އަދުގެ ޚާއްސަ

Print

ދީނުގައި ޙައްދު ފަހަނަ އަޅައިދިޔުން-4

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ފިޤުހު

 އަނެއްކަމަކީ މުޖުތަމަޢަކީ މިސާލީ މުޖުތަމަޢެއްކަމުގައި ބެލުން
އިބްރާހީމް އަޙްމަދު

ހައްދު ފަހަނައަޅާ ދިއުމުގެ މަޡްހަރުތަކުގެ ތެރޭގައި އިންސާނާ އޭނާގެ މުޖުތަމަޢަކީ މިސާލީ މުޖުތަމަޢެއްކަމުގައި ޚިޔާލު ކުރުން ހިމެނެއެވެ.  އެފަދަ މީހަކު ހީކުރަނީ މުސްލިމު މުޖުތަމަޢަކީ މަލާއިކަތުންގެ މުޖުތަމަޢެއް ފަދަ މުޖުތަމަޢެއް ކަމުގައެވެ.  މުޖުތަމަޢުގައި އޮންނަންވާނީ ލޯތްބާއި އޯގާތެރިކަމާއި ކިޔަމަންތެރިކަމާއި މިކަންކަން ފުރިހަމައަށެވެ. މިހާރުގެ މުޖުތަމަޢަކީ މިފަދަ މުޖުތަމަޢެއްނަމަ މިއީ މިސާލީ މުޖުތަމަޢެކެވެ. މުޖުތަމަޢުން  ކުށްފާފަ ފެންނަނަމަ އެމުޖުތަމަޢަކީ އިސްލާމީ މުޖުތަމަޢެއްނޫނެވެ. އެއީ ޖާހިލީ މުޖުތަމަޢެކެވެ. މިއީ ކަމެއް ސިފަކުރުމުގައި ހައްދު ފަހަނައަޅާ ދިއުމެވެ. އަދި ޙަޤީޤަތާ ދުރުވުމެކެވެ. ފަހެ އިންސާނާއަށް އިންސާނެކޭ ކިޔުނީ އޭނާ ހަނދާންނެތޭލެއް ގިނަކަމުންނެވެ.

 (وَإنَّ كُلُّ ابن آدم خَطَّاء وخير الْخَطَّائِيْنِ التَّوَّابُوْنَ) رواه الترمذي 


މާނައަކީ: "އާދަމުގެ ދަރިންގެ ތެރެއިން ކޮންމެ މީހަކީ ކުށްކުރާނެ މީހެކެވެ. ކުށްކުރާ މީހުންގެ ތެރެއިން އެންމެ ރަގަޅުބަޔަކީ ތައުބާވާ މީހުންނެވެ. " އަދިވެސް ޙަދީޡް ކުރައްވާފައި ވެއެވެ.

(وَلولمْ يُذْنب الْبَشَر لَخَلَقَ اللّهُ بَشَرًا يُذْنبُوْن فَيَسْتَغْفِرُوْنَ فَيَغْفِر لَهُمْ ) رواه الترمذي 


މާނައަކީ : "އިންސާނުން ފާފަ ނުކުރާނަމަ ފާފަކުރާނެ އިންސާނުންގެ ބަޔަކު ﷲ އުފައްދަވައި އެބައިމީހުން ފާފަކުރުމަށްފަހު ތައުބާވުމުން ﷲ އެބައިމީހުންނަށް ތައުބާލައްވަވާނެއެވެ." ފާފަ ކުރުމަކީ ހުރިހާ އުއްމަތެއްގައިވެސް އޮތް ކަމެކެވެ. ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އުޅުއްވި ޒަމާނުގައި އުޅުނު ބައެއް މީހުންވެސް ކުށްފާފަ ކުރިކަމަށް ޞައްޙަ މަގުން ވާރިދުވެފައި ވެއެވެ. ﷲ ވަޙީކުރައްވާފައި ވެއެވެ.

( وَخُلِقَ الْأِنْسَانُ ضَعِيْفًا ) (سورة النساء 28 )


މާނައަކީ: "އެދުންތަކުގެ ކުރިމަތީގައި ނިކަމެތިވެގެންވާ މީހަކު ކަމުގައި އިންސާނާ ހެއްދެވިފައިވެއެވެ." ކުށްކުރުމަކީ އިންސާނުންގެ ކިބައިގައި ފިލައިނުގޮސް ހުންނަ ސިފައެކެވެ.

7- ހައްދުފަހަނައަޅާ ދިއުމުގެ މަޡްހަރުތަކުގެ ތެރެއިން މީސްތަކުން ކާފަރުކޮށް ނަރަކައަށް ލުމުގެ ބައި ހިމެނެއެވެ.  މިކަން މިހެން ދިމާވަނީ އަނެކާގެ އަބުރަށް އަރައިގަނެވިގެންނެވެ.  މިފަދަ ޙާލަތުގައި އެމީހުންގެ ލޭ އޮހޮރުވުން ހުއްދަވެގެން ދެއެވެ. މުދާ ހުއްދަ ވެއެވެ. އަދި އެފަދަ މީހެއްގެ ޙުރުމަތެއް ޒިންމާއެއް ނުއޮވެއެވެ. އެހެންކަމުން މީސްތަކުންކުރެ ގިނަބަޔަކު  ކާފަރުކޮށް ދީނުން ބޭރުވެއްޖެ ކަމުގެ ތުހުމަތު ބޮލުގައި އަޅުވައެވެ. ނޫންނަމަ އެއްގޮތަކަށްވެސް އިސްލާމްދީނަށް ނުވަންނަ ބަޔެއްކަމުގައި ބުނެއުޅެއެވެ.  މިއީ ހައްދުފަހަނައަޅާފައިވާ މީހަކު އޭނާގެ އެކުވެރިޔާ އެއްވާދީއަށް އަދި މުޅި އުއްމަތް އެހެންވާދީއަކަށް ވައްދާ ގޮތެވެ. މިކަންކަމަކީ އިސްލާމްދީނުގެ ކުރީކޮޅުގައި ޚަވާރިޖުންގެ ކިބައިންވެސް ފެނިފައިވާ ކަމެކެވެ.  އެބައިމީހުންނަކީ ޤުރްއާން ކިޔެވުމާއި ރޭ އަޅުކަމާއި ރޯދަހިފުން ފަދަ ތަފާތު އަޅުކަމުގައި އެންމެ ބޮޑަށް ހިފަހައްޓައިގެން ތިބި މީހުންނެވެ. އެހެންނަމަވެސް އެބައިމީހުން ގެނައި ފިކުރަކީ ފަސާދައިގެ ފިކުރެކެވެ. ޝައިޠާނާ އެބައިމީހުންނަށް އެބައިމީހުންގެ ނުބައި ޢަމަލު ޒީނަތްތެރި ކޮށްދިނުމުން  އެބައިމީހުންވެސް ދުށީ އެއީ ރީތި ޢަމަލެއް ކަމުގައެވެ.  މިބައިމީހުންގެ އެންމެ ޚާއްޞަ އެއްސިފައަކީ " އިސްލާމްދީނުގެ އަހުލުވެރިންނާ ހަނގުރާމަ ކުރުމެވެ.އަދި ބުދުދީނުގެ އަހުލުވެރިންނަށް ދަޢުވަތު ދިނުމެވެ."  މިދެންނެވި ޚަވާރިޖުންގެ ޢަމަލު މިޒަމާނުގައި ކުރާ މީހުންނަކީ ޖަމާޢަތުއްތަކްފީރު ވަލްހިޖްރައިގެ އަހުލުވެރިންނެވެ. އެބައިމީހުން ކާފަރުކުރަނީ ފާފައަކަށް އަރައިގަންނަ ކޮންމެ މީހެކެވެ.  އެއީ ތައުބާވުމެއް ނެތި އެގޮތުގައި ހުންނަ ކަމަށްޓަކައެވެ.  އެގޮތުން  އެބައިމީހުން ކާފަރުކުރަނީ ޤައުމުގެ ވެރިންނާއި ރައްޔިތުންނެވެ. ޢިލްމުވެރިންނާއި ޢާއްމުންނެވެ. އަދި  އެބައިމީހުންގެ ޚިޔާލުތަކާ ދެކޮޅު ހަދާ މީހުންނެވެ. އަދި އެބައިމީހުން އެވަންނަ ކޮންމެ ތާކަށް ނުވެންނަ ކޮންމެ މީހެކެވެ. އަދި އެބައިމީހުންގެ އުޞޫލުތަކާ ގޮތް ދޫކޮށްފިނަ އެމީހަކީ އެއީ މުރުތައްދުވެފައިވާ  ލޭއޮހުރުވުން ހުއްދަ މީހެކެވެ. މިބައިމީހުން މީހުން ކާފަރުކުރުމުގައި މިގޮތަށް އިސްރާފު ކުރެއެވެ.  މީސްތަކުން ދިރިތިބި ޙާލަތާއި މަރުވެފައިވާ ހާލަތުގައިވެސް މީސްތަކުން ކާފިރު ކުރެއެވެ. މުސްލިމެއްގެ ބޮލުގައި ކުފުރުގެ ތުހުމަތު އެޅުވުމާމެދު ވިސްނުމަށާއި އެކަމުން ދުރުވުމަށް  ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންޒާރު ދެއްވާފައި ވެއެވެ. ޞަހީޙު ޙަދީޘެއްގައި ވެއެވެ. (مَنْ قَالَ لِأخِيْهِ يَا كَافِرُ فقد باء بها أحدهما ) މާނައަކީ: މީހަކު އޭނާގެ އަޚާއަށް ކާފިރެކޭ ބުނެފިނަމަ  އެދެމީހުންގެ ކުރެ  އެކެއްގައި އެސިފަތައް ވެއެވެ." ކާފަރެއްކަން ޔަޤީން ނުވެއްޖަނަމަ އެމީހެއްގެ ބޮލުގައި ތުހުމަތު އަޅުވައެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ

ދީނުގައި ހައްދުފަހަނައަޅާ ދިއުމުގެ ސަބަބުތައް

ދީނުގައި ހައްދުފަހަނައަޅާ ދިއުމުގެ ސަބަބުތަކެއްވެއެވެ.

1-    ދީނުގެ ޙަޤީޤަތް ރަގަޅަށް އެގިފައިނެތުން :

ހައްދުފަހަނައަޅާ ދިއުމުގެ ސަބަބުތަކުގެ ތެރޭގައި އިސްލާމްދީނުގެ ޙަޤީޤަތް ރަގަޅަށް އޮޅުންފިލާފައި ނެތުން ހިމެނެއެވެ.  އިސްލާމީ ފިޤްހާއި އޭގެ ސިއްރުތަކާއި މަޤްޞަދުތަކާއި އޭގެ ރޫޙު ރަގަޅަށް އޮޅުން ފިލާފައި ނެތުމެވެ. މިތާގައި މިމާނަ ކުރެވެނީ މުޅިން ޖާހިލަކަށް ވުމެއްވެސް ނޫނެވެ. މިތާގައި މިޤަޞްދު ކުރެވެނީ ޢިލްމެއްގެ ބައިކުޅަބައެއް ލިބިފައިވުމަށެވެ. މިހެންވެ އަލްއިމާމު އައްޝާޠިބީ އޭނާގެ ފޮތް " އަލްއިޢުތިޞާމު" ގައި ލިޔުއްވާފައިވެއެވެ. އިސްލާމީ އުއްމަތުގެ ތެރޭގައި އިޚްތިލާފުތަކާއި ބައިބައިވުން ފެށިގެން ދިޔައީ އިންސާނުން އޭނާ އަމިއްލައަށް ތިމާއަކީ މާމޮޅަށް ދަންނަ މީހަކު ކަމުގައި  ދެކި ޢިލްމުގެ އަހުލުވެރިއެއް ކަމުގައިވެ ދީނުގެ ނަމުގައި އިޖްތިހާދު ކުރެވޭ މީހެއްކަމުގައި ވުމެވެ. އެކަމަކު އޭނާއަކީ ޙަޤީޤަތުގައި އެފެންވަރުގެ މީހެއްނޫނެވެ.  އެހެންވެއްޖެނަމަ އޭނާއަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘް ބަސްފުޅު ހަދާންކޮށް ދޭން ޖެހެއެވެ.

 (إن الله لا يقبض العلم انتزاعاً ينتزعه من العباد ، ولكن يقبض العلم يقبض


 العلماء حتى إذا لم يبق عالم اتخذ الناس رءوساً جهالاً فسئِلوا فأفتوا بغير علمِ


 فضلوا وأضلوا) رواه البخاري 


މާނައަކީ: ހަމަކަށަވަރުން ﷲ ތަޢާލާ އަޅުތަކުންގެ ކިބައިން  ޢިލްމު އުފުއްލަވަނީ  ޢިލްމު ނެތިކުރެއްވުމަކުންނެއް ނޫނެވެ. އެހެންނަމަވެސް ޢިލްމު ނެތިކުރައްވަނީ ޢިލްމުވެރިން ނެތިކުރެއްވުމުންނެވެ. އެގޮތުންގޮސް މިބިންމަތީން ޢިލްމުވެރިން ނެތިގޮސް މީސްތަކުން ޖާހިލުވެ ދީނުގެކަންކަމުގައި ސުވާލުކުރުމުން އެއްވެސް ޢިލްމަކާއިނުލައި ފަތުވާދީ ހެދުމުން މީސްތަކުންނަށް މަގުއޮޅި މަގުފުރެދިގެން ދިއުމުންނެވެ." އެހެންވީމާ ޢިލްމުގެ އެތިކޮޅެއް ލިބި އެކަމާއިމެދު ޢަޖާއިބުވެ ބޮޑާވެ އޭނާއަކީ ޢިލްމުވެރިއެއްކަމަށް ހީކުރުމަކީ ޖާހިލުމުރައްކަބު ވުމެވެ.

ޖާހިލުކަމުގެ މަޡްހަރުތައް

•   
ނައްޞުތައް ދެނެގަތުމުގައި ހަމައެކަނި އޭގެ ބޭރުފުށުގެ މާނައަށް ބެލުން : އިސްލާމީ ބައެއްޒުވާނުން މިހާރު ނައްޞުތައް ދެނެގަތުމުގައި ހިފަހައްޓަނީ ނައްޞުތަކުގެ އަކުރުތަކުގައެވެ. ނުވަތަ އެހެންގޮތަކަށް ދަންނަވާނަމަ  ހަމައެކަނި އޭގެ ބޭރުފުށުގެ މާނައިގައެވެ.  އެއްވެސް ޙާލެއްގައި އޭގައި އެކުލެވޭ މަޤްޞަދުތަކާއި މާނަތަކަށް ބެލުމެއްނެތިއެވެ. އެބައިމީހުން ޤިޔާސެއް ނުދަނެއެވެ. އަދި ޤިޔާސްގެ ބޭނުމެއްވެސް ނުކުރެއެވެ. އަދި ކަމެއް ޝަރުޢުކުރެއްވި ޙިކްމަތަކަށް ޢިއްލާއަކަށް ނުބަލައެވެ.  މިސާލަކަށް ޞަޙީޙައިނިގައި އައިސްފައިވާ ޙަދީޘަކަށް ބަލާއިރު މިޙަދީޘްގައި ވަނީ ކާފަރުންގެ ޤައުމަކަށް ނުވަތަ ޢަދާވާތްތެރިންގެ ޤައުމަކަށް މުޞްޙަފު ގެންދިއުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ މަނާކުރައްވާފައެވެ."

( عن عبد الله بن عمر رضي الله تعالى عنهما

أن رسول الله صلى الله عليه وسلم :


نهى أن يسافر بالقرآن إلى أرض العدو) رواه البخاري 


މާނައީ: މާތްﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޢުމަރުގެފާނުގެ ދަރިކަލުން ޢަބްދުﷲ ގެ އަރިހުން ރިވާވެފައި ވެއެވެ. " ޢަދުއްވުންގެ ޤައުމުތަކަށް ކީރިތިޤުރްއާން ގެންދިއުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ނަހީކުރެއްވިއެވެ."  މިކަން މަނާކުރެއްވުމުގެ ޢިއްލާއަށް ބަލައިފިނަމަ ބަޔާންވެ އެގިގެންދަނީ ކީރިތިރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިކަން މަނާކުރެއްވީ މުޞްހަފަށް ކާފަރުން ދީފާނެ ގެއްލުމަކަށްޓަކައެވެ. ނުވަތަ ހިތާފާނެ އިހާނެތިކަމަކަށްޓަކައެވެ.  އެހެންނަމަވެސް ފެންނަނީ މިފަދަ ޒުވާނުން މިކަން ނަހީ ކުރެއްވި ސަބަބަށް ބެލުމެއްނެތި މުޞްޙަފެއް ހިފައިގެން ކާފަރުންގެ ޤައުމަކަށް ދިއުން ނަހީކުރާތީއެވެ.  އޭރު އެތާގައި ދިރިއުޅޭ މުސްލިމުންނަށްވެސް އަދި އެނޫން މުސްލިމުންނަށްވެސް ކީރިތި ޤުރްއާން ވަރަށް ބޮޑަށް ބޭނުންވެފައެވެ. ކިޔެވުމަށާއި ހިތުދަސްކުރުމަށާއި ކުޑަކުދިންނަށް އުގަންނައިދިނުމަށާއި ކާފަރުންނަށް އިސްލާމްދީނަށް ދަޢުވަތުދިނުމަށާއި  މިކަންކަމަށެވެ. މިހެންވެ ފިޤްހުޢިލްމުވެރިން ފަތުވާދެއްވަނީ އެގޮތަށް ކީރިތިޤުރްއާނެއް ކާފަރުންގެ ޤައުމަކަށް މިޒަމާނުގައި ގެންދއުމަކީ އެކަމުގައި މަނާކުރާނެ އެއްވެސް ޢިއްލަތެއް ނުވާތީ ( އިހާނެތިކޮށް ހިތުން ، ގެއްލުން ދިނުން ) ހުއްދަކަމުގައެވެ. ޢިއްލާއަކީ އެކަމެއްކުރުން ނުވަތަ ނުކުރުމަށް ކުރިމަތިވާނެ ކަމެކެވެ. ޢިއްލާއެއް ފެނިއްޖެނަމަ ޙުކުމް ކަނޑައެޅޭނެއެވެ. އެކަމުގައި ޢިއްލާ ނެތިއްޖެނަމަ ކަންވެސް ނަފީވާނެއެވެ. ނުވަތަ ކުރީގެ ޙުކުމް ނަފީވާނެއެވެ. މިއީ މިޒަމާނުގައި އެންމެހާ މުސްލިމުންގެ ތެރޭގައި ޢަމަލު ކުރެވެމުންދާ ގޮތްކަން އެއްވެސް އިންކާރަކާއި ނުލައި އެންމެން ޤަބޫލުކުރެއެވެ.
•   
މިފަދަ އަނެއް މިސާލު: ދުރުދަތުރުކޮށްފައި އަންނަ މީހުންނަށް ރޭގަނޑު ގެއަށްވަނުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާކުރެއްވިއެވެ.

(نهى رسول الله  صلى الله عليه وسلم  أن يطرق أهله ليلاً) رواه البخاري ومسلم 


މާނައަކީ: "ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދުރުދަތުރުވެރިޔާއަށް ރޭގަނޑު އޭނާގެ ގެޔަށް އައުން މަނާކުރައްވާފައެވެ."

(إذا أطال أحد كم الغيبة فلا يطرق أهله ليلا) رواه البخاري


މާނައަކީ: ތިޔަބައިމީހުންކުރެ މީހަކު ގެއިން ބޭރުގައި ދިގު މުއްދަތެއް ހޭދަކުރުމަށްފަހު  ރޭގަނޑު ގެއަށް ނާންނަ ހުށިކަމެވެ."   މިކަމުގައި ދެޢިއްލާއެއް ވެއެވެ. އޭނާގެ ގޭގެ މީހުންނަށް ނުވަތަ އަހުލުންގެ މީހަކަށް ޝައްކުވާ ފަދަ ގޮތެއްގައި ފިރިހެނަކު ފެނުމުން ސަލާމަތްވުމެވެ.  ނުވަތަ އަނބިމީހާގެ ޚިޔާނާތްވުމުން ސަލާމަތް ވުމަށެވެ.  ފަހަރެއްގައި އޭނާ ރޭގަނޑު ކުއްލި ގޮތެއްގައި އައުމުން ބިރުވެރި ކަމެއް ފެނިދާނެތީއެވެ. ނޫންނަމަ ނޭދެވޭ މަންޒަރެއް ފެނިދާނެތީއެވެ. މިއީ ކުށްހީއެކެވެ. ދެމަފިރިއެއްގެ ޢަމަލުތަކުގައި މިފަދަ ގޮތެއް ހުރުމަކީ ނުވަތަ  މިފަދަ ގުޅުމެއް އޮތުމަކީ އިސްލާމްދީނުގައި ޢާއިލާއަށް ދެވިފައިވާ މަޤާމާ އެކަށީގެންވާ ފަދަ ކަމެއްނޫނެވެ.  ދެވަނަ ކަމަކީ: އަނބިމީހާއަށްވެސް އޭނާގެ ފިރިމީހާ އަންނާނެ ވަގުތު އެގިފައި އޮތުމަކީ އޭނާއަށްޓަކައި ޒީނަތްތެރިވެ ތައްޔާރުވާން ލިބޭނެ ފުރުޞަތެކެވެ. މިސާލަކަށް މިޒަމާނުގައި ފޯނުކޮށްފައި މިވެނި ގަޑިއެއްގައި އަންނާނަމޭ ބުނިނަމަވެސް ޢިއްލާ ނެތިގެންދާނެއެވެ. އެހެންވީމާ މިކަމުގެ ޢިއްލާ އެގިފައި އޮތުމަކީ ޝަރުޢީ މަޤާޞިދު ދެނެގަތުމަށް މުހިންމު ކަމެކެވެ. އަދި މިނައްޞުގެ ރޫޙުވެސް އެގިގެންދާނެ ކަމެކެވެ. އެހެންކަމުން މީގެ ޞައްޙަ ފަތުވާއަކަށްދާން ފަސޭހަވާނެ ކަމެކެވެ. އެހެންނަމަވެސް އެއިން ކުޑަކުޑަ މިންވަރެއް އޮޅުންފިލާފައިވާ މީހާ  ޝަރުޢީ މަޤާޞިދާ ގާތަށް ދިއުމަށް ޢުޒުރުވެރިވާނެއެވެ.

2-    ބޮޑެތި މައްސަލަތައް ދޫކޮށް ކުދިކުދި މައްސަލަތަކުގައި މަޝްޣޫލުވުން ؛

ޢިލްމުގެ ރޮގުގައި މިފަދަ މީހުން ރަގަޅަށް ސާބިތުވެފައި ނުވާތީ ދީނުގެ މުހިންމު މައްސަލަތައް ދޫކޮށް ފަރުޢީ ކުދިކުދި މައްސަލަތަކުގައި  ވާހަކަދެއްކުމުގައި މަޝްޣޫލުވެ އުޅެއެވެ.  މިދެންނެވި މައްސަލަތަކަކީ އުއްމަތުގެ ސަލަފުންނާ ޚަލަފުންވެސް އިޚްތިލާފުވެފައިވާ ފަރުޢީ މައްސަލަތަކެވެ. އަދި މިމައްސަލަތަކުގައި އެބައިމީހުން އިއްތިފާޤު ނުވާނެ މައްސަލަތަކެވެ.  ﷲގެ ހެއު ރަޙްމަތް މިކަންކަމުގައި ހިމެނިފައިވާ މިންވަރަކީ މައްސަލައިގެ އަހައްމިއްޔަތު ބޮޑުވިވަރަކަށް އިޚްތިލާފުވުން ކުޑަވާނެއެވެ. އަދި މައްސަލައިގެ އަހައްމިއްޔަތު ކުޑަވި ވަރަކަށް އިޚްތިލާފު ބޮޑުވާނެއެވެ.  މިސާލަކަށް ދީނުގެ އެންމެ އުސް ކުރި ބޯއްޓަކީ ދީނުގެ ފަސްރުކުނެވެ. މިކަމުގައި އެއްވެސް މުސްލިމެއްގެ މެދުގައި އިޚްތިލާފެއް ނުވެއެވެ. މިހެން ދަށަށް ދިޔަވަރަކަށް އިޚްތިލާފު ބޮޑުވެފައި ވެއެވެ. މިގޮތުން އިޚްތިލާފު ވުން ބޮޑުވަނީ އިސްލާމީ ޢިލްމުވެރިންގެ މެދުގައި އިޚްތިލާފުވުން އުފެދިފައިވާ ފަރުޢީ މައްސަލަތަކުގައެވެ. އެކަމުގައި ދީނުގައި އަހައްމިއްޔަތުކަން ބޮޑުވެފައެއް ނުވެއެވެ. މިސާލަކަށް ނަމާދުގައި ހަރަމް ބަނުމުގައި އަތްބާއްވާނެ ތަނެއްގެ މައްސަލަ އަތް ބާއްވާއްވާނީ މޭމަތީގައިތޯ ؟ ނުވަތަ ފޫޅުން ތިރީގައިތޯ؟ ނުވަތަ ހަށިގަޑުގެ ދެފަރާތަށް އަތްދޫކޮށް ތިރިއަށް އަތް އެލުވާލާނީތޯ؟ މީގައި ބޭނުންވަނީ ކޮން އުޞޫލެއްތޯ؟ މިއީ އިޚްތިލާފުތަކެވެ.

މިއިޚްތިލާފުތަކުގައި އަޅުގަނޑުމެންގެ ހުރިހާ ވަގުތެއް ބޭކާރު ކުރާނީތޯ ނޫންނަމަ އެނޫން ބޮޑެތި މައްސަލަތަކަށް ވިސްނުން ބަދަލުކޮށް ޙައްލު ކުރާނީތޯއެވެ؟ މިވަގުތު އަޅުގަނޑުމެންގެ އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި އިސްލާމީ އުއްމަތުގެ މައްޗަށް ޢަލްމާނީ ޙަރަކާތްވެރިވެ ގަތުމާއި ކޮމިއުނިޒަމްގެ އުޞޫލުތައް ފެތުރިފައިވުމާއި މުސްލިމުން ނަޞާރާ ކުރުމުގެ ޙަމަލާތައް ކުރިމަތިވެފައި ވުމާއި މިކަންކަން ހިމެނެއެވެ. މިކަންކަމަކީ އުއްމަތުން އިސްލާމީ ޝަޚްޞިއްޔަތު ފޮހެލާނެ ކަންކަމެވެ. އަދި ހަމަ މިދަނޑިވަޅަކީ މުޅި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުގައި މުސްލިމުން ކަތިލަމުން ގެންދާ ދަނޑިވަޅެކެވެ. އެހެންނަމަވެސް ހިތާމައާއެކު ދަންނަވަން ޖެހެނީ ފަރުޢީ މިފަދަ މައްސަލަތަކުގެ އިޚްތިލާފުތަކުގައި އުޅޭމީހުން ޢިލްމު އުނގެނުމަށްޓަކައި ޔޫރަޕަށާއި އެމެރިކާއަށް ދަތުރުކޮށް އެތަންތާގައިވެސް އިސްލާމް ދީނުގެ ފަރުޢުތަކުގެ އިޚްތިލާފީ ވާހަކަތައް ޖަދަލު ކުރުމުގައި ޙައްދު ފަހަނައަޅާ ދިޔައެވެ. ޙަޤީޤަތުގައި އެމީހުންނަށް ބޭނުން ވެފައިވަނީ އިސްލާމީ ޢަޤީދާ ރައްކާތެރި ކުރުމާއި އެޢަޤީދާގެ މަތީގައި ދެމިހުރުމާއެކު ފަރުޟުތަކާއި ވާޖިބުތައް  އަދާކުރުމާއި ބޮޑެތި ފާފަތަކާއި ދުރުހެލިވުމެވެ. (ނުނިމޭ)

އިދާރާ

ވާހަކަ