އަދުގެ ޚާއްސަ

Print

އަލްޢައުލަމާ ( ބަވަނަކުރުން)

ޝާޢިއުކުރީ އިބްރާހީމް އަޙްމަދު . ހިމެނޭބަޔަކީ ދިރާސާ



އިބްރާހީމް އަޙްމަދު


އަލްޢައުލަމާ މިބަސް ސިޔާސީ އިޤްތިޞާދީ  ފޮތްތަކުގައި މިފަހަކަށް އައިސް ވަރަށް ގިނައިން ބޭނުން ކުރެވިފައި ހުރެއެވެ. މިބަސް ބޭނުން ކުރެވިފައި ހުންނަތަން ފެންނަނީ ދެގޮތަކަށް މާނަ ކުރެވޭ ގޮތުގައެވެ. ބަހުގެ ގޮތުން ބަލާނަމަ ޢައުލަމާ ނުވަތަ ބަވަނަ ކުރުމަކީ އެއްޗެއް މުޅި ދުނިޔޭގައި ބޭނުންކުރާ ކަމުގައި ވުމެވެ. ނުވަތަ މުޅި ދުނިޔޭގައިވެސް އެއް އުޞޫލަކުން އެކައްޗެއް ބޭނުން ކުރަމުން ގެންދިއުމެވެ.  އެހެންކަމުން  މިބަހުގައި ކުރެވޭ ދެމާނައިން ކުރެ ފުރަތަމަ މާނައަކީ މޮޑަންވުން Modernity ނުވަތަ ޒަމާނީވުމާއި އެއެއްޗެއްގެ މައްޗަށް ބަރޯސާ Inter-dependence ކުރުމެވެ. އަލްޢައުލަމާގެ އިގިރޭސި ބަހުގެ މާނައަކީ Globalization އެވެ. މިބަސް ނެގިފައިވަނީ އިނގިރޭސި ބަހުގެ ((Globe އިންނެވެ.( ދުނިޔޭގެ ބިމުންނެވެ.) ( އަޅުގަނޑުމެން މިއުޅޭ ދުނިޔެ) އޭގެ އަނެއްކޮޅަކީ (World) العا لَم  ދުނިޔެއެވެ . އަނެއްމާނައަކީ ކައުނު (Universe ) الكون އެވެ. މިއީ އަޅުގަނޑުމެންގެ ބަހުން މިކިޔާ ބައިނަލްއަޤްވާމީ ވުމެއް Internationalization)) ނޫނެވެ. އެހެންކަމުން މިދެބަސް އޮޅުވާލައިގެން ބޭނުން ކޮށްގެން ނުވާނެއެވެ.

ޢައުލަމާ މިބަހުގެ މަފްހޫމަށް ބަލައިފިނަމަ އަޅުގަނޑުމެންނަށް މިބަހުން ދެމަފްހޫމެއް ފެނިގެން ދެއެވެ. އެހެންވީމާ މިބަހުގެ ޢާއްމު މާނައަކީ ކޮންމެވެސް ކަމެއް ނުވަތަ ޙަރަކާތެއް މުޅިދުނިޔެއަށް ޢާއްމު އެއްޗަކަށް ހެދުމެވެ. މިސާލަކަށް " ބަވަނަ ވަންތަ ސާފުތިމާވެއްޓެއް"  މިބަހުގެ މާނައަކީ މުޅިދުނިޔޭގެ ހުރިހާ ތަނެއްގެ ތިމާވެށި ގުޅޭ ސާފުތާހިރު ތިމާވެއްޓަކަށް ވުމެވެ. ސަބަބަކީ އެވެށީގައިވާ އެންމެހާ ކާއިނާތު ޞިއްޙީ ޙަޔާތެއްގައި ވުމެވެ. މިސާލަކަށް " ބަވަނަ ވަންތަ އިޤްތިޞާދު" މިބަހުގެ މާނައަކީ " މުޅިދުނިޔޭގައި އެއްނިޒާމަކަށް ތަބާވާ އިޤްތިޞާދެއް" އޮތުމެވެ. އަދި އެއް އުޞޫލެއް މިކަމުގައި ބޭނުންކުރަމުން ގެންދިއުމެވެ. އަދި އެއްވެސް ރައްޔިތަކަށް ތަފާތު ކަމެއްނެތި އެމީހުންގެ މަޞްލަޙަތާއި އެއްގޮތްވާ ގޮތުގެ މަތިން ވަސީލަތްތައް ބޭނުންކުރަމުން ގެންދިއުމެވެ. މިސާލަކަށް " ބަވަނަވަންތަ އަމާންކަން " މިބަހުގެ މާނައަކީ މުޅިދުނިޔޭގެ އެންމެހާ ޤައުމުތަކުން ދުނިޔޭގެ ޞުލްޙަރައްކާތެރި ކުރުމަށް އެހީތެރިވެ ދިނުމެވެ." އެއީ ޢަދާވާތްތެރިންނާ ހަނގުރާމަ ކުރުމަށް އެހީތެރިވުމާއި އެކުގައެވެ.

މިބަހުގެ އަނެއް މަފްހޫމަކީ ޒަމާނީ މަފްހޫމެވެ. އެކަމަކު ތާރީޚީ ހެކިތަކުން ދައްކާދެނީ މިއީ މުޅިން އާކަމެއް ނޫން ކަމުގައެވެ. އަދި މިއީ މިޒަމާނުގައި އަލަށް ދުނިޔެއަށް އައި ކަމެއްވެސް ނުމެ ނޫންމެއެވެ. މިއީ ވޭތިވެ ދިޔަ ޒަމާނުގައި އުފެދުނު އެމްޕެރަރ ތަކާއެކު އުފަންވެފައިވާ އެއްޗެކެވެ. މިސާލަކަށް ޤަދީމީ ޒަމާނުގައި ރޯމަން އެމްޕެރަރއާއި ފާރިސީ އެމްޕެރަރގައި މަސައްކަތް ކޮށްފައިވަނީ އެބައިމީހުންގެ ޘަޤާފަތަށް މީހުން އަހުލުވެރި ކުރުމަށެވެ. އެހެންވީމާ މިއެމްޕެރަރ ތަކުގައި މަސައްކަތްކޮށްފައި ވަނީ މިދެންނެވި އެމްޕެރަރ ތަކަށް ތަބާވާ ރައްޔިތުން ޤަބޫލުކުރާ އުޞޫލުތަކާއި އާދަކާދަތަކާއި އަގުތަކާއި ޙަޟާރާތް މިއެމްޕެރަރތަކުން ބޭނުންވާ ގޮތެއްގެ މައްޗަށް ބިނާ ކުރުމަށެވެ. މިއީ ބަވަނަ ކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމުގައި ބެލެވެއެވެ. މިދެންނެވި ބަވަނަ ކުރުން ތަފާތު ވައްތަރު ވައްތަރާ ސިފަސިފައިގެ ފޭރާންތައް ލާފައި ވެއެވެ. އެގޮތުން ޢަސްކަރީ ފޭރާމާއި އިސްތިޢުމާރު ނުވަތަ ކޮލޯނިއަލިޒަމްގެ ފޭރާމާއި ޤުދްރަތީ މުއްސަނދިކަން އަތުލައިގަތުމުގެ ފޭރާމާއި މިފަދަ އެތައް އެތައް ފޭރާމެއް ހިމެނެއެވެ.

ބަވަނަ ކުރުމުގެ ފެށުން


1989 ވަނަ އަހަރުގެ  ތެރޭގައި ފްރޭންސިސް ފޮކޮޔާމާ ބުނެފައި ވަނީ "މިއަހަރަކީ ތާރީޚްގެ ނިމޭ އަހަރު" ކަމުގައެވެ. ތާރީޚްގެ ނިމުމުގެ މާނައަކީ އައިޑިއޮލޮޖީ (ޢަޤީދާ) ތަކުގެ (ޤަބޫލުކުރުންތަކުގެ) ނިމުމެވެ. ފޮކޮޔާމާގެ މިބަހުގެ މާނައަކީ ދުނިޔެ ދެބައިވުމެވެ. އެއީ އަޅުގަނޑުމެން އިންސާނުން މިއުޅޭ ދުނިޔެއާއި އެދުނިޔޭގެ ނިމުމަކީ ތާރީޚްގެ ނިމުންކަމަށް ބުނުމެވެ. އެމެރިކާގެ އެހެންރައްޔިތަކު ކަމުގައިވާ ހިންޓެގްޓަން މީގެ ހަތަރުއަހަރުފަހުން ބުނި ބަހަކީ ޙަޟާރަތްތައް ނެތިގެންދަނީއެވެ. މީނާގެ މިބަހުގެ މާނައަކީ ދުނިޔެ އޮތީ ޤަބީލާތަކުގެ އަރާރުންތަކެއްގެ ތެރޭގައެވެ. މިޤަބީލާތަކަކީ އިންސާނީ ޙަޟާރާތް ތަކުގެ ޚުލާޞާއެވެ.  އޭނާ ބަޔާންކުރި ޙަޟާރާތް ތަކުގެ ތެރޭގައި ޔޫރަޕްގެ ޙަޟާރާތް ، އަދި ކޮންފޫޝީޝް ޙަޟާރާތާއި އިސްލާމީ ޙަޟާރާތާއި ސްލޮވިޔަންސް އޮރްތޯޑޮކްސުންގެ ޙަޟާރާތާއި ޖަޕާނާއި އިންޑިޔާމީހުންގެ ޙަޟާރާތާއި ލެޓިން އެމެރިކާގެ ޙަޟާރާތާއި އެފްރިކާގެ މީހުންގެ ޙަޟާރާތް ފަދަ ޙަޟާރާތް ހިމަނާފައި ވެއެވެ. މިހުރިހާ ޙަޟާރާތެއް ނެތި ފަނާވެގެން މިދަނީ ޘަޤާފީ އަރާރުމެއްގެ ތެރެއިންނެވެ.  ނުވަތަ އެހެން ޢިބާރާތަކުން ބުނާނަމަ މިޙަޟާރާތްތަކުގެ އަރާރުންވުމުގެ ނަތީޖާއަކީ ތާރީޚް ނިމުމުގެ ފަހު މަރުޙަލާއެވެ.

މިހާހިސާބުން އުފެދޭ ސުވާލަކީ ބަވަނަ ކުރުމުގެ ޚިޔާލު އުފެދުނީ ކޮން ހިސާބަކުންތޯ؟ އަދި އެއީ ކިހެނެއްތޯ؟  ބައެއް މީހުން ދެކޭގޮތުގައި ބަވަނަ ކުރުމުގެ ޚިޔާލު ދުނިޔެއަށް އައީ ކެޕިޓަލިޒަމްގެ ނިޒާމުގެ ފެށުމާއެކުގައެވެ. އެއީ އެމަނުވެލް ފެރިސްޓައިން ބުނެފައިވާ ގޮތެވެ. އަނެއްބަޔަކު ބުނަނީ އެއީ16ވަނަ ޤަރުނުގެ ތެރޭގައި ކަމުގައެވެ. އިސްތިޢުމާރު ނުވަތަ ކޮލޯނިއަލިޒަމްގެ ފެށުމާއެކުގައެވެ. އަނެއްބަޔަކު ބުނަނީ މިކަން ފެށުނީ ދުނިޔޭގެ ތަފާތު ރަށްވެހިން އެކުވެގެން އުފެއްދި ބަވަނަ ވަންތަ ކުންފުނިތަކާ އެކުގައެވެ. އަނެއްބަޔަކު ބުނަނީ އެއީ ސޯޝަލިސްޓު ފޭލިގެ ނެތިއުވި ދިޔަ ހިސާބުންނެވެ. ޔޫރަޕްގެ އިޤްތިޞާދީ މާހިރުން ބުނަނީ ބަވަނަކުރުން ފެށިފައިވަނީ ސައިންސާއި ޓެކްނޮލޮޖީއާއިއެކު އިޤްތިޞާދީ ދާއިރާތައް ހުޅުވުމާއެކުގައެވެ. މިއީ ކެޕިޓަލިޒަމްގެ އުޞޫލުތައް ދުނިޔެއަށް ފެތުރެންފެށި މަރުޙަލާއެވެ. މާއްދިއްޔަތަށް ހެއްލިގެން ދާން ފެށި މަރުޙަލާއެވެ. ޞިނާޢީ ޢިންޤިލާބުގެ ފަހުގެ ޤަރުނުތަކެވެ. ޞިނާޢީ އިންޤިލާބު ފެށިފައިވަނީ 18 ވަނަ ޤަރުނުގެ މެދުތެރޭގައި އިގިރޭސިވިލާތުންނެވެ. ދެން އެއަށްފަހު އެކަން ޔޫރަޕުން ފެންނާން ފެށިއެވެ. މިކަމުގެ ސަބަބުން ހަކަތަ ބޭނުން ކުރުން ތަރައްޤީވެ ކުރިއަރައިގެން ދިޔައެވެ. އަދި މިކަމުގެ ނަތީޖާއަކީ ފިއުޑެލް ނިޒާމުގެ ތެރެއިން ނުކުމެ ތަރައްޤީއާއި ކުރިއެރުމުގެ މަރުޙަލާއަކަށް ދުނިޔެ ވަނުމެވެ. އަދި  މިޔާއެކު ލާޒިމު ވެގެން ދިޔައީ ޤުދުރަތީ މުއްސަނދިކަން އިތުރަށް ލިބިގަތުމާއި ދުނިޔެވީ ބާޒާރުތައް ހުޅުވިގެން ދިޔުމެވެ. އަދި މިކަން ގުޅިގެން ދިޔައީ ޔޫރަޕްގެ ޤައުމުތަކުން ދުނިޔެ އަޅުވެތިކުރުމަށް ފެށި ހަނގުރާމަ ތަކާއެވެ. މިއީ ޔޫރަޕްގެ އިސްތިޢުމާރެވެ. އެންމެ ފަހުން ޤަދީމީ އިސްތިޢުމާރު ކުރުމުގައި ބެލި ހަނގުރާމަ ކުރުން ދޫކޮށް ޓެކްނޮލޮޖީގެ އާމަރުޙަލާއަކަށް ދުނިޔެ ވަނެވެ. އަދި މިއާއެކު ދުނިޔޭގެ އާއުފެއްދުންތަކަށް އާބާޒާރުތައް އުފަންކޮށް ކެޕިޓަލިޒަމްގެ ތެރެއަށް ވަނުމެވެ.

ޑރ. ޞަބްރީ ޙާފިޡް ދެކެވަޑައިގަންނަވާ ގޮތުގައި އަލްޢައުލަމާ ނުވަތަ ބަވަނަ ވަންތަކުރުމުގެ ޚިޔާލުގެ ފެށުމަކީ ގްލޯބަލް ވިލެޖްGlobal village  ގެނަމުގައި މާޝަލް މެކްމޯހަން 1980ގެ އަހަރުތަކުގެ ފަހުކޮޅުގައި ބޭނުންކުރެއްވި ޢިބާރާތްތަކާއި ގުޅިގެން  އުފެދުނު ނަމެކެވެ. އެހެންނަމަވެސް ޑރ. ރަމްޒީ ޒަކީ ދެކެވަޑައިގަންނަވަނީ މިކަމަކީ 1910 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި އިޤްތިޞާދީ އަދި ސިޔާސީ ތަންޡީމުތަކާއި (ރޭވުންތަކާއި) ގުޅިގެން އޮސްޓްރިޔާގެ ރޮޑޮލްފް އެލްފަރޑީންއާއި އަދި އެނޫންވެސް އިޤްތިޞާދީ އެތަކެއް މާހިރުންނާ މުފައްކިރުން ކުރައްވާފައިވާ ފިކުރުތަކާއި ޚިޔާލުތަކުގެ މައްޗަށް ބިނާވެ އުފެދުނު ތަޢުބީރެއް ކަމުގައެވެ.

މިޚިޔާލުގެ މައްޗަށް ބިނާކޮށް ޑރ. މަޙްމޫދު ޢަބްދުލްފަޟްލު ޢިލްމުވެރިންނާ ހޯދުންތެރިންގެ ޚިޔާލު ފާޅުކުރައްވާ ވިދާޅުވަނީ ބަވަނަކުރުމުގެ ޚިޔާލަކީ އާޚިޔާލެއް ނޫންކަމުގައެވެ. މިކަމުގެ ރާޅުބާނީ ފުރަތަމަ އުފެދުނީ 19 ވަނަ ޤަރުނުގެ ނިމޭތާގައެވެ. އަދި ވަކިތާރީޚެއް ކަނޑައަޅާ ބުނާނަމަ އެއީ 1870 ވަނަ އަހަރުގައެވެ. އެހެންނަމަވެސް ދުނިޔެދުށް ބޮޑުތަދުގެ އަހަރު ކަމުގައިވާ 1929 ވަނަ އަހަރުގައި މިޚިޔާލަށް ފުށުއެރުންތަކެއް ކުރިމަތިވިއެވެ. އެހެންވީމާ 1930 ގެ އަހަރުތަކުގައި މިޚިޔާލު އޮތީ ހުއްޓިފައެވެ. ދެން ދެވަނަ ބޮޑު  ހަނގުރާމައަށްފަހު 1950 އާއި 1960ގެ އަހަރުތަކުގެ ތެރޭގައި އަނެއްކާވެސް މިޚިޔާލު ތަރައްޤީ ކުރަން ފެށިއެވެ. ދެން 1970ގެ އަހަރުތަކުގައި ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި ރަށްވެހިކަމުގެ އުސްމިންތަކާއި ގުޅިގެން މިޚިޔާލު ތަރައްޤީވެގެން ދިޔައެވެ.

ރޮނަލްޑް ރޮބަރޓްސަން ދެކެވަޑައިގަންނަވާ ގޮތުގައި 1980ގެ އަހަރުތަކުގައި މިޚިޔާލާ މިބަސް ޘަޤާފީ ރޮގުންނާއި ވިޔަފާރީގެ ދާއިރާއިންނާއި ނޫސްވެރިކަމުގެ ރޮނގުން ފުޅާދާއިރާއެއްގެ ތެރޭގައި ފެތުރިގެން ދިޔައެވެ. އަދި ދުނިޔޭގައި މިޚިޔާލު އިތުރަށް ފުޅާވެ މަޤްބޫލުވާން ފެށިއެވެ.

ޢައުލަމާ ނުވަތަ ބަވަނަ ވަންތަކުރުމުގެ ޚިޔާލަކީ އަލަށް އުފެދުނު އާކަމެއް ނޫނެވެ. އެއީ ވަރަށް ޤަދީމީ ކަމެކެވެ. ނުވަތަ ޤަދީމީ ތަރިކައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހުރިހާ ޙަޟާރާތެއްގެ ތެރޭގައިވެސް އޮތް ކަމެކެވެ. ބައެއްފަހަރަށް ޗައިނާއިން އަނެއްބައިފަހަރަށް ފާރިސްކަރައިން އަނެއްބައިފަހަރަށް  އިންޑިޔާއިން ނުވަތަ ޤަދީމީ މިޞްރުންނާއި ކަންޢާނީ ޙަޟާރަތުގެ ތެރެއިން ފެނިގެން ދިޔަ ޚިޔާލެކެވެ. އަދި އިރުމައްޗާޢި ހުޅަނގުގެ ޙަޟާރާތް ގުޅައިދޭ ފާލަމަކީ ޢަރަބި އިސްލާމީ ޙަޟާރާތެވެ. އެއީ އެދުވަސްވަރު ދުނިޔޭގެ މަރުކަޒެއް ކަމުގައި އިސްލާމީ ދުނިޔެ އޮތުމާއި ޢިލްމުގެ މަޞްދަރެއް ކަމުގައި އެތަން ހިމެނިފައި ވުމުންނެވެ. އެޙަޟާރަތުގެ އުފެއްދުންތައް ޢަރަބިބަހުން ލެޓިން ބަހަށާ ޢިބްރީ ބަހަށް ނަޤްލުވެގެން ދިޔައެވެ. މިކަންކަން މިސިފައިގައި ހުޅަގުން ކޮށްފައިވަނީ ޖޯގްރަފީ ހޯދުންތަކުގެ ތެރެއިން ލާފައެވެ. ހުޅަނގުން އިރުމައްޗަށް ދަހިވެތިވެގެން އެބުރެންފެށި މިއެބުރުން ޞަލީބީ ހަނގުރާމައަށްފަހު ކުރިއަށް ދިޔައީ ޖޯގްރަފީ ހޯދުންތަކުގެ ތެރެއިންނެވެ. އެއީ އެބައިމީހުންގެ އިސްތިޢުމާރީ ޙަރަކާތުގެ ތެރެއިންލާފައެވެ.

އިސްތިޢުމާރީ ޙަރަކާތްތަކުން މިނިވަންވުމަށް ކުރެވުނު ވަޠަނީ މިނިވަންކަމުގެ ހަނގުރާމައަށްފަހު ޤައުމުތަކަށް ލިބުނު މިނިވަންކަމުގެ ތެރޭގައި ދުނިޔެއަށް ދެން ތަޢާރަފު ކުރަމުން ގެންގޮސްފައިވަނީ އިޤްތިޞާދީ ،ޘަޤާފީ ، ސިޔާސީ އަދި އިޖްތިމާޢީ އިސްތިޢުމާރެވެ. މިއިސްތިޢުމާރު އައީ ބަވަނަކުރުމުގެ ޚިޔާލާއިގެންނެވެ. ދުނިޔޭގައި މިނިވަން އިޤްތިޞާދީ ޙަރަކާތަށް ގޮވަމުންނެވެ. އަދި ގެޓްގެ އެއްބަސްވުމަށް ގޮވަމުންނެވެ. ދުނިޔެ ބަވަނަވަންތަ ވިލެޖަކަށް ބަދަލުކުރުމުގެ ޚިޔާލާއެކުގައެވެ. ޖިންސީ ކުޅިވަރުތަކާއި ރޭވިގެން ހިންގާ ހަރުކަށި ޖަރީމާތަކާ އެކުގައި ދުނިޔޭގެ ޙަރަކާތްތައް އެފުށްމިފުށަށް ފުރޮޅާލެވޭ ހުނަރުތަކަކާއި އެކުގައެވެ. މިހުރިހާ ކަމެއްގެ ތެރެއިން ލާފައި ވަރަށް އަވަސް ޙާދިސާތައްވެސް ހިނގާފައި ވެއެވެ. މިގޮތުން ސޮވިއެޓް ޔޫނިއަން އުވިދިޔުމާއި އިރުމަތީ ޔޫރަޕުން ކޮމިއުނިސްޓް އުޞޫލުތައް ނެތިގެން ދިޔުމާއި ޞިނާޢީ ގޮތުން ކުރިއަރާފައިވާ ހަތްޤައުމުގެ ޖަމިއްޔާ އުފެދުމާއި ގެޓްގެ އެއްބަސްވުމާއި ޔުނައިޓެޑް ސްޓޭޓްސްއޮފް އެމެރިކާގެ އެކަހެރި ލީޑަރުކަމުގެ ދަށުގައި ކެޕިޓަލިސްޓް އުޞޫލާ ނިޒާމު އެކުލެވިފައިވުމާއި އޭޝިޔާގެ ޓައިގަރ ބާރުތަކުގެ މައްޗަށް ވެރިވެ ގަތުމަށް ދުނިޔޭގެ ޙިއްޞާގެ ބާޒާރުގެ ތެރެއަށް ވަދެގަތުމާއި ޔޫ އެންގެ އޮގަނައިޒޭޝަންގެ މައްޗަށް ވެސް ނުފޫޒު ހިންގުމެވެ.

ޢައުލަމާ ނުވަތަ ބަވަނަ ކުރުމަކީ އިޤްތިޞާދީ ނުވަތަ ސިޔާސީ ނުވަތަ ޓެކްނިކަލް ކަމެއްނޫނެވެ. އެއީ އުތުރުން ދެކުނަށާއި ހުޅަނގުން އިރުމައްޗަށް ވެރިވެ ގަތުމަށް ގެންގުޅޭ ޙަރަކާތެކެވެ. މިގޮތަށް ޤަދީމީ ޒަމާނުގައި ކަން އޮއްވައި ޢަރަބި އިސްލާމީ ޙަޟާރާތް އައިސް ހުޅަގާ އިރުމަތީގައި އޮތް މައިގަނޑު ދެއެމްޕެރަރ ކަމުގައިވާ ފާރިސީ އެމްޕެރަރއާއި ރޯމަން އެމްޕެރަރގެ މައްޗަށް ވެރިވެގަތެވެ. ދެން އެއަށްފަހު އިސްލާމީ ޙަޟާރާތް އުތުރުއެފްރިކާއަށާއި އަންދަލުސްއަށާއި މެޑިޓްރޭނިއަން ކަނޑުގެ ސަރަޙައްދަށް ފެތުރިގެން ދިޔައެވެ. ދެން އެއަށްފަހު އެފްރިކާގެ މެދުތެރެއަށްވެސް އަދި ޔޫރަޕްގެ މެދުތެރެއަށްވެސް މިޙަޟާރަތުގެ ފާންތަރިތަކުން އަލިފާއްދައިލިއެވެ. އެހާހިސާބުން އިސްތިޢުމާރާ އަރާރުންވުމަށް އިސްލާމީ ޙަޟާރަތަށް ޖެހުނެވެ. ހުޅަނގުން އެބައިމީހުން އިސްތިޢުމާރުކުރި ޤައުމުތަކުގެ ޤުދުރަތީ މުއްސަނދިކަން ފޭރިގަންނަމުން ދިޔައީ ބަނޑުހައިވެފައިވާ ސިންގާއެއް ޝިކާރައެއް ޖަހައިގަންނަ ބީދައިންނެވެ. އިސްލާމުން އޭރުވެސް އަދި މިއަދުވެސް މަސައްކަތް ކުރަމުން ދިޔައީ އިންސާނީ ޙަޟާރަތުގެ ތެރޭގައި މީސްތަކުން ބޭތިއްބުމަށެވެ. މިސާލަކަށް ދުނިޔޭގެ ފަލްސަފާގައި ނުވަތަ ފަލްސަފާގެ ޢިލްމުގައި އެރިސްޓޯޓްލްއަކީ އެންމެފުރަތަމަ އެދުރެވެ. މިއާއި ވިދިގެން ދެވަނަ ދެވެނީ އިސްލާމީ ފިލޯސަފަރެއްކަމުގައިވާ އަލްފާރާބީއަށެވެ. ސޮކްރޭޓްސްއަކީ މީސްތަކުންކުރެ އެންމެ ޙިކްމަތްތެރިޔާ ކަމަށް ބަލާއިރު ޢަރަބީންގެ ފިލޯސަފަރަކީ ނުވަތަ މިފަދަ ޙިކްމަތްތެރިއަކީ އަލްކިންދީއެވެ. ޖާލީނޫސްއަކީ އިހާ ފަހުގެ މީހުންކުރެ އެންމެ ކުރިއަރާފައިވާ މީހާއެވެ. އަފްލާޠޫނަކީ ގްރީކުންގެ "މުސްކުޅިޔާ" އެވެ. އިބްނުލްހައިޘަމަކީ ބަޠްލައިމޫސް 2 ވަނަ އެވެ. 

ކޮންމެއަކަސް އަންދަލުސްއިން އިސްލާމީ ވެރިކަން ނިމިގެން ދިޔަނަމަވެސް އިސްލާމީ ޢިލްމުތަކާއި އިސްލާމީހަޟާރަތާއި އާޘާރުގެ އަސަރުތައް އެތަނުން ފިލާނުގޮސް އެބަހުއްޓެވެ. މުސްލިމުން އަންދަލުސް ދޫކޮށް ފުރައިގެން ދިޔަނަމަވެސް އިސްލާމުންގެ ޢިލްމު އެތަނުން މުޅި ޔޫރަޕަށް ފެތުރެމުން އެބަދެއެވެ. އެގޮތުން އެޢިލްމު ޔޫރަޕްގެ ޑާކް އޭޖުން ޔޫރަޕް މޮޑަން ކޮށްދިނުމަށް ނުވަތަ އަދިރިކަމުން އަލިކަމުގެ ތެރެއަށްނެރެދީ ތަރައްޤީގެ ތެރެއަށް ހޭލައްވާލުމަށް އެހީވެދިނެވެ. އެޢިލްމުން ދުނިޔެ އުޖާލާ ކޮށްދިނެވެ. ދުނިޔެ މުޅިން އާދުނިޔެއަކަށް ބަދަލުކޮށްދިނެވެ.

(ނިމުނީ)

އިދާރާ

އެނގޭތަ؟

ވާހަކަ