އަދުގެ ޚާއްސަ

Print

ރަމަޟާންމަހަކީ ފާފަކުރުމުން ދުރުވެ ތައުބާވުމުގެ މައްސަރު

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ޢަޤީދާ


އިބްރާހީމް އަޙްމަދު (2008)

ރަމަޟާންމަސް އަޅުގަނޑުމެންނާ ބައްދަލުކުރިއިރު އެމަހާ ބައްދަލުކުރުމަށް އަޅުގަނޑުމެން ތައްޔާރުވިންތޯއެވެ؟ އެމަހާ އަޅުގަނޑުމެން ބައްދަލުކުރާނީ ފަހެ ކިހިނަކުންތޯއެވެ؟ ކޮންޙާލަތެއްގައިތޯއެވެ؟ ޢިލްމުވެރިން ވިދާޅުވަނީ މުސްލިމުން ރަމަޟާން މަހާ ބައްދަލުކުރަންވާނީ ނަޞޫޙު ތައުބާއަކުން ތައުބާވެގެންވާ ޙާލުގައި ކަމުގައެވެ. އަދި ﷲ ތަޢާލާ އަޅުގަނޑުމެންގެ މައްޗަށް ޙަރާމްކުރެއްވި އެންމެހާ ކަންތަކުން ދުރުވެ ރައްކާތެރިވެގެންވާ ޙާލުގައެވެ. އަދި ހަމައެފަދައިން ﷲ ތަޢާލާގެ ޙަޟްރަތަށް ކުއްތަންވެ އެކަލާނގެ ޙަޟްރަތަށް ރުޖޫޢަވާ ޙާލުގައެވެ. ހުރިހާ ވަގުތެއްގައި އަދި ހުރިހާ ޙާލަތެއްގައިވެސް އުރެދުމާއި ފާފައިން އެއްކިބާވެގެން ތިބޭ ޙާލުގައެވެ. ޚާއްޞަކޮށް ރަމަޟާން މަހަކީ ރަޙްމަތާއި ފާފަފުއްސެވުމާއި ނަރަކައިން މުއްތި ކުރެއްވުމުގެ މަސް ކަމުގައި ވާތީއެވެ. މާތްﷲ ވަޙީކުރެއްވިއެވެ. (يَأَيُّهَا الَّذِيْنَ آمَنُوْاتُوْبُوْا إِلَى اللهِ تَوْبَةً نَصُوْحًا ) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲގެ ޙަޟްރަތަށް ތެދުވެރިކަމާއެކު ނަޞޫޙު ތައުބާއަކުން ތައުބާ ވާހުށިކަމެވެ."

ރަމަޟާންމަހާ ކުރިމަތިލާ އެމަހާ އިސްތިޤްބާލުކޮށް ބައްދަލުވެ އެމަހުގެ ދުވަސްތައް ހޭދަކޮށްފައި ނުކުތް އިރު އެއްވެސްކަހަލަ ހެއުޢަމަލެއް އިތުރަށް ކުރެވިފައިނުވާނަމަ އެފަދަ މީހަކަށް އެލިބުނީ ކިހާ ބޮޑު ގެއްލުމެއް ހެއްޔެވެ؟ ހުރި ހިތާމައަކާ ސަހަރޯވެރިކަމެއްގެ ބޮޑުކަމާއެވެ! އެފަދަ މީހަކަށް ﷲގެ ޙަޟްރަތަށް ކުއްތަންވުމުގެ އެންމެ ފިޔަވަޅެއްވެސް އިތުރަށް އެޅިފައިނުވާނަމަ އެއީ ހަމަކަށަވަރުން ދުނިޔެއިން މީހަކަށް ލިބޭނެ އެންމެ ބޮޑުގެއްލުމެވެ. އެންމެ ބޮޑު ނިކަމެތިކަން އޭރު އެވަނީ އެމީހަކު އަމިއްލައަށް ލިބިގެންފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

إِنَّ فِى الْجَنَّةِ بَاباً يُقَالُ لَهُ الرَّيَّان ، يَدْخُل مِنْهُ الصَّائِمُوْن يَوم الْقِيَامَة ،


لا يَدْخُل مِنْهُ أَحَد غَيْرهُمْ  ، فَإِذَا دَخَلُوا أُغْلِق ، فَلَمْ يَدْخُل مِنْهُ أَحَد


 (رواه البخاري ومسلم)



 މާނައަކީ: "ހަމަކަށަވަރުން ސުވަރުގޭގައި ރައްޔާނޭ ކިޔޭ ދޮރުކޮޅެއްވެއެވެ. އެއީ އެދޮރުކޮޅަކުން ރޯދަވެރިން ސުވަރުގެ ވަންނަ ދޮރުކޮޅެވެ. ރޯދަވެރިޔަކު ނޫން އެހެން އެއްވެސް މީހަކަށް އެދޮރުކޮޅުން ނުވަދެވޭ ހުއްޓެވެ. ރޯދަވެރިން ވަދެ ނިމުމުން އެދޮރުކޮޅު ބަންދުވާނެއެވެ. އެހެން އެއްވެސް މީހަކަށް އެދޮރުކޮޅަކުން ނުވަދެވޭހުއްޓެވެ."

އަޅުގަނޑުމެން ﷲގެ އަޅުތަކުން ހިތްވަރާއި ޢަޒުމާއެކު މަސައްކަތް ކުރަންވީ ޤިޔާމަތްދުވަހުގައި މިދޮރުން ސުވަރުގެއަށް ވަދެވޭ ބަޔަކު ކަމުގައި ވުމަށެވެ. އަޅުގަނޑުމެން ރައްކާތެރިވާންވީ އަޅުގަނޑުމެންގެ މޫނު މައްޗަށް އެދޮރު ލެއްޕިގެންދާ ފަދަ ނިކަމެތި ބަޔަކު ކަމުގައި ނުވުމަށެވެ. އެފަދަ ގޮތެއް ދިމާވެއްޖެނަމަ އެއީ އެމީހަކަށް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެކެވެ. އިހާނެތި ކަމަކާއި ބިރުކަމެއްވެސް މެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.


فَإِذَا دَخَلَ آخِرُهُمْ أُغْلِق مَنْ دَخَل شَرِبَ ، وَمَنْ شَرِبَ لَمْ يَظْمَأ (رواه ابن خزيمة )


މާނައަކީ : "ފަހެ އެރޯދަވެރިންކުރެ އެންމެފަހު މީހާ ވަދެނިމުމާއެކު އެދޮރުކޮޅު ބަންދުވެދެއެވެ. އެދޮރުކޮޅުން ވަދެއްޖެ މީހާއަށް ސުވަރުގޭގެ މީރު ބުއިން ލިބެއެވެ. ސުވަރުގޭގެ މީރު ބުއިމެއް ލިބިއްޖެ މީހާއަށް ދެން ދުވަހަކުވެސް ކަރުހިއްކުމުގެ ކަމެއް ކުރިމަތިނުވާހުއްޓެވެ."

އާދެ! ރަމަޟާންމަހުގެ މާތްކަމާއި މަތިވެރިކަމާއެވެ! އެމަހުގައި ކުރެވޭ އަޅުކަމަށްޓަކައި ﷲ ދެއްވާ ދީލަތި ދެއްވުމުގެ ބޮޑުކަމާއެވެ! އެމަހުގައި އެކަލާނގެ އަޅާ އެރޯދަ ހިފަނީ އޭނާ ހެއްދެވިފަރާތުގެ އަމުރަށް ކިޔަމަންތެރިވެ ހުންނަ ޙާލުގައެވެ. އެހެންކަމުން އެކަލާނގެ އެކަމުގެ ބަދަލުގައި ދެއްވާ ދަރުމައާއި އަޖުރު ނުވަތަ ޘަވާބުގެ ބޮޑުކަމާއެވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ.

الصِّيَامُ جُنَّةُ مِنَ النَّارِ ، كَجُنَّةِ أَحَدِكُم مِنَ الْقِتَال، وَصِيَام حَسن من ثَلاَ ثَةِ أَيَّامٍ


 من كُلِّ شَهْر (رواه أحمد)


މާނައަކީ: ރޯދައަކީ ނަރަކައިން ރައްކާތެރިވުމަށް ލިބިފައިވާ އައްޑަނައެކެވެ. އެއީ ތިޔަބައިމީހުންކުރެ މީހަކު ހަނގުރާމައިން ރައްކާތެރިވެ ދިފާޢުވުމަށް ލިބިފައިވާ އައްޑަނަ ފަދައިންނެވެ. އަދި ކޮންމެ މަހެއްގެ ތެރޭގައި ތިންދުވަހުގައި ހިފާ ރޯދަވެސްވަނީ ހެއުޢަމަލެއް ކަމުގައެވެ."

އާދެ! މިހެންކަމުން އަޅުގަނޑުމެން ރޯދަމަހަށް މާތްކޮށް ހިތަންޖެހެއެވެ. ރަމަޟާންމަހަށް މާތްކޮށް ހިތުމަށް ވިސްނާއިރު އެމަހުގެ އެންމެ މާތްކަމަކީ އެމަހުގައި ކީރިތިޤުރްއާން ބާވައިލައްވާފައި ވުމެވެ. ކީރިތިޤުރްއާނަކީ ޤިޔާމަތްދުވަހުގައި އޭގެ އަހުލުވެރިޔާއަށް ޝަފާޢަތްތެރިވާ ފޮތެކެވެ. އަދި އެޤުރްއާނުގެ އަހުލުވެރިޔާ ނަރަކައިން ދިފާޢުކޮށްދޭ އައްޑަނައެކެވެ. އެހެންވެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރު އަޅުއްވާ ޙަދީޘް ކުރައްވާފައި ވެއެވެ.

الصِّيَامُ وَالْقُرْآن يَشْفَعَان لِلْعَبْد يَوْم الْقِيَامَة ، يَقولُ الصَيَام : أي ربّ مَنَعَتْه


الطَّعَام وَالشَّهْوَة ، فَشَفَعَنِيْ فِيْهِ ، ويقول الْقُرآن مَنَعَتْهُ النَّوْم با للَّيْلِ ، فَشَفَعَنِيْ فِيْهِ


 ، قَال : فَيُشْفَعَان


މާނައަކީ:"ރޯދައާއި ކީރިތިޤުރްއާން ޤިޔާމަތްދުވަހުގައި  އަޅުތަކުންގެ މައްޗަށް ޝަފާޢަތްތެރިވެއެވެ. ރޯދަ ބުނާނެއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އޭނާ ކެއިންބުއިމުންނާ ފާޙިޝް ކަންތައްތަކުން މަނާވެގަނެ ރޯދަ ހިފިއެވެ. އެހެންވެ އޭނާއަށް ރޯދައިގެ ޝަފާޢަތް ދެއްވާނދޭވެ! ކީރިތިޤުރްއާން ﷲގެ ޙަޟްރަތުގައި ހެކިދީ ދަންނަވާނެއެވެ. މިޤުރްއާން ކިޔެވުމަށް އޭނާ ރޭގަނޑުގެ ނިދިން މަޙްރޫމްވެގެން ހުއްޓެވެ. އެހެންވީމާ ޤުރްއާނުގެ ޝަފާޢަތް އޭނާއަށް ދެއްވާނދޭވެ! ދެން ﷲ ތަޢާލާ ވަޙީ ކުރައްވާނެތެވެ. ތިމަން ﷲ އޭނާއަށް ރޯދައާއި ކީރިތިޤުރްއާނުގެ ޝަފާޢަތް ލައްވައިފީމެވެ."

އާދެ! އެހެންކަމުން ﷲގެ އަޅުތަކުން ކަމުގައިވާ އަޅުގަނޑުމެންގެ މައްޗަށް ލާޒިމުކުރަނީ ﷲގެ ފޮތް ކިޔެވުމުގައި ރޭގަނޑުގެ ވަގުތުގައްޔާއި ދުވާލުގެ ވަގުތުގައިވެސް ހީވާގި ވުމެވެ. ސަބަބަކީ ކީރިތިޤުރްއާން ވެގެންދާނީ ތިމާގެ މައްޗަށް ހެކިވާ ނުވަތަ ތިމާއަށް ޝަފާޢަތްތެރިވާ ފޮތެއް ކަމުގައެވެ.  އަޅުގަނޑުމެން ބަލަންވީ އެފޮތަކީ އަޅުގަނޑުމެންގެ މައްޗަށް ޝަފާޢަތްތެރިވާ ފޮތަކަށް ހެދޭތޯއެވެ! އެއީ ފުރިހަމަ ގޮތުގައި ރޯދަހިފުމުން އެރޯދަ އަޅުގަނޑުމެންގެ މައްޗަށް ޝަފާޢަތްތެރިވާ ފަދައިން އެޤުރްއާން ކިޔަވައި އެއާއި އެއްގޮތަށް ޢަމަލު ކުރުމުގެ ސަބަބުން ލިބިގަނެވޭނެ ކަމކެވެ. ވުމާއެކު އަޅުގަނޑުމެންނަށް ރޯދައިން ލާޒިމު ކުރާ އެއް ޢަމަލަކީ ކީރިތިޤުރްއާން ކިޔެވުމެވެ. ޤުރްއާނަށް ސަމާލުކަންދީ ޤުރްއާނުގެ ހިޔަލުން ހިޔާ ހޯދައިގަތުމެވެ. ޤުރްއާން ކިޔެވުމާއި ދުރުވެގަންނަ ބަޔަކު ކަމުގައި އަޅުގަނޑުމެން ފަހަރެއްގައިވެސް ވެގެންނެއް ނުވާނެއެވެ. ފަހެ ﷲ ތަޢާލާ ވަޙީ ކުރައްވާފައި ވެއެވެ.

(وَقَالَ الرَّسُوْلُ يَا رَبِّ إِنَّ قَوْمِى اتَّخّذُوْا هذَالْقُرْآنَ مَهْجُوْرًا )



މާނައަކީ : "އަދި ރަސޫލާ ވިދާޅުވިއެވެ. އޭ އަޅު ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން ތިމަންގެ ޤައުމުގެ މީހުން ، މިޤުރްއާނަކީ ދޫކޮށްލެވިގެންވާ އެއްޗެއް ކަމުގައި ހަދައިފިއެވެ. "

ރޯދައަށް ރައްކާތެރިވުމަކީ ތިޔައެންމެހައި ބޭފުޅުންނަށްވެސް އެގިވަޑައިގެންފައި ވާނެ ފަދައިން ރޯދައަށް ހުރުމުގައިވެސް ސަމާލުކަން ދޭންޖެހޭ އެންމެހާ ކަންކަމަށް ސަމާލުކަން ދީގެން ރޯދަ ހިފަމުން ގެންދިއުމެވެ. ރޯދައަށް ހުރެގެން ކޮށްގެންނުވާނެ ކަންކަން ދޫކޮށް ފުރިހަމަ ގޮތުގައި ރޯދަހިފުމެވެ. ނަމަވެސް ހިތާމައަކީ އެއްވެސް ޢުޒުރެއްނެތި އަޅުގަނޑުމެންގެ މިމުޖުތަމަޢުންވެސް ރޯދަ ނުހިފާ މީހުން ފެންނަމުން ދިއުމެވެ. މަދުންނަމަވެސް މިޢަމަލު ކޮންމެ އަހަރެއްގެ ރޯދަ މަހުގެ ތެރޭގައި ފެންނަމުން ދެއެވެ. މިކަމަކީ ކިހާވަރެއްގެ ކަމެއްކަމާމެދު ކުޑަކޮށްވެސް ވިސްނާލެވުނު ބާވައެވެ؟ ވިސްނާލެވުނުނަމަ ކަމުގެ ބޮޑުކަން ހިތަށް ގެނެވުނީހެވެ! އެއީ މުސްލިމުންނަށް ވާޖިބުވެފައިވާ ކަންކަމަކީ ކުޅިވަރެއްކަމަށް ބެލެވޭނެ އެއްވެސް އުޞޫލެއް ނޯންނާތީ އެވެ. އެއްވެސް ޢުޒުރެއްނެތި ރަމަޟާންމަހު ރޯދަ ހިފައިގެން ހުރެފައި އެރޯދަ ދޫކޮށްލައިފިނަމަ ނުވަތަ އެއްވެސް ޢުޒުރެއްނެތި ރަމަޟާންމަހުގެ ރޯދަނުހިފައި ދޫކޮށްލައިފިނަމަ އެފަދަ މީހަކަށް ﷲގެ ކޯފާއާއި ގަދަފަދަ ވެގެންވާ ޢަޒާބު ހުއްޓެވެ. މިދެންނެވި ޢަޒާބަކީ އެއްވެސް ޝައްކެއްނެތް ގޮތުގައި އެމީހަކަށް ލިބޭނެ އެއްޗެކެވެ.

އިދާރާ

އެނގޭތަ؟

ވާހަކަ