އަދުގެ ޚާއްސަ

Print

ނަތަންޔާހޫ ގެ ރޭވުން ... ކޮންކަހަލަ ދަންތުރައެއްބާ !

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ އެނގޭތަ



އިބްރާހީމު ރަޝީދު މޫސާ


އިސްރާއީލުގެ އައު ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ، ފަލަސްޠީނާއެކު ޞުލްޙަ ޤާއިމުކުރުމާ  ބެހޭގޮތުން ދެއްވާނެކަމަށް ވިދާޅުވި ޚިޠާބު އެންމެފަހުން ދެއްވައިފިއެވެ. މި ޚިޠާބު ދެއްވިތާ ހަފުތާއެއްހާދުވަސް ފާއިތުވި އިރުގައި ވެސް ޢަރަބިން މިޚިޠާބަށް  ސަމާލުކަމެއް ދިންހެނެއް ހިއެއް ނުވެއެވެ. ..ކީއްވެގެންބާވައެވެ؟ އެމީހުންނަށް މިވާހަކައަކީ ސަމާސާކަނޑައިފާ އެއާ މެދު ބެލޭވަރުގެ އެއްޗެއްކަމުގައި ނުވަނީ ބާވައެވެ؟ ނުވަތަ އީރާނުގެ އިންތިޚާބާ ވިދިގެން އެޤައުމުގައި ހިނގަމުންދާ ކަންތައްތަކާ ހެދި އަވަދިނެތުނީބާވައެވެ؟

ނަތަންޔާހޫގެ ޚިޠާބާމެދު އިޙްތިޖާޖުގެ ބައެއް ބަސްތައް ބުނެވުނެވެ. މީގެ ތެރޭގައި ފާހަގަކޮށްލެވުނު އެއްބަޔާނަކީ ، ފަލަޞްޠީނުގެ ޞުލްޙަޔާބެހޭ ފައިލް ގެންގުޅުއްވާ  މޭސްތިރިޔާ ޞާއިބު ޢުރައިޤާތު ދެއްވި ބަޔާނެވެ. އޭނާ މަލާމާތުގެ ގޮތުން ވިދާޅުވިއެވެ. " އެހެންކަމަށް ވަންޏާ ނަތަންޔާހޫ އަށް އޭނާގެ މަޝްރޫޢު ޤަބޫލުކުރާނެ ފަލަޞްޠީނުމީހަކު ހޯއްދެވުމަށްޓަކައި، އެއްހާސްއަހަރު އިންތިޒާރުކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. "

ނަތަންޔާހޫގެ ޚިޠާބަށް ބަލާއިރު އޭގައި ރަނގަޅު ނުކުތާތަކަކާއި ނުރަނގަޅު ނުކުތާތަކެއް އެބަހުރިކަމަށް މުޙައްލިލުން ވިދާޅުވެއެވެ. އެންމެ މުހިއްމު ކަމަކީ އޭނާގެ ސިޔާސަތު ބަދަލުކުރައްވައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރުމަށް އެއްބަސްވެ ވަޑައިގަތުމެވެ. މީގެ ކުރިން އޭނާ ވަނީ މި ދައުލަތާ ވަރަށްބޮޑަށް ދެކޮޅުހައްދަވައިފައެވެ.

ނަތަންޔާހޫގެ ޚިޠާބުގައި ހުރި ނުރަނގަޅު ނުކުތާތަކަށް ބަލާއިރު


1-     އިސްރާއީލުގެ ވެރިރަށަކަށް މުޅި ޤުދްސު ( ޤުދްސުގެ އިރުމަތީ ބަޔާއި ހުނޅަގު ބައި ) ވާންޖެހޭނެކަމަށް އަދިވެސް ވިދާޅުވަމުން ގެންދެވުމާއި

2-    ފަލަސްޠީނުގެ ރެފިއުޖީން އެމީހުންގެ އަމިއްލަ ގޮވެތިގެދޮރަށް އެނބުރިއައުމާ ދެކޮޅުހެއްދެވުމާއި

3-    އިސްރާއީލަކީ  ޔަހޫދީދައުލަތެއްކަމަށް ޤަބޫލުކުރުމަށް އަރަބިންނަށް ޖެހޭނެކަމަށް ވިދާޅުވުމާއި

4-    ފަލަސްޠީނުގެ ދައުލަތުގައި ޢަސްކަރީ އެއްވެސްބާރެއް އޮވެގެންނުވާނެކަމަށް ވިދާޅުވުމާއި

5-    ފަލަސްޠީނުގެ ދައުލަތަށް ވައިގެ ސަރަޙައްދެއް ލިބިގެންނުވާނެ ކަމަށް ވިދާޅުވުން ހިމެނެއެވެ.

މި ޚިޠާބަކީ ނަތަންޔާހޫ ( ނުވަތަ އިސްރާއީލުގެ ބޮޑުވަޒީރަކު ) ދެއްވި ޚިޠާބެއްކަން ހަދާންކުރަން ޖެހޭނެއެވެ. މިއީ ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ދެއްވި ޚިޠާބެއްނޫނެވެ. ނަތަންޔާހޫގެ ޝަރްޠުތައް ވަރަށް ހަރުކަށްޓެވެ. ނަމަވެސް މިއީ ޞުލްޙަޔާބެހޭ ވާހަކަދެއްކުންތައް ފެށުމަށް ކުރެއްވި ޝަރްޠުތަކެއްނޫނެވެ. މިއީ ވާހަކަދެއްކުންތަކުގައި ބަހުސުކުރަން ހުރި ނުކުތާތަކެކެވެ. އެހެންކަމުން ނަތަންޔާހޫގެ މި ޚިޠާބަކީ ވާހަކަދެއްކުންތައް ފެށުމަށް ބޭނުންވާ ޟަރޫރީ ފިޔަވަޅެކެވެ.  މިވާހަކަދެއްކުންތައް ބޭއްވޭނީ އެމެރިކާގެ އައު ރައީސް ބަރެކް އޮބާމާގެ ބެއްލެވުމުގެ ދަށުންނެވެ. އޭނާގެ ފަރާތްޕުޅުން މިކަމުގައި އުޅުއްވާނީ ޖޯރޖް މިޗެލް އެވެ. މިޗެލަކީ  އަރަބިން ވެސް އެނާ އަށް އިތުބާރުކުރާ ކުޅަދާނަ ޑިޕްލޮމެޓެކެވެ.
 
ނަތަންޔާހޫގެ ހުށަހުޅުންތަކުގައިވާ އެންމެ ދަތި ނުކުތާއަކަށް ވާނީ ޤުދްސުގެ މަސްއަލައެވެ. އެއީ ފަލަސްޠީނުގެ ވެރިކަމުގެ އިދާރާއިން ޤަބޫލުކުރާނެކަމެއްނޫނެވެ. ފަލަސްޠީނުމީހުން ނަށް އިރުމަތީ ޤުދްސު ލިބިނުދޭ އެއްވެސް ޞުލްޙައެއް ، ފަލަސްޠިނުމީހުން ބަލައެއް ނުގަންނާނެއެވެ. އެއީ ބައިނަލްއަޤްވާމީ ހުރިހާ ޤަރާރުތަކެއް ބުނާގޮތުގައިވެސް ހިފާފައިވާ ރަށެކެވެ. އިސްރާއީލުގެ ވެރިރަށެއްކަމުގައި ޤުދްސު އިޢުލާނުކޮށްފައިވާ އިރުގައިވެސް އިސްރާއީލުގެ މި ނިންމުން އެމެރިކާއިން އަދިވެސް ވަނީ ބަލައިނުގަންފައެވެ. އެއްހާސް އަހަރުވިޔަސް ފަލަސްޠީނުމީހަކު އިރުމަތީ ޤުދްސު ދޫކޮށްލުމަށް ޤަބޫލެއްނުވާނެއެވެ. ޢުރައިޤާތުގެ ވާހަކައަކީ މިއީއެވެ.މިއީ ވެސް ވާހަކަދެއްކުމަށް އޮތް މަސްއަލައެކެވެ.

ރެފިޔުޖީންނަށް ބަލާއިރު ، އިސްރާއީލުން ދެކޮޅުހަދަނީ އެމީހުންގެ ގެދޮރަށް އެބުރިއައުމަށެވެ. 1948ގައި ހިފާފައިވާ ބިމަށް އަރަބީން އެބުރިއައުމަކީ އިސްރާއީލުގެ ޔަހޫދީ ސިފަގެއްލިގެންހިގައިދާނެ ކަމެކެވެ. ފަލަސްޠީނުގއ އައުދަވްލަތަށް މި ރެފިއުޖީން އެބުރިއައުމާ ނަތަންޔާހޫ ދެކޮޅެއް ނަހައްދަވައެވެ.
މީގެ ކުރީގެ ވާހަކަދެއްކުންތަކަށް ބަލާއިރު ރެފިއުޖީން މިހާރުގެ އިސްރާއީލަށް އެބުރިއައުމަށް އަރަބިން ޝަރްޠުކުރާތަނެއް ވެސް ނުފެނެއެވެ. ޢާއްމުގޮތެއްގައި ވާހަކަދެއްކުންތަކުގައި  ބަހްސުކުރެވެމުންދަނީ އެމީހުންނަށް ހިފާފައިވާ ބިމަށް ( ހުޅަނގު އައްސޭރިއަށާއި ޣައްޒާއަށް ) އެބުރިއައުމުގެ ޙައްޤުލިބިފައި އޮންނަންޖެހޭނެ ކަމާމެދުއެވެ. ފަލަސްޠީނުގެ ބައެއްމީހުން އެމީހުންގެ މައިންބަފައިންގެ ގާތަށް ( 1948ގައި ހިފާފައިވާ ބިމުގައި ދިރި އުޅޭ މީހުންގެ ގާތަށް ) ދިޔުމަށް އެހީވުމުގެ ގޮތުން ޞުލްޙައިގެ ވާހަކަދެއްކުންތަކުގައި އައުބަހެއް އީޖާދުކޮށްފައި ވެއެވެ. މިބަހަކީ ޢާއިލާތައް އެއްކޮށްލުމެވެ.

ނަތަންޔާހޫ ރެފިއުޖީންގެ މަސްއަލަ މިހާ ވަރުގަދައަށް ނެންގެވީ ކީއްވެގެންތޯ ސުވާލުކުރެވެއެވެ. މުޙައްލިލުން ވިދާޅުވާގޮތުގައި މިއީ ނަތަންޔާހޫ ވެރިކަމަށް ގެނެސްދިން ހަރުކަށި ކަނާތުފިޔަ ރުއްސުމަށްޓަކައި ވިދާޅުވިބަސްތަކެކެވެ.  އޭނާއަށް އަދިވެސް ވަނީ މި ހަރުކަށި ޕާޓީތަކާއި ޖަމާޢަތްތަކުގެ ތާއީދަށް ބޭނުންފުޅުވެފައެވެ. ނަތަންޔާހޫގެ ސަރުކާރުގައި ލިބަރމަން ކަހަލަ ބާޒުތައް ހިމަނުއްވާފައިވަނީ މިހެންވެގެންނެވެ. ޙަޤީޤަތަށް ބަލާނަމަ ރެފިއުޖީން އެނބުރިއައުމުގެ މަސްއަލާގައި ނަތަންޔާހޫގެ ސިޔާސަތު ވަނީ ބަދަލުކުރައްވައިފައެވެ. 

އިސްރާއީލަކީ  ޔަހޫދީދައުލަތެއްކަން ޤަބޫލުކުރުމަށް އަރަބިންނަށް ޖެހޭނެކަމަށް ވިދާޅުވި ބަސްފުޅަކީ އޭގެ މާނަ ނޭގޭ ، ނުވަތަ މުރާދަކީ ކޮބައިކަން ނޭގޭ ބަސްފުޅެކެވެ. މި ބަސްފުޅުގެ މާނައަކީ އިސްރާއީލަކީ ޔަހޫދީ ނިޒާމުގެ މަތީގައިވާ ދައުލަތެއްކަމުގައި ވާނަމަ ، އިސްރާއީލު ވުޖޫދަށް ގެނައިދުވަހުން ފަށައިގެން އެކަން އޮތީ އެގޮތަށެވެ. މިބަސްފުޅުގެ މުރާދަކީ  އެދައުލަތުގެ އާބާދީ ޔަހޫދީންނަށް ވާންޖެހޭނެކަން ކަމުގައި ވާނަމަ އެއީ ޤަބޫލުކުރެވޭނެ ކަމެއްނޫނެވެ. އެހެނީ އޭރުން އިސްރާއީލުގައި ދިރިއުޅޭ ހުރިހާ ޢަރަބީން އެތަނުން ބޭރުކޮށްލަން ޖެހޭނެއެވެ. މިއަދު އިސްރާއީލުގެ އާބާދީގެ 20 % އަކީ އަރަބިންނެވެ.

އެންމެ ބޮޑަށް ޖަދަލު ހިގާނެ ނުކުތާއަކަށްވާނީ ފަލަސްޠީނުގެ ދައުލަތަކީ ހަތިޔާރު ނާޅައި ދައުލަތަކަށް ވާން ޖެހޭނެކަމަށް ނަތަންޔާހޫ ވިދާޅުވާ ވިދާޅުވުމެވެ. ބިލް ކްލިންޓަންގެ ވެރިކަމުގައި ޠާބާ ގައި ބޭއްވުނު ވާހަކަދެއްކުންތަކުގައި މި ނުކުތާއާ ބެހޭގޮތުން ވަނީ ވާހަކަދެކެވިފައެވެ. އިސްރާއީލުގެ ޠަބީޢަތަށް ބަލާއިރު،  ފަލަސްޠީނުގެ މަޞްލަޙަތު ނިޔާކުރަނީ  ،ލަޝްކަރެއް ނެތް ދައުލަތަކަށް ފަލަސްޠީނުވުމެވެ. އިސްރާއީލުން އެ ޤައުމަށް އަރައިގަތުމަށް ބޭނުންކުރާނެ ބަހަނާއެއް އޭރަކުން ނޯންނާނެއެވެ. ނަމަވެސް ފަލަސްޠީނުގައި ޢަސްކަރީބާރެއް ނެތްނަމަ ބައިނަލްއަޤްވާމީ މުޖްތަމަޢުން އެޤައުމު ޙިމާޔަތްކޮށްދެންޖެހޭނެއެވެ. އިސްރާއިލާއި  ފަލަސްޠިނުގެ ސަރަޙައްދީ ރޮގު ބަލަހަޓާދޭނެ ބައިނަލްއަޤްވާމީ ބާރެއް އެ ރޮގުމަތީގައި އޮންނަން ޖެހޭނެއެވެ.އެހެންކަމުން ޤުދްސުގެ މަސްއަލަ ފިޔަވައި އެހެން ހުރިހާ މަސްއަލަތަކާމެދު ވާހަކަދެއްކިދާނެ ކަމަށް ފެނެއެވެ. ވާހަކަދއްކުން އަބަދުވެސް ފެށޭނީ ވަރަށް އުދަނގުލުންނެވެ. ދެފަރާތުގެ ދެމެދުގައި އިތުބާރު ޤާއިމުކުރެވިއްޖެ ނަމަ ވާހަކަދެއްކުންތައް ކުރިއަށްދާނެއެވެ.
 
ނަތަންޔާހޫގެ ޝަޚްޞިއްޔަތަށް، ސިޔާސަތަށް، ތާރީޚަށް ބަލާއިރު މަސްއަލައަކީ ޝަރްޠުތަކެއް ނޫނެވެ. އެކަމަކު އޭނާގެ ސީރިއަސްކަމާ މެދު އުފެދިފައިވާ ޝައްކެވެ. މިއީ އަރަބިން އޭނާގެ ދަންތުރާގައި ޖައްސާފައި މިހާރުގެ ޙާލަތު އޮތްގޮތަށް ބާއްވަން ކުރައްވަވާ މަސައްކަތެއް ނޫންބާވައެވެ. އެމެރިކާގެ ފިއްތުންތައް ދުރަށް ލެއްވުމަށްޓަކައި އިސްރާއީލުން ރޭވި ރޭވުމެއް ނޫންބާވައެވެ؟

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ