އަދުގެ ޚާއްސަ

Print

ބައެއް މިސާލު ބަސް

ޝާޢިއުކުރީ ޢަބްދުލްޙަކީމު ޙުސައިން މަނިކު . ހިމެނޭބަޔަކީ ސަމާސާ އަދަބު


މާވެވަށް ވެއްޓުނު ގެރި


ޢަބްދުލް ޙަކީމް ޙުސައިން މަނިކު (1998)
    
   
މާވެވަކީ ވަރަށް  ރީތި ވެވެކެވެ. އެހެންނަމަވެސް 1932 މ. ގައި ޤާނޫނު އަސާސީ ފާސްވެގެން ވެޔޮތައް ނައްތާލުމަށް ފާސްވި ޤާނޫނެއްގެ ދަށުން މާވެޔޮވެސް ހަލާކުކޮށްލައިފިއެވެ. ދެން އޮންނަނީ ވަރަށް ބިޔަ ބޮޑު ފެންގަނޑެއްގެ ސިފައިގައެވެ. ރަނގަޅު މީހުން ކިޔާގޮތުގައި މާވެވަކީ ކޮންމެ ބިތެއްގައި ތިރީސް ހަމުށް ހުންނަ ބޮޑު ބިޔަ ވެވެކެވެ. އެދުވަސްވަރު މައްޗަންގޮޅި އަވަށު ވެރިއެއްކަމުގައި ހުންނެވީ އެސްޖެހި ގަނޑުވަރު އައްނަބީލު ޅަސީދީއެވެ. އެއްދުވަހަކު މީހަކު އަވަށުވެރި ގެއަށް އައިސް ދެންނެވިއެވެ. މާވެވަށް ބޮޑު ގެރިއެއް ވެއްޓިއްޖެއެވެ. އެކަމަކު އެއީ މުޅިން ވީ ގޮތެއްނޫނެވެ. ބޮޑު ގެރިއެއް ހިނގަމުން ހިނގަމުންގޮސް އެފެންގަނޑުން ފެންބޮމުން އެރެމުން ގޮސް ފައިތައް ކިސަޑުގައި ހަރުލީއެވެ. ގެރީގެ ބަނޑު ފެންގަޑުގައި ޖެހިފައި އޭގެ އިތުރަށް ނުގެނބި ހައްޔަރުވީއެވެ.

އަވަށުވެރިން ވިދާޅުވިއެވެ. ތިޔަޖެހުނީ ވަރަށްބޮޑު ކަމެކެވެ. އަވަހަށް މަޝްވަރާކުރަން އަވަށު ހަރުމީހުން އެއްކުރާށެވެ. މާކަލަހެއްނުވެ ޒަކަރިއްޔާ ހަސަންކަލޭފާނު، މާފަތްގޭ ދޮންސީދީ، ބޮޑުގަލު ތުއްތުމަނިކު، ދޮން މޫސާދީދީގެ ހަސަންދީދީ މިފެންވަރުން ދޮޅަހަކަށް ބޭފުޅުން އަވަށުވެރިގެއަށް ވަޑައިގެންފިއެވެ. އެބޭފުޅުންނަށް އަވަށުވެރިން ވިދާޅުވީ މާވެވަށް ގެރިއެއް ވެއްޓިއްޖެއެވެ. އެނަގާނެ ގޮތެއް ވިސްނައި ވަޑައިގަތުމަށް ތިޔަބޭފުޅުންނަށް ދެންނެވީއެވެ. އޭރަކީ ކްރޭނެއް ހުވަފެނުންވެސް ދެކިފައިވާ ދުވަސްވަރެއްނޫނެވެ. ވީމާ އެންމެ ބޭފުޅުންވެސް ވިސްނާވަޑައިގަތީ ސޭލައެއް ޖަހައިގެން ގެރި ނެގުމަށެވެ. އެކަމަކު ސޭލައެއް ހަދާނެގޮތަކާމެދު އެންމެ ބޭފުޅުންނަކަށް އެއްބަސްވެ ވަޑައެއް ނުގެންނެވުނެވެ. އެއްބޭފުޅަކު ވިދާޅުވާ ގޮތަކާ އަނެއްބޭފުޅަކަށް އެއްބަސްވެ ވަޑައެއް ނުގެންނެވުނެވެ. އެއޮތް ބޮޑު ގެރި ނެގުމަކީ ކުޅަދާނަ ކަމެއްވެސް ނޫނެވެ. ދެން ބަހުސް ދިގުވަމުން ދަނީއެވެ. ބައެއް ބޭފުޅުންނަށް ގެރި މަރުވެދާނެކަމަށްވެސް ހީފުޅުވަނީއެވެ. އެހެންވެއްޖިއްޔާ އެއީވެސް ވަރަށްބޮޑުކަމެކެވެ. ބަހުސް އޮވެގެން ދިގުވަނީއެވެ. ވަކި ގޮތެއްނުނިމިގެން އުޅެނިކޮށް މީހަކުއައިސް ދެންނެވިއެވެ. ގެރި އަރައިގެން ހިނގައްޖެއެވެ. އަވަށުވެރިން ވިދާޅުވިޔޯލައެވެ. ބޮއް! ތިޔަކަންތައް ތިޔަ ނިމުނީއެވެ. ޖަލްސާ މާދިގުވެގެންގޮސް އެއްވެސް ކޮޅެއްގައި ނުޖެހި އުޅެނިކޮށް އެޖަލްސާކުރާ ކަންތައް ވެއްޖިއްޔާ ބުނެއުޅެނީ ތިޔަވީ މާވެވަށް ވެއްޓުނު ގެރިއަށް ވީގޮތެވެ. މިކަންތައް މިސާލުބަހަކަށް ވެއްޖެއެވެ. މިކަންތައް ހިނގި ދުވަސްވަރަކީ 1354 ހ. ގެ ދުވަސްވަރެވެ.


އާދަމުގެފާނޭ ފަޅޮލޭ


ފަހުން މައްޗަންގޮޅި ކަނީރުގެއޭކީ ގެއަށް ކުރިން ކިޔަނީ ހުސެންމަނިކު ގެއެވެ. އެއީ ބޮޑު ބިޔަ ގޯއްޗެކެވެ. އެގޯތިވީ ދަހަރާ ގެއަށާއި  އީ.ޕީ.އެސް.އެސް ކުރިން ހުރި ގޯއްޗަށް ވަދެފައެވެ. ބަގީޗާގޭ އުތުރު ފެންޑާގައި މުޙަންމަދު ޖަމީލު، ޙުސައިން ޢަފީފު، މުޙަންމަދު ރަޝީދު، ޢަބްދުލްޙަކީމު، ސިއްރު ޖަމްޢިއްޔާއެއް ހަދަން އެއްބަސްވެއްޖެއެވެ. މަޤުޞަދަކީ އެމީހަކު ދަންނަ ބަހަކުން އޮތްފޮތެއް ދިވެހިބަހަށް ތަރުޖަމާ ކުރުމެވެ. މި ޖަމްޢިއްޔާގެ މުސްތަޝާރަކަށް ވުމަށް އެދުނީމާ މޫސާ މުޙަންމަދު ދީދީ އެކަން ގަބޫލުކުރައްވައިފިއެވެ. ޖަމްޢިއްޔާގެ އިދާރާއަކަށް ނިންމެވީ ހުސެންމަނިކުގެއެވެ.

ޙުސައިންމަނިކު ނިޔާވީ 1355 ރަބީޢުލްއާޚިރާ މަހު ވިހިވަނަ ދުވަހުއެވެ. ދެން ގޭގައި ބޮޑުމީހަކު ނެތުނީއެވެ. ތިބީ ޢަބްދުލް ޙަކީމާއި އަޙުމަދު މަނިކެވެ. ޖަމްޢިއްޔާގެ ނަމަކަށްކީ އ.ކ. މިނަމެވެ. މާނައަކީ "އަހަރުމެން ކުދިން" މިއެވެ.  އިތުރު މެންބަރުންނަށް ލޯޖެހި ތުއްތުދީދީ، މަރުކަބު ދޮންތުއްތު، އޮޅިތެރި މުޙަންމަދު ރަޝާދު ހަމަޖެހިއްޖެއެވެ. އޭރު ދަހަރާ ގެއެއް ނުހުރެއެވެ. ހުރިހާ ކުދިން އަންނަނީ ބަގީޗާގޭ ވަލުދޮރާށިން ނިކުމެގެން ހުސެންމަނިކު ގެއަށެވެ. މޫސާ މުޙަންމަދު ދީދީ ވަޑައިގަންނަވަނީ ދެކުނުފަރާތުން ގޭގެ ދޮރާށިންނެވެ. އެއްރެއަކު އިރާކޮޅު  ޢަބްދުލްހަކީމާ މަކުރަބު ދޮންތުއްތު ގޭ ބޮޑުއަށީގައި ތިބެގެން ޒުވާބެއްކުރަނީއެވެ. ދޮންތުއްތު ބުނަނީ ސުވަރުގޭން އާދަމްގެފާނު ފަރީނުކުޅުއްވަން އެންގެވީ ފަޅޯގަހަކުންނެވެ. އެދެކަނބަލުން ފަރީކުޅުއްވީ އެގަހުގެ ފަޅޮލެވެ. ޢަބްދުލްޙަކީމު ބުނަނީ އެއީ ވަކިބާވަތެއްގެ ގަހެއް ނޫނެވެ. ހުރިހާ ނުބައި އެއްކޮށްލީމާ ކިޔާ ނަމެކެވެ. ޢިލްމުވެރިން އެއްބަސްވަނީ މިގޮތަށެވެ. ހުރިހާ ނުބައެއް އެއްކޮށްލީމާ އެއަށް ގަހެއްގެ ނަން ދެއްވީއެވެ. ޢިލްމުވެރިން ލިޔުއްވަނީވެސް "މަނާކުރެއްވި ގަސް" މިހެންނެވެ.

ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި އޮންނަ ޤާނޫނަކީ ވަޒީރުންގެ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގައި ނޫނީ ސިޔާސީ ވާހަކަދެއްކުން މަނާ ޤާނޫނެކެވެ. މިކަންތައް ކުރޭތޯ އެ ދުވަސްވަރު ބަލަނީ އަވަށުވެރިންނެވެ. މައްޗަންގޮޅި އަވަށުވެރިންގެ ފަރާތުން ބޮޑުގަލު މުޙަންމަދުމަނިކު އެރޭ ގޭބިތުބުޑުގައި ހުންނެވި ކަމަށްވެއެވެ. އެއީ އަވަށު މުދިމެވެ. ހަނދުވަރު ނުދެންޏާ ކަޅު އަނދިރިއެވެ. މުދިމު ދުރުވެ އަވަށުވެރިންނަށް ދެންނެވީ އެގޭގައި ކިޔަނީ "އާދަމްގެފާނޭ ފަޅޮލޭ " މިހެންނެވެ. ޙަސަންފަރީދު އަވަށުވެރި ގެއަށް ވަޑައިގަތް ދުވަހެއްގައި ދޮންމޫސާ ދީދީގެ ޙަސަންދީދީ ވެސް އެތާ އިންނަވަނިކޮށް އަވަށުވެރިން ޙަސަންފަރީދަށް ދެންނެވީ އެގޭގައި ކިޔަނީ "އާދަމްގެފާނޭ ފަޅޮލޭ" މިހެންނެވެ. ޙަސަންފަރީދު ވިދާޅުވީ ތިޔައީ ސިޔާސީ ވާހަކައެއްނޫނެވެ. ޙަސަންފަރީދު ވަރަށް ހިނިފުޅުވަޑުވާފައި ޙުސައިންމަނިކު ގެއަށް ވަޑައިގެން މިވާހަކަ ވިދާޅުވިއެވެ. ދުވަސްކޮޅެއްވީއިރު މިބަސް މިސާލުބަހަކަށް ވެއްޖެއެވެ. ކިޔާނުކިޔާ އެއްޗެއް ނޭނގޭގޮތަށް ދައްކާ ވާހަކައަށް "އާދަމްގެފާނޭ ފަޅޮލޭ" މި މިސާލުބަސް ބޭނުންކުރަން ފަށައިފިއެވެ.


ފުންސައެއް ދުންއަމެއްކިޔާނެ ކަމެއްނެތް ސާފުކޮށް ބުނާށޭ


ލަވަ ދޮހުއްތުކިޔާ ވަރަށް ސަކަ މިޒާޖުގެ ހަރުދަނާ މީހަކު އުޅުނެވެ. މީނާގެ ދުވަސްވަރަކީ މީގެ ހަތްދިހަ ވަރަކަށް އަހަރަށްވުރެ ތަންކޮޅެއް ކުރިއެވެ. ޙުސައިން ޞަލާޙުއްދީން، ބޮޑުފެންވަޅުގޭ ސީދީ، ޙުސައިން ޙިލްމީ ދީދީ، ކުޑަ ރަންނަ ބަޑޭރި ކިލެގެފާނު ފަދަ ބޭފުޅުން ފިރި ފުރާ ވަރަށް އަރަމުން އައިދުވަސްވަރު މެއެވެ. ލޯބީގެ ރައިވަރުގާވެސް "ފުންސަ" އަދި "ދުންއަމު" މިއީ ބޭނުންކުރާ ދެބަހެވެ. ލަވަދޮހުއްތު ބޮޑުފެންވަޅުގޭ ސީދީއަށް ދަންނަވަނީ ސީދީއޭ! ކޮން ފުންސައެއް ދުންއަމެއް ކިޔާކަށްހޭ އަންހެން ކުއްޖާގެ ކުރިމައްޗަށް އަރާފައި ފިސާރި ކެރިގެން ބުނާށެވެ. އަހަރެން ތިޔަފުޅާ ހިތާވެއެވެ. އިންނަން ބޭނުންވެއެވެ. އާނ! ބަސްބުނެފިނަމަ ދެހެކިން ފޮނުވީމާ ރަންކިޔާށެވެ. ވަރަށްގިނަ ބަޔަކު އަދި ބޮޑުފެންވަޅުގޭ ސީދީވެސް ލަވަދޮހުއްތު މިހެންބުނާ ވާހަކަ ވަރަށް ކިޔައި ދެއްވައެވެ. ބަޔަކު ނުވަތަ މީހެއް ބޮޑުމީހެއް ގާތު ނުވަތަ ވެރިއެއްގެ އަރިހުގައި ކަމެއް ދަންނަވަން ނުކެރިގެން އުޅޭ ވަގުތު ބުނެލައެވެ. "ލަވަދޮހުއްތު ބުނާހެން ފުންސައެއް ދުންއަމެއް ކިޔާނެ ކަމެއްނެތޭ އެދޭ ކަމެއްގެ ވާހަކަ ބުނެލާށެވެ". ނުކެރެމުން ކެރެމުން ޚިޔާލު އެގޮތް މިގޮތަށް ބަދަލު ކުރަމުން ނުގެންގޮސް ބުނަންވީ އެއްޗެއް ބުނަން ނުކެރިގެން އުޅޭވަގުތު މިބަސް ބޭނުންކުރެއެވެ. އަލްފާޟިލް އިބްރާހީމް ޙިލްމީ ދީދީ ވަރަށް ގިނައިން މި މިސާލުބަހުގެ ވާހަކަ ދައްކަވައެވެ.

(ނިމުނީ)
    
ޢަބްދުލްޙަކީމު ޙުސައިން މަނިކު (1998). ފަތްތޫރަ (228) ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

އިދާރާ

ވާހަކަ