www.fanvai.info

Print

ރިމޯޓުން ނިވާލުމުން.......

ޝާޢިއުކުރީ ޢަބްދުﷲ ފިރާޤު . ހިމެނޭބަޔަކީ ޓެކްނޮލޮޖީ


ޢަބްދުﷲ ފިރާޤް

ގޭތެރޭގެ މާހައުލުގެ އިތުރުން އޮފީސް މާހައުލުގައިވެސް ބޭނުންކުރަމުންދާ ގިނަ އިލެކްޓްރިކް އަދި އިލެކްޓްރޯނިކް ސާމާނަކީ ރިމޯޓް ބޭނުންކޮށްގެން ނިވާލެވޭ ތަކެއްޗެވެ. ޓީވީ، ވީސީއާރު، ލަވަޖަހާސެޓް ފަދަ ތަކެއްޗެވެ. އެއަރކަންޑިޝަން އަދި ހީޓަރުފަދަ ތަކެއްޗެވެ. ކޮމްޕިއުޓަރ މޮނީޓަރ ފަދަ ތަކެއްޗަކީވެސް މިފަދަ ގޮތަކަށް ބޭނުންކުރެވޭ ތަކެއްޗެވެ. ކޯޑުލެސް ޓެލެފޯނާއި، އާންސަރިންގ މެޝިނާއި، އިންޓަކަމްސް ފަދަ ސާމާނަކީވެސް ހަމަ މި ގިންތީގައި ހިމެނޭ ތަކެއްޗެވެ. 

ދަންނަވާލަން މި އުޅޭ ވާހަކައަކީ "ސްޓޭންޑްބައި މޯޑް" ގެ ވާހަކައެވެ. ރިމޯޓް ބޭނުންކޮށްގެން ނިވާލުމުން އެއެއްޗެއް ދާނީ ސްޓޭންޑްބައި މޯޑަށެވެ. އެހެންކަމުން އެއެއްޗެއްގައި ކަރަންޓް ހުންނާނެއެވެ. އަދި އަބަދު ބޮތްކެއްދިއްލިފައި ހުންނާނެއެވެ. ނުވަތަ ނިވިދިއްލޭނެއެވެ. ބައެއް ތަކެތީގައި ގަޑިފަދަ ތަކެތިވެސް ފެންނަން ހުންނާނެއެވެ. 

    
މިތަކެތި ބޭނުން ނުކޮށް ހުންނަ އިރުވެސް ކަރަންޓް އެބަ ޚަރަދު ކުރެވެއެވެ.  ބޭނުމެއްނެތް ގޮތުގައި ޖީބުން ލާރިކޮޅެއް ޚަރަދު ކުރަންވެސް ޖެހޭމެއެވެ. އެހެންކަމުން މިކަމަކީ ވިސްނާލެއްވުން ރަނގަޅު ކަމެއް ކަމުގައި ދެކެމެވެ.  
     
ދުނިޔޭގައި މިކަމާއި ގުޅިގެން ހެދިފައިވާ ސަރވޭތަކުން ދައްކާގޮތުގައި "ސްޓޭންޑްބައި މޯޑް" ގައި މިފަދަ ތަކެތި ބެހެއްޓުމުން ބޭކާރު ގޮތުގައި ޚަރަދު ތަކެއް ކުރަންޖެހެއެވެ. އަދި ބޭނުމެއްނެތް ގޮތުގައި ހަކަތަ ބޭނުންކުރެވެމުން ދެއެވެ. ރާއްޖޭގައި މިފަދަ ކަމަކަށް އެކަށީގެންވާ ދިރާސާއެއް ކުރެވިފައި ނެތަސް ދުނިޔޭގެ އެހެން ވަރަށް ގިނަ ޤައުމުތަކުގައިވަނީ މިފަދަ ދިރާސާތައް ކުރެވިފައެވެ. މިފަދަ ޤައުމުތަކާއި އަޅާބަލާއިރު މިރާއްޖޭގައިވެސް ގޭތެރޭގައި ބޭނުންކުރާ މިފަދަ އާލާތްތައް މަދެކޭ ދެންނެވޭކަށް ނެތެވެ. . އެހެންކަމުން މިތަނުގައި ބައެއް އެހެން ޤައުމުތަކުގެ ވާހަކަ ނަކަލު ކޮށްލާނަމެވެ.
     
އޮސްޓްރޭލިއާގައި އަހަރަކު ކޮންމެ ގެއަކުންވެސް ގާތްގަނޑަކަށް "ސްޓޭންޑްބައި" ހަކަތައިގެ ގޮތުގައި 760KWh ބޭނުންކުރެވެއެވެ. މީ މުޅިޤައުމުގެ ގޭގޭގައި ބޭނުންކުރާ ކަރަންޓްގެ 11.6 ޕަސެންޓެވެ. އެމެރިކާ ޑޮލަރުން އަގުކުރާނަމަ މީ 200 މިލިއަން ޑޮލަރުގެ އަގުހުރި ހަކަތައެވެ. ތިމާވެށްޓަށް ވެދާނެ ގެއްލުމުން ބަލާނަމަ މީ 4 މިލިއަން ޓަނުގެ ކާރބަންޑައި އޮކްސައިޑް ޖައްވަށް ބޭރުކޮށްގެން އުފެއްދޭނެ ހަކަތައެކެވެ. މިވަރުން މީ ކިހާވަރަކަށް ވިސްނާލަންޖެހޭ ކަމެއް ކަމުގައި ކިއުންތެރިންނަށް ވިސްނިވަޑައިގަންނަވާނެކަމަށް  އުންމީދު ކުރަމެވެ.
     
ހަމައެކަނި މާލެއަށް ބަލާލިއަސް "ޕީކް" ގަޑީގައި29,328KW ހަކަތަ ބޭނުންވާއިރު މިސާލަކަށް މީގެ 10 ޕަސެންޓަކީ "ސްޓޭންޑްބައި" ޕަވަރ ކަމަށްވާނަމަ އެއީ 2,932.8KW ގެ ހަކަތައެވެ. މަހަކަށް ބަލާނަމަ 87,984KW އެވެ. އަދި އަހަރަކަށް ބަލާނަމަ 1,055,808KW ގެ ހަކަތައެވެ. މި މިންވަރުގެ ހަކަތަ ބޭނުންކުރުމުން ދައްކަށްޖެހޭ ފައިސާއިން ބަލާނަމަ ދުވާލަކަށް ގާތްގަނޑަކަށް 7,332ރ. (ހަތްހާސް ތިންސަތޭކަ ބައްތިރީސް ރުފިޔާ) އެވެ. މަހަކަށްނަމަ ގާތްގަނޑަކަށް 219,960ރ. (ދެލައްކަ އޮނަވިހި ހާސް ނުވަސަތޭކަ ފަސްދޮޅަށް  ރުފިޔާ) އެވެ. އަދި އަހަރަކަށް ބަލާނަމަ ގާތްގަނޑަކަށް މީ 2,639,520ރ. (ސައްބީސް ލައްކަ އޮނަ ސާޅީސް ހާސް، ފަސްސަތޭކަ ވިހި ރުފިޔާ) އެވެ. އެހެންކަމުން މިފަދަ ބޮޑު އިސްރާފެއްކުރުމުގެ ބަދަލުގައި މިކަމަށް ސަމާލުކަމެއް ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ.  
     
"ސްޓޭންޑްބައި މޯޑް" ގައި ތަކެތި ބެހެއްޓުމުން ބޭކާރުވެގެން މިދާހަކަތައާއި، ފައިސާ އަދި ޖައްވައް ދޫކުރެވޭ ކާބަންޑައި އޮކްސައިޑުން ސަލާމަތް ވުމަށްޓަކައި އަމަލު ކުރެވިދާނެ ގޮތްތަކަކާއިމެދު އަލިއަޅުވާލާނަމެވެ.

1.    އާންމު ހޭލުންތެރިކަން އުފެއްދުން. މިގޮތުން ކަރަންޓް ބޭނުން ކުރާނެ ރަނގަޅުގޮތް ބުނެދީ، މިކަމަށް ކެމްޕެއިންތައްކުރުން. ރާއްޖޭގެ ކަރަންޓް ކުންފުނިން މިހާރުވެސް މިފަދަ މަސައްކަތްތައް ކޮށްފައި ހުއްޓައިފެނެއެވެ.

2.    ބޭނުންކޮށް ނިމުމުން ރިމޯޓުން ނިވާލުމަށްފަހު ސްވިޗުންވެސް ނިވާލުން. މިސާލަކަށް ޓީވީ، ވީސީއާރު، ލަވަޖަހާސެޓް، ޑީކޯޑަރު ފަދަ ތަކެތީގައި ރިމޯޓުން ނިވާލިއަސް ކަރަންޓް ހުންނާނެއެވެ. މިގޮތުން ބޮތްކެއް ނުވަތަ ގަޑިފަދަ ތަކެތި އަބަދުވެސް ޑިސްޕްލޭކުރާނެއެވެ. އެހެން ކަމުން ސްވިޗުން ނިވާލުމުން މިކަމުން ސަލާމަތް ވެވުނީއެވެ.

3.    ކޮމްޕިއުޓަރ މޮނިޓަރ ފަދަ ތަކެތިވެސް ހުންނާނީ ސްޓޭންޑްބައި ގައެވެ. އެހެންކަމުން މޮނިޓަރވެސް ސްވިޗުން ނިވާލުން އާދަ ކުރާށެވެ.


4.    ލެޕްޓޮޕް ޗާރޖަރު  ނުވަތަ ފޯނު ޗާރޖަރުގައި އާންމުކޮށް ބޮތްކެއް ހުންނާނެއެވެ. އެހެންކަމުން ޗާރޖުވެ ނިމުނަސް ހަމަ ހަކަތަ ބޭނުން ކުރާނެއެވެ. އެހެންކަމުން ސޮކެޓުން ނިވާލަން ހަނދުމަކުރާށެވެ.

5.    އާންމުކޮށް ބޭނުން ކޮށްނިމުމުން ދެން އަވަހަށް ބޭނުންކުރަން ނުޖެހޭނަމަ ސޮކެޓުން ކަރަންޓް ކަނޑާލަން އާދަކުރާށެވެ. އޭރުން "ސްޓޭންޑްބައި" ޕަވަރ ގެ ގޮތުގައި އުކާލަންޖެހޭ ވަރަށްގިނަ ހަކަތަ ސަލާމަތް ކުރެވޭނެއެވެ. އަދިވެސް މިނޫނަސް ކުރެވިދާނެ ކަންކަން ހުންނާނެއެވެ.
 
      ބޭނުމެއްނެތް ގޮތުގައި ހަކަތަ އުކާލުމަކީ، އަމިއްލަ ފަރުދީ ދިރިއުޅުމަށާއި، މުޖުތަމަޢަށް އަދި ތިމާވެއްޓަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާކަމެއްކަން ވަރަށް ރަނގަޅަށް މިއޮތީ ފެންނާށެވެ. އެހެންކަމުން ދިރިއުޅުމުގައި މީވެސް ވަރަށް ސަމާލުވެ އާދަ ކުރަންވީ ކަމެއް ކަމުގައި ދެކެމެވެ. 

ނޯޓް: މިލިއުމުގައި ރާއްޖޭގައި ކަރަޏްޓަށްނަގާ އަގުގެ ގޮތުގައި ބަޔާންކޮށްފައި އެވަނީ އަންދާސީ އަގެކެވެ.  

www.fanvai.info