުރުގެފާނުގެ މިޒާޖުފުޅުގައިވަނީ މަޑުމައިތިރި ކަމާއި އޯގާވެރިކަމެވެ. ޢުމަރުލްފާރޫޤު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޚާލިދު މަޤާމުން ދުރުކުރައްވައި ސިފައިންގެ ކޮމާންޑަރއިންޗީފްކަމަށް އަބޫޢުބައިދާ ހަމަޖެއްސެވިއެވެ. އެހެނީ ޚާލިދަކީ ޢުމަރުގެފާނުފަދަ ހޫނުމިޒާޖުފުޅުގެ ބޭކަލެކެވެ. އަބޫޢުބައިދާގެ މިޒާޖުފުޅުގައިވަނީ، އަބޫބަކުރުފާނެކޭ އެއްފަދައިން މަޑުމައިތިރިކަމާއި އޯގާވެރިކަމެވެ." ޚާލިދުބުނުލްވަލީދު ކޮމާންޑަރ އިންޗީފްކަމުން ވަކިކުރެވުނު ސަބަބުގެ މިއަށްވުރެ ރަނގަޅު އޮޅުންފިލުވައިދިނުމެއް ނޯންނާނެކަން ކަށަވަރެވެ.
        އެއްމަޤާމަކަށް އެކަށީގެންވާ، ހުރިހައި ސިފަތަކެއްގައިވެސް އެއްވަރުދެމީހުން ނުވަތަ އެއްވަރުގެ ގިނަމީހުންތަކެއް ތިބިކަމުގައިވާނަމަ އޭގެތެރެއިން އިސްކަންދޭނެ މީހަކުހޮވާނެގޮތްވެސް އިމާމު ވިދާޅުވެދެއްވައެވެ. އެފަދަގޮތެއް ދިމާވެއްޖެނަމަ އޭގެތެރެއިން އެކަކު ޚިޔާރުކުރެއްވުމުގެ ޙައްޤެއް ވަލިއްޔުލް އަމްރަކަށް ނުދެއްވައެވެ. އިމާމުވިދާޅުވާގޮތުގައި  އެގޮތަށް އަމަލުކުރުމުން އަމީރުގެ ޒާތީ ރުހިވަޑައިގަތުމާއި ނުގަތުން މާބޮޑަށް އޭގެތެރެއަށް ވަދެދާނެއެވެ. އެހެންކަމުން މިމައްސަލަ ހައްލުކުރުމަށްޓަކައި އިމާމު އިބްނު ތައިމިއްޔާ ހުށަހަޅުއްވަނީ ޤުރްޢަތުލުމަށެވެ. އިސްލާމްދީނުގައި ޤުރްޢަތުލުމަކީ ހުއްދަކަމެއްކަން ބަޔާންކުރެއްވުމަށްޓަކައި އިބްނު ތައިމިއްޔާ ހުށަހަޅުއްވަނީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘުފުޅެކެވެ. އެހަދީޘުފުޅުގައިވަނީ "ބަންގިދިނުމާއި ކުރީސަފުގައި ނަމާދުކުރުމުގެ ހުރި ދަރަޖަމަތިވެރިކަން މީސްތަކުންނަށް އެނގޭނަމަ ކޮންމެމީހަކުވެސް ބަންގިދިނުމަށާއި ކުރީސަފުންޖާގަހޯދަން މަސައްކަތްކުރީހެވެ. ޤުރުޢަތުލައިގެންމެނުވީ އެކަމުން ތަނާޒުލު ވާކަށެއް ޤަބޫލެއް ނުވީހެވެ." އިބްނު ތައިމިއްޔާ ވިދާޅުވާގޮތުގައި ޞަޙާބީންވަނީ ޤުރްޢަތުލައްވައިގެން މައްސަލަތައް ޙައްލުކުރައްވައިފައެވެ. ގާދިސިއްޔާގެ ހަނގުރާމައިގެ ވާހަކަ އިމާމު ބާޔާންކުރައްވައެވެ. އިމާމު ވިދާޅުވާގޮތުގައި ބަންގިދޭނެ މީހަކާމެދު އިސްލާމީ ލަޝްކަރުގައި ދެބަސްވުން އުފެދުނެވެ. އެންމެފަހުން މުސްލިމުންގެ ކޮމާންޑަރ އިންޗީފް ސަޢުދު ބިން އަބީވައްޤާޞު އެމައްސަލަ ޙައްލުކުރެއްވީ ޤުރުޢަތުލައްވައިގެންނެވެ.
        ސަރުކާރުގެ މުވައްޒަފުންގެ ރަނގަޅު ސިފަތަކުގެ އިތުރަށް ރަނގަޅުނޫން ބައެއް ސިފަތައްވެސް އިމާމުވަނީ ފާހަގަކުރައްވައިފައެވެ. އިމާމު ވިދާޅުވާގޮތުގައި އެއްވެސް ޢާމިލަކު މަސްތުވާތަކެތި ބޭނުންކުރާ މީހަކަށްވެގެންނުވާނެއެވެ. މަސްތުވާތަކެތި ބޭނުންކުރާމީހުން މަޤާމުން ވަކިކުރުމަށް އިމާމު ބާރުއަޅުއްވައެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.  ޢުމަރުގެފާނުވަނީ ހަމައެކަނި ރާއަށް ތަޢުރީފުކުރުމުގެ ސަބަބުން ޢާމިލަކު މަޤާމުން ދުރުކުރައްވައިފައެވެ. ހަމައެފަދައިން ސަރުކާރުގެ ޢާމިލުން ރައްޔިތުންގެ ކިބައިން ހަދިޔާ ޤަބޫލުކުރުންވެސް ވަނީ މަނާކުރައްވައިފައެވެ. އިމާމު ވިދާޅުވެފައިވެއެވެ. "އަރަހުށި މާތްﷲވަނީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުން ޙާކިމުންގެ މައްޗަށް ވާޖިބުކުރައްވައިފައެވެ. އެކަންއެހެން އޮއްވައި، ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ، އެބައިމީހުންގެ އުނދަގޫތައް ދުރުކޮށްދިނުމުގެ ބަދަލުގައި އެބައިމީހުންގެއަތުން ހަދިޔާ ބަދިޔާ އަތުލުމަކީ އާޚިރަތު ވިއްކައިފައި ދުނިޔެގަތުމެވެ."

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ