އަދުގެ ޚާއްސަ

Print

ސަމާސާ އަދަބަކީ ލިޔުންތެރި ކަމުގެ މުހިންމު ފަންނެއް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ މާދަރީބަސް



ޢަބްދުﷲ ނަޢީމު އިބްރާހީމް


ސަމާސާ އަދަބަކީ ލިޔުންތެރިކަމުގެ ވަރަށް މުޙިންމު ފަންނެކެވެ. ލިޔުމުގެ ބޭނުމަކީ ބަޔަކަށް މަޢުލޫމާތެއް ފޯރުކޮށް ދިނުމެވެ. އެމަޢުލޫމާތު ފޯރުކޮށްދެވޭ ގޮތަކުން ލިޔުންތެރިޔާ ބޭނުންވާ އަސަރު ނުކޮށްދިނުމަކީ ވަރަށްގިނަފަހަރަށް ދިމާވާކަމެކެވެ. އެކަމަކު ހެއްވާ ލިޔުމަކުން ކިޔުންތެރިންނަށް އަސަރުނުކޮށްދާނީ ވަރަށްމަދު ފަހަރެއްގައެވެ.

ހުނުން ނުވަތަ ހިނިތުންވުމަކީ ދިރިއުޅުމަށް ދިރުން ގެނެސްދޭ ކަމެކެވެ. ހުނުން ލައްވާފައިނުވާނަމަ ދިރިއުޅުމުގެ ވަރުގަދަ ހަނގުރާމައިގައި އެއްވެސް މީހަކަށް ފައިތިލަ ސާބިތެއް ނުކުރެވުނީހެވެ. ލިޔުމުގައި ސަމާސާގެ އަސަރު އެކުލެވުމަކީ އެލިޔުމަށް ވަރަށްބޮޑު ބަދަލެއް އަންނަކަމެކެވެ. ހެއްވާ ވާހަކަ ހިމަނައިގެން ދައްކާ ވާހަކައިން ކުރާ އަސަރާއި އެނޫން ވާހަކައިން ކުރާ އަސަރުގައި ވަރަށްބޮޑު ތަފާތެއް ހުރެއެވެ. އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ސަރ ވިންސްޓަން ޗާރޗިލް އަކީ ވާހަކަފުޅު ދެއްކެވުމުގައި ވަރަށް ސަމާސާ ގޮތެއް ގެންގުޅުއްވާ ބޭފުޅެކެވެ. ސަމާސާ ވާހަކަފުޅުގެ ބޭނުންކުރައްވައިގެން ނުރައްކާތެރި ދުޝަމަނުން މައިތިރި ކުރެއްވި ބޭފުޅެކެވެ. އެއްދުވަހަކު ނޫސްވެރިއަކު ޗާރޗިލަށް ސުވާލެއް ދެންނެވިއެވެ. " ސިޔާސީ މައިދާނަށް ފުންމައިލާ އައު ޒުވާނެއްގެ ކިބައިގައި ހުންނަންޖެހޭ ސިފަތަކަކީ ކޮބައިތޯއެވެ؟  ޗާރޗިލް ޖަވާބުދެއްވިއެވެ. " އެންމެ ފުރަތަމަ ސިފައަކީ މާދަމަޔާއި މިއަންނަ ހަފްތާއާއި މިއަންނަ މަހާއި މިއަންނަ އަހަރު ކަންތައްވާނޭގޮތް ބުނެދިނުމުގެ ޤާބިލްކަން ލިބިފައިހުރުމެވެ. ދެވަނަ ސިފައަކީ އޭނާ އެބުނާ ކަންތައް ނުވީ ކީއްވެގެންކަން ބުނެދިނުމުގެ ޤާބިލްކަން ލިބިފައިހުރުމެވެ."
     
ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސިވިލާތާ ދެކޮޅަށް ހަނގުރާމަކުރަމުން ދިޔަ ޤައުމުގެ ބޮޑުންގެ ވާހަކަ ޗާރޗިލް ހާމަކުރައްވަމުން ގެންދަވާފައިވަނީ މީހުންގެ ގާތަށް ބޭއިޚްތިޔާރުގައި ހިނިއަންނަފަދަ ޢިބާރާތްތަކެއް ބޭނުންކުރައްވައިގެންނެވެ. ޢާންމުގޮތެއްގައި ބަލާއިރު ދުނިޔޭގެ މޮޅުލިޔުންތެރިންނަކީ ސަމާސާ އަދަބުގެ ތެރެއަށް ވެދެވަޑައިގެން ތިއްބެވި ބޭފުޅުންނެވެ. މިސާލަކަށް އީ.ވީ ލޫކާސްއާއި، ރޮބަޓް ލިންޑް އާއި އޭ.ޖީ ގާރޑްނަރ އަކީ އިނގިރޭސި ލިޔުންތެރިންގެ ތެރޭގައިވާ ވަރަށް މަޝްހޫރު ތިން ބޭފުޅުންނެވެ. މިލުންތެރިންގެ ލިޔުމުގައި ސަމާސާ އަދަބަށް ވަރަށްބޮޑު އަހައްމިއްޔަތެއް ދެއްވާފައިވާ ކަމަށް ފާހަގަކުރެވެއެވެ. އަދި މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ މާރކް ޓްވެއިން އަކީވެސް ސަމާސާ އަދަބުގެ ވަރަށް ފުންނާބު އުސް ބޭކަލެކެވެ.
     
މޮޅު ލިޔުންތެރިއަކަށް ވުމަށްޓަކައި ސަމާސާ އަދަބުގެ ތެރެއަށް ވަނުމަކީ ކޮންމެހެން ބޭނުންކަމެކޭ އަޅުގަނޑެއް ނުދަންނަވަމެވެ. އެކަމަކު ހެއްވާ ކުލައެއްޖެހިފައިވާ ލިޔުމަކުން މީހެއްގެ ހިތަށްކުރާ އަސަރެއް އެނޫން ލިޔުމަކުން ކޮށްފާނޭ ކަމަކަށް އަޅުގަނޑެއް ނުދެކެމެވެ. މިހެން ދެންނެވި ނަމަވެސް ހެއްވާ ލިޔުން ކިޔާހިތްނުވާ މީހުންވެސް ނޫޅެއެކޭ އަޅުގަނޑު ނުދަންނަވަމެވެ. ދިވެހިރާއްޖެއަށް ބަލާއިރު ސަމާސާ އަދަބުގެ އެންމެ ކުޅަދާނަ ބޭފުޅެއްކަމަށް އަޅުގަނޑަށް ފެނިފައިވަނީ އަލްމަރުޙޫމް މުޙަންމަދު ޖަމީލެވެ. އެމަނިކުފާނުގެ ސަމާސާ އަދަބުގެ ލިޔުއްވުންތައް ވަރަށް ފުރިހަމައެވެ. މިދަނޑިވަޅުގައި ހަނދާންކޮށްލަންޖެހޭ ކަމަކީ އެމަނިކުފާނަކީ ސަމާސާ އަދަބު ފިޔަވައި އެހެން ރޮނގު ރޮނގަށް ބެލިކަމުގައިވިޔަސް ރާއްޖެ މިހައިތަނަށް ދެކެފައިވާ އެންމެ ކުޅަދާނަ ލިޔުންތެރިންގެ ތެރޭގައި ހިމަނަންޖެހޭ ބޭފުޅެކެވެ. މުޙަންމަދު ޖަމީލް ލިޔުއްވާފައިވާ މަޒުމޫން ތަކުގެ ތެރެއިން " ހުވަފެނެއް ބާވައެވެ" މިއީ އަޅުގަނޑަށް ފާހަގަކުރެވުނު މަޒުމޫނެކެވެ. މަޒުމޫނު ކިޔުމުން ހިތަށް ލިބެމުންދިޔަ ފިނިކަން ބަޔާންކުރަން ދައްޗެވެ. އެމަޒުމޫނުން ތަންކޮޅެއް ނަކަލު ކޮށްލާނަމެވެ. " މަތިންދާ ބޯޓުން އައިސް ފައިބާންވީއިރު ވީގޮތްވެސް ފަހުން އެނގުނެވެ. ސިޑިއެއްފަދަ އެއްޗަކުން ފައިބައިގެން ވާކަށް ނެތެވެ. އެއްބަޔަކު ތިރީގައި ތިބޭއިރު އަނެއްބަޔަކު މަތީގައިތިބުމަކީ ކޮށްގެންވާނޭ ކަމެއް ނޫނޯލައެވެ. އެހެންކަމުން އެހެން ނުވާނޭގޮތްވެސް އީޖާދުކުރީއެވެ. ލާރިގެންގުޅެ ވިޔަފާރި ކުރަނީނަމަ އެއްބަޔަކު ތިބޭނީ " ސައްލިކާރުން" ނަށްވެފައެވެ. އަނެއްބަޔަކު ތިބޭނީ އުދަލިކާރުންނަށް ވެފައެވެ. އެއީ ފަހެ ކަމުދާ ގޮތަކަށް ވާނެތޯއެވެ؟ ނުވާނެކަން ކަށަވަރެވެ.
     
މުޙަންމަދު ޖަމީލު ލިޔުއްވާފައިވާ ޑްރާމާ ތަކުގެ ތެރެއިން " ގިތެޔޮ ގުޅި" އާއި " ޖުލައި ސައްބީސް" ފަދަ ޑްރާމާތަކަކީ ހަނދާނުން ފުހެލަން އުނދަގޫ ހެއްވާ ކަންތައްތަކެއް އެކުލެވޭ ޑްރާމާތަކެކެވެ. މިހާރު ދުނިޔޭގައި ތިއްބެވި ލިޔުންތެރިންނަށް ބަލާއިރު މުލީ ޢަބްދުﷲ ޞާދިޤަކީ ސަމާސާ އަދަބަށް އަރައިހުންނެވި ލިޔުންތެރިއެކެވެ. އޭނާގެ ލިޔުއްވުންތަކުގެ " ދެ ޞާދިޤުގެ އޮޅުން"  "ހުކުރު ލެއި" ފަދަ ލިޔުންވުން ތަކަކީ ފާހަގަކުރެވޭ ފަދަ މޮޅުލިޔުންތަކެވެ.
    
 " ހުކުރު ލެއި" ގައި ޞާދިޤް ލިޔުއްވާފައިވެއެވެ. " އާދައިގެވެސް އަޅުގަނޑަކީ ބަލިބައްޔާމެދު ތުހުމަތުކުރެވޭ މީހެކެވެ. އެއީ އަޅުގަނޑުގެ އަމިއްލަ ނިންމުމެކެވެ. ޓީބީ، ހަކުރުބަލި، ކިޑްނީ ފޭލްވުން މިކަހަލަ ބަލިތަކުގެ ޢަލާމާތްތައް ރޭޑިޔޯއިން ކިޔައިދޭއިރު ވަރަށްގިނަ އަލާމާތްތައް އަޅުގަނޑުގެ ކިބައިން ފެންނަކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން ބައެއްފަހަރު އަޅުގަނޑު މީ ޓީބީ ޖެހިފައިހުރި މީހެކޭ ހިތަށްއަރައެވެ. އަދި އެންމެފަހުން ކިޑްނީ ފޭލްވުމާ ބެހޭގޮތުން ޑރ. ރާޒީ ކިޔުއްވި އަލާމާތްތައް ވަކިހިސާބަކަށް ދާއިރަށް އަޅުގަނޑު ދާހިއްލައިގަންނަ ގޮތްވިއެވެ. އެހިސާބުން ޑރ. ރާޒީ ވިދާޅުވިއެވެ. ދެން މިހެން ކިޔާނެ ކަމެއްނެތެވެ. މިފަދަ ބައެއް އަލާމާތްތައް އެހެން ބަލިބައްޔާވެސް ގުޅިފައިހުރެދާނެއެވެ. މީހުން މާބޮޑަށް ޖެހިލުންވެދާނެތީ މިހާވަރަށް މިއަލާމާތްތައް ކުރުކޮށްލީއެވެ. " އެވަގުތު އޭނާ އެހެން ވިދާޅިވިކަން ނަސީބެއް އެހެންނޫންނަމަ، އަޅުގަނޑުގެ ކިޑްނީ ފެއިލް ނުވިއަސް އަޅުގަނޑަށް ހާޓްއެޓޭކެއް ޖެހުނީސްކަން ޔަގީނެވެ".
     
ސަމާސާ އަދަބަކީ ހިތަށް ހަމަޖެހުން ގެނެސްދޭ އެއްޗެކެވެ. ތުންފަތްމައްޗަށް ހިނިތުންވުން ގެނެސްދޭ އެއްޗެކެވެ. ސިކުނޑީގައި އޮންނަ ބުރަލުއިކޮށްދޭ އެއްޗެކެވެ. " ރީޑަރސް ޑައިޖެސްޓް" މަޖައްލާގައި ޖޯކްލިޔާ ސަފްޙާއެއް އޮވެއެވެ. އެ ސަފްޙާއަށް ކިޔާފައިވާ ނަމަކީ " ހުނުމަކީ އެންމެ މޮޅު ބޭހެވެ" މިއެވެ. މިއީ ވަރަށްބޮޑު ތެދެކެވެ.
 

ހަމަމިގަލަމުން

އިދާރާ