ޡަރީފު ޚިޔާލު
ޢަބްދުލްމުޢީދު ޙަސަން
ޔަހޫދީންގެ ޢަސްކަރީ މުދައްބިރު އަދި ސިޔާސީ މުޙަންނިކު، މޯޝޭ ދާޔާން ކޮންމެވެސް ބަޔަކާމެދު ބުނެފައި ވެއެވެ. "އެބައިމީހުން އެއްޗެއް ކިޔައިފިނަމަ، އޭގައި ބުނާ އެއްޗެއް އެބައިމީހުންނަކަށް ފަހުމް ނުވެއެވެ."
މިބަސް، އަޅުގަނޑު އެންމެ ފުރަތަމަ އަޑުއެހީ، ޢަރަބި ޤައުމުތަކުގެ ހުކުރު ޚުޠުބާތަކުންނެވެ. އެއީ، ޢަރަބީންގެ ތެރޭގައި ވަރަށް މަޝްހޫރު ޢިބާރާތެކެވެ.
ފަންވަތުގެ ލިޔުންތަކަށް ބައެއް ފަރާތްތަކުން ދޭ ޚިޔާލުތަކަށް ބަލާއިރު، މޯޝޭ ދާޔާން ބުނެފައިވާ ފަދަ މިސާލުތައް ފެނެއެވެ. ތިރީގައި މިވަނީ، އެފަދަ މިސާލުތައް ތަމްސީލުކުރާ ޚިޔާލުތަކުގެ ތެރެއިން ތިން ޚިޔާލެކެވެ.
1. ސުވަރުގެއަށް ވާޞިލުކޮށްދޭ ސާޅީސް ފާލަމުގެ ނަމުގައި ލިޔުމެއް ޝާއިޢުކުރީމެވެ. ކޮންމެވެސް މުސްތަޡުރަފަކު، އެލިޔުމުގެ ސުރުޚީ، އޭނާއަށް ކަމުނުގޮސްގެން ޚިޔާލުފާޅުކުރެއްވިއެވެ. އޭނާގެ ޚިޔާލަށް ކަމޭހިތައި، ބަހުގެ މާނަ، ބަސްފޮތުން އަޅުގަނޑު ގެނެސްދިނީމެވެ. ދެން އޭނާ ހުށަހެޅުއްވި ޚިޔާލު ކުރީގެ ޚިޔާލަށްވުރެ މާ ޡަރީފެވެ. ފަންވަތުގެ އެޑިޓަރު، އޭނާގެ ޚިޔާލުން އެއްބައި އުނިކުރެއްވުމުގެ ކުރިން، އެ ޚިޔާލު އަޅުގަނޑަށް ފެނުނެވެ. އޭނާ ލިޔުއްވާފައި ވެއެވެ.
"ޝުކުރިއްޔާ އުސްތާޛު މުޢީދު!
ދެބަހުގެ މާނައަށް ބަލާއިރު އަދިވެސް އަޅުގަނދަށް ބުރެވެވެނީ އަޅުގަނޑު ކުރިން އިޝާރާތްކުރި ގޮތަށް. މުހިންމީ މައުޟޫޢުގައި ސިޑިއެއްކަން ނުވަތަ ފާލަމެއްކަން ނުވަތަ މަގެއްކަން ލިއުމެއްނޫން. މުހިންމީ އޭގެތެރެއިން އެންމެ ކަމެއް ކޮށްގެން ސުވަރުގެ ނުދެވޭނެކަމާއި އެކަންކަމަކީ މީހާ ސުވަރުގެއަށް ވާޞިލުވުމަށް އެހީތެރިވެދޭނެޢަމަލުތަކެއްކޠ?ން ބުނުން. މިސާލަކަށް ނަމާދު ނުކުރާ މީހަކު ހަމައެކަނި ރޯދަ ހިފުމަކުން ސުވަރުގެއަކަށް ނުދެވޭނެ! މިސްކިތް ބިނާކުރިއަސް އޭނާ އެމިސްކިތުގައި ނަމާދު ނުކުރާނަމަ ނުވަތަ އެހެނިހެން ފަރުޟުތަކާއި ވާޖިބުތައް އަދާނުކުރާނަމަ ސުވަރުގެއަކަށް ނުދެވޭނެ!"
ކޮންމެއަކަސް މި ޚިޔާލު ހުށަހެޅުއްވި މުސްތަޡުރަފު ހީކުރައްވާފައިވަނީ، އެންމެ ކަމެއް ކޮށްގެން މީހަކު ސުވަރުގެއަށް ދާންވީއޭ އަޅުގަނޑު ބުނާ ކަމަށެވެ. އަޅުގަނޑު ލިޔެފައިވާނީ:
"މުއުމިނުންނަށްޓަކައި މާތް ﷲ ތައްޔާރުކުރައްވާފައިވާ، ސުވަރުގޭގައި ގިނަގުނަ ނިޢުމަތްތައް ލައްފާފައިވެއެވެ. އެ ނިޢުމަތްތަކަށް އެދޭ ކޮންމެ މީހަކު، މި ޙަޔާތުގެ ދަތުރު ކަޑައްތުކުރަން ޖެހޭނީ، ސުވަރުގެއަށް ޥާޞިލުކޮށްދޭ ފާލަންތަކުގެ މަތީގައެވެ. އެ ފާލަންތައް ވަނީ، ކީރިތި ޤުރުއާނާއި ޠާހިރު ސުންނަތުގައި ބަޔާންކުރައްވާފައެވެ." މިފަދައިންނެވެ.
އެހެންވީމާ، މަޒުމޫނުގައި އޮތް އެއްޗެއް އޭނާއަށް ފަހުމް ނުވާކަން އެނގެއެވެ.
2. ވުޟޫކުރާ މެޝިނެއްގެ ޚަބަރު ލިބުމުން، އެއާ ބެހޭ ގޮތުން ލިޔުނީމެވެ. އެ ލިޔުމަށް ޚިޔާލު ފާޅުކުރެއްވި ފަރާތްތަކުގެ ތެރޭގައި ވެސް، މުސްތަޡުރަފަކު ވިއެވެ. އޭނާ ލިޔުއްވާފައިވެއެވެ.
"މި މެޝިނުގަ ފައި ދޮންނަ ބަޔެއް ނީނދޭބާ"
އެ މަޒުމޫނުގައި ލިޔެފައިވާނެއެވެ.
"މި މެޝިން އެކުލެވިގެންވަނީ، ތިން ބައިންނެވެ. ފުރަތަމަ ބައިން ދޮވެދެނީ، އަނގައާއި މޫނާއި ދެކަންފަތެވެ. ދެވަނަ ބައިން ދޮވެދެނީ، ދެއަތެވެ. ތިންވަނަ ބައިން ދޮވެދެނީ ދެފައިތިލައެވެ."
އެހެންވީމާ، ފައި ދޮންނަ ބަޔެއް ވޭތޯ އެއްސެވި ފަރާތަށް ވެސް، ލިޔުމުގައިވާ އެއްޗެއް ފަހުމް ނުވާކަން އެނގެއެވެ.
3. މަންޒިލް މަޤުޞޫދުގެ ނަމުގައި މަޒުމޫނެއް ލިޔުނީމެވެ. އެ މަޒުމޫނަށް ޚިޔާލު ފާޅުކުރެއްވި ފަރާތަކުން ލިޔުއްވާފައި ވެއެވެ.
"މީހަކު، ތިމާއަށް ހެޔޮކަމެއް ކޮށްދީފިނަމަ، އެވާހަކަ ދައްކައި، އެކަން ކޮށްދިން މީހަކަށް ތާރީފުކުރުން މަތީ ދެމިހުރުން. މިއީ އެކަމަކު އަޅުގަނޑަށް އެނގިފަ އޮންނަގޮތުން އިސްލާމް ދީނުގައި ކޮށްގެން ވާނެކަމެއް ނޫން، މިތަނުގައި މި ވިދާޅުވަނީ ދެއްތޮ ކުރިމަތީގައި ތައުރީފު ނުކުރާށެ، އެހެނަސް އެހެން މީހުންގެ ކާރީ އެކަން ކޮށްދިން މީހާގެ ވާހަކަ ދައްކާށޭ ދެއްތޮ؟"
މި ޚިޔާލު ހުށަހެޅުއްވި ފަރާތަށް ފަހުމް ވެފައި ނުވަނީ ހަމައެކަނި، މަޒުމޫނުގައި އޮތް ޢިބާރާތެއް ނޫނެވެ.
"މީހަކު، ތިމާއަށް ހެޔޮކަމެއް ކޮށްދީފިނަމަ، އެވާހަކަ ދައްކައި، އެކަން ކޮށްދިން މީހަކަށް ތާރީފުކުރުން މަތީ ދެމިހުރުން." ކުރިމަތީގައި ތައުރީފު ނުކުރާށޭ މި ޢިބާރާތުގައި ބުނާކަމަށް ވެސް، މުސްތަޡުރަފު އެބަ ބުނެއެވެ. އެހެންވީމާ، އޭނާއަށް ވެސް މި މަޒުމޫނު ފަހުމް ނުވާކަން އެބައެނގެއެވެ.
ނަންގަނެވިދިޔަ ބާވަތުގެ ޡަރީފު ޚިޔާލުތައް، އަދިވެސް ލިބެމުން ދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އެޔާމެދު އަޅުގަނޑު އެއްވެސް ފަރުވާލެއް ނުބަހައްޓާނަމެވެ. އަޅުގަނޑު ޚިޔާލު ބަދަލުކޮށް ވާހަކަ ދައްކާނީ، ހަރުދަނާ ޚިޔާލުތަކުގެ އަހުލުވެރިންނާއެވެ. ފަންވަތުގެ އަހުލުވެރިން މިކަން ހަނދުމަފުޅު ބަހައްޓަވާނެކަމަށް އުންމީދުކުރަމެވެ. ފަންވަތުގެ ހަމަތަކުގައިވާ، ލިޔުން ޝާއިޢުކުރުމުގެ އުޞޫލުގެ ތިންވަނަ ނުކުތާގައިވަނީ، ލިޔުންތެރިންގެ ކަރާމާތް ވެސް ޙިމާޔަތްކޮށްފައެވެ.
ބައެއް ލަފުޒުތަކުގެ މާނަ:
މުސްތަޡުރަފުން: ހިނިތުންކުރުވާ ޒާތުގެ ވާހަކަ ދައްކާ މީހުން، ހިނިތުންކުރުވާ ޒާތުގެ ކަންތައް ކުރާ މީހުން.
ޡަރީފު ޚިޔާލު: ހިނިތުންކުރުވާ ޚިޔާލު. އެޔަކު އޮށްޓަރެއް ނުހުންނާނެއެވެ. އެއީ، އަނގަތަޅާލަން ދައްކާލާ މަޖާ ވާހަކައެއް ކަހަލަ އެއްޗެކެވެ. އެއީ، މީހުން ރުޅިއަރުވާ އެއްޗެއް ނޫނެވެ.