އަދުގެ ޚާއްސަ

Print

ޕޭރެންޓް ޓީޗަރ އެސޯސިއޭޝަން (ޕީ.ޓީ.އޭ)

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ތަޢުލީމާއި ތަރުބިޔަތު


އަޙްމަދު ރަޝީދު  އެސްޖެހިގެ، ލ. ފޮނަދޫ


ބެލެނެވެރިންނާއި މުދައްރިސުންގެ ޖަމްޢިއްޔާ ނުވަތަ ޕީ.ޓީ.އޭ އާއިމެދު ތިޔަބޭފޫޅުންގެ ތަޞައްވުރަކީ ކޮބައިހެއްޔެވެ؟
ހުޅުވާލެވިފައި މިވަނީ ނުހަނު ހާމަކަންބޮޑު ސުވާލެކެވެ. ޖަވާބެއްދިނުމުގައި ތަފްޞީލެއް ބޭނުންވާ ސުވާލެއްވެސް މެއެވެ. "ބެލެނެވެރިންގެ ތެރެއިން ދަރިވަރުންގެ މަންމައިން'' ޕީ.ޓީ.އޭ ބައްދަލުވުމެއްގައި އިށީނދެތިބެ މަޝްވަރާތަކެއްކުރުމަށްފަހު ބެލެނިވެރިންގެ މަސައްކަތު ދުވަހެއް ފާހަގަކޮށްލުމަށް ނިންމުން ނުވަތަ، އޭތިމީތި ސޭލެއް ބޭއްވުމަށް ނިންމުންފަދަ ކަންކަންކުރުން މިވެސް ތަޞައްވުރަކަށްވެދާނެއެވެ. އެހެންނަމަވެސް މިކަމުގައި އަޅުގަނޑުގެ ތަޞައްވުރު ތިޔަބޭފުޅުންގެ ތަޞައްވުރާ ތަފާތު ވެދާނެއެވެ.

ޒިންމާ


ޕީ.ޓީ.އޭ ގެ މައިގަނޑު ޒިންމާއެއްކަމަށް އަޅުގަނޑުދެކެނީ އެ ޖަމްޢިއްޔާއަކީ މަދަރުސާއެއްގެ ދަރިވަރުންގެ ކުރިއެރުމާއި ލާބަޔަށް މަސައްކަތް ކުރުމަށްޓަކައި، ބެލެނެވެރިންނާއި މުދައްރިސުންނާއި ސްކޫލާއި ދެމެދު  ''މަސައްކަތްކުރުމަށް އުފެދޭ ގުޅުމެއް'' ކަމުގައެވެ. ގުޅުވާލެވޭ ފާލަމެއް ކަމުގައެވެ. މިދެންނެވި ޙަރަކާތްތަކުގެ ތެރޭގައި ސްކޫލްގެ ކަންކަމުގައި ހިލޭސާބަހަށް މަސައްކަތްކުރާނެ ފަރާތްތަކެއް ތައްޔާރުކުރުމާއި ވިލަރެސް ކުރުމުގައި މަސައްކަތް ކުރެވިދާނެއެވެ. އަދި މިހާރުވެސް ހިންގަމުން އަންނަގޮތަށް ސްކޫލުގެ އިނާމުދިނުމުގެ ރަސްމިއްޔާތު ތަކުގައި ޢަމަލީގޮތުން ބައިވެރިވުމާއި ބެލެނެވެރިން ހޭލުންތެރިކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމާއި މުދައްރިސުން ކޮށްދެއްވަމުން ގެންދަވާ އަގުނުކުރެވޭ މަތިވެރި ޚިދްމަތްތަކުގެ އަގުވަޒަންކުރުމަށް ޙަރަކާތްތައް ރޭވުންފަދަ ކަންކަންވެސް ކުރަމުން ގެންދިޔުމެވެ.

ޕީ.ޓީ.އޭ އަކީ ސްކޫލަށް ފަންޑުހޯދުމަށް އޮންނަ ގުނަވަނެއްކަމަށް ބައެއްފަހަރަށް ވެގެންދެއެވެ. ނަމަވެސް މިކަމަކީ ޕީ.ޓީ.އޭ ގެ ފުރަތަމަ ޒިންމާއެއް ނޫނެވެ. މިހެން މިދެންނެވީ ފަންޑުހޯދުން އެއީ އެ މުއައްސަސާގެ މައިގަނޑު މައްސޫލިއްޔަތެއްކަމުގައި ބައެއް ސްކޫލްތަކުން ސިފަކުރާތަން މަދުންނަމަވެސް ފެންނަމުންދާތީއެވެ. އެހެންނަމަވެސް، ބަޖެޓްގެ ދަތިކަން އިންތިހާއަށް ބޮޑުވެގެން ނުދާހާ ހިނދެއްގައި މިކަން އޮންނަން ޖެހޭނީ މިގޮތަށް ބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. ދެން އޮތް ސުވާލަކީ ޕީ.ޓީ.އޭ މެދުވެރިވެގެން ނުވަތަ ދަރިވަރުން ހޯދާ ފައިސާ ޚަރަދު ކުރުމުގައި ޕީ.ޓީ.އޭ ގެ މެމްބަރުންނަށް އެފައިސާ ޚަރަދުކުރާނެ ދާއިރާތަކާއި ކަންކަން ނިންމުމުގައި އެއްމެ ފަހުބަސް ބުނުމުގެ އިޚްތިޔާރު ލިބެން ނުޖެހޭނެތޯއެވެ. އުޞޫލެއްގެ ގޮތުންބަލާއިރު، ޕީ.ޓީ.އޭ މަސައްކަތް ކުރަންޖެހޭނީ ސްކޫލުގެ ޕްރިންސިޕަލް ނުވަތަ އިސްވެރިޔާއާއި ސީނިއަރ މެނޭޖްމެންޓް އަދި ހައުސް މާސްޓަރުންނާއި ކްލަބްތަކުގެ އިންޗާރޖުން ގުޅިގެން، ސްކޫލުގެ ދަރިވަރުންނަށް އެއްމެފައިދާހުރި ޙަރަކާތްތައް ރާވާހިންގުމުގައެވެ. އަދި ސްކޫލް ބޯރޑް އުފެދުމުން އެބޯރޑްން އިސްކުރެވޭ ބޭފުޅުންކޮޅެއްވެސް މި ދެންނެވިކަންކަމުގައި ހިމަނަންޖެހޭކަމަށް އަޅުގަނޑު ޤަބޫލުކުރަމެވެ.

ޕީ.ޓީ.އޭ ގެ ޢާއްމު ބައްދަލުވުން ތަކަކީ ހުޅުވާލެވިފައިވާ ބައްދަލުވުން ތަކަކަށް ވާންޖެހޭނެއެވެ. މިކަމުގައި ޢާއްމު ބެލެނެވެރިންގެ ބައިވެރިވުމާއި އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާނެއެވެ. މިފަދަ ބައްދަލުވުންތަކުގައި ކުދިންގެ ކިޔެވުން ކުރިއެރުވުމާއި ގުޅޭ ކަންކަމާއިމެދު ޚިޔާލުފާޅުކޮށް ކަންކަން ނިންމަންވާނެއެވެ. ބައްދަލުވުން ނިމިގެން ސްކޫލުން ބޭރަށްނުކުމެ ދޭދޭ ބެލެނެވެރިންގެ ދެމެދުގައި ޚިޔާލުފާޅުކުރުން އެއީކީ މިކަމުގައި ހައްލެއް ނޫނެވެ. ވާހަކަ ދެއްކުމާއި ޚިޔާލުފާޅުކުރުން ބައްދަލުވުމުގެ ތެރޭގައި ކުރިޔަށްގެންދިޔުމުގައި ދަރިވަރުންނަށް ހިންގިދާނެ އިތުރު ޙަރަކާތްތަކާއި ދަރިވަރުންގެ އަޚްލާޤް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއިމެދު މަޝްވަރާކުރެވިދާނެއެވެ. މީގެ އިތުރުން މުޖުތަމަޢް ތެރެއިން ތަފާތު ދާއިރާތަކުން ކަމުގެ މާހިރުން ބެލެނެވެރިންގެ ބައްދަލުވުންތަކުގައި މެހެމާނެއްގެ ގޮތުގައި ބައިވެރިކޮށް ތަފާތު ޚިޔާލުތަކެއް ހޯދިދާނެއެވެ.

ސްކޫލްގައި ޕީ.ޓީ.އޭ ތެރެއަށް ނުވަތަ ޕޭރެންޓް ޓީޗަރ ސްޓުޑެންޓް އެސޯސިއޭޝަން (ޕީ.ޓީ.އެސް.އޭ) ގެ ނަމުގައި އެސޯސިއޭޝަނެއް އުފައްދާ ގްރޭޑް 12،10،11 ގެ ދަރިވަރުން ހިމެނުން މީވެސް ނަތީޖާ ރަނގަޅު ފިޔަވަޅެއްކަމުގައި ވެދާނެއެވެ. މިކަމުގެ މަޤްޞަދަކީ ބެލެވެރިންގެ ވިސްނުމާއި މެދު މި ޢުމުރުގެ ކުދިންގެ މެދުގައި ފިކުރު ހިންގުވައި ކަންކަން ނިންމުމުގެ މަރުޙަލާގައި އެކުދިން ބައިވެރިކުރުވުމެވެ. އެކުދިންގެ ޚިޔާލާއި ފިކުރު ހޯދުމެވެ.   

އެހެނިހެން މުއައްސަސާތައް


ދިވެހިރާއްޖޭގެ ސްކޫލްތަކާއި އަދި އެހެނިން ޤައުމުތަކުގައިވެސް، ސްކޫލްތަކުގައި ޕީ.ޓީ.އޭ ގެ އިތުރަށް ތަފާތު ގިނަގުނަ މުއައްސަސާތައް ހުރެއެވެ. އެފަދަ މުއައްސަސާތަކުގެވެސް މައިގަނޑު މަޤްޞަދަކީ ހަމަ އެއް މަޤްޞަދުތަކެކެވެ. އެގޮތުން ހައުސްތަކާއި ތަފާތު ކުލަބްތަކާއި ޖަމްޢިއްޔާތަކާއި ސްކޫލް ބޯރޑްވެސް ހިމެނެއެވެ. މި ތަންތަން މަސައްކަތް ކުރަންޖެހޭނީ ހަށިގަނޑުގެ އެއްގުނަވަން އަނެއްގުނަވަނަށް އެހީތެރިވާ ބީދައިން އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރިވަމުންނެވެ.

ބައިވެރިވާށެވެ.


ކޮންމެ ބެލެނެވެރިއަކީ ސްކޫލްގެ ޕީ.ޓީ.އޭ ގެ ހިންގާކޮމެޓީގެ މެމްބަރެއް ކަމުގައި ނުވެވޭނެއެވެ. އެހެންނަމަވެސް ކޮންމެބެލެނެވެރިއަކީވެސް ޕީ.ޓީ.އޭ ގައި ޝާމިލްވާ ފަރާތެކެވެ. އާދެ، ޕީ.ޓީ.އޭ ގެ އާންމު މެމްބަރެކެވެ. ސްކޫލަކީ ދަރިވަރުންނާއި ބެލެނެވެރިންގެ 2 ވަނަ ގެ ކަމުގައި ބައްލަވާށެވެ. ސްކޫލްތެރޭގައި ބާއްވާ ޙަރަކާތްތަކުގެ ތެރެއިން ހުޅުވާލެވިފައިވާ ކޮންމެ ޙަރަކާތަކީ ތިޔައިގެތެރެއިން ކޮންމެ ބެލެނެވެރިޔަކުވެސް ބައިވެރިވެވަޑައިގަންނަވާ ކަމެއްކަމުގައި ހައްދަވާށެވެ. ސްކޫލެއްގެ މެނޭޖްމެންޓުންފެށިގެން މުދައްރިސުންނާއި ސްކޫލުގެ ގޯތިތެރެއަކީ ބެލެނެވެރިންނާ ބީރައްޓެހި ފަރާތްތަކަކާއި ތަންތަނަށް ނުހައްދަވާށެވެ

މަޢްލޫމާތު:  www.education.com

ހަމަމިގަލަމުން

އިދާރާ

ވާހަކަ