އަދުގެ ޚާއްސަ

Print

ބައަގްރަފީ

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ އެނގޭތަ


މުޙަންމަދު ވަޙީދު މަޑުލު

މިއީ، ގްރީކް ދެ ލަފުޒަކުން ހެދިފައިވާ ބަހެކެވެ. އެއްލަފުޒަކީ ބައޯސް އެވެ. މާނައަކީ ޙަޔާތެވެ. އަނެއް ލަފުޒަކީ، ގްރެފީން އެވެ. މާނައަކީ ''ލިޔުން'' އެވެ. ބައަގްރަފީއަކީ އަދަބިއްޔާތުގެ ލިޔުންތަކުގެ ތެރޭން އެއް ވައްތަރެވެ. ބައަގްރަފީގެ މާނައަކީ، ޙަޔާތާމެދު ލިޔެފައިވާ ލިޔުމެކެވެ.

މިއީ އެކި އެކި މީހުންގެ ޙަޔާތާމެދު ލިޔެފައިވާ ލިޔުމެވެ. މި ވައްތަރުގެ ލިޔުން ވާހަކައެއްގެ ސިފައިފައި ލިޔެފައި ހުރެ އެވެ. އެހެންނަމަވެސް، މިއީ ޙަޤީޤަތުގެ މައްޗަށް ބުރަވެ، މީހެއްގެ ޙަޔާތުގެ ދުވަސްތަކުގައި ކަންތައްތައް ހިނގައި ދިޔަ ގޮތުގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ.

މީހެއްގެ ވަނަވަރާ (ޕްރޮފައިލް ނުވަތަ ކަރެކިޔުލަމް ވިޓާ) ޚިލާފަށް ބައަގްރަފީއެއްގައި ޙަޔާތުގެ ކަންތައްތަކުގެ މައްޗަށް ފުންކޮށް ވިސްނައިގެން ލިޔަން ޖެހެއެވެ. އަދި ތަޖުރިބާތައް ބަޔާން ކޮށްދީފައި ހުރެ އެވެ. އެއީ އުފަން ދުވަހާއި، ތަޢުލީމީ ފެންވަރާއި، އަދާކުރާ ވަޒީފާއާއި، މީހަކާ އިނދެގެން ނަމަ، އެކަމަކާއި، ކުދިން ތިބި ވަރާއި، ދުނިޔެ ދޫކުރި ތާރީޚު ފަދަ މަޢުލޫމާތު ލިސްޓަކަށް ލިޔެފައިވާ  ލިޔުމެއް ނޫނެވެ. އެއީ މީހެއްގެ ޙަޔާތުގެ މައްޗަށް ހޯދުންތައް ހޯދައިގެން ތަފުޞީލުކޮށް ލިޔާ ލިޔުމެކެވެ.

ފުރަތަމަ ބައަގްރަފީ ލިޔަންފެށުނީ، އިހުޒަމާނުގައި ރަސްރަސްކަލުންގެ އަމުރުފުޅަށް އެރަސްރަސްކަލުންގެ ޙަޔާތްޕުޅާ ބެހޭގޮތުންނެވެ. އެޒަމާނުގައި ލިޔެވުނު ބައަގްރަފީތައް ލިޔެވުނީ ހިލައިގައި ކަނޑައިނަގައިގެންނެވެ.

މިޒަމާނުގައި ބައަގްރަފީ ލިޔާ އިސްޓައިލަށް ފުރަތަމަ ބައަގްރަފީއެއް ލިޔުއްވީ، އިއްޒާކު ވޯލްޓަނެވެ. އެއީ 1640ވަނަ އަހަރު އެވެ. މި ފޮތް ލިޔެފައިވަނީ ޖޯންޑޯންގެ ޙަޔާތުގެ މައްޗަށެވެ. ނަމަކީ، ''ލައިފް އޮފް ޑޯން'' އެވެ.

އިނގިރޭސި ބަހުން ފުރަތަމަ ނެރުނު ބައަގްރަފީއަކީ، 1683ވަނަ އަހަރު ޖޯން ޑްރައިޑަން ލިޔުއްވި ޕްލޫޓާޗްގެ ބައަގްރަފީ އެވެ. އެފޮތް އޭނާ ލިޔުއްވީ ވަރަށް ތަފުޞީލު ކޮށެވެ.

20ވަނަ ޤަރުނާ ހަމައަށް އައި އިރު، ބައަގްރަފީ ލިޔެވެނީ މަޝްހޫރު ސިޔާސީ ލީޑަރުންނާއި އެހެނިހެން ގޮތްގޮތުން މަޝްހޫރު މީހުންނާ ބެހޭގޮތުންނެވެ. މި ފަދަ ބައަގްރަފީތައް ލިޔެފައި ހުންނަނީ، ބަދަލުކުރެވޭ ސިޓީތަކާއި، ޑައިރީންނާއި، ބަސްދީގަތުންތަކުންނާއި، ނޫސް މަޖައްލާއިންނާއި، ސީދާ އެމީހަކު ގުޅިފައިވާ ފަރާތްތަކުން މަޢުލޫމާތު ހޯދައިގެންނެވެ.

ބައަގްރަފީއަކީ، މީހެއްގެ ޙަޔާތާބެހޭގޮތުން، އެ މީހާ ނޫން މީހަކު ލިޔެފައިވާ ލިޔުމެކެވެ. އެއީ ކުރުގޮތަކަށް ބުނާނަމަ އެމީހެއްގެ ތާރީޚެވެ. މި ފަދަ ލިޔުމަކުން އެމީހަކާ ބެހޭ ވަރަށް ގިނަ މަޢުލޫމާތު ލިބޭނެ އެވެ.

ބައަގްރަފީއަކީ، މީހެއްގެ ޙަޔާތް ވާހަކަ އެއްގެ ގޮތަށް ކިޔައިދީފައިވާ ކިޔައި ދިނުމެކެވެ. އެ ކިޔައި ދިނުމުން، އެ މީހަކީ ކޮންކަހަލަ ޝަޚްޞިއްޔަތެއްގެ ވެރިއެއްކަމާއި، އެމީހެއްގެ މިޒާޖާއި ޠަބީޢަތު ވެސް ސާފުވެގެންދެ އެވެ.

ބައަގްރަފީއެއް ވަރަށް ކުރުކޮށް ވެސް ވަރަށް ދިގު ކޮށް ވެސް ލިޔެފައި ހުރެ އެވެ. ތިރީގައި މި ނަކަލު ކުރަނީ ބައަގްރަފީގެ ބަހުރުވަ ހުންނަ ގޮތާބެހޭ ދެ މިސާލެވެ.

އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ބައަގްރަފީން:


މައުމޫނަށް ޤާހިރާއަށް ވަޑައިގެންނެވުނީ، ފަތިހު 4.30ގަ އެވެ.  އޭނާގެ ޢުމުރުފުޅުން އޭރު އޮތީ ބާރަ އަހަރަށެވެ. އޭނާގެ މުޅި ޝަޚްޞިއްޔަތާއި، މިޒާޖު ބައްޓަންކުރެއްވުމުގެ މަރުކަޒެއްކަމުގައިވި ޤާހިރާއާ މެދު އެނާ އަށް ފުރަތަމަ ވެސް ވިސްނިވަޑައިގަތީ، އެ ރަށް ވަރަށް ފިނި ކަމަށެވެ. ކޮޅުނބުގެ ހޫނުކަމުގެ ތެރެއިން، މިޞްރުގެ ޤާހިރާގެ މާޗުމަހުގެ ފިނިކަމުގެ ތެރެއަށް ވަޑައިގަތުމުން އެކަންވީ ވަރަށް ބޮޑު ބަދަލަކަށެވެ. މައުމޫނު ވެސް އޭނާގެ އެކުވެރީންވެސް ތިއްބެވީ މިހާ ތަފާތު މޫސުމަކަށް ތައްޔާރުވެ ވަޑައިގެންނެއް ނޫނެވެ.

ދެން ކުރިމަތިވެ ވަޑައިގަތް އަނެއް ހައިރާން ކަމަކީ، ކާ އެއްޗިއްސެވެ. މައުމޫނަށް ޤާހިރާގެ ކާއެއްޗެހި ވަރަށް ނުބައިފުޅެވެ. އެތައް އަހަރެއްގެ ފަހުން ވެސް އެ ހަނދާންތައް ކުރައްވަ އެވެ. '' ކާއެއްޗެހި ތައްޔާރު ކޮށްފައި ހުންނަނީ، އަޅުގަނޑުމެންނާ ގުޅޭގޮތަކަށް ނޫން. ފަހުން ފަހުން އެ ކެއުން އެންމެ ރަނގަޅު ވެއްޖެ. މިހާރުގެ މިޞްރުގެ ކެއުން އަޅުގަނޑަށް ވަރަށް ކަމުދޭ. މިހާރު އެ އެއްޗެހި ވަރަށް މީރު''

މައުމޫނާ ނުގުޅޭ އެހެނިހެން ތަފާތުތައް ވެސް ހުއްޓެވެ. ކޮޅުނބުން ކުރެއްވުނީ މާލެއާ ތަފާތު ތަޖުރިބާތަކެކެވެ. އެހެންނަމަވެސް ކޮޅުނބު އެހާ އުނދަގޫފުޅެއް ނޫނެވެ. މޫސުމާއި ދިރިއުޅުމުގެ ގޮތްތަކާއި، ކާއެއްޗެހިވެސް، ރާއްޖެއާ ވަރަށް އެއްގޮތެވެ.

ޢައްލާމާ އިޤުބާލުގެ ބައަގްރަފީން:



އޭނާ ލިޔުއްވި ޅެން، ''ދަ މިސްޓްރީޒް އޮފް ސެލްފިޝް ނަސް'' އިން އޭނާ ވިދާޅުވެ ދެއްވައިފައިވަނީ، އޭނާގެ ޒުވާން ދައުރުގެ ވާހަކަތަކެވެ. އޭނާގެ ބައްޕަގެ މަސައްކަތްޕުޅުން އޭނާގައި މަތިވެރި އުސޫލުތަކާއި ހަރުދަނާ ސުލޫކު އަށަގެންނުވި ގޮތެވެ. އެއީ ކީރިތި ރަސޫލާގެ އުޅުއްވުންތައް މިސާލަކަށް ބައްލަވައިގެންނެވެ. އެއް ދުވަހަކު، ސަލާން ޖަހާ މީހަކު އެގޭ ދޮރުގައި ޓަކި ދިނެވެ. އަދި ވަގުތުން އެއްޗެއް ދިނުމަށް އެދުނެވެ. އެ މީހާ ފޮނުވައިލަން އުޅުމުން ވެސް ނުދިޔަ އެވެ. އިޤުބާލުގެ ޢުމުރުން އޭރުވީ އަށް އަހަރުފުޅެވެ. އިޤުބާލު ކޯފާވެގެން ސަލާންޖަހާ މީހާގެ ގައިގައި ދަނޑިގަނޑަކުން ޖެއްސެވި އެވެ. ސަލާން ޖަހާ މީހާގެ އަތުގައި ހުރި އުނބުގަނޑުގައި ހުރި ހުރިހައި އެއްޗެހި ބިންމައްޗަށް  ބުރައިގެން ދިޔަ އެވެ. ސަލާންޖަހާ މީހާ ރޯންފެށި އެވެ.
އިޤުބާލުގެ ބައްޕައަށް މިކަން އެނގިވަޑައިގަތުމުން ދެރަފުޅުވި އެވެ. ހިތާމަފުޅު ކުރެއްވި އެވެ. ލޯފުޅުން ކަރުނަ އެޅުއްވި އެވެ. އިޤުބާލާ ދިމާޔަށް ވިދާޅުވި އެވެ.

''ޤިޔާމަތް ދުވަހުން އެންމެހާ މީސްތަކުން، އެއްކުރެވޭނެ. ސަލާން ޖަހާ މީހާ ކީރިތި ރަސޫލާއަށް ތިޔަ ޝަކުވާ ދަންނަވާނެ. ރަސޫލާ އަހަންނަށް ޙަދީޘް ކުރައްވާނެ. މުސްލިމު ކުއްޖަކު މާތް ﷲ ކަލެއާ ޙަވާލު ކުރެއްވުމުން، ރަނގަޅު މުސްލިމަކަށް އެ ކުއްޖާ ނުހެދުނެވެ. ދަރިފުޅާ ބުނެހަލާ! ދެން އަހަރެން ރަސޫލާއަށް ދަންނަވާނީ ކީކޭ؟''

އިދާރާ

ވާހަކަ