Print

ރަށްފުށުގެ ދިރިއުޅުން (8)

ޝާޢިއުކުރީ ޢަލީ ޙުސައިން (ނައިފަރު) . ހިމެނޭބަޔަކީ ވާހަކަ

ނުރައްކައުތެރި ފޮތެއް


ޢަލީ ޙުސައިން/ ނައިފަރު

ހުސައިންމަނިކުގެ ގެއަށް ހަސީނާ ދިޔަފަހުން ދެތިންދުވަސްވެއްޖެއެވެ. ކޮންމެދުވަހަކުވެސް ދޮނާ ދިޔައީމާ ހުސައިންމަނިކު ފޮތްގެއްލިގެން އުޅޭތޯ އަހައެވެ. ހުސައިންމަނިކަށް ފޮތްނެތްކަން އެނގުނީ  ދެތިން ދުވަސްފަހުންނެވެ. އެއީ ކޮންމެވެސް ބޭނުމެއްގައި ހޯދާހޯދާ ފޮތްނުފެނުނީމައެވެ. ފޮތްނެތްތަން ދެކިފައި ހުސައިންމަނިކު ވަރަށް ކަންބޮޑުވިއެވެ. އެއީ ދައުލަތުގެ ފަރާތުން މީހުން ގެންގުޅުން ވަރަށްބޮޑަށް މަނާކުރައްވާފައިވާ ފޮތެކެވެ.

ހުސައިންމަނިކުވެސް އެފޮތްގެންގުޅެނީ ވަރަށްބޮޑަށް ރައްކާތެރިކަމާއެކު ސިއްރުކޮށްގެންނެވެ. އެއްދުވަހަކު ބަލައިލާން ނަގާފައި ހަނދާންނެތިގެން މޭޒުމަތީގައި ބޭއްވިފައިއޮތީއެވެ. ހީކޮށްގެން ހުރީ އަލަމާރިއަށްލައި ރައްކާކުރެވުނު ކަމަށެވެ. ފަހުން ރަނގަޅަށް ވިސްނައިލައިފައި ނުފޮރުވޭކަން ހަނދާންވެގެން އޭނާ ނެތީސް އެކޮޓިރިއަށް މީހަކުވަންތޯ މަންމައަށް ގޮވައިލިއެވެ. ނުދެނަހުރީމޭ މަންމަ ގޮވައިލިއެވެ. އެކަމަކު އިހަކަށް ދުވަހަކު ދަރިފުޅަށް ލިބުނު މަސްހިފައިގެން އައި ކުއްޖަކަށް ގެ ދައްކާންވެގެން މިތާކިޔަވާންއުޅޭ ދޮންއައިމިނަ ތިޔަކޮޓަރިއަށް ނުވަންނަކަމެއްވެސް ނޭނގެއެވެ. ތިޔަތަނުން އެއްޗެއް ގެއްލުނީހެއްޔެވެ. އެތަންވަޅުމެ ހަސީނާ ލިޔުނު ކަރުދާސްކޮޅު ދެކެފިއެވެ. ދެން ގޮވައިލިއެވެ. ނޫނެކެވެ. އެއްޗެއް ގެއްލުނީއަކީ ނޫނެވެ. މިތަނަށް މީހަކު ވަދެފައިހުރިހެން ހީވީއެވެ.

ހަމައެވަގުތު އަވަހަށް ކުއްޖަކު ފޮނުވައިގެން ދޮނާ ގެނުވައިފައި ހުސައިންމަނިކު ބުނެފިއެވެ. ކަލޭމެން އިހަކަށްދުވަހު މިގެއަށް އައިސް އަހަރެންގެ މޭޒުމަތިން ފޮތެއް ގެންދިޔަތާއެވެ. އެއީ ވަރަށް ނުރައްކާތެރިފޮތެކެވެ. މީހަކަށް ފެނިއްޖެނަމަ ސަލާމަތްނުވާނެއެވެ. ހަސީނާ ކިޔަން ރަނގަޅުވާނޭ އެހެންފޮތެއް ދީފާނަމެވެ. އެއީ މީހުން ގެންގުޅުން މަނާވެސް ފޮތެކެވެ. އެފޮތް ގެންދިޔަކަމުގައި ވަނީނަމަ ހަސީނާ ގާތުބުނެގެން ވަރަށް ރައްކާތެރިކަމާއެކުގައި އެފޮތް ގެނެސްދޭށެވެ. ދެން ދޮނާވެސް އަވަހަށްގޮސް ހަސީނާއަށް އެވާހަކަތައް އަންގައިފިއެވެ. ހަސީނާ ކޮޓަރިއަށްވަދެ ބެލިއިރު ފޮތްލީ ބޮނޑިއެއް އެނދުމައްޗަކު ނެތެވެ. ފޮއްޓައް ލެވުނީކަމަށް ހީކޮށްބެލިއިރު ފޮއްޓަކުވެސް ނެތެވެ. ބޮނޑިނުފެނުމުން ހަސީނާދިޔައީ ތަންދޮރު އޮޅިގެންނެވެ. ބިރުން ޙާލެއްނެތެވެ. އެގޭގައިއުޅޭ އެންމެންކުރެން އެހިއިރުވެސް އެނގޭ މީހަކާ ދިމަލެއްނުވިއެވެ. ކޮންމެ މީހަކުވެސް ބުނަނީ އެ އެނދާއި ގާތްވެސް ނުވާކަމަށެވެ. ހަސީނާއަށް ކަންބޮޑުވެގެން ކުރާނޭކަމެއްވެސް ނޭގުނެވެ. އަދި ހަމަދިމާޔަށް ރޮވިއްޖެއެވެ. މިކަމާ ކަންބޮޑުވެގެން ތަންތަން ހޯދަހޯދައިފައި އެންމެން އުޅެނިކޮށް  ޖެހިގެންހުރި ގޭގައިއުޅޭ ކުޑަވަރެއްގެ އަންހެންކުއްޖަކު އައިސް ބުނެފިއެވެ. އަދު ހަސީނާގެ މަންމައައިސް ތިޔަގޭގައި އުޅުނެވެ. ކުޑައަށީކޮޅުގައިހުރި ދަގަނޑު ފޮއްޓެއްގެ ތަޅުފަތްގަނޑަށްވެސް ދަމަދަމާފައި އުޅޭތަންފެނެއެވެ. ހަމަ މިއަޑު އަހައިފައި ހަސީނާ ގާތަށް އަލިފާންކަހަލަ ރުޅިއައިސް ވައިރޯޅިއެއް ދިޔަހެން އެގެއާ ދިމާލަށް ހިނގައްޖެއެވެ.

މާލެ ދަތުރެއް



ހުސައިންމަނިކު ކިޔަވައިގެން އައިއްސުރެ އަދި އެއްފަހރުވެސް މާލެއަކަށް ނުދެއެވެ. އެކުގައި ކިޔަވާންއުޅުނު އެކިއެކި ރައްޓެހިކުދިންގެ ސިޓީތައް އެރަށުން މާލެދާ ބައްތެލިފަހަރުން ހުންނަނީ ހުސައިންމަނިކަށް ލިބިލިބިއެވެ. ބައެއް ސިޓީގައި އެކުދިންނާއި ބައްދަލުނުވެ ގިނަދުވަސްވާކަމާ ދޭތެރޭގައިވެސް ވާހަކަދައްކާފައިހުރެއެވެ. ދެން ހުސައިންމަނިކުވެސް އެކުދިން ދެކިލައިށާއެކު މާލެގޮސްލާ ހިތްވެއްޖެއެވެ. އެއިރު ފުރާންވެފައިއޮތީ މުދިމުކަލޭގެ ބައްތެއްޔެވެ. މާލެދާން އެބައްތެއްޔަށް އަރައްޖެއެވެ. ނެތްވަކަށްހުރީ އިބްރާހިމްފުޅެވެ. ވަރަށްނިޔާމަ ދަތުރެއްގައިގޮސް މާލެކަނޑިންމައަށް ރިޔާ ބޭއްވީ ފުރިތާ ތިންވަނަ ދުވަހު އިރުއޮއްސި ނާބަޖަހަނިކޮށެވެ. އޮޑިހަރުކޮށް އަވަދިވިއިރު ރޭގަނޑުގެ ކާނާވެސްހުރީ ތައްޔާރުކޮށްފައެވެ. ފުރަތަމަ ކާންއެރީ އިބްރާހިމްފުޅާ ހުސައިންމަނިކާ އޮޑިންދިޔަ މުސްކުޅިފުރާގެ ދެތިން މީހެކެވެ. އެހެންމީހުންގެ ބަތްތަށިން އެއްފަޅިވެސް ނުކެވިގެން އުޅެނިކޮށް މާއަވަސްކޮށްލައިފައި އިބްރާހިމްފުޅު އަވަދިވެއްޖެއެވެ. ދެން ފޮށިހުޅުވާލާފައި ވަރަށްބޮޑު ރުފިޔާކޮތަޅަކާއި ސިޓީއެއްނަގައިގެން ވަރަށް އަވަހަށް މިތާހުރި ފިހާރަޔަކަށް މިރުފިޔާކޮޅުދީ ޚަލާޞްކޮށްލައިފައި އަންނާނަމޭ ދުންފަތް އަޅައިފައި ބަހައްޓާށޭ ބުނެފައި ފައިބައިގެން ހިނގައްޖެއެވެ.

އިބްރާހިމްފުޅު އާދޭތޯ ތިބެތިބެ އެތައް އިރެއްވެއްޖެއެވެ. އެއް ދުންގަނޑު ހުލިވީމާ އަނެއް ދުންގަނޑު އަޅައިގެންތިބެނީވެސް  މަދަކު އިރެއްނޫނެވެ. ހަގަޑިބައިގެން މުންނާރުން ގޮވާއަޑު އިވުނުއިރުވެސް ހިލަމެއްނެތެވެ. ދެން ހުސައިންމަނިކަށް ލަސްވެގެން އިބްރާހިމްފުޅު ނައެއްކަމަކު ފައިބާނީއޭ ހީކޮށް ކަތީބުދީފައިއޮތް ސިޓީއެއް ހިފައިގެން އަތޮޅުވެރިންގެ ގެއަށް ދިއުމަށް ފައިބައިގެންފިއެވެ. ހުސައިންމަނިކު ގޮސް އަތޮޅުވެރިންގެ ގެއަށް ވަތްއިރު އަތޮޅުވެރިންނާ ވާހަކައެއް ދައްކާން އިބްރާހިމްފުޅު އިނެވެ. ހުސައިންމަނިކު ގޮސްވަނުމުން ތިޔައައީ އަހަރެން ލަސްވީމާތާއޭ ބާޒާރުމަތިން އަތޮޅުވެރިންނާ ޖެހުނީމާ ނުދެވުނީއޭ ބުނެފިއެވެ. ދެން ކަލޭމެންނަށް ވިއްސާރަހޭ؟ މިރަށަށް ފެންކަނޑައިގެން ނުދާތާ ހަތަރުދުވަސްވެއްޖެޔޭ ކިޔާފައި އެހެން ވާހަކައެއް އަތޮޅުވެރިން ފައްޓަވައިފިއެވެ. ހުސައިންމަނިކު ދެނެހުރިކަމަށްވެސް ނަހަދައި އަތޮޅުވެރިންނާ ސަލާމްކޮށްފައި ސިޓީދީފިއެވެ. އަތޮޅުވެރިން ސިޓީ ކަނޑުއްވައި ދެފަހަރަކު ކިޔައިލައްވާފައި މިއީ އަހަރެންގެ ދަންފަޅިރެއޭ ގަޑިހަމަވާން އެހެރަ އުޅެނީޔޭ ކިޔުއްވައި ނިކުންނަވައިފިއެވެ.

އަތޮޅުވެރިން ނިކުންނެވުމާއެކު ގޭތެރެއިން އައިމީހަކު އައްސަލާމް ޢަލައިކުމް އޭ ކިޔާފައި ހުސައިންމަނިކުގެ އަތަށް ކުއްލިއެއް ޖެހީމާ ބެލިއިރު ހުސައިންމަނިކާ އެކުކިޔަވާން އުޅުނު އަލީ ވަޖީހު އެ ރައްޓެހި ކުއްޖެކެވެ. އޭނާ މިއުޅެނީ އަތޮޅުވެރިންގެ ދަރިއަކާއި އިނދެގެންނެވެ. ދެން އަލީ ވަޖީހު އިށީނދެ ކުޑަކޮށް ހުސައިންމަނިކުގެ ޙާލު އޮޅުންފިލުވައިލާފައި އިބްރާހިމްފުޅާ ދިމާލަށް އަހުމަދުފުޅާ ޔޫސުފްކޮޔާ ކުރެން މީހަކަށް މުދިމްކަން ދީގެން ދިއަރަށުގެ ދެކޮޅުވެރިކަން މައިތިރި ނުވާނެންޏާ  އެތަނުން އެކަކަށްވެސް ނުދީ ހުސައިންމަނިކަށް ދޭންވީނުންހޭ އެއިރުންވެސް ހަމައެއްނުޖެހޭނެހޭ؟ ބުނެފިއެވެ. އަލީވަޖީހު އެހެންބުނި މޭރުމުން އަތޮޅުވެރިންނާ އިބްރާހިމްފުޅާ ދައްކާންއެތިބީ މުދިމުކަމާބެހޭ ކޮންމެވެސް ވާހަކައެއްކަން ހުސައިންމަނިކަށް ވިސްނުނެވެ. ދެން ކުޑަކޮށް ހީލާފައި އަޅުގަނޑަކީ މުދިމުކަމާބެހޭ މީހަކުނޫނޭ އަޅުގަނޑަށްވުރެ މާބޮޑަށް މުދިމުކަމާބެހޭ މީހުން އެބަތިބޫއޭ އެއިން މީހަކަށް ދިނުން މާރަގަޅުވާނޭ ނޫންތޯއެ، އަންހެން ދަރިއެއްގެ ފަރާތުން ކަމަކު މިއިބްރާހިމްފުޅަކީވެސް މުދިމްކަމަކަށް ކާފާކީ މީހެކޭ ބުނެފިއެވެ. އެތައްއިރެއްވަންދެން އެވާހަކަ ދައްކާންތިބެފައި ދަންބެރުޖަހަން ބައިގަޑިއަށް ވީމާ ދެމީހުން ބައްތެއްޔަށް އަތުވެއްޖައޫއެވެ.

އެމީހުން މާލޭގައިތިބީ ފަސްދުވަހުއެވެ.  މިދަތުރުމަތީ އަދިވަކީން މާލެލެފިފަހުން އާދަޔާ ޚިލާފް ވަރަށްގިނަ ކަންތައްތައް އިބްރާހިމްފުޅުގެ ކިބައިން ހުސައިންމަނިކަށް ފެނެއެވެ.  މަސްކިރައި އުޅުމުގައްޔާ ހިސާބު ކުރިމުގައްޔާއި އަދި ވިޔަފާރި ކުރުމުގައިވެސް ހުސައިންމަނިކުގެ ކިބައިން އެހީޔަށް އެދުން ވަރަށް މަދެވެ. ތަނަކަށް ދިޔަނަމަވެސް ހުސައިންމަނިކާ ވަކިވެވޭތޯއާއި ހުސައިންމަނިކަށް ނޭނގިދެވޭތޯ މަސައްކަތްކުރެއެވެ.
އެންމެފަހުން ފުރާންއުޅުނު ދުވަހުވެސް ހުސައިންމަނިކު ކަތީބު ކަތީބު ފޮނުވި ސިޓީގެ ޖަވާބު ހޯދަން އަތޮޅުވެރިންގެ ގެއަށް ދިޔައިރި އަތޮޅުވެރިންނާއި ވާހަކަގަނޑެއް ދައްކަން އިބްރާހިމްފުޅު އިނެވެ. އެދުވަހުވެސް ހުސައިންމަނިކު ދެކެފައި ވާހަކަ ހުއްޓައިލީއެވެ. އަތޮޅުވެރިންނާ ސަލާމްކޮށްފައި ދެމީހުންއައިސް ބަނދަރުމައްޗަށް ނިކުމެފައި އިބްރާހިމްފުޅު ޖީބުގައިހުރި ކަރުދާސްތަކަކާއި ސިޓީތަކެއްނަގައި ހުސައިންމަނިކު އަތަށްދީފައި  އޮޑިޔަށް ދުރުވެ ރިޔާ އަޅުއްވާށޭ މިދަނީ ފުރަންވީމާ އަންނާށޭ ބަނޑޭރިގެއިން އަންގަވާފައި އޮވެގެންނޭ ބުނެފައި ހިނގައްޖެއެވެ. ހުސައިންމަނިކު ބަލައިލިއިރު އެއީ އަތޮޅުވެރިންގެ ފަރާތުން ކަތީބުކަލޭގެއަށާއި މުދިމުކަލޭގެއަށް އޮތް ދެސިޓީއާއި އަދިވެސް އެކި ފިހާރަޔަށް ކޮށްފައިހުރި ވިޔަފާރީގެ ހިސާބުތަކެވެ. އަދި މުދިމުކަލެގެ ލިޔެގެންއުޅޭ އަތޮޅުވެރިންގެ ފަޅުރަށަށް ވަރުވާ ނުދެއްކި ހަތްމަސްދުވަސް ފާއިތުވެފައިވާތީ އޭގެ ދަރަނިވަރުވާގެ އެއްހާސްރުފިޔާ އަދާކޮށްފި ކަމުގެ ރަސީދެއްވެސް އޮތެވެ.

މާ މުދިމް ފަތްކޮޅު



ދެން އަހުމަދުފުޅުގެ ވާހަކައިން ކުޑަކުޑަ ތަންކޮޅެއް ނަމަވެސް އައްސަވާށެވެ. ކެޔޮޅުހަސަނުގެ އަންހެނުން ގެންގުޅުނު ހުސައިންމަނިކުގެ ނަން އަޅައިފައިއޮތް ފޮތް ދެކުނުދުވަހުގެ ފަހަކުން އަދިއެއް އަހުމަދުފުޅުގެ ވާހަކައެއް ނާއްސަވަމުއެއް ނޫންތޯއެވެ؟  އެދުވަހަށްފަހުން ހުސައިންމަނިކާ ދޭތެރޭ އަހުމަދުފުޅުގެ ޚިޔާލު މުޅިންބަދަލުވެއްޖެއެވެ. ހަސީނއާ ހުސައިންމަނިކު ހިތާވެއްޖެކަން ޔަގީންކޮށްފިއެވެ. އޭގެފަހުން ހުސައިންމަނިކުގެ ގެއަށްދިއުންވެސް މާމަދެވެ. އެކު އުޅުން މުޅިންހެން ކަނޑައިލައިފިއެވެ. އަދި ދިމާޔަށް ރުޅިވެވޭނޭ ކަންފުޅެއް ފެނޭތޯ ހޯދަންފަށަފިއެވެ. ހުސައިންމަނިކާއެކު ގިނައިންއުޅޭ އެހެނިހެން މީހުންނާ ދޭތެރޭވެސް އޭނާގެ ހިތެއް ސާފެއްނޫނެވެ. ހީވަނީ އެއެންމެންނީ ހަސީނާ ހުސައިންމަނިކާ ގާތްކޮށްދޭން އުޅޭ މީހުންހެންނެވެ. އެއީ އެކަނި އަހުމަދުފުޅުގެ ގޮތެއްނޫނެވެ.  އެކަހަލަގޮތެއް ހީވެފައިވާ ކޮންމެ މީހަކަށްވެސް އެޒާތުގެ ހީތައް ހީނުވެއެއް ނުދާނެއެވެ.

އަހުމަދުފުޅާ ޔޫސުފްކޮޔާ ވަކިވެގެން ދެތަނެއްގައި އުޅެމުން އައި އިރުވެސް އެދެމީހުންގެ ލޯބިވެރިކަން ފަރަގެއް ނުވެހުއްޓެވެ. ދެފަރާތުގެ މީހުން ކިތަންމެ ފިތުނަޔަސް ރުޅިއަޔަސް އެދެމީހުންގެ ހިތުގައި އެއިން ކުޑަކުޑަ ކަންފުޅެއްވެސް ނުއޮވެއެވެ. ދެމީހުންއެކީ އުޅޭލެއްވެސް މަދެއްނޫނެވެ. މުދިމްކަމާދޭތެރޭ ރަށުގެ އެންމެންލާ ހަޅޭޔަށް އެދެމީހުން ތިބީ ލަދުން ކުރާނެކަމެއް ނޭނގި އެކަމާ މޮޅިންނެވެ. ކިތަންމެދުވަހަކު ޔޫސުފުކޮއިގެ ގާތުގައި ބޭބެގެ ކުރިން ތިމަންނަޔެއް މުދިމުކަމެއް ނުކުރާނަމެ އަހުމަދުފުޅު ބުނެފައިވެއެވެ. އެކަމަކު މިހާރު އަހުމަދުފުޅުގެ ޚިޔާލު ޔޫސުފްކޮޔާދޭތެރޭވެސް ބަދަލުވެއްޖެއެވެ. ވަރަށް ގިނަފަހަރަށް އަހުމަދުފުޅު ދާއިރަށް ހުސައިންމަނިކުގެ ކައިރީގައި ޔޫސުފްކޮޔަށް އިނދެވޭތަން އޮތީ މާކުރިއްސުރެވެސް ދިމާވެފައެވެ. އެހެންކަމުން ޔޫސުފްކޮޔަކީވެސް ހުސައިންމަނިކަށް ހަސީނާގާތްކޮށްދިނުމުގެ މެދުވެރިއެއް ކަމުގައި އަހުމަދުފުޅަށް އޭނާގެ ނުބައިހީ ވިސްނައިދީފިއެވެ. ނަތީޖާއަކަށްވީ ޔޫސުފްކޮޔަށް ހިތްނުބައިވުމާއެކު އޭނާގެ ކުރިން ގަބޫލުނުކުރާން ބުނެބުނެހުރި މުދިމުކަމަށް އަހުމަދުފުޅުގެ ހިތްޖެހޭން ފެށުމެވެ. އެމީހުންނަށްވުރެ ދުރަށް ފެންނާނޭ ދަރަޖައަކަށް މަތިވެރިވާހިތް ޖެހިއްޖެއެވެ.

މުދިމުގޭ ބައްތެލި މާލެއިންލެފިތާ ދެވަނައަށްވީ ހުކުރުދުވަހު ހެނދުނު ރައްޔިތުން އެއްކުރާން ފުންމާ ސަންގުގެ އަޑުއިވިގެން ރަށުގެ އެންމެން ނިކުންނާން ފަށައިފިއެވެ. ބައެއްމީހުން މާލެއިން ގެނައި ސިޓީއެއް ކިޔަދޭށޭ ކިއަތެވެ. ބައެއްމީހުން ކޮންމެވެސް ރައްޔިތުންގެ މަސައްކަތެއް ކުރުވާންވެގެންނޭ ކިއަތެވެ. މިނޫނަސް ކިތައްމެ ގޮތަކަށް މީހުންގެ ތުންތުންމަތިން ވާހަކަދައްކައެވެ. ކޮންމެއަކަސް އެއީ ކޮންކަމަކު ފުންމާ ސަންގެއްކަމެއް ދަންނާނޭ ތިބެނީ ވަރަށް މަދުމީހެކެވެ. އެންމެން އެއްވެ ހަމަޖެހުމާއެކު އަންނަތަން ފެނުނީ ކަތީބުތަކުރުފާނާއި މުދިމުކަލޭގެޔާއި އޭނާގެ ދަރި އަހުމަދުފުޅާއި އަދިވެސް ރަށުގެ ހަރުދަނާ ބައެކެވެ. އެމީހުންގެ މޫނުތަކަށް ވިސްނާއިރު އުފާވެރިކަން ނޫންއެއްޗެއް ނުފެނެއެވެ. އެކަމަކު ކަތީބުތަކުރުފާނު ފެންނަނީ ވަރަށްބޮޑު ފިކުރެއްގައި ވާކަހަލަ ގޮތަކަށެވެ. އަހުމަދުފުޅު ހީވަނީ އުފަލެއް މޮޅިއެއްގެ ސޫރައިގައި ދައްކާން މަސައްކަތްކުރާހެންނެވެ.

އެމީހުން އައިސް ހުއްޓޭއިރަށް އެންމެންގޮސް ހަތަރުފަރާތުން ވަށްކޮށްލައިފިއެވެ. ދެން ކަތީބުތަކުރުފާނު އަތުގައިއޮތް އޮޅަލި ލައިފައިވާ ކަރުދާހެއް ދައްކުވާފައި އެންމެންނަށް އަޑުއިވޭނޭހެން ތިޔަބައިމީހުން އެއްކުރީ މުދިމުފަތްކޮޅު ކިޔައިދޭށޭ ބުނުއްވާފައި އެތާހުރި ޒުވާނެއްގެ އަތަށް ކަރުދާސް ދީފިއެވެ. އެންމެންގެ ކަންފަތްތައް އެދިމާޔަށް އަނބުރައިލިތަނާ އެމީހަކުފެށީ ފަތްކޮޅުކިޔާށެވެ.

ސުވަސްތީ ސިރީ މަތަމަހާ ސިރީ ބަރިކުސަ ފުރަދާނަ ސިރީ ކުލަސަދައި ރަސިއަކަ ސާސްތުރަ އައުދަ ކީރިތި އައްސުލްޠާނު............ މަހާރަދުން ރެނދަލި ކުރައްވައި ސޯޅަވަނަ އަވަރުދު މަގޭ އިތުރު ހިރިޔާ ފާތުރާ ދަށަށް ކުކުޅުދޫ މުދިމުހާރޫނު އަޅާގެ ފުތް އަހުމަދުއަޅާ ވެދުން ބަރުތީލައާ އައި ހިނދު މިއަޅާގެ ވެދުން އަރައި ބަރުތީލަ ގަބޫލުކުރައްވައި ވޮޑިގެނިދެވިދާޅީން މަގޭ ވޮނުދޮނަ ރާއްޖޭ ކުކުޅުދޫ ހާރޫނު އަޅާގެ ފުތް އަހުމަދު އަޅާޔަށް ކުކުޅުދޫ މާމުދިމުކަން މަތިކުރައްވައި ވިދާޅުފަތާއިދީ ތިބާ ފޮނުވީމު. މިއަޅާ ދަނިކޮންމެރަށު އެންމެ އަޅުތަކު މިއަޅާ މާމުދިމްކަމާރުހި ގަބޫލުކޮށްފަނީކޮށު. އަންދުވަސް އާދަމަގުން ތިބާ ރަށު މާމުދިމުކަމަށް ހުންނަ ކޮންމެ ކަމެއް މިއަޅާއަށް އުނިއިތުރު ނުކުރަނީކޮށު. މިއަޅާ މާމުދިމުކަން މައްޗަށް ރަށުކުޅަ ކޮންމެ ކެޔޮޅުކަމަކުން މަސްބައެއް ހުންނަނީ ކޮށު. މިއަޅާ ނިކުމެ ބަންޑާރަ މަސައްކަތަކުވިޔަސް ރަށުމީހުންގެ މަސައްކަތަކުވިޔަސް ގޮވައިފިނަމަ ރަށުގެ އެންމެ އަޅުތަކުން ނިކުމެ ކޮށްދީފަނީކޮށު. ދުޢާ، މަޢުލޫދު، ފާތިޙާ، ކަށުކަމާކެމީގެ ކަންތައްތައް މިއަޅާ މަތިކުރައްވައި ފީންކޮށު. ތިބާ ރަށު ތިންމީހުން ދާ ޖަމާޢަތު ކޮންމެ ކަމެއް މިއަޅާއާ ނުލައި ނުކުރަނީކޮށު. ހިރިޔާ ފާތުރާ ދަށުން  ދެއްވި މިވިދާޅުވި ފަތްކޮޅު އުވައި މިއިން ކަމަކުން ކަމެއް  އަރައިރުން ކުޅައޫތަ؟ މަގޭ ކީރިތިކަމުގެ ފުރަމާނަ ދަނެއު. މިތަންމަގުން ސިރިކުލަ ސަދައިރަސިއާގެ ސާސްތުރަ އައުދަ ކީރިތި.......... މަހާރަދުންގެ ކައްތިރި މުދިގެއްސެވުމަށް މިފަތްލިޔުމުގެ ހުއްދަ ވިދާޅުބަސް އިއްވެވިހިނދު ފުރަމާލޭ ފަތްލިޔާ..... އަޅާލީން،.


ހަސީނާ ނެރެލާފައިގެނައުން



އަހުމަދުފުޅަށް މުދިމުކަން ލިބުމަށްފަހު ހަސީނާ މަންމަގެ ގެއަށް ދިޔުން ވަރަށް މަދެވެ. އޭނާ ހީކުރީ އިހަށް ހަސީނާ ނުއިންނާން ހުރިކަމަކު މުދިމުކަން ލިބުނީމާ ހުންނާނީ އިންނަހިތުން ކަމުގައެވެ. އަދި އަޅައިނުލައި ހުއްޓަސް ކުރިން އެކަމަށް ހަސީނާ އެދިގެންފާނޭ ކަމަށެވެ. އެހެންނަމަވެސް ހަސީނާ މަންމަޔަށް ފޯރުވާ ހެވަކަށް ކުޑަވެސް އުނިކަމެއް ނުގެނެއެވެ. އެކަންވީ ކުރިއަށްވުރެވެސް އިތުރެވެ. މިފަހަރު ބައްތެލި މާލެއިން ލެފިތަނާވެސް ވަރަށްގިނަ ހަދިޔާ ކުރިއެވެ. ގިނައިން ހުރީ ޒުވާންއަންހެނުންނަށް ބޭނުންވާ ތަކެއްޗެވެ. އެއިގެތެރޭގައި މީރުވަސްދުވާ ސައިބޯންޏާއި އިސްތަށި ރީތިކުރަ ތެޔޮފުޅިއަކާއި މޫނުގައިޖަހާ ފުށްދަޅަކާވެސް ވެއެވެ. މިތަކެތި މަރިޔަނބަށް ދިންކަމަކު ގަސްދަކީ ހަސީނާއެވެ. އެތަކެތި ބޭނުންކުރާން މަރިޔަނބުގެ އެހެން ދަރިއަކުވެސް ހުރީއަކީ ނޫނެވެ. އެކަން މަރިޔަނބަށް ވިސްނެއެވެ.

ދެން އެއްދުވަހަކު ހަސީނާ އުޅޭގޭދޮށަށް މަރިޔަނބުގޮސް ވަރަށް އޯގާވެރިބަހުން ވާހަކަދައްކައިފިއެވެ.   އޭ ދަރިފުޅާއެވެ. އަދިވެސް ގެއަށް ދާންނުވަނީހެއްޔެވެ. މަންމަ ފޮށިނެރުނީއަކީ ރުޅިއަކަށް ދަރިފުޅުނަގައިލާކަށެއް ނޫނޭ. އަރައިފައި ހުންނަ ރުޅިން މީހުންނަށް އެކަހަލަ ކަންތައްކުރެވޭނެޔޭ. ދަރިފުޅު ނުފެންނާން ހެދީމާ މަންމައަކަށް މިހާރަކު ނުވެސް ކެވެޔޭ. ހިތަށްވާ ދަތީން ނުވެސް ނިދެޔޭ. އެދުވަހު ދަރިފުޅުގެ ލިބާސްބޮނޑި ގެންދިޔައީވެސް އެގެއަށް ދޭތޯބަލާށެވެ. ދަރިފުޅު ނެތީމާ މަންމަ ހާދަހާ ހިތަކުޖެހެޔޭ. މަންމަ ހިތުގައި ޖައްސަންވެދާނޭހޭ. ތިޔަހެން ހަދާކަށް ނުވާނެޔޭ. މާތްރަސްކަލާނގެ ކޮންމެފަދަ ނުބައި ކޯފާއެއްވެސް ލައްވަފާނެޔޭ. ދަރިފުޅެއް ނޫންހޭ މީގެކުރިން މުޙަންމަދު ރަހާ ލިޔެދިން "ޙައްޤުލްވާލިދީނި" އެއްތޯ ނަމެއްކިޔާ ފޮތަކުން މައިންބަފައިންގެ ބަސްނާހައި  އެމީހުން ހިތުގައި ޖައްސާ ދަރިންނަށް ފަހުދުވަހު ހުންނާނޭ ވޭންގަދަ ޢަޛާބުތަކެއްގެ ވާހަކަޔާއި ދުނިޔޭގައި ހުއްޓައިވެސް ފޮނުއްވައިފާނޭ ކޯފާތަކެއްގެ ވާހަކަ ކިޔަކިޔާފައި އުޅުނީ!  މިހާރުފަހެ އެކަންތައްތައް ހަނދާންނެތީހޭ؟ ބިރެއްވެސް ނުގަންނަނީހޭ؟ ތިޔަހެން ނުހަދާށޭ އެގެއަށް ހިނގާށޭ. އެއޮއްބޮޑުގޭގައި މިއޮންނަނީ މަންމަ އެކަންޏޭ.

ހަސީނާ އަކީ ހިތްސާފު އީމާންތެރި ބަސްއަހާ ކުއްޖެއްކަމުން މަންމަ އެދެއްކި ވާހަކައިން ހިތަށް އަސަރުކޮށްފިއެވެ. އަދި މައިކުލުނު އިތުރުވެ ދެލޮލުން ފެންއައިސް ފުށްގަނޑެއް ފަދައިން މަޑުވެއްޖެއެވެ. އަތުގައިހިފާ ދަމާލީމާ އެއްވެސް ހަރުކަށިކަމެއްނެތި އަތުވެއްޖެއެވެ.

މިފަހަރު އައިފަހުން ހަސީނާގެ ކަންތައް އިހުނާއި ބޮޑު ޚިލާފެވެ. އެއްވެސް މަސައްކަތެއް ކުރާކަށެއް ނޫޅެއެވެ. ދުވާލަކަށް ގިނައީ ނިދާފައި އޮންނައިރެވެ. ރޭވެއްޖިއްޔާވެސް ޢިޝާނަމާދުން އައުމާއެކީ އޮށޯވެދެއެވެ. އެކަމަކު ފަތިސްވާންދެން އިވެނީ ދެފުށްދެފުށަށް ފުރޮޅޭއަޑާއި އިރުއިރުކޮޅަށް ދިގުނޭވާއެއް ލާއަޑެވެ. އެއްގޮތަކަށްވެސް މީހުންނާއި އަނގައިންބުނެ ވާހަކަދައްކައެއް ނޫޅެއެވެ. އިންނަނީވެސް ގަނޑުވެފައި އިންނަހެންނެވެ. ކާންގޮވިޔަސް ދެތިން ހަތަރު ސުވަލެއްނޫނީ ނުކައެވެ. އަބަދު ހުންނަނީ ފެންކަޅިވެފައި ރޫޅިފައި ހުންނަހެންނެވެ. ހަށިގަނޑުވެސް ދަނީ އެއްދުވަހުން އަނެއްދުވަހަށް ހިކެމުން އަނަރޫފަ ވަމުންނެވެ. ދެކޭހައި މީހެއް ބަލިވެއުޅެނީތޯވެސް އަހައިލައެވެ.


ކަތީބުގެ އިސްތިއުފާ



ކަތީބާ މުދިމުކަލޭގެޔާ ދެމީހުންގެ ފިތުނަ ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. ޔޫސުފްކޮޔަށް މުދިމްކަން ހޯދައިދިނުމަށް ކަތީބުތަކުރުފާނަށް ވީވަރެއްވިއްޔާ ކުރިއެވެ. މުދިމްކަލެގެއަށް ވީހައިބާރެއް އަޅަމުން އަހުމަދުފުޅަށް އަނބުރައިލާން މަސައްކަތްކުރެއެވެ. ކުރީކޮޅުގައި އޭނާގެ އަންހެނުނަށް ބިރުން މާފާޅުގައި އުޅޭކަށެއް ނުކެރުނެވެ. އަންހެނުން ނިޔާވުމާއެކު ފާޅުގައި ނިކުމެގެންފިއެވެ. އަދި އޭނާ ކުރިން މަރުވެއްޖިއްޔާ ކަތީބުތަކުރުފާނާހެދި ޔޫސުފްކޮޔަށް ހިނގައިދާނޭކަމަށް ހީކޮށް ތިމަންނާ މުސްކުޅިކަމާހެދި ބަލިކަމުން މިކަންތައް ވެވޭވަރެއްނޫނޭ ކިޔައިގެން އޭނާ ދިރިހުރެ އަހުމަދުފުޅަށް އަނބުރައިލާން ދިމާކޮށްފިއެވެ. އެގޮތްމައްޗަށް އޭނާގެ އަތްދަށުގައި އުޅޭހާ މީހަކާ ރަށުންވީހައި ބައެއް ހައްލައި އަނބުރައިިލައިފިއެވެ. ރައްޔިތުން އެއްކޮށްފައި މުދިމްކަމުގެ ވާހަކަ ދެއްކިދުވަހުވެސް ރަށުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަމީހުން ތިބީ އަހުމަދުފުޅަށް ދިނުމުގެ މައްޗަށެވެ. އެކަމުގައި މުދިމުކަލެގެ ހިފައިގެން އުޅުނުލެއް ބޮޑުކަމުންނާއި ކުރި ޚަރަދުގެ ގިނަކަމުން ބައެއްމީހުންނަށް ޝައްކުވެގެން އުޅޭންވެސް ޖެހުނެވެ.
ކަތީބުތަކުރުފާނުހުރީ އޭނަޔަށް ކަތީބުކަން ލިބުމުގެ ސަބަބެއް ކަމުގައި މުދިމުތައްޚާނުވީ ކަމުންނާއި އަދި އެތައްޚާނު ކޮށްފައިވަ ވަސިއްޔަތަށާއި އެކު އޭނާގެ ދަރި ޔޫސުފްކޮޔަށް މުދިމުކަން ހޯދައިދިނުމުގެ މަގުގައެވެ. ކޮންމެއަކަސް އެންމެފަހުން ކުރިއެރީ މުދިމްކަލޭގެ ފަރާތެވެ. އޭނާގެ ދަރި އަހުމަދުފުޅަށް މުދިމުކަން އަނބުރާލައިފިއެވެ. ދެން ކަތީބުތަކުރުފާނު ކަންތައްކުރި ގޮތަކީ އޭނާޔަށް ކަތީބުކަން ލިބުމުގެ ސަބަބެއް ކަމުގައިވި މުދިމުތައްޚާނުގެ ވަސިއްޔަތާއި އެއްގޮތަށް  އޭނާގެ ދަރިފުޅަށް މުދިމުކަން ހޯދައިނުދެވުނުކަމުން އެ ކަތީބުކަމުގައި ހުރުމަށް އޭނާގެ ހިތްނުރުހިގެން އަތޮޅުވެރިންގެ އަތަށް ކަތީބުކަމުގެ ފަތްކޮޅުދީ އެކަމުން ދުރުވެގަތީއެވެ. އެކަމަކު އަތޮޅުވެރިން އެކަން ގަބޫލުނުކޮށް ސަރުކާރުގައި ދަންނަވާފައި ވީގޮތެއް އަންގާންދެން ކަތީބުކަމުގެ ހުރިހާ ވަޖިބެއް އަދާކުރަމުން ގެންދަވަން އެންގެވިއެވެ.

ހުވަފެނެއް


ހަސީނާ ނެރެލާފައި ގެންދިޔަފަހުން ކަންތައްތައް ހުންނަގޮތް އޮތި އެނގިފައި ނޫންތޯއެވެ. އެއްދުވަހު ނިދައި ހޭލިއިރު އޮތީ އެހެންދުވަހާ ޚިލާފަށް މާބޮޑަށް ވަރުބަލިވެ ކަންނެތްވެފައެވެ. އެނދުން ތެދުވާހިތެއްވެސް ނުވިއެވެ. ހަތެއްވެސްޖެހިފަހުން މަންމަގޮސް ގޮވީމާ ތެދުވެ ބޭރު އުނދޯލީގައި ބޭރަށް ފުރަގަސްދީގެން އެއްވަލުގައި ލެނގިލައިގެން އިށީންދެއްޖެއެވެ. އެއިރަކުވެސް ނިންޖެއްނުފިލައެވެ.  އެހެންއިންދާ ހުސައިންމަނިކުގެ ހަނދާނާއި ކަތީބުތަކުރުފާނު ކަތީބުކަން ދޫކޮށްލިކަމާ އަހުމަދުފުޅަށް މުދިމްކަން ލިބުކަން ހަނދާންވެ ބައްޕައަށްވެސް ދެން އިހަށްހުރި ގޮތަކަށް ނުހުރެވޭނެޔޭ ހިތަށްއަރައި ދެލޮލުން ވިދިވިދިގެން ކަރުނަތައް އޮހިގެންފިއެވެ. ދެން މަންމައަށް ފެނިދާނެތީ އަވަހަށް އަނެއްފަރާތަށް އެނބުރި ބުރުގާގެ ކަންގަނޑުން ލޯފޮހެލައިފިއެވެ. އެކަމަކު މަންމައަށް އެތަންފެނިގެން ކިޔެއްވަނީތޯ އަހައިލުމާއެކު  ބާރަށް ގިސްލައިގެންފައި ރޮވިއްޖެއެވެ. ވަރަށްބޮޑަށް ނުރޮވެތޯ ހިފަހައްޓައިގެން އޮއްވައި އަޑުވެސް ބޭރުވެއްޖެއެވެ. އެދިޔަގޮތަށްގޮސް ބޭރުގޭ އެނދަށް ވެއްޓިގެން މަންމަ ވާހަކަދައްކަ ދައްކައި އަނގަޔަކުން ނުބުންޏެވެ. އެގޮތަށް އެތައްއިރެންވާންދެން އޮތުމަށްފަހު ކުޑަކޮށް ނިދޭގޮތްވެފައި ފެންނަނީ ހުސައިންމަނިކާ އަހުމަދުފުޅާ ދެމީހުންނާ އެއްފަހަރާ އިނދެގެން އުޅޭތީއެވެ. އެކަކާ އިނދެގެން އުޅޭކަން އުޅެނީ އަނެކަކަށް ނާންގައެވެ. ހުސައިންމަނިކުގެ ގެއަށްގޮސް އުޅެނީ އަހުމަދުފުޅާ އިނދެގެން އުޅޭކަން އެނގިދާނެތީ ވަރަށް ބިރުންނެވެ. އަހުމަދުފުޅުގެ ގެއަށް ގޮސްއުޅެނީ ހުސައިންމަނިކުގެ ނަންކިޔާއަޑުއިވުނަސް ރުޅިއަންނަކަމަށް ހެދިގެންނެވެ. އެގޮތަށް އުޅޭތާ އަށްއަހަރުވީއިރު ހުސައިންމަނިކަށް ބާރަކުދިންނާއި އަހުމަދުފުޅަށް އަށާރަކުދިން ލިބިއްޖެއޯލައެވެ. ދެން އެއްރެއަކު އަހުމަދުފުޅުގެ ބަދިގޭގައި މަސްލުހޭން އޮއްވައި ދޮނާޔަ ރުގިއްޔާފުޅާ ގޮސް ހުސައިންމަނިކަށް ލިބިފައިތިބި ބާރަކުދިންނާއި ހަސީނާ ހުސައިންމަނިކަށް ލިޔުނު ސިޓީއާއި އަހުމަދުފުޅު ބަޑިއަށްލި ތަވީދާ އެއްޗެހި ބަދިގޭތެރެއަށް އުކާލައިފައި މިތަކެތި އުނދުނުޖަހައިގެން މަސްކައްކާށޭ ބުނެފައި މަލާމާތްކުރަމުން ދާތީއެވެ.

އެމީހުންދާ އަޑަށް ހޭލެވި ބޯއުފުލައި ބަލާލިއިރު  ހަސީނާއަށް ގޮވާލައިފައި ބަދިގެއާ ދިމާލަށް ދޮނާ އޮވެގެން ދެއެވެ. ދެން އެފެނުނު ހުވަފެނަށް ކުޑަކޮށް ހިނިއައިސް ތިރީސްކުދިންވިހޭ ބަނޑުއޮތީ ކިހިނެއްތޯ އަތްލިތަނާ ހިތަށްއަރަނީއެވެ. މިހާރު އަހުމަދުފުޅަށް އެހެރީ މުދިމުކަން ލިިބިފައެވެ. މިހެން އޮވެގެން ކަމަކުނުދާނެއެވެ. އިހަށް ކަތީބުތަކުރުފާނުގެ ބަނޑަހަގެ ބައްޕައަށް ހިތަކަށް އޮތަސް މިހާރުއެއީ ކަތީބެއްނޫނެވެ. ހަމައެކަނި ތަކުރުފާނެކެވެ. ދެން ބައްޕަގެ ބާރުވެސް ދާނީ ކުޑަވަމުންނެވެ. މަންމަހުރި ފަރާތަށް އެނބުރުމަކީވެސް ދުރުކަމެއްނޫނެވެ. އަވަހަށް ތެދުވެ ހުސައިންމަނިކަށް އަންގައިގެން ކާވެނީގެ ކަންތައް އަވަސްކުރަންވީއެވެ.

މިޚިޔާލުގައި އިރުކޮޅަކު އޮވެވުނުތަނާ ބޮލުގައިހިފާފައި މަޑުމަޑުން މީހަކު އުފުލައިލީމާ ސިހިގެންގޮސް ބަލައިލިއިރު ކައިރީގައި ހުރީ ދޮނާއެވެ. ހަސީނާ ބަލައިލިތަނާ ދޮނާ ބުނެފިއެވެ. އަވަހަށް ތެދުވަންއުޅޭށެވެ. ތިޔައޮތީ ކިއެއްވެފައި ހެއްޔެވެ. މިހާރު އިރުއަރައި ތިނެއްޖަހައްޖެއެވެ. ހަސީނާ ބުނެފިއެވެ. ނޯވެ ކުރާނެކަމެއް ދޮނާބުނެބަލާށެވެ. ހުސައިންމަނިކާ އަހަރެން ގުޅުމުގެ އެދުން އެހެރަ ކެނޑެން ގާތްވަނީއެވެ. އަހުމަދުފުޅަށް އެހުރީ މުދިމްކަން ލިބިފައެވެ. ބައްޕަޔަކަށް ދެން އިހަށްހުރި ގޮތަކަށް ނުހުރެވޭނެއެވެ. ދޮނާއޭ ހިތާމަހުއްޓެވެ. މަތިމައްޗަށް ހިތާމަހުއްޓެވެ. ހިތަށާ ފުރާނައަށްވެސް ހިތާމަހުއްްޓެވެ. އޮތަދޭށެވެ....... އަހަރެން އޮތަދޭށެވެ...... އޮށޯތީމާ ނިދޭފަދައިން މަރުވެވޭނެނަމަ ކިހައި ރަގަޅުހޭ، އަހަރެންގެ މަރު ނުހައްދަވަނީބާއޭ! މިއޮއް އަންނަހައި ހުމުގައިވެސް މަރުނުވީއްޔާއޭ. ހާދަހައި އަހަރެންގެ ނަސީބުދެރައޭ. ކެޔޮޅުހަސަނާ މަރިޔަނބަށް މަގޭ ބަދަލުގައި އެހެންކުއްޖަކު ލިބިފައިހުރިނަމަ ކިހައި ރަގަޅުވީސްހޭ. ދޮނާބުނެފިއެވެ. ތެދުވާށެވެ. ހިތާމަކުރާކަށް އަދިގާތްވެސް ނުވެއެވެ. ތިޔަހެންނުވާނެއެވެ. އިހަކަށްރެއަކު ޅިޔަންބޭގާތު ހަސީނާ ހުސައިންމަނިކާ ހިތާވެގެންއުޅޭ ވާހަކަ ދައްތަދެއްކީމާ،  ޅިޔަންބޭބެ ބުނާއަޑުއެހީމެވެ. ހުސައިންމަނިކަކަސް އަހުމަދުފުޅަކަސް ހަސީނާ އިންނާން އުޅެންޏާ މަނާނުކުރާނަމެވެ. ކަތީބަކަސް މުދިމަކަސް ހަސީނާ ނުއިންނާން އުޅެންޏާ ބާރެއްވެސް ނާޅާނަމެވެ. އެހެންވީމާ ތިޔަހެން އޮންނާކަށް ގާތެއްވެސް ނުވޭނޫންހެއްޔެވެ. އެކަމަކު ނޭނގެއެވެ. މީހުންގެ ހިތަކީ ވަހުތާނެއްކަހަލަ އެއްޗެކޭވެސް ބުނެތެއްނޫންހެއްޔެވެ؟ އެހެންވިއްޔާ ހުސައިންމަނިކަށް އަންގައިގެން ކާވެނީގެ ކަންތައް އަވަސްކުރެވޭތޯ ބަލަމާ ހިނގާށެވެ. ހަސީނާ ބުނެފިއެވެ. ތިޔަކަމާ އުޅެދޭނެވެސް އަހަރެންނަށް ހުރިމީހަކީ ދޮނާއެވެ. ސާބަހޭ! ދޮނާ ބުނެފިއެވެ. އަހަންނަށް ވާވަރެއްވިއްޔާ ކޮށްދޭނަމެވެ. ކިތަންމެ ކުރުވެސް ސިޓީއެއްލިޔެފައި ހަސީނާ ދެނިކޮށް އެއިގެމައްޗަށް އަހަރެން ވާހަކަ ދައްކައިދީފާނަމެވެ.

(ނުނިމޭ)



ސިޓީއެއްގެ ޖަވާބު
47

ސިޓީލިޔާ ފޮތާއި ގަލަން ހިފައިގެން ކޮޓަރީގެ ދޮރުލައްޕާލާފައި ހުސައިންމަނިކު އިށީނދެ  އެފޮތުގެ މައްޗަށްއޮތް ސަފްހާމަތި އެއްފޮޅުވަތަށްފަހު އަނެއްފޮޅުވަތުގައި ގަލަން ހިންގިހިންގިހެން އަތްދަށުން ނިކުންނަ އަކުރުތަކެއްގެ ބަސްތައް ހަމަޖެހެމުން އަންނަނީ މިކިޔާހެންނެވެ. މީހަކަށް ވެދޭ ލޯތްބެއް ނުވަތަ މީހަކު ބުނާއެއްޗަކުން އެނބުރި ދާނޭ ލޯތްބެއް އިތުބަރުހުރި ސާފުލޯތްބަކަށް ވާނޭބާއެވެ. ހަރުދަނާ ލޯތްބަކީ މީހަކު އަޑުލުން އެއްފަރާތުގައި އޮއްވައި ތޫނު ކަނޑިއަކަށްވެސް ސިހޭނެއެއްޗެއްނޫނެވެ. ބިރުގަންނާނޭ އެއްޗެއްނޫނެވެ. އެހެންމީހެއްގެ  ހިތްދެމޭނެ ފުށަކަށް ދެމި އެނބުރޭނެ ދިމާޔަކަށް އެނބުރި ދާނެއެވެ. އެކަމަށް ހަރުދަނާ ލޯބިވެރިޔާ ފަރުވާލެއް ނުބަހައްޓާނެއެވެ. ތެދުވެރި ސާފުލޯތްބަކީ ތިޔަހެންޖެހޭ ބޮޑަތި ދަތިތައް ޖެހުނުވަރަކަށް އިތުރުވަމުން ގަދަފަދަވަމުން ދާނޭ އެއްޗެކެވެ. ދޮނާދެއްކި ވާހަކަތަކުން ހީވާންއުޅުނީ  އަހުމަދުފުޅުގެ މުދިމްކަމުގެ ބާރު ހަސީނާގެ ހިތްލަންބައިލަފާނެތީ ބިރުގަނެގެން އުޅޭކަމަށެވެ. ތެދެކެވެ. މުދާވެރިކަމާ މަތިވެރިކަމަކީ މީހުން ހިތްދަމާ ދަގަތްފާނުގައި ހުންނަ ކަހަލަބާރެއް ހުންނައެއްޗެކެވެ. އެކަމަކު ހަރުދަނާ ލޯބިވެރިޔާގެ ހިތަކީ އެހެންދެމޭނެ އެއްޗެއްނޫނެވެ. ދަގަތްފާނަށްވެސް ދެމޭނީ އެއިގެހިރި ބާރަށްވުރެ ލުއި ދަގަނޑެކެވެ. ސާފުލޯތްބެއް ވިއްޔާ އެމީހެއްގެ ހިތް އެހެނިހެން ފަރާތްތަކުގެ ބާރުތަކަށް ގުޑުވައިލެވޭ ވަރަށްވުރެ ބުރަވާނެއެވެ. ހަސީނާގެ ސިޓީތަކުން އަހަންނަށް އެނގިފައިވަނީ ތިޔައީ އެހައި ހަރުދަނާކަން ކުޑަ ލޯތްބެއްނޫންކަމެވެ. އަދިވެސް މިހުރީ އެއިތުބާރުކަމުގެ މަތީގައެވެ. ތިޔަހެން އަހަންނާ ލޯބިވެއްޖެ މީހަކީ އަހަރެން ދޫކޮށްލާނެ މީހެއްނޫނެވެ. ސިޓީ ނިންމާލާފައި ދެފަހަރަކު އެއްކޮޅުން އަނެއްކޮޅަށް ލޯހިންގައިލާފައި ދޮނާ ކިޔަވައިގެން އަވަދިވެގެން ދަނިކޮށް ދީފިއެވެ.
ދޮނާ ސިޓީ ހިފައިގެންގޮސް އެންމެފުރަތަމައިން ފޭބީ ބޮޑުހިޔާމަގަށް އަތިރިއަށެވެ. އަތިރިން އަރައިގެންއައިސް އެމަގު ބޮޑުކާނިގަސް ކައިރީގައި އިށީނދެ ވައިޖައްސާލައިގެން ގެއަށްދިޔައިރު ހަސީނާއެއް ގެއަކު ނޫޅެއެވެ. ދެން ގިފިއްޔަށްވަދެ ފައިދޮވެލައިގެން ނުކުމެ ހަސީނާ ބައްޕަގޭގައި އުޅެފާނޭކަމަށް އެގެއާ ދިމާލަށް މިސްރާބު ޖަހައިފިއެވެ. ގޭކައިރިއަށް ގޮއްސައި ސިޓީ ވެއްޓިދާނޭ ކަމަށްހީކޮށް  އަންބޮނޑި ހެޔޮކޮށްލާން އަތްލިއިރަކު އަސްތާ! އަންބޮނޑި ތެރެއަކު ނެތެވެ. ދެން ކުއްލިއަކަށް ހުއްޓި ވިސްނައިލާފައި ގިފިއްޔަށް ފައިދޮންނާން ވަދެފައި ކަނޑިކި ރޫޅައިލެވުނުކަމަށް ހީކޮށް ހަރުކޮށް ހިނގާފައި އަނެއްކާ ދިޔައީ އެގެއާދިމާއަށެވެ.

ދޮނާ ދޮގުހަދަނީ
48

ދޮނާ ގޭދޮށަށް ދިޔައިރު މަރިޔަނބުވެސް ކޮންމެވެސް ތަނަކުން އައިސް ގެއަށް ވަންނަނީއެވެ. ދޮނާ ދެކިފައި ލޯއަޅައިގެންފައި.
މަރިޔަނބު: ބަޔަކު ހޮވައިގެން ގެނައި ސިޓީއެއްގައި ގޮއްޔެ ދެއްކިވާހަކަަ ތަކެއްވެސް އެބައޮތޯ؟ މިގޭގައި ތިޔައުޅެނީ މަގޭ ދަރިއެއް ހުރީތީ ނަގައިލާންތާ؟ ރަގަޅަށްބުނޭ އެއީކާކުދިން ސިޓީއެއް؟
ދޮނާ: ޙައިރާންވީ ކަމަށްހަދާފައި. ކޮންސިޓީއެއް ދައިތާ! އަހަރެން ކާކުގާތު ދެއްކިވާހަކައެކޯ؟ އަޖައިބުވެއްޖައީމު!
މަރިޔަނބު: އަޖައިބެއްނޫން. މިގެ ހަސީނާ ހުސައިންމަނިކާ ގާތްކުރާން އުޅޭމީހަކީ ތިޔައީ. އެކެއްގެ ސިޓީ އަނެކަކަށް ގެންގޮސްދީ . އެކެއްގެ ބަސް އަނެކަކަށް ފޮނުވައިދެނީވެސް މަންޖެ. ނުބުނިއްޔާ ހުންނާންދޭ! ނައިބުގެއަށްވެސް ގެންދާނަން.
ދޮނާ: ނޭފަތުގައި އިނގިލިއަޅާފައި " ސުބުޙާނަﷲ މަން ޔަރާނީ" ކާކު ދެއްކި ވާހަކައެއް. ތިޔައީ މީހަކު ކާފަރުވާންވެގެން ބުނާނޭދޮގެއް. ދައްތަ ހަސީނާއާއެކު ނުދާށޭ ބުނިފަހުން... ދެން އަނގައޮޅުވައިލާފައި، ތިޔައީ ކާކު ބުނިވާހައެއް؟
މަރިޔަނބު: ބޮޑުމަކަރު ބަލާނދޭ! މަށަށްނޭގޭނެކަމަށް! ކަންފަތް ލުހެލިއްޔާޔޯ؟ މަންޖެ ނުކުރާ ކަމެއްގެ ވާހަކަ މީހަކުލިޔާނޭތަ؟ ތިޔައުޅެނީ މިގޭގައި ނޫޅޭން.
ދޮނާ: އަހަރެން ބުނާނީ ކީކޭ ދައިތާ؟ އެއީ ކޮންސިޓީއެއްތަ. އަހަންނަށްވެސް ތިޔަ ދައްކައިލަބަލަ ދައިތާ. މީހަކު ލިޔާނޭ އެއްޗެއް ލިޔެވިދާނެ! މަށަށް ތިޔަފެނިއްޖިއްޔާ ކުނޑިކޮޅެއްވެސް ނުދައްކާނަން. ނުލަފާމީހަކު ލިޔެފާނެ ކޮންމެ އެއްޗެއްވެސް.
މަރިޔަނބު: އަދު މަންޖެ ދަތްއުނގުޅާން އިންތަނުން ހޮވައިގެން ގެނައީ. މިގޭ ގޮއްޔެއަށް ފޮނުވާން މީހަކުލިޔެފައިއޮތް ސިޓިއެކޯ. ކިތަންމެ މީހަކުބުނި އެއި ހުސައިންމަނިކުގެ ލިޔުމޭ. އޭގައި ދޮނާ އެހެން ބުންޏޭ ، މިހެން ބުންޏޭ. އެހެރީ ހުސައިންމަނިކު ހަދާފައި ހުރިދޮގު! ބަލާންދެ މަކަރު ހަދާވަރު. ނުލަފާ މީހަކު ލިޔެފާނެޔޯ!
ދޮނާ: ދައިތަ ، އަހަރެން ޝަހާދަތްލިޔެފައި ބުނިއްޔާ ތެދުކުރާނޫތަ؟ ހުސައިންމަނިކު ގާތަކު އަހަރެން އެއްވެސް ވާހަކައެއް ނުދައްކަން. އަދި އަހަރެން ރައްޓެހި މީހަކުވެސް ނޫން. އަހަރެން ހަމައެކަނި ކިޔަވާންދާކަން. ތިޔަވާނީ ބަޔަކު ހަދައިގެން ދައްކާނޭ ވާހަކައަކަށް . އެހެންޏާ އަމިއްލައަށް ލިޔެގެން އުޅޭ ސިޓީއަކަށް ދައިތަ ތިޔަބުނިއެއްނުން، އަދު އަހަރެން ބޮޑުހިޔާމަގުގައި ދަތްއުނގުޅަން އިންތަނުން ދުށް ސިޓީއެކޭ. ދައިތައަކަށް އެވަރުވީމާ ވެސް އެއީ ދޮގެއްކަމެއް ނޭނގުނުތާ. އަދު ހެނދުނު ދަތްއުނގުޅަން އިންތަން ދައިތަވެސް ދެކޭނޫ. ގޭ ބިތްދޮށުގައި އޮންނަ ކިލާވެލިގަނޑު ނޫން. އަހަރެން ދަތްއުނގުޅީ.
މަރިޔަނބު: އެމީހަކަށް ހީވީކަންނޭގެ ދަތްއުނގުޅާން އިނީޔޭ. ގޮއްޔެ އިށިނދެ އިނދެފައި ތެދުވިތާކުންނޯ ދުށީ
ދޮނާ: އިރުކޮޅަކު ވިސްނާލާފައި. އަދަކު އަހަރެން ތިޔަމަގަކުން ނުވެސްދަން މިހާރު ރަގަޅަށް އެނގިއްޖެ ތިޔައީ ދޮގުވާހަކައެއްކަން. މީހަކު ބަލައިފިއްޔާ އެއްޗެއް ދުށްކަމަކަށްވެސް ނުވާނެ. ދައްތަ ދުވަހަކުވެސް މަގޭ ފުށުން އެކަހަލަ ކަމެއްދުށީމުތަ. ފެނިފައެއް ނޯންނާނެ. ފެންނާނީ އެހެންއުޅޭނަމައެއް ނުން. މީހުން ރުޅިކުރުވާން ދަންނަ މީހުންވެސްތިބެދޯ. ދެން ދައިތަވީ އަހަރެން މިގެއިން ބޭރުކޮށްލާން! އަހަރެން އެމަގުގައި ދަތްއުނގުޅާން އިންދައި ފެނުނުލޮލެއް ހުންނާނީ ކަނުވެފައި.
މަރިޔަނބު: ގޮއްޔެގެ ބަހެއް އަހަރެން ތެދެއްނުކުރާނަން. ހަނދާންކުރާތި! ދެން މިކަހަލަ އަޑެއްއިވޭ ދުވަހަކީ މިގެއިން ނެރެލާ ދުވަސް.
ދޮނާ: އެންމެރަގަޅު! ދެންވެސް އިވުނިއްޔާ އިވޭނީ ތިޔަކަހަލަ ދޮގުވާހަކައެއްގެ އަޑު!

އާކައިވެނި
39
          ޝަޢުބާންމަހު ސާދަ ދުވަހުގެ ހަވީރު ހަސީނާ ފެންނަނީ ދުވަހަކުވެސް ނުވާނޭ ކަހަލަ އުފާވެރިކަމެއްގެ ތެރޭގައި އުޅޭތަނެވެ. އަޅައިގެންވެސް ހުރީ ޢީދުދުވަސް ދުވަހަށް ނޫނީ ފޮށިންވެސް ނުނަގާ ހެދުމެކެވެ. އެީ ކޮންކޮން އުފަލެއް ލިބިގެން ކަމެއް ދަންނަ ހަމައެކަކުވެސް ނެތެވެ. އެދުވަސްވަރަކީ ހަސީނާ ހުންނަލެއް ދެރަކަމާއި މޮޅިވެރިކަމުން ދެކޭހައިމީހެއް ބަލިވެ އުޅެނީތޯ އަހައަހައި ތިބި ދުވަސްވަރެކެވެ.
       
އެރޭގެ އަށެއްޖެހިފަހުން ކެޔޮޅުހަސަން މަހުން ލަފައިގެން ފެންވަރައި ނަމާދުކޮށްގެން އައިސް " ދަލާއިލުލް ޚައިރާތު" އަކާ ނުވަ ސޫރަތްފޮތެއް ހިފައިގެން ކުޑައަށިމަތީގައި އިނެވެ. ހަސީނާއާ ދޮނާ އެތެރޭ ބޮޑުއުނދޯލީގައި ދެމީހުން ހިފައިލާފައި މަޑުމަޑުން ފަރިއްސެް ކިޔާއަޑުއިވެއެވެ. އެދެމީހުންނަށް ލިބިގެންއުޅޭ އިފަލަކީ އެހެންއެކަކަށް  އެނގޭ ކަމެއްހެނެއް ހިއެއްނުވެއެވެ. އިރުއިރުކޮޅާ އެތަނުން އެކަކު ނުކުމެ ބޭރުގެއަށް ބޯދިލައެވެ. ޅެމުގެ ފަހުބައިތުގެ ކުރީބައިތު ދެތިން ހަތަރުފަހަރަށް ފަށްކޮށްފައި އެރެޔާ އޮތް ތަނަކަށް މިރެޔާ އޭކިޔައި ހީހީވެސް އުޅެތެވެ.

ހިތްމަށަށް ދޫކޮށްލި މިތުރަށް އިސްވެދިޔަ ކަމަކާނުލާ
        ނިތް އުޖާލާކޮށް ފަތުރަމޭ   ގިނަ ސަލާމާ އަދިބަހާ

ލޯތްބަކީ ތެދުވެރި ވަފާތެރި އެއްޗެކޭ ސާބަސްދެވޭ
        ލޯމަރައިގެންދާ ފަހުންވެސް އެއިގެހުރެ ރަހަޔާ ވަހާ

ހަރުދަނާ ލޯތްބެއް ހިނގާނަމަ ދިމަޔަކަށް އެއްވެސް ހިތަކު
        ބަރުކަމުން ގުޑައެއް ނުލާނެޔެ މީހަކުގެ ދެން ހާދަހާ

އެއްލިދާނަމަ ފެންނަހާ ކުލައެއްގެ މައްޗަށް ހެއްލިގޮސް
        ގެއްލިދާނެޔެ ގަސްތުކޮށްގެން ހުރިތިމާ، މޭވާ ގަހާ
 
އެންމެހައި މިސްރާބުތަކުގައި ލައިފިނަމަ ސަމުގާގެ މާ
        ގެއްލިދާނެޔެ ރާއްޖެއިން ބެހި ނޭނގިގެން މުރިނގާ ގަހާ

ކުޅަނދުރެއް ފަދައިން ބުރާނަމަ ފެންނަހާ މަލަކުގެ މަތީ
        ބުޅަލަކަށް ވީވަރު   ވެދާނީ   ދިއަދެތިން    މީދާފަހާ

ކޮށްނުލާހިކުގެން އުފާމަހުރީމޭ ތިޔަގޮތުގައި ކަމަށް
        އޮންނަ އެންމެލަފާ ގޮތެއްގައި އަންނަ ދެން އެރެޔާ މަހާ

އޭހިތާއޭ ސާބަހޭ ޞަދަޤާތް ކުރާށޭ ތެދުހިތުން
        ދޭށެ ހުރި ހުރިހައި ލެޔެއް ތިޔަހެން ފަޤީރުންނަށް ބަހާ

އިރުކޮޅަކުން މީހަކު ސަލާމް ގޮވައިލިއަޑަށް  ދެކުދިން އެކީ ބޭރުގެއަށް ނިކުމެއްޖެއެވެ. ހަސަނު ސަލާމް ބަލައިގަތުމުން އެދެމީހުން ގެއަށްވަދެ ބޭރުގެ އެނދުގައި އިށީނދެފައި ބުނެފިއެވެ. އަހަރެމެން މިއައީ މިގޭ ހަސީނާއާ އިންނާންވެގެން އެދުރުބޭގެ ހުސައިންމަނިކު ފޮނުވީމައެވެ. މިކަމާ ދޭތެރޭ ހަސަނުގެ ބަހަކީ ކޮބައިހެއްޔެވެ؟  ހަސަނުބުނެފިއެވެ. ތިޔައާދޭތެރޭ އަހަރެން ބުނާނޭ އެއްވެސް އެއްޗެއް ނެތެވެ. ހަސީނާ ރުހިއްޖެ ކޮންމެމީހަކާ އަހަރެން މިހުރީ ރުހިގެންނެވެ. އެދެމީހުން ބުނެފިއެވެ. ހުސައިންމަނިކު އަހަރެންގާތުބުނީ ހަސަނު ގަބޫލުވެއްޖިއްޔާ ރަން ކިޔުއްވާށެވެ. ހަސަނު ބުނެފިއެވެ. އެކޮއި ގަބޫލުކޮންމެ މީހަކާ އަހަރެން ގަބޫލެވެ. ކޮންމެ މީހަކަށްވެސް އުޅެވޭނި އެމީހަކު ހިތާވާމީހަކާ އިނދެގެންނެވެ.

މިއިރު ހަސީނާ ހުރީ  ފުރަތަމައަށް ވާހަކަދައްކާނީ ހަސީނާއޭ ހީކޮށް ބައްޕަ ގަބޫލުކަންނޭގޭތީ ބުނާނެ އެއްޗެއްގެ ފިކުރުގައެވެ. މިހާރު ހަސީނާއަށް ހިތްވަރު ލިބިއްޖެއެވެ. އެހުންނަނީ ކިހައި އަވަހަކަށް ހަސީނާ އާ ސުވާލުކުރޭތޯ ބަލާށެވެ. ދެން އެދެމީހުން ހަސީނާ އާ ދިމާލަށް އެނބުރިލާފައި ހުސައިންމަނިކާ އިންނަން ގަބޫލުތޯ އަހައިފިއެވެ. އެވަގުތު މަރިޔަނބު ކަރުކެހިގެންފައި ހަސީނާ އާދިމާލަށް ލޯއަޅައިގެންފިއެވެ. ހަސީނާ އެތަންނުދެކޭ ކަމަށްހަދާފައި ބަލައިލީ ބައްޕަގެ މޫނުމަތިން ނުރުހުމުގެ އަސަރެއްފެނޭތޯ ބައްޕަގެ މޫނަށެވެ. ބައްޕަގެ ކިބަޔަކުން ރުހޭ ކަމެއްގެ އަސަރެއްވެސް ނުރުހޭ ކަމެއްގެ އަސަރެއްވެސް ނުފެނެއެވެ. ދެން އެމީހުންނާ ދިމާޔަށް އަރިމަތިވާހެން ދޮރުކަންޏާ ދިމާލަށް މޫނުއަނބުރާލާފައި ދާދިމަޑުމަޑުން " އާއެކޭ" ކިޔާފައި ހީލައިފިއެވެ.އެމީހުން ރަންކިޔާން ބުނީމާ ދުވަހަކު ނުކިޔާއެއްޗެއް ކިޔާންވެގެން ލަދުން އެއްޗެއް ނުބުނެ ހުއްޓައި މަރިޔަނބަށް  ނޭގޭނެހެން ދޮނާހުރެ ލޮލުން އިޝާރާތްކޮށްފައި އަވަސްކުރާން އަންގައިފިއެވެ. ދެން ހަސީނާ ލަދުން ތުރުތުރުއަޅާ އަޑަކުން އަހަރެން.... އެދުރުބޭގެ ( ދެން ތަންކޮޅެއް މަޑުން) ހުސައިންމަނިކާއި.... އިންނަން ރަން ( ދެން އިހުގެ އަޑުން) ފަސް ރުފިޔާ އޭ ބުނެފިއެވެ.
      
އެވަގުތު މަރިޔަނބު ރުޅިއައިސް ތުރުތުރު ލައިގަނެގެން ފައިބައި  އުނދޯލި ހޫރާލާފައި ދޮރުކަނީގަޔާ ހަސީނާގެ ގައިގައި ޖެހިގެންފައި ތެޅެމުން ތެޅެމުން ކަހަލަގޮތަކަށްގޮސް އެތެރެގެއަށް ވަދެއްޖެއެވެ.  އަދި ވަށައި ދެމި ފޮތިގަނޑަށް ނުލާހިކު ބާރަށް ދަމައިގެންފައި  އެނދުމައްޗަށް ވެއްޓި ގަންނަ އަޑުއިވުނެވެ. ދެން ހެކިވެރިންގެ ދެމީހުން ހަސަނު ކިބައިން ވަލީ އަތުލައިގެން ނިކުމެގެން ހިނގައްޖެއެވެ.

ފަހަރި ގެންދިއުން



ހެކިވެރިންގެ ދެމީހުން ދިއަތާ ގަޑިއެއްހާ އިރުވިފަހުން ހުސައިން މަނިކުގެ މަން ފޮނުވައިގެން ހަސީނާ ބަލައި އަތުވެއްޖެއެވެ. އެމީހުން ހަސީނާ ގޮވައިގެން ނުކުންނަނިކޮށް އެތެރޭގެ ތެރެއިން ގޮވާލާ އަޑުއިވުނެވެ. ދެން މިގެއަށް ނުގެންނާށެވެ. މިހިރަ އެއްޗެހިވެސް ހިފައިގެން ދާށެވެ. ހަސީނާ އަޅައިވެސްނުލައި އެމީހުންނާއެކު ހިނގައްޖެއެވެ.  ދިޔައިރު އެދުރުގޭގައި ބިގަރު ދިއްލާފައި އާކައިވެނީގެ އުފާވެރިކަމުގައި މީހުންތައް އުޅެތެވެ. ބޭރުގެ ފެންޑާވަނީ ފިރިހެނުންތަކުން ފުރިފައެވެ. އެއްފަރާތެއްގެ މޭޒުމަތީގައި ބަހައްޓާފައިހުރި ތާޅަފިލިޖެހި ފޮއްޓަކުން " ޑުލާރީ " ޔާ " ޕިޔާރުޤައްވާލު" ގެ ރީތި ޣަޒަލުތަކުގެ އުފާވެރި އަޑު އިއްވައި އެތާނގެ ފަޅުފިލުވައެވެ. އެމީހުން ދިޔައިރު ކިޔަނީ ކުޑަކޮށް ހަސީނާވެސް މީހުންކިޔާ އަޑުއަހައިގެން ދަސްކޮށްފައި އޮންނަލަވައެކެވެ.

ހަސީނާ ގެންގޮސް ވެއްދީ އަނެއްފަރާތު ދޮރުންނެވެ. އެއިރު ކޮޓަރީގައި ދެތިން ހަތަރު ދޮލަނގުގައި ސައިތައްޔާރު ކޮށްފައި ހުއްޓެވެ. އެތެރެ ގެއަށް ވަތްއިރު  ބިލެތްތަކަކާއި ހަނާކުރި ފޯއް އެއްޗެއް ހިފައިގެން އެދުރުދައިތަ އުޅެއެވެ. ދެކުނު އެނދުގައި ތަބަކެއްގައި ތައްޔާރުކޮށްފައި ހުރިސަޔާއި ބިސްކޯދާ ގުޅައާއި ބޯކިބާ ހުއްޓެވެ. ހަސީނާ ގޮސްވަންނައިރަށް ކޮއްކޯއޭ ކިޔާ އަތުގައި ހިފައިގެން ގެންގޮސް ދެކުނު އެނދުގައި ބައިންދައިފިއެވެ. ދެން ހަސީނާ ނިކަން ލަދުން  އިނދެ ދެތިން ބިސްކޯދާއި ގުޅަޔަކާ ބޯކިބާ ފޮއްޗަކުން އެތިކޮޅަކާ ކައިފައި ސައިތަށި އެކަށް ބޮއިލައިފިއެވެ.

ކުޑައިރުކޮޅަކުން ކުއްޖެއްގެ އަތަށް ހަސީނާގެ ފޮއްޓާއި ލިބާސްބޮނޑި ދީގެން މާބަނޑު އަންހެނަކު އައިސް ވަދެއްޖެއވެ. ހަސީނާ ބަލައިލިއިރު އެއީ ރުގިއްޔާފުޅެވެ. ޚަބަރުއަހަލީއިރު ވީ ހަސީނާގެ މަންމަ އެތަކެތި ނެރި އުކައިލީކަމަށެވެ. ރުގިއްޔާފުޅު ހަސީނާ ހޯދަންގޮސްފައި  އެތަކެތި މަގުމަތީގައި ހުރެގެން މީހުންކުރެން އެހިއިރު ހަސީނާ ހުސައިންމަނިކާއި އިނދެގެން އެއިގެ ރުޅީގައި  މަރިޔަނބު ކުރިކަމެއްކަން އެނގިގެން ގެނައީއެވެ. ދެން ރުގިއްޔާފުޅު ހަސީނާ ގޮވައިގެން އެއްފަރާތަކަށް ޖެހިލައިފައި ކުޑަވަރެއްގެ ފޮތްގަނޑެއް ދައްކާލައިފއި ބުނެފިއެވެ. އެދުރުފޮތްގަނޑު މިއޮތީ އަތުޖެހިފައެވެ. މިވާނީ ހުސައިންމަނިކަށް ދައްކާށެވެ. މިއީ އަހަރެންވަރިކޮށްފައި ދިޔައިރު އިބްރާހިމްފުޅުގެ އެއްޗެހި ގެންދިޔައިރު ނުގެންދެވި އޮތް ފޮތެކެވެ. މިބަލައިވެސް ކިތަންމެ ދުވަހަކު ފޮނުވިއެވެ. އެއިރަކު އަހަރެންވެސް އޮތްކަމެއް ނުދެނަހުރީމެވެ.ހޯދާހޯދާވެސް އޮތީ ނުފެނިފައެވެ. މިރޭ ޙިޔަރަކާތް ދުޢާ ލިޔެފައި އޮންނަފޮތް ހޯދަންވެގެން އެތަން މިތަން ހާވަނިކޮށް ފެނުނީއެވެ. މީގައި ފިސާރި ކަންތައް ހުންނާނެއެވެ،. އަކަތަކާއި ރޫތައްވެސް ކުރަހާފައި އެބަހުއްޓެވެ. ދޮނާ ބުނީ ހަމަތެދެކެވެ. އެއީ އެއް " ލަންބަރު" އިސްތިރިއެކެވެ. މުޅީންވެސް މީގައިހުރީ އިސްތިރިއާ ސިހުރާ ވަރިތޮޅިއެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ