އަދުގެ ޚާއްސަ

Print

ޤައުމީ ދުވަހުގެ ވާހަކަ

ޝާޢިއުކުރީ ޢަބްދުﷲ ޞާދިޤު . ހިމެނޭބަޔަކީ ސަމާސާ އަދަބު


ޢަބްދުﷲ ޞާދިޤު

އެއް އަހަރެއްގެ ޤައުމީ ދުވަހު، އެދުވަސްފާހަގަކުރުމަށް އިސްކަންދަރު ސްކޫލްގައި ބޭއްވި ޖަލްސާއެއްގައި ޝަރަފްވެރި މެހުމާނެއްގެ ގޮތުން އަޅުގަނޑަށް ބައިވެރިވާން ޖެހުނެވެ.

ޖަލްސާކުރާ މާލަމަށްވަދެ، އިށީނދެ ހަމަޖެހިލައިގެން ބަލައިލިއިރު ކުރިމަތީގައި ޕްރޮގުރާމް އޮތެވެ. އޭގައި ކުރަންވީ ކަންތައްތަކާއި ހަދަންވީ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައި އޮތެވެ.

ފުރަތަމަ ކުއްޖަކު ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވައިފިއެވެ. ވަރަށް ރީތި ހިތްގައިމު ރާގަކުންނެވެ. އަޅުގަނޑުގެ ހިތަށްވެސް ވަރަށް އަސަރުކުރިއެވެ. ޤުރުއާން ކިޔަވާ ނިމުމަށްފަހު ދެން އޮތީ ޖަލްސާ ތަޢާރަފުކުރުމުގެ ގޮތުން ކުއްޖަކު ވާހަކަ ދެއްކުމެވެ. އޭނާ ވާހަކަ ދެއްކިލެއްވެސް ނުހަނު ފުރިހަމައެވެ. ކޮންމެ ނަންބަރެއް ފުރިހަމަކުރަން ތެދުވި ކުއްޖަކުވެސް ހުރީ ރީތި ދިވެހި ހެދުމެއްގައެވެ. އަންހެން ދަރިވަރު ހުރީ ބޯވަޅު އެޅި ލިބާހެއްލައިފައެވެ. ފޭއްޔެއް އަނދެލާފައެވެ. ބޮލުގައިވަނީ ރުމާ ފަޅިއެކެވެ. ފިރިހެން ދަރިވަރު ހުރީ ހުދުމުންޑެއް އަނދެފައި ހުދު ގަންޖިފަރާހެއްލާފައި ކާބަފައިން އޮޅައި އުޅުނު ކަހަލަ ހުދު ފޮށައެއް ބޮލުގައި އޮޅައިލާފައެވެ.


މި ދެނަންބަރަށްފަހު، ދެންއޮތީ ޅެމެއް ކިޔުމެވެ. ޅެން އެކުލަވާލައްވާފައިވާލެއްވެސް ވަރަށް ހިތްގައިމެވެ. އޭގައިހުރީ، ދުވަހާގުޅޭ ނުހަނު ރީތި ޢިބާރާތްތަކެކެވެ. ޅެމުގެ ފުރިހަމަކަމާމެދު ވިސްނާލަން އިންދާ ޕްރިންސިޕަލް ވިދާޅުވެއްޖެއެވެ. މިޅެން ހެދީ ކާކުކަން ސޯދަށް އެނގޭ ހެއްޔެވެ؟ އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑަކަށް ނޭނގެއެވެ. އެނގޭނީ ތިޔަބޭފުޅުން ވިދާޅުވެލެއްވީމާތާއެވެ! އެވަގުތު ޕްރިންސިޕަލް ވިދާޅުވިއެވެ. ޅެން ހެއްދެވީ ފާއިޒާއެވެ. އޭރު ފާއިޒާ ވަޑައިގެންވީ އުތީމުގައެވެ. އެއީ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައެވެ. އޭނާގެ ހުޝިޔާރުކަމާއި މިހާރުވެސް ކަންތައް ކުރައްވާލެއް ރަނގަޅުފުޅުކަން އޭރުވެސް އަޅުގަނޑު އިނީ ހިތަށް ވައްދައިގެންނެވެ.

ތިންވަނަ އައިޓަމަކަށް އޮތީ އަޅުގަނޑުގެ ވާހަކަ ދެއްކުމެވެ. ދެން އަޅުގަނޑު ވާހަކަދައްކަން ތެދުވެ ވާހަކަދައްކަމުން ބުނީމެވެ. ވަރަށް އުފާވެއްޖައީމެވެ. އެންމެ ފުރަތަމަ އިވިގެން މިދިޔައީ ކީރިތި ޤުރުއާން ކިޔެވުމުގެ އަޑެވެ. ކީރިތި ޤުރުއާން އަޅުގަނޑުމެންނަށް މިހެން ކިޔެވޭގޮތްވެފައި މިއޮތީވެސް ބޮޑުތަކުރުފާނު ހޯއްދަވައިދެއްވި ފުރުޞަތުގެ ސަބަބުންނެވެ. އެއީ، އަޅުގަނޑުމެންގެ މާތްދީނުގެ ރަމްޒެކެވެ. ވީމާ، އަޅުގަނޑުމެންގެ މާތްދީން ސަލާމަތް ކުރެއްވުމަށްޓަކައި އޭނާ ކުރެއްވި ޖިހާދު މިއަދު އަޅުގަނޑުމެންގެ ހނދާނަށް ގެންނަންޖެހެއެވެ.

ދެވަނަ ކަމަކަށް ތިޔަކުދިން ތިޔަ ވާހަކަދައްކަނީ ދިވެހިބަހުންނެވެ. އޭނާ ޤައުމަށްޓަކައި ކުރެއްވި މަސައްކަތުގެ ތެރޭގައި ދިވެހިބަސް ސަލާމަތްކުރެއްވުންވެސް ހިމެނެއެވެ. ތިންވަނަކަމަކަށް ވިސްނާލާއިރު، ތިޔަކުދިން އަޅައިގެން ތިޔަ ތިބީ ދިވެހި ހެދުމެވެ. ކާބަފައިން އަޅައިއުޅުނު ހެދުމެވެ. އެ ރަމްޒުކޮށްދެނީ އަޅުގަނޑުމެންގެ ސަޤާފަތެވެ. ދިވެހި ސަޤާފަތް ރައްކާތެރިކޮށްދެއްވުމަކީވެސް އެތަކުރުފާނުގެ ޖިހާދުގައި ހިމެނިފައިވީކަމެކެވެ. މިހުރިހައި ކަމަކަށްވެސް އަޅުގަނޑުމެންގެ ހިތުގެ އަޑިން ހިފެހެއްޓުމެއްނެތި އެ ރަދުންނަށް ތާރީފު ރައްދުކުރާން ޖެހެއެވެ. ޖުމްލަކޮށް މިހުރިހައި ކަމެއްގެ އަސަރުތައް ތިޔަ ކުދީން މިއަދު ދިރުވައިދީފީމުއެވެ.

އަޅުގަނޑުގެ ވާހަކަ ކުރިއަށް ގެންދަމުން ދެންނެވީމެވެ. އަޅުގަނޑަށް އެންމެ އަސަރުކުރުވީ، އެ ކިޔާލި ރީތި ޅެމެވެ. ޝުޢޫރުތައްވެސް އެހާފުރިހަމައެވެ. ދެން އަޅުގަނޑު ޚިޔާލުކޮށްލީ އެ ޅެމުގެ ޅެންވެރިޔާއާ މެދުގައެވެ. އޭގެ ޅެންވެރިއަކީ އަޅުގަނޑުމެންގެ ފާއިޒާއެވެ. މިއަދުވެސް ވަރަށް ޙަރަކާތްތެރި ބޭފުޅެކެވެ. މިހާރުވަޑައިގެންވީ އުތީމުގައެވެ. އޭނާއަކީ އަދިވެސް ޚިޔާލުފުޅު މުއްސަނދި ބޭފުޅެކެވެ. އަބަދުހެން ޅެން ހައްދަވައެވެ. ލިޔުއްވައެވެ. އެކަންކަމަށް އެއްވެސް ކަހަލަ ފަނޑުކަމެއް ނާދެއެވެ. ދެން މިރޮނގުން އަޅުގަނޑު ވަރަށް ތާރީފުކުރީމެވެ. މިހާރު އުމުރުފުޅުން 80 އަހަރުވީއެވެ. އަށްޑިހަ އަހަރޭ ދަންނަވާލާއިރަށް ޖަލްސާގައި ތިބި މީހުންގެ ތެރެއިން މީހަކު ތެދުވިތަން އަޅުގަނޑަށް ފެނުނެވެ. ތެދުވެގެން އެމީހަކު ބޭރަށް ނުކުމެގެން ހިނގައްޖެއެވެ. ދެން އެވީ ކީއްކަމެއް އަޅުގަނޑަކަށް ނޭނގުނެވެ. އެކަމާ އަޅުގަނޑު ވަރަށް ދެރަވިއެވެ. ހީވާގޮތުން އެއީ މުދައްރިސެކެވެ.

 ދެންކޮންމެއަކަސް އަޅުގަނޑު ދައްކަމުންދިޔަ ވާހަކަކޮޅު ނިންމާލާފައި ޖަލްސާގެ އެހެން ނަންބަރުތަކަށްވެސް އިޝާރާތްކޮށްލާފައި އިށީނދެއްޖައީމެވެ. ވަރަށް ތަރުހީބުވެސް ލިބުނެވެ. ދެއްކުނު ވާހަކަތައް މާ ނުބައި ނޫނީތާއޭ ހިތަށް އެރިއެވެ.

އިށީނދެ ހަމަޖެހިލާފައި ޕްރިންސިޕަލަށް ދަންނަވާލީމެވެ. ދެންމެ ޖަލްސާ ހިނގަހިނގާއޮއްވާ މުދައްރިސަކު އެ ދުރުވީ ކީއްވެގެންތޯއެވެ؟ އޭނާ ވަރަށް ދެރަފުޅުވެފައި ވިދާޅުވިއެވެ. ދެންމެ ސޯދު ތިޔަ ކުރެއްވީ ވަރަށް ދެރަކަމެކެވެ! އަޅުގަނޑު ސިހިފައި، ކަންބޮޑުވެފައި އަވަސް އަވަހަށް ދަންނަވާލީމެވެ. އަނެއްކާ އަޅުގަނޑަށް ކުރެވުނީ ކީއްތޯއެވެ؟ އެވަގުތު ޕްރިންސިޕަލް ވިދާޅުވިއެވެ. ފާއިޒާއޭ ތިޔަބުނީ ނޫންހޭ އަދި ފާއިޒާގެ އުމުރުން 80 އަހަރޭ ބުނާއިރަށް .......... އޭނާ އެދިޔައީ ނޫންހެއްޔެވެ؟ މިއީ ޑޭޒީމާގޭ ފާއިޒާ ހެއްދެވި ޅެމެއްނޫނެވެ. މީ އޮގަރު ފާއިޒާ ހެއްދެވި ޅެމެކެވެ.

އަޅުގަނޑު ދެންނެވީމެވެ. މަޢުލޫމާތު ދެއްވާއިރު ރަނގަޅަށް މަޢުލޫމާތު ދެއްވާނަމަ މި އޮޅުމެއް ނޭރީހެވެ. ވަރަށް ދެރަވެއްޖައީމެވެ. ވަރަށް ހިތާމަކޮށްފީމެވެ!

އިދާރާ

އެނގޭތަ؟

ވާހަކަ