އަދުގެ ޚާއްސަ

Print

ހަސަންމަނިކުގެ ބަނޑުފަޅާލެއްވުން

ޝާޢިއުކުރީ ޢަބްދުލްޙަކީމު ޙުސައިން މަނިކު . ހިމެނޭބަޔަކީ ތާރީޚް



ޢަބްދުލްޙަކީމު ޙުސައިން މަނިކު


އެދުރު އަހަންމައިދީޔާއި މީނާގެ ބޭބެ އަލިދީދީޔާ މި ދެބޭފުޅުންނަކީ ކުދި ސާހިބުންގެ ތެރޭގައި ހިމެނޭ ދެބެންނެވެ. އަލިދީދި މޮޔަވެއްޖެ އެވެ. އަނދަގޮނޑިޖެހީ  އެބޭފުޅުންގެ ގޭގަ އެވެ. އެ ގެ ހުންނަނީ މިހާރުގެ އާކަކާގެ އެ ހުންނަ ތަނުގެ ދިމާ އަނެއްފަރާތުގަ އެވެ. އަލިދީދީޔަށް އެނގިވަޑައިގެންފައި އޮންނަނީ އައްސުލްޠާނު މުޙަންމަދު ޢިމާދުއްދީން (ހަތަރެއް) ގެ ކަކާ ބޭކަލެއްކަމުގައިވާ ހަސަންމަނިކު ބަންޑާރައިންނަށް ދަންނަވައިގެން އަލިދީދި އަނދަގޮނޑި ޖެހީކަމެވެ. އެއްވެސް މޮޔަ އަކީ އެމީހަކީ މޮޔަބަލި ޖެހިފައިވާ މީހެއްކަމަށް ގަބޫލު ކުރާ މީހެއް ނޫނެވެ.

އަލިދީދީ އެއްދުވަހަކު، ކޮންމެވެސް ގޮތަކުން އަނދަގޮނޑިން ފައިންޕުޅު  ދަމައިގަންނަވައިފި އެވެ. ދެން ބޮޑުމަސްވަޅިއެއް ހިއްޕަވައިގެން ނިކުމެވަޑައިގަތީ މަގު މައްޗަށެވެ. އުތުރަށް ވަޑައިގެން  މުލީއާގޭ ދެކުނުގައި އޮންނަމަގުން އަނބުރާލެއްވީ ހުޅަނގު މަގަށެވެ. އޭރު ކަކާ ޙަސަންމަނިކު މީހަކު އަތަށް ރޯމަހެއްދީގެން މާކިލާފާނު ގަނޑުވަރު ކުރިމަތިން ނިކުންނެވުނީ އަލިދީދީގެ ކުރިމައްޗަށެވެ. ކުއްލިޔަކަށް އޭނާގެ ބަނޑަށް އެ ބޮޑު މަސްވަޅި ވައްދާލައްވައިފި އެވެ.  އެ ގޮތަކަށް މި ގޮތަކަށް ހަލުވައި ލައްވައިފައި މަދައިގެންބާރުގައި މަސްހިފައިގެން ހުރިމީހާގެ ގައިން ކުޑަތަންކޮޅެއް ޒަޚަމް ވެއްޖެ އެވެ. ވިދާޅުވިޔޯލަ އެވެ. ''ދަމައިގެންކަނޑީގެ މިޔަ ދޮށުގައި ހުރީމާ ވާނީ ތިހެންނެވެ. މިހާރު ޙަސަންމަނިކުގެ ގޮހޮރުގައި ބުރިނުވާ އެންމެ ފަށެއް ވެސް ނޯންނާނެ އެވެ.''

މީހުންގަނޑު ހަޅޭއްލަވަ އެވެ. މޮޔަ އަލިދީދީ ބޮޑުވަޅިއެއް ހިފައިގެން އެބަ ވަޑައިގަންނަވައެވެ. ރައްކާތެރިވާށެވެ. ނިކުމެވަޑައިގަންނެވުނީ މަލިންގޭ ކުރިމައްޗަށެވެ. ޙަސަންވެލާނާ މަނިކުފާނު ހުންނެވީ އެއްޑޫގޭ މަނިކާ ވާހަކަ ދައްކަވާށެވެ. މި ބިރުވެރި އަޑު އިވުމާއެކު ކުއްލިޔަކަށް ދޮރާށި ތަންޑު އަޅުއްވައިފި އެވެ. އައްޑޫގޭ މަނިކު ހެދިގޮތަކީ ބަކަރި ފުޅަލިގަނޑުމަތިން  އަލިދީދީގެ ކުރިފުޅުމައްޗަށް ފުންމާލީ އެވެ. ދެން ކިޔާއެއްޗަކީ މަނިއްޕުޅަށް ސާބަހެވެ. އެ ކަހަލަ ނުލަފާމީހުން ބައިތިއްބާނެ ކަމެއް ނެތެވެ. މިހެން ކިޔަމުން ވަރަށް ބާރަށް ފަހަތަށް ސޮއްމުން ދެ އެވެ. އެ މަގަކީ މިހާރު މޫނިމާގެ ކުރިމަތިން އޮންނަ މަގެވެ.  އަނެއްމަގަށް އެޅުމާއި އެކު އައްޑޫ މަނިކު ވަރަށް ބާރަށް ދެކުނަށް ދުއްވައިގެންފި އެވެ. އަލިދީދީ އަނބުރާލެއްވީ އުތުރަށެވެ. އެސްޖެހި ގަނޑުވަރަށް ވަޑައިގެން ވަޅި ވަޅީގެ ތިލައިގައި ހިއްޕަވާފައި ސައްޔިދު ކިލެފެފާނުގެ އަތްޕުލަށް ކޮއްކޯއޭ މިވަޅީގައި ހިއްޕަވާށޭ ވިދާޅުވެފައި ދިއްކޮށްލައްވައިފި އެވެ. ބޭބެ މި އައީބޭބެގެ ބަދުނާމު ބަންޑާފައިންނަށް ދަންނަވައިގެން ހައްޔަރުކުރުވައިގެން އުޅޭމީހާ މަރާލާފަ އެވެ.  ދެން ވެދެވަޑައިގެން އެތެރެގޭ ބޮޑު އުނދޯލީގައި ހުރަހަށް އޮށޯވެވަޑައިގެން އުނދޯލި ހެއްލަވަނީ އެވެ. ކިލެގެފާނު ބޭބެއަށް ސާބަހޭ ހިތްވަރުފުޅު ގަދައޭ ވިދާޅުވަމުން މަޑުމަޑުން ބޭރަށް ނުކުމެވަޑައިގެން މެދުމާދޮރާށި ހަދަންތިބި ހަނގުބޭކަލުންނަށް ހަނާ އަޅުއްވާލައްވައިފި އެވެ. މީހުންތައް އައިމާ ވިދާޅުވި އެވެ. އަލިދީދީ މީހަކު މަރާފައި  އައިސް މިގޭ އުނދޯލީގައި އެބަ އޮތެވެ. އަވަހަށް ހިފައިގަންނާށެވެ.

އެ މީހުންތައް ވަދެ ހިފައިގެންފި އެވެ. އަނެއްކާ ވެސް ގެން ގޮސް އޭނާގެ ގޭގައި އަނދަގޮޑި ޖެހީ އެވެ.
މި ކަންތައް ހިންގެވީ އެ ދުވަސްވަރުގެ ބޮޑުވަޒީރު މުޙަންމަދު ރަންނަބަޑޭރި ކިލެގެފާނާއި ދެން ވެސް ސަރުކާރުގެ ވެރިންނެވެ. މާވަރުގަދަޔަށް އަނެއްކާ ވެސް ހައްރުކޮށްލީއެވެ.

މިއީ ޙަޤީޤީ ތާރީޚީ ވާހަކަ އެކެވެ. ބަނޑުފަޅާލި ހަސަންމަނިކުގެ ދަރިއެއް ވަރަށް  މުސްކުޅިވެފައި ހުންނަވަނިކޮށް ދުށީމެވެ. އޭރު އުމުރުން އަށްޑިހަ އަހަރުވީ ބޭކަލެއްކަމަށް ހީވެ އެވެ. ޝަމްސުއްދީން ބަންޑާރައިންގެ އަރިހު ބޭކަލެކެވެ. މާކަ ލަހެއްނުވެ ނިޔާވެއްޖެ އެވެ. މީނާގެ މުޙަންމަދު މަނިކު ކިޔާ ދަރިފުޅެއް ބުރުނީގޭ އިބްރާހީމްދީދީގެ ކުޑަ ފިހާރައިގެ މެނޭޖަރުކަން ކުރި އެވެ. އޭގެ ފަހުން ބޮޑު ފިހާރައިގެ މެނޭޖަރުކަން ވެސްކުރި އެވެ. މި މީހުންގެ އާއިލާ މިހާރު ވެސް އޮންނާނެ އެވެ. ތާރީޚު ޖަހަން އެނގޭ ގޮތަށް ހަސަންމަނިކު ބަނޑު ފަޅާލެއްވި ދުވަސް ލިބިފައެއް ނެތެވެ. އެނގޭވަރަކީ އެއީ މުސްކުޅި ބަންޑާރައިން ރަސްކަމުގެ  އެންމެ ފަހުގެ ދުވަސް ވަރުކަމެވެ. މި ވާހަކަ ކިޔައިދެއްވީ އެންމެ ފުރަތަމަ ބައްޕަ އެވެ. އޭ ފަހުން އަލްފާޟިލް މަރުޙޫމު އިބްރާހީމް ޙިލްމީ ދީދީ އެވެ.

އިދާރާ

ވާހަކަ