އަދުގެ ޚާއްސަ

Print

އަމާޒު

ޝާޢިއުކުރީ ޝިފްޒާން އަހުމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޝިފްޒާން އަޙްމަދު

ޖާހިލިއްޔަ ޒަމާނުގެ މަޝްހޫރު ޢަރަބި ޅެންވެރިއެއްކަމުގައިވާ އީލިޔާ އަބީ މާޟީ ވިދާޅުވެފައިވެއެވެ. "އަހަރެން އަތުވެއްޖައިމެއެވެ. އެކަމަކު އަހަރެންއައީ ކޮންތާކުންކަމެއް އަހަރެންނަކަށް ނޭނގެ އެވެ. ނަމަވެސް އަހަރެން މިހިރީ އައިހެވެ. އަހަރެންނަށް ކުރިމަތިން މަގެއްފެނުމުން އެމަގުން ހިގައިގަތީމެވެ.  ރުހުނަސް ނުރުހުނަސް އެމަގުން ހިގުންނޫން އެހެން ގޮތެއް އަހަންނަކަށް ނެތެވެ. އަހަރެން އައީ ކިހިނެއް ކީއްކުރަން ހެއްޔެވެ؟ މިސުވާލުގެ ޖަވާބެއް ވެސް އަހަންނަކަށް ނޭނގެ އެވެ."

މިއީ މިދުނިޔެއަށް އަހަރުމެން ފޮނުއްވި ސަބަބު ނުދަންނަ ބައަކު މިދުނިޔޭގެ ދިރިއުޅުމާ މެދު ގެންގުޅެފާނެ ފަލްސަފާއެކެވެ. އެކަމަކު މި ފިކުރަކީ އިސްލާމީ އުޞޫލުތަކަށް ބޯލަނބާ، އިސްލާމްދީން ޤަބޫލުކުރާ ބަޔަކު ޤަބޫލުކުރުން ހުއްދަވާނެ ފިކުރެއްނޫނެވެ.

ހިތާމައަކީ އަހަރުމެންގެ ތެރެއިން ގިނަ ޒުވާނުންގެ ފިކުރަކީ އީލިޔާ އަބީ މާޟީގެ ފިކުރު ފަދަފިކުރަކަށްވީކަމެވެ. ގޯޅިގޯޅި ކަންމަތިތަކުގައި ސަކަރާތް ޖެހުމުގައި ރޭދުވާ ހޭދަކޮށްލުމަކީ ޒުވާނުންގެ އާދައެއްކަމުގައިވެއްޖެ އެވެ.  ދިރިއުޅުމުގެ އަމާޒަކީ ކޮބައިކަން މި އަދުމިވަނީ އޮޅިފައެވެ. ކެފޭތަކުގައި ކޮފީ މޭޒުދޮށުގައި އަނގަތަޅާލަން ތިބުމަކީ ޒުވާނުންގެ ދިރިއުޅުމުގެ މަންޒިލް މަޤުޞޫދުކަމުގައި ހީވާންޖެހިއްޖެ އެވެ. އާ ފެޝަންތަކާ އެއްގޮތަށް ތިމާގެ ބުރުޞޫރަ ބަދަލުކޮށް، އަނެއްޖިންސުގެ ޒުވާނުންގެ ހިތްތައް އަތުލެވޭނެ ގޮތަށް ތިމާ ހުރުން އެއީ ވަރަށް މުހިންމު ކަމެއްކަމުގައި މި އަދުމިވަނީ ވެފައެވެ.  ޒުވާނާއެވެ.  ތިބާ މިދުނިޔެއަށް ފޮނުއްވުނީ ހަމަތިޔަ ގޮތަށް އުޅެންހެއްޔެވެ؟ ތިބާ މިދުނިޔޭގައި އުޅުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ތިބާގެ ދިރިއުޅުމުގެ އަމާޒަކީ ކޮންކަމެއްހެޔެވެ؟ ތިބާގެ ލަނޑުދަނޑިއަކީ ކޮބައިހެއްޔެވެ؟ މިސުވާލުތަކަށް އެންމެ ރަނގަޅު ޖަވާބެއް ހޯދަން މިމަޒުމޫނު ނިކަން ކިޔައިލާށެވެ.


ޙަޤީޤީ ޒުވާނުން:


ޒުވާނާއެވެ. ޒުވާނުންކުރެ ޙަޤީޤީ ޒުވާނުންނަށް ބަލައިލާށެވެ.

ޢަލީ ބިން އަބީޠާލިބު: އެކަލޭގެފާނުގެ ޢުމުރުފުޅުން ވިހިއަހަރުފުޅުގައި މާތް ނަބިއްޔާގެ ދާންކޮޅުގައި ހިޖުރައިގެ ނުރައްކާތެރި ވަގުތުގައި ހޭދަ ކުރެއްވިއެވެ. ނަބިއްޔާއަށް އެކަލޭގެފާނު މި މުހިއްމު މަސައްކަތަށް އެކަށީގެންވާކަމަށް ޤަބޫލުކުރެއްވުނެވެ. އެހެންކަމުން މި ޒިންމާ އެކަލޭގެފާނާ ޙަވާލުކުރެއްވީއެވެ.  
އަސްމާ ބިންތި އަބީބަރު: އެކަމަނާގެ އުމުރުފުޅުން އެންމެ ތޭވީސް އަހަރުފުޅުގައި ހިޖުރައިގައި ރަސޫލުﷲއަށް އެހީތެރިވެވަޑައިގަތެވެ. އަދި އެކަމަނާގެ ބައްޕާފުޅަށާއި ރަސޫލާއަށް ފަރީއްކޮޅު ފޯރުކޮށްދެއްވުމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވެވަޑައިގަތެވެ.

މުޞްޢަބު ބިން ޢުމައިރު: މަދީނާއަށް މުދައްރިސެއްގެ ގޮތުގައި ނަބިއްޔާ ފޮނުއްވީ މިކަލޭގެފާނެވެ. އެކަލޭގެފާނުގެ ޢުމުރުން ކިހާވަރެއްހެޔެވެ؟ އެންމެ އަށާރަ އަހަރެވެ.
މުޢާޛުބިން ޖަބަލު: ޔަމަނުގެ އަހުލުވެރިންގެ ތެރެއަށް ނަބިއްޔާ ފޮނުއްވި ޞަޙާބީ އެވެ.  އެއިރު އެކަލޭގެފާނުންގެ ޢުމުރުފުޅުންވާނީ ކިތައްއަހަރުކަމަށް ހެއްޔެވެ؟ އެކަލޭގެފާނުގެ ޢުމުރުފުޅަކީ އެންމެ ވިހިއަހަރުފުޅެވެ.

މިޒުވާނުންނަށް ބަލައިލުމުން އެނގުނީ ކޮންކަމެއްހެއްޔެވެ؟ އޭ ޒުވާނާއެވެ. ތިބާއަކީ ވަރަށް މަތިވެރި، އަގުބޮޑު ޚަޒާނާއެކެވެ. ތިބާގެ އަގު އަމިއްލައަށް ވައްޓައިލާ އަމާޒެއްނެތި ދިރިއުޅުމުގެ ކަނޑުގެ އޮއިގައި ބެހިގެންދާ ކަނދުގަނޑަކަށް ތިބާ ތިވަނީ ކީއްވެހެއްޔެވެ؟  ޝައިޠާނާގެ ކަނޑުމަތި އެޅުމެއްގައި  ހަތަރު އުދަރެސް ފެނުޖެހިގެންދަނީހެއްޔެވެ؟


އަހަރެމެން މިދުނިޔޭގައި ލެއްވުމުގެ ބޭނުމަކީ.....


އަހަރުމެން އުފެއްދެވީ ކީއްވެގެންހެއްޔެވެ. ކޮން ބޭނުމަކަށްޓަކައިހެއްޔެވެ. ހަމައެކަނި ކައިގެން ބޮއިގެން އުޅެލަންހެއްޔެވެ؟ ނުވަތަ ކާވެނިކޮށް ދަރިންހޯދުމަށްފަހު ދުނިޔެއަޅައި ދާންހެއްޔެވެ؟ ނުވަތަ އަހަރުމެން އުފެއްދެވުނީ އެއަށްވުރެ މަތިވެރި މާތް މަޤުޞަދަކަށްޓަކައިހެއްޔެވެ؟

ދުނިޔެއަށް ނޭވައިލައި މިދުނިޔޭގައި އުޅެ މަރުވެގެންދިޔަ ވަރަށް ގިނަމީހުންނަށް އެބައިމީހުން މިދުނިޔެއަށް ފޮނުއްވުނު މަޤުޞަދެއް ނޭނގެއެވެ. އެފަދަ މީހުން މި ދުނިޔެއާމެދު އެކިކަހަލަ ފަލްސަފާތަކެއް އުފަންކުރިއެވެ. މިސާލަކަށް ދަންނަވާނަމަ އަފްލާޠޫން ބުންޏެވެ. ''މާތްﷲ މި ދުނިޔެ އުފެއްދެވުމަށްފަހު މި ދުނިޔެ މަތިން ހަނދުމަފުޅުނައްތަވައިލެއްވިއެވެ. އަދި މިދުނިޔެ އިހުމާލުކުރެއްވިއެވެ.'' އަދި ހުޅަނގުގެ ޘަޤާފަތުގެ އަހުލުވެރިން ބުނެއެވެ. ''މިދުނިޔެއަކީ މަޖާކޮށްލާ އުފާކުރަން އޮތްތަނެކެވެ. މިދުނިޔޭގެ ދިރިއުޅުމުގެ ލަނޑުދަނޑިއަކީ މަޖަލާއުފާކުރުމެވެ. އަރާމު ޙާޞިލުކުރުމެވެ.''
 
މިދެންނެވުނީ ލަނޑުދަނޑިއެއް ނެތް ދިރިއުޅުމުގެ ފަލްސަފާއެވެ. އެންމެހާ ކަންތައްތަކުގެ އުޞޫލުތައް ހިމެނިގެންވާ ފުރިހަމަ ދީންކަމުގައިވާ އިސްލާމްދީނުގައި ދިރިއުޅުމަށް ވަނީ ލަނޑުދަނޑިއެއް ދައްކަވައިދެއްވާފައެވެ. ފުރިހަމަ ލަނޑުދަނޑިއެކެވެ. އެހެންކަމުން ބަޔާންކުރެވުނު އޮއްޓަރެއްނެތް ފަލްސަފާތަކަކީ މުސްލިމް ޒުވާނާގެ ހިތުން ޖާގަދެވިގެންވާނެ ފަލްސަފާތަކެއްނޫނެވެ. އޭޒުވާނާއެވެ. ތިބާގެ ދިރިއުޅުމުގެ ލަނޑުދަނޑި މާތްﷲވަނީ އެކަލާނގެ ފޮތުގައި ބަޔާންކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވައެވެ.

 وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ


މާނައީ: "އަދި ތިމަން ރަސްކަލާނގެ އިންސީންނާއި ޖިންނީން ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށްމެނުވީ ނުއުފައްދަވަމެވެ." (ޛާރިޔާތު 56)

މިއީ ތިބާގެ ދިރިހުރުމާއި މަރުގެންނެވުމުގެ ލަނޑުދަނޑިއެވެ. ތިބާ ލާކޮންމެ ނޭވާއެއް ލަނީ މި މަޤުޞަދަށްޓަކައެވެ. ﷲގެ ރުހިވޮޑިގަތުން އަދައިގެނެވެ. އެކަލާނގެ ރަޙުމަތަށް އެދިގެނެވެ.

އާނއެކެވެ. ތިބާ މިދުނިޔޭގައި އުޅެނީ މި ލަނޑުދަނޑި ޙާޞިލްކުރުމަށެވެ. ﷲގެ ރުހިވޮޑިގަތުން ހޯދާށެވެ. އޭ ޒުވާނާއެވެ. އަހަރެމެންގެ ޙަޔާތުގެ ލަނޑުދަނޑިއެއްކަމުގައި ނިކަން ބޮޑު މަންޒިލްމަޤުޞޫދެއް ނިކަން ކަނޑައަޅަމާހެއްޔެވެ؟ ﷲގެ ރުހިވޮޑިގަތުން ހޯދުމެވެ. މިކަން ޙާޞިލުވާނީ ނިކަން ގިނަ ކަންތައްތަކެއްކޮށްގެނެވެ. އެހެނަސް އަހަރުމެންގެ ޙަޔާތުގެ އަމާޒަކީ މާތްﷲގެ ރުހިވޮޑިގަތުން ލިބިގަތުމެވެ.

މިޞްރުގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔަކު ކުރެން ނޫސްވެރިއަކު ސުވާލުކުރިއެވެ. "ކަލޭ ދިރިއުޅުމުގައި ޙާޞިލުކުރަން ބޭނުންވަނީ ކޮންކަމެއްހެޔެވެ؟" އެކުޅުންތެރިޔާ ބުންޏެވެ. "އަހަރެންގެ އަމާޒަކީ ސުވަރުގެ ޙާޞިލުކުރުމެވެ." ނޫސްވެރިޔާއަށް ބުނެވުނެވެ. "ނޫނެކެވެ. އަހަރެން ވާހަކަމިދައްކަނީ ކަލޭގެ ދިރިއުޅުމުގައި ކަލޭ އެދޭ ކަންކަމާމެދުގައެވެ. ކަލޭގެ ހުވަފެންތަކާމެދުގައެވެ." ކުޅުންތެރިޔާގެ ޖަވަބަކީ ހަމަކުރީގެ ވެސް ޖަވާބެވެ. "ތިމަންގެ ހުވަފެނަކީ ސުވަރުގޭގައި ވުމެވެ." އެހިސާބުން ނޫސްވެރިޔާ ބުންޏެވެ. "ތިމަންބޭނުންވަނީ ނޫހުގައި ލިޔެލާނެވާހަކައެކެވެ. (އޭނާއަށް މިލަނޑުދަނޑި ޤަބޫލުނުކުރެވުނީއެވެ.) އެންމެފަހުން ނޫސްވެރިޔާ އެހިއެވެ. "ކަލޭ ފުޓުބޯޅަ ކުޅެނީ ކީއްވެގެންހެއްޔެވެ؟" ޖަވާބުގައި ކުޅުންތެރިޔާ ބުންޏެވެ. "އަހަރެން ފުޓުބޯޅަ ކުޅެނީ ފައިސާ ހޯދާށެވެ. އެއިގެ އިތުރުން ޒުވާނުންނަށް ރަނގަޅު މިސާލެއްދެއްކުމަށެވެ. ރަނގަޅު އަޚްލާޤެއްގެ ވެރި ތެދުވެރިކަމާއެކު ﷲއަށް އަޅުކަންކުރާ ޒުވާނަކު ކުޅިވަރުގެ މައިދާނުގައި ކާމިޔާބު ހޯދާތަން ފެނުމުން އޭނާ މިސާލެއްކަމުގައި ބަލާނެ ޒުވާނުންގެ ޢަދަދުވަރަށް ގިނަވެދާނެއެވެ. އަހަރެން މިސާލެއްކަމުގައި ބަލައިގެން ރަނގަޅަށް އުޅޭ ހުރިހާ ޒުވާނުންނާ އެއްމިންވަރަކަށް އަހަރެންނަށް ސަވާބުލިބޭނެއެވެ. މިއީ އަހަރެން ފުޓުބޯޅަކުޅޭ އެންމެ މުހިއްމު ސަބަބެވެ."

އާނއެކެވެ. ތިބާ ކޮންމެ ކަމެއްކުރިޔަސް އެކަމެއް ﷲގެ ވަޖުހުފުޅަށްޓަކައި ކުރާށެވެ. އެކަމުގެ އެންމެފަހުގެ މޭވާއަކީ ﷲގެ ރުހިވޮޑިގަތުން ކަމުގައި ހަދާށެވެ. އެއީ ތިބާގެ މިދުނިޔޭގައި ލެއްވެވުމުގެ އެންމެ މުހިއްމު ސަބަބެވެ.

ބައެއް ލަނޑުދަނޑިތައް:

މުދާއެއްކުރުން: އަހުރެންގެ އަޚުންނޭވެ. މުދަލަކީ އަމާޒެއްނޫނެވެ. މުދަލަކީ ވަސީލަތެކެވެ. މަތިވެރި މާތް އަމާޒެއް ޙާޞިލުކުރުމަށް އެހީތެރިވެދޭ މަދަދުގާރެކެވެ. މުދާލިބިފައިމެ ހިތާމައިގައި އުޅެނީ މަދުބައެއްނޫނެވެ. އަހަރުމެން މުދާ ހޯދަނީ މާތް މަތިވެރި މަޤުޞަދެއް ޙާޞިލުކުރަންކަމުގައި ހަދާށެވެ. އެ މުދަލުގެ ސަބަބުން އަހަރުމެންނާއި އޯގާވަންތަ މާތްﷲއާ މެދުގައި ގުޅުމެއް އުފައްދަމާ ހިނގާށެވެ. މުދަލުގެ އެހީގައި މާތްﷲއާ ގުޅުމެއް އުފެއްދުމޭތޯއެވެ؟

އާނއެކެވެ. އަހަރެން މުދާއެއްކުރަނީ މާތް ރަނގަޅު ދިރިއުޅުމެއް އާރާސްތުކުރުމަށެވެ. އަދި ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށެވެ. އަދި މާތްﷲގެ މަގުގައި ފަޤީރުންނަށް ހޭދަކޮށް އެބައިމީހުންނަށް އެހީތެރިވުމަށެވެ. އެއިރުން އަހަރެން މުދާހޯދުމުގައި ހޭދަކުރާ ކޮންމެ ސިކުންތަކީ މާތްﷲ އަހަރެންނާ މެދު ރުއްސަވާނެ ސިކުންތެކެވެ. މިދެންނެވި ގޮތަށް ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް ޚިޔާލުކޮށްލެވޭނެއެވެ. އެއީ މާ އުނދަގޫ ކަމެއްނޫނެވެ.

ކާވެނިކުރުން: ކާވެނީގައިވެސް ފޮރުވިފައިވާ އެހެން ލަނޑުދަނޑިއެއް ބާއްވަމާހެއްޔެވެ؟ ނިކަންމަތިވެރި ޤަދަރުހުރި ލަނޑުދަނޑިއެކެވެ. ތިބާގެ ނަފުސުގެ ޢިއްފަތް ހިފަހެއްޓުމެވެ. ތިބާގެ އަންހެނުންގެ އަތުގައި ހިފަހައްޓައި ކުށްފާފައިގެ އަނދަވަޅުން މިންޖުކުރުމެވެ. ﷲ ރުއްސަވާނެ ފަދަ ހެޔޮ އިސްލާމީ ގެއެއް ބިނާކުރުމަށެވެ. ތިބާ ދަތުރުކުރަނީ އަދި ނުކުންނަނީ ކަނީ ބޮނީ ﷲގެ ރުހިވޮޑިގަތުން އަދައިގެންކަމުގައި ހަދާށެވެ.

ކާވެނިކޮށް ދަރިންހޯދަންބޭނުންވާ ޒުވާން އަންހެންކުއްޖާ: ކާވެނިކުރަނީ އެހެން އަންހެނުންވެސް ކާވެނިކުރާތީހެއްޔެވެ؟ ނުވަތަ ދަރިން ހޯދަނީ އެކުދިންނާ ސަކަރާތްޖަހައިލާ މަޖާކޮށްލަން ހެއްޔެވެ؟ މިލަނޑުދަނޑިތަކަކީ ހިދުކޮޅެއްގެ ކަންތައްތަކެކެވެ. މުސްލިމު އަންހެނާގެ ލަނޑުދަނޑިއަކީ ﷲއަށް އަޅުކަންކުރާ އެކަލާނގެއަށްޓަކައި މަސައްކަތްކުރާ ޖީލުތަކެއްއުފެއްދުމެވެ. މިސަބަށްޓަކައި އޭނާގެ ދަރިން މަދުރަސާއަށް ފޮނުވާނެވެ. ކިޔަވާމޮޅު ކުދިންނަށް ވޭތޯއެވެ. އަދި އެކުދިން ޙަރަކާތްތެރި ބައެއްކަމުގައި ވުމަށްޓަކައި އެކުދިން މަދުރަސާގެ އިތުރު ޙަރަކާތްތަކުގައި ބައިވެރިކުރާނެއެވެ. މިގޮތުގައި ތިބާހުރެއްޖެނަމަ ދަރިން ތަރުބިއްޔަތުކުރުމުގައި ތިހޭދަކުރާ ކޮންމެ ވަގުތަކީ ތިބާއަށް ގިނަގުނަ ނަފާ ލިބޭނެ ވަގުތެކެވެ. އެކުދިން ފެންވަރުވައި ނަލަކޮށް ހެދުމަށް ތިބާހޭދަކުރާވަޤުތެވެ. އެކުދިންނަށް ހިތްވަރު ދިނުމުގައި ހޭދަކުރާވަގުތެވެ. ނަސޭހަތް ދިނުމުގައި ތިބާހޭދަކުރާ ވަގުތެވެ. ތިބާ އެކުދިންނާ އެކީ ހޭދަކުރާ ކޮންމެ ވަގުތެކެވެ. އެއީ އެވަގުތަކަށްޓަކައި ތިބާއަށް ސަވާބުލިބޭ ވަގުތެކެވެ.


ނިންމުން:


އޭޒުވާނާއެވެ. ދެކެވުނު ހުރިހާ ވާހަކައެއްގެ ޚުލާޞާއަކީ ތިބާގެ ދިރިއުޅުމުގެ ލަނޑުދަނޑިއެއް ކަނޑައަޅާށެވެ. އަދި އެލަނޑުދަނޑިއަކީ މާތްﷲގެ ރުހިވޮޑިގަތުން ހޯދުންކަމުގައި ހަދާށެވެ.

މި ލިޔުން ކިޔުމަށްފަހު ތިބާގެ ލަނޑުދަނޑިތައް ލިޔެލާށެވެ. ކޮންމެ ލަނޑުދަނޑިއެއްވެސް ނިމެނީ މާތްﷲގެ ރުހިވޮޑިގަތުން ޙާޞިލުކުރުމުގެމައްޗަށް ކަމުގައި ހަދާށެވެ. ހަނދާންބަހައްޓާށެވެ. ދިރިއުޅުމުގެ އެންމެ މަތިވެރި އަމާޒަކީ އަހަރުމެން ހައްދަވައި ބަލަހައްޓަވާ ފަރާތް ދެނެގަނެ އެފަރާތުގެ ރުހިވޮޑިގަތުން ޙާޞިލުކުރުމެވެ. އާދައިގެ ގޮތަކަށް ތިބާގެ ދިރިއުޅުން ކުރިއަށް ގެންދާއިރު ތިބާގެ ކޮންމެ ޢަމަލަކީ ސަވާބުލިބެނެވި ޢަމަލެއްކަމުގައި ހަދާށެވެ.  އެ ޢަމަލުތައް ﷲގެ ރުހިވޮޑިގަތުން އަދައިގެން އަދާކުރާށެވެ.

އިދާރާ

ވާހަކަ