އަދުގެ ޚާއްސަ

Print

އަނބު ހޮވުން

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ސަމާސާ އަދަބު


"އަނގަގަދަނުކޮށް އަނބުކޮޅު ހޮވާލައިގެން ދެވުނުނަމަ، މާރަނގަޅުވީހެވެ."

 
ޙަސަން ޝާކިރު މުޙައްމަދު
 
މާލޭގެ ބޮޑު މަގެއްގައި ހުންނަ މަޝްހޫރު ގެއެކެވެ. އެގޭގައި ދިރި އުޅެނީ، އެގޭ "މަންމަ" އެކަންޏެވެ. އެއީ މިހާރުނަމަ އިސް ރަށްވެއްސެއްގެ ޢުމުރަށް ގޮސްފައިވާ މީހެކެވެ. ގޭގެ ގޯތިތެރެ އޮންނަނީ އެކިކަހަލަ ގަސްގަހާގެހިން  " ޖަންގަލި " ހެދިފައެވެ. އޭތެރޭގައި ވަރަށްބޮޑު އަނބުގަހެއްވެސް ހުރެއެވެ.
އަނބުގެ ވިޔާފާރިކުރާ ބައެއްމީހުން، އަނބު މޫސުމުގައި  އެގެއަށް އައިސް ފައިސާ ކޮޅެއްދީފައި ގަހަށް އަރާ އަނބު ބިނދެގެން ގެންދެއެވެ. މިގޮތަށް އަނބު ބިންނައިރު، ބިންމައްޗަށް ވެއްޓި ހަލާކުވެފައި ހުންނަ އަނބުކޮޅު ހޮވަން އާދަވެގެން އަންނަ، މޫސާފުޅު ކިޔާ މީހަކުވެސް އުޅެއެވެ.

އާދަވެގެން ކޮންމެ ވަގުތަކުވެސް އެގޭ މަންމައަށް، އޭނާގެދަރިފުޅެއްގެ ގެއިން ކޮއްތު ތަށިބަރިއެއް ހިފައިގެން 16، 17 އަހަރުގެޒުވާން ފިރިހެން ކުއްޖަކު އާދެއެވެ. ތަށިބަރި ގެނެސްދީފައި ބޮޑު އަށިމަތީ އެއްފައިމައްޗަށް އަނެއްފައި ނަގައިގެންއޮވެ، ފާޑުފާޑުގެ އަނގަ ގަދަ ކުރުމަކީ، އޭނާގެ އާދައެވެ.
ދުވަސްތަކުގެތެރެއިން އެއްދުވަހެެވެ. އެއްކަލަ އަނބު ބިންނަ މީހާ އައިސް އަނބު ބިނދެގެން ދިޔަތަނާ އަނބުހޮވާ މޫސާފުޅުވެސް އަތުވެއްޖެއެވެ. އޭނާ އަނބުހޮވަމުން ގެންދިޔައިރު، ތަށިބަރި ގެންނަ ޒުވާނާ ތަށިބަރި ހިފައިގެން އައިސް އާދަކާދައިގެ މަތިން ބޮޑުއަށީގައި އޮވެގެން " ފަތިވަރު އަމުނަން" ފަށައިފިއެވެ. މިއަދު އޭނާގެ ފަތިވަރު ޚާއްޞަކޮށްފައިވަނީ، ޢާންމުކޮށް މީހުންނަށް އަޑުއިވޭ ކަހަލަ ވާހަކަތަކަށްވުރެ ތަންކޮޅެއް " ތޮށިން ބޭރު" ވާހަކަ ތަކަކަށެވެ.

އަނބުހޮވަން އަންނަ މޫސާފުޅަކީ، އެގޭ ވެރި މީހާއަށް ވަރަށް އިޙްތިރާމް ކުރާ މީހަކަށްވާތީ، އެވާހަކަތައް އަޑު އަހަން އޮތުމަކީ، މޫސާފުޅަށް މާ ފަސޭހަ ކަމަކަށް ނުވިއެވެ. އެހެންކަމުން އޭނާއަށް އަނބުހޮވަން ނޯވެވިގެން އަނބު ކޮޅު ބަހައްޓާފައި ގޮސް ގޭގެދޮރުމައްޗަށް ހުއްޓިފައި ގޮވާލިއެވެ. " ބަލަ ކަލޭގެ ސާހިބު މީހާގެ މައިމީހާ ކުރިމަތީގައި އޮވެގެން ތިޔަކަލަ ފަތިވަރުތައް އަމުނާކަށް އަޅެފަހެ ލަދެއްހަޔާތެއްވެސް ނުގަނޭތަ؟  ތީ ތަންކޮޅެއް ބޮޑުވަރެއް އެކަމަކު! "

އަނބުހޮވާ މީހާގެމިއަޑު އިވިފައި ގޭގެ ވެރި ކަނބުލޭގެ ގޮވާލިއެވެ. " ބަލަ މޫސާފުޅާ! މަގޭދަރިފުޅު ގެންގުޅޭ ސޮރަކާ ދިމާއަށް އަޑުލާ ހަދާކަށް ކަލެއަކަށް ނުޖެހޭނެ. އެސޮރު ބޭނުން އެއްޗެއް އެސޮރަށް ކިޔޭނެ! ދެން އަނބުހޮވަން އައިސްގެން ނުވާނެ، ހޮވި އަނބުތައްވެސް ބަހައްޓާފައި ހަމަމިހާރު މިގެން ނުކުމެގެންދޭ! ދެން މީގެފަހުން މިގެއަށް ވަދެގެން ނުވާނެ!"

މޫސާފުޅު ހިތާހިތާ ބުނެލިއެވެ. " ނުބެހޭ ކަމަކާ ކާޅުކެޔަސް ސޮއް ނުގޮވާށޭ އެބުނީ، ހަމަ ތެދެކެވެ. މިއަނގަތައް ނުތަޅައި އަނބުކޮޅު ހޮވާލައިގެން ދެވުނުނަމަ، މާރަނގަޅު ވީހެވެ. އެކަމަކު ދެން ކުރާނެކަމެއް ނެތެވެ. މިރިޒުޤުވެސް މިބަންދުވީތާއެވެ. އެދައިތަ އެއޮންނަނީ، އެސޮރުދަމާ ފަތިވަރު އަޑުއަހަން ވަރަށް ވެފައިވިއްޔާއެވެ. " 

( މިއީ، އަޅުގަނޑު ރަޙްމަތްތެރިޔަކު ވިދާޅުވެދެއްވި، ޙަޤީޤީ ވާހަކައެވެ. )

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ