އަދުގެ ޚާއްސަ

Print

އެއްވަތް ދަށުން އަނެއްވަތް މަތިން

ޝާޢިއުކުރީ ޅޮހީ ޢަބްދުއްރަޙީމް . ހިމެނޭބަޔަކީ ވާހަކަ


ޅޮހީ ޢަބްދުއްރަޙީމް /މަނަދޫގެ

އިރުއޮއްސުމަށް ފަރިކޮށްލަމުން ދާއިރު، ގައިބާރު ދެރަވެ މުސްކުޅިވެފައިވާ އަންހެނަކު ފުންވިސްނުމަކަށް ގެއްލިފައި، އޮއްސެމުންދާ އިރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މޫނުމަތީން ފެންނަމުން ދަނީ މާޔޫސްކަމާއި ނާއުންމީދެވެ.

އުފަންވީ ބިމުން ބޭރުކޮށްލެވި، ނުވެސް ދަންނަ ބައެއްގެ ތެރޭގައި، އެހެންތަނެއްގައި އުޅެން ޖެހުމަކީ ހާދަ ވޭނެއް އަޅާނެކަމެކެވެ. ހާއްސަކޮށް މުސްކުޅިވެ ގައިބާރުދެރަވެ، އަދުތޯ މާދަންތޯ ވުމުން އެ ކުއުޅުނު ރަހުމަތްތެރިންނާއި، އާއިލާކަމަށް ދެކިގެން އުޅުނު މީހުން ދޫކޮށްފައި އައިސް މުސްކުޅިން ބަލަހައްޓާ ގުރައިދޫގައި އެކަނި ހުންނަން ޖެހުމަކީ ހާދަބޮޑު އަނިޔާއެކެވެ. ބަރުދާސްތުކުރެވޭ ވަރަށްވުރެ ހިތްދަތި ތަޖުރިބާއެކެވެ.

މައިންބަފައިން މުސްކުޅިވާ ދުވަހު މިފަދަ ތަންތަނަށް  ދޫކޮށްލަނީ ކިތައް ދަރިންހެއްޔެވެ؟ މިފަދަ ދަރިންގެ ހިތެއް ހަމަ ނުއޮންނަނީ ބާވަ އެވެ. އެތަނުގައި އެހެރަ އަންހެނާއަކީވެސް ހަމަ މިފަދަ އަންހެނެކެވެ. ތަފާތުވީ ކޮންގޮތަކުން ހެއްޔެވެ؟

އެއީ ތަފާތު ދުވަހެކެވެ. މިހާރު ރޫޖެހި ހިކި އަނަރޫފަވެފައިވާ އަންހެނާގެ ގައިގެ އެކި ތަންތަނަށް މަސްއަރާ ލޭހޮޅިތަކަށްވެސް ނުކުޅަދާނަ ވާވަރަށް އޭގެ ވާޖިބު އަދާކުރަމުން ދިޔަ ދުވަސްވަރެވެ. ގައިގެ ވަރުހުރި ދުވަސްވަރެވެ.

ބޮލަށް ވައްޓާލި ލިބާހާއެކު މަސައްކަތްފެށީ މުއްސަނދި ކަތީބެއްގެ ގޭ ބަދިގޭގަ އެވެ. އެހެން އަންހެނުންނާއި ޚިލާފަށް އަންހެނާއަކީ ދަރިމައިވުމުން މަހުރޫމުވެފައިވާ އަންހެނެކެވެ. ބަލާންހުރީ ނުކުޅެދޭ ބައްޕައެކެވެ. ހުރިހާކަމަކަށްވުރެ ބޮޑަށް ކެތްތެރިކަން އިސްކުރީ، ހަދާނެ އެހެންގޮތެއްނެތުމުގެ ސަބަބުންނެވެ. ބަނޑުފުރާނަ މުއްތިކުރެވޭނެ ގޮތެއް ހޯދުމަށެވެ.

ދުވަސްވަރަކީ ދުނިޔޭގެ އެތަންމިތާގައި ދެވަނަ ބޮޑު ހަނގުރާމައިގެ ބޯ ވިލާތައް ނަގައި އެވިލާތަކުން ބޮޑެތި ތޫފާނުތައް އެތައްބަޔަކަށް ފޮނުވަމުން  ދިޔަ ދުވަސްވަރެވެ. އޭރު ދިވެހިންތިބީ މާ ފޯރާ ހާލަތެއްގައެއް ނޫނެވެ. އެއްދުވަހު ގޮދަނުގެ ކެއުމެއް ލިބުނިއްޔާ އަނެއް ދުވަހު ދޮނަޅަ އެވެ. އަނެއް ހަ ދުވަހު މަގޫފަތްކާން ޖެހިފައި އޮތްދުވަސްވަރެވެ.  ޚާއްޞަކޮށް ރަށްފުށުގައެވެ.

ނަމަވެސް އަންހެނާގެ ނަސީބުވަރަށް ގަދައެވެ. އޭނާއަށް ކައްކަން ޖެހުނީ ރަށުގައިހުރި ކާޑު ގުދަނުގެ ވެރިޔާގެ ބަދިގޭގައެވެ. މަސައްކަތްކުރަމުން ދިޔައީ ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކީ ސާފުހިތަކައިގެންނެވެ.  އަދި އޭނާ  ދިޔައީ އޭނައަށް ދެއްވާފައިވާ ނިޢުމަތްތަކަށްޓަކައި  ހެއްދެވި ފަރާތަށް ޝުކުރުކުރަމުންނެވެ.

ކަތީބުގެ ދަރިންނަކީ އޭނާގެ ދަރިންކަމަށްދެކި އެގެޔަކީ އޭނާގެ ސާހިބުމީހާގެ ގެ ކަމަށް ދެކިގެން އަޅަކުފަދައިން މަސައްކަތްކުރަމުންދިޔައެވެ. ދުނިޔޭގެ ހާލަތު ބަދަލުވަމުންދެއެވެ. ރާއްޖޭގެ ހާލަތު އެނބުރެމުން ސެނބުރެމުން ދެއެވެ. އެއްދުވަހަށްވުރެ އަނެއްދުވަސް ބާއްޖަވެރިވެ އަލިވަމުންދިޔައެވެ. ނަމަ ވެސް މި އަލިވިލުމުގެ ތެރެޔަށް ކަޅުވިލާގަނޑެއް ހުރަސްކޮށްލި އެވެ. އޭނާގެ ސާހިބު މީހާ ކަމުގައި ދެކިގެން އުޅުނު  ކަތީބު ކުއްލިގޮތަކަށް ނިޔާވީ އެވެ.  ކަތީބުގެ މުއްސަނދިކަން ވާރުތަވީ އޭނާގެ ހީވާގި ދަރިފުޅަށެވެ. އެދަރިފުޅަކީ ގާތްގަނޑަކަށް މި އަންހެންމީހާ އާއި  އެއްއުމުރެއްގެ މީހެކެވެ.

ބައްޕަގެ ގޭގައި އިޚުލާޞްތެރިކަމާއެކު ކުރި މަސައްކަތް އެ ދަރިފުޅު ބަލައިގަތެވެ. އޭނާ ވެސް މި އަންހެނާއަށް ހެޔޮކޮށް ހިތިއެވެ. އެއީ ހީވާގި ކެރޭ މުރާލި އަންހެނަކަށް ވާތީއެވެ. އޭރުވެސް ދުނިޔެ ދިޔައީ ބަދަލުވަމުންނެވެ. އެއްދުވަހަށް އިރުއެރިއްޔާ ހަމަ އެދުވަހަށް އިރުއޮއްސެން ދަނީއަކީ އެހެން ދުވަސް ދުވަހަކާއި ޚިލާފަކަށް ނޫނެވެ.  ދުނިޔެ މަތީގައި އެންމެ މަތިވެރި ފަރާތުގެ  ޤާނޫނޫ އޭގެ ފަޅިސިކުންތު ހަމަ ކުރަމުން ބުރުއަޅަމުންދަނީއެވެ.

ކަތީބުގެ ދަރިޔަކީ ވަކި ފަގީރެއްނޫނެވެ. އޮޑިވެރިއެކެވެ. ބައްޕަގެ މުއްސަނދިކަން އެތައްގުނަޔަކަށް އިތުރުކުރި ހިތްވަރުގަދަ މަސައްކަތްތެރިއެކެވެ. މިއަންހެނާ އޭރުވެސް ހުރީ ހަމަ ކުރިން ހުރިގޮތަށެވެ. ގޭގައިކުރެވޭ ހުރިހާކަމެއްގެ އެއްކޮޅުގައި ހިފައެވެ. ކުދިން ބެލުމުން ފެށިގެންގޮސް، ތަށިތެލިދޮވުމާއި، މަސްކެއްކުމާއި ކުނިކެހުމެވެ. ފެންގެނައުމެވެ.

އަންހެނާގެ ބައްޕަ ނިޔާވުމުން އަންހެނާ އެކަނިވެރިކަން އިހުސާސްކުރިއެވެ. ނަމަވެސް ބަލާނެ ދަރިޔެއް ފިރިޔެއްނެތުމުން އަންހެނާ ނިންމީ ހަމައެގޮތުގައި ދެމިހުރުމަށެވެ. ހަމަ އެ އިޚުލާޞްތެރިކަމާއި، ހަމަ އެ ސާފުހިތާއެކީގައެވެ.

އަންހެނާ އުޅުނު ގޭގެ ކުދީން ޒަމާނުގެ ގޮތްތަކާއި އެކީ ބޮޑެތިވާން ފަށައިފިއެވެ. އެއީ އަންހެނާގެ ދެއަތުން ފެންވަރުވައިގެން ނުވިތާކަށް ކިހިލިޖަހައިގެން ލޮއްސަން އެކިތަންތަނަށް ހިނގި، އަދި ނިންދަވަން ނާނާ ކިޔައިދީގެން ބޮޑެތިކުރި ކުދީންނެވެ. އަންހެނާގެ ހިތް ރޮއެވެ. ލޭކަރުނަ ފައިބާ ކަހަލައެވެ. ދަރިންލިބުމުގެ މަތިވެރި ނަސީބުން މަހުރޫމުވެފައިވާތީއެވެ. ނަމަވެސް ޤުދުރަތުގެ މަތިވެރި ނިންމުމަށް ވަކީލުކުރުން ނޫން އޮތީ ދެން ކޮން ގޮތެއްހެއްޔެވެ؟

ދުވަސްތައް ފާއިތުވާލެއް ހާދައަވަހެވެ. ބަލަބަލައި ހުއްޓައި ރޭގަނޑު ދުވާލަށް  ބަދަލުވާފަދައިން އަންހެނާގެ ބޮލުގެ ކަޅުކަން ހުދުކުލަޔަށް ބަދަލުވާން ފަށައިފިއެވެ. ގައިގެ ގަދަފަދަ ބާރު މަޑު މަޑުން ލުހެންފަށައިފިއެވެ.  ނިކަމެތިވެ ބަލިކަށިވާން ފަށައިފިއެވެ.

ހުރިހާ ކަމެއް ނުއަތުބުރަށް އަޅަން ފެށީ އެހިސާބުންނެވެ. އަންހެނާއަށް ކުރެވޭ ކަންތައްތައް ރަނގަޅު ވާ ފަހަރަށްވުރެ ނުރަނގަޅު ވާ ފަހަރު ގިނަ ވާން ފަށައިފިއެވެ. ލިބޭ ރުހުމުގެ ބަސްތަކަށްވުރެ، ލިބޭ ނުރުހުމުގެ ބަސްތަކުގެ އަޑުގަދަވާން ފަށައިފިއެވެ. އަންހެނާ ކެތްތެރިވިއެވެ. އޭނާއަށް އެނޫން ގޮތެއްނެތުމުންނެވެ. އޭނާއަށް އަޅާލާނެ ޔާރެއް އިޔާރެއް ނެތީމައެވެ. ބައްޕަ މަރުވަމުން ދޫކޮށްފައި ދިޔަ ޖިފުޓިވެސް އެހެން ބައެއްގެ މިލްކަކަށް ވެ ނިމިއްޖެއެވެ. އެ ގެޔާ ޖެހިގެން ހުރިގޭ މީހުން ފުރަތަމަ އެތަން ލޮނުމަސް އަޅާ ތަނެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައި ފަހުން އެގެޔާ އެއްކޮށްލާ ދެގޯތި އެއްގެޔަށް ހަދާލީއެވެ.

މިއަދު މުސްކުޅިވީ ދުވަހު އަދު ގޮސް ވަންނާނީ ކޮންތާކަށް ހެއްޔެވެ؟ މި ނިކަމެތި އަންހެނާގެ ދުނިޔެ މިކަހަލަ ގޮތަކަށް ހިނގަމުން ދިޔައެވެ. ކޮންމެ ދުވަހަކީވެސް މި އަންހެނާއަށް އާ ތަޖުރިބާތަކެއް ލިބެމުން ދިޔަ ދުވަސްތަކެކެވެ. މިހުރިހާ ކަމަކަށްވުރެ މިއަންހެނާއަށް އިތުރުވޭނެއް ލިބުނީ އޭނާ އުޅުނު ގޭގެ ބޮޑުމީހާ ނިޔާވުމުންނެވެ. އެހުރިހާ ދުވަހު މިއަންހެނާ އެފަރާތެއްގެ ބައްޕައަށާއި އޭނާގެ އާއިލާއަށް ޚިދުމަތްކުރަމުން ދިޔަ ފަރާތެވެ. އަންހެނާ ރޯން ބޭނުންވިޔަސް އަންހެނާގެ ލޯވަނީ ކަރުނު ހިކިފައެވެ. ކަރުނަ އެޅޭ ވަރަށްވުރެ އަންހެނާގެ ހާލަތު ގޯހެވެ.

މިހުރިހާ ކަމެއްގެ ތެރެއިން އަންހެނާއަށް އިތުރު ވޭންތައް ލިބެމުންދިޔައީ އަންހެނާގެ އަތުން ބޮޑުކުރި ޒަމާނީ ކުދިންގެ "ޒަމާނީ" ބަސްތަކުންނެވެ. އެކި ފަހަރަށް އެކި ސިފައިގައި އެކުދިންގެ ފަރާތުން ގޯނާތައް ލިބެމުންދިޔައެވެ. ބައެއްފަހަރަށް "މޮޔައެކޭ" ފަދަ ބަސްތަކުން ގޮވާ އަންހެނާގެ ހިތުގައި ޖެއްސުމަކީ މިކުދީންގެ އުފަލެކެވެ.

އަންހެނާ އެއްދުވަހަށްވުރެ އަނެއްދުވަހު ބަލިކަށިވަމުން ދިޔައެވެ. ބައެއް ދުވަސްދުވަހު އެކަނި ހިނގާ އުޅޭން ދަތިވާން ފަށައިފިއެވެ. އަމިއްލަޔަށް ކައިގެން ތަށިދޮވެލެވޭހާ ވަރުވެސް ނެތެން ފަށަފިއެވެ. އެންމެ ފަހުން އަންހެނާގެ ގައިގެ ވަރުދެރަވަމުން ގޮސް އެއްވެސް ބާވަތެއްގެ ނޯކިރީއެއް ކުރެވޭ ވަރަށްވުރެ ލޯބޯކޮށިވެ ބަލިކަށިވެއްޖެއެވެ. މިކަމުގެ އެންމެ ފަހުން އިނާމަކަށް ވީ އަންހެނާ މިބުނި ތަނަށް ގެނައުމެވެ. ކެޔޮގަނޑު ކަނޑާލީމާ ކެޔޮގަހުގެ އެއްވެސް ބޭނުމެއް ނޯންނަ ފަދައިން އަންހެނާ މުޅި އުމުރު ދުވަހު މަސައްކަތްކޮށް މުސްކުޅިވެ ބަލިކަށިވުމުން އެއްލާލީއެވެ. މާ ދުރުގައި ވާ މުސްކުޅީން ބަލަހައްޓާ ތަނަކަށެވެ. ނަމަވެސް މިކަމާއި މީހުންގެ މަލާމާތްކުރުންތަކާހެދި އެންމެ ފަހުން އެމީހުންނަށް މަޖުބޫރުވީ އަނެއްކާވެސް އަންހެނާ އަނބުރާ ގެންނާށެވެ.

މި މުސްކުޅިޔާއަކަށް، ވީ ގޮތެއް ނޭނގުނެވެ. އޭނާގެ ބަލިހާލާމެދުގައި އެމީހުން ބައެއްފަހަރަށް ހަމްދަރުދީވާތަން ވެސް ފެނެއެވެ. އަނެއްބައި ފަހަރަށް އިވޭ ބަސްތަކުން ހިތް ޒަޚަމްވަމުންދާ ކަހަލައެވެ. އަޅައިގެން ގަދަ ހުމެއްގައި އޮންނަތާ ތިންވަނައަށްވީ ދުވަހު އަންހެނާ މާލެޔަށް ފަރުވާ ދިނުމަށްޓަކައި ގެނެވުނެވެ. އަންހެނާ ބެލީ އެގޭ ތައުލީމީ ޒުވާނެކެވެ. އަންހެނާގެ ހުންވިހެލައި ބަލިމައިތިރިވާން ދުވަސްކޮޅެއް ނެގިއެވެ. އަންހެނާ އަނެއްކާވެސް އުއްމީދުކުރީ އުފަންވި ފަސްގަނޑުގައި މަރުވަންދެން އޮތުމަށްޓަކައި އަނބުރާ ދެވޭނެކަމަށެވެ. ނަމަވެސް އެކަންވީ ޚިޔާލަކަށެވެ. އަވާމެންދުރަކަށެވެ.

އިންސާނުންގެ ޙައްޤުތަކާއި ވެރިކަމުގެ އުސޫލުތައް ކިޔަވައިގެން ރައްޔިތުން ހޭލުންތެރިކުރަމުންދާ، ރަށުގެ އިސްވެރިކަމުގައި ހުރި ޒުވާނާއަށް ފެނުނީ އަންހެނާގެ އުނދަގުލުން ސަލާމަތްވުމަށް ހެދޭނެ ގޮތެއް ހެދުމަށެވެ. ގުރައިދޫގައި ހުރި މުސްކުޅިން ބަލާމަރުކަޒަކީ އެނިކަމެތި އަންހެނާގެ ރުހުމާއި ދެކޮޅަށް ދޭންޖެހޭނެ ޙައްޤެއްކަމަށް އެ ޒުވާނާ ދުށްޓެވެ.

އަޖައިބުން އަންތަރީހެއް ނުވާނެހެއްޔެވެ؟ މިދުނިޔޭގައި ޙައްޤުތަކަކީ ވަކިބަޔެއްގެ އެއްޗެއްހެއްޔެވެ؟ އަދި އެ ޙައްޤުތައް ލިބެންޖެހެނީ ވަކިބަޔަކަށް ހެއްޔެވެ؟ އަދި އެ ޙައްޤުތައް ލިބެން ޖެހެނީ ވަކިކުލަޔެއް އެރީމަ ހެއްޔެވެ؟ އަންހެނާގެ ހިތަށް މިފަދަ ސުވާލުތައް އަރާ ފައިބަމުންދިޔައެވެ.

އަންހެނާއޮތީ ވާނުވާ ނޭންގިފައެވެ. އޭނާގެ ޒަމީރު އަނެއްކާވެސް ހޭލީ މުޅިން ބީރައްޓެހި މާހައުލަކަށް ދެވުމުންނެވެ. ކުރާނެކަމެއްނެތެވެ. އެރު އޮތީ ހެޔޮކަމަކަށް ތެޔޮހަމެއް ލިބި، ލޯބިވާ އުފަންބިމުން އަބަދުގެ އަބަދަށް މަހުރޫމުވެފައެވެ. އަންހެނާ ވަނީ ހަދާނެގޮތެއްނޭންގި ގޮތްހުސްވެފައެވެ. ލިބިފައިވާ ހާސްކަމާއި، ވަށައިގެންވާ މާހައުލުގައި ހިނގަމުންދާ ކަންތައްތަކަށް ވިސްނާނެހާ ހިތްވަރެއް އެބަލިކަށި ޟަޢީފު އަންހެނާގެ ގަޔަކުނެތެވެ.

އޭރު އިރުއޮއްސި މުޅިތަނަށް އަނދިރިކަން ވެރިވެއްޖެއެވެ. އުޑުމަތީގައި ރަތްވިލާގެ ރޮނގުތައް ދަމާލައިފިއެވެ. އަދިވެސް އަންހެނާ ކުރީންހުރި ގޮތަށް ފާރުގައި ލެނގިލައިގެން އިރުއޮއްސުނު ދިމާޔަށް ބަލަހައްޓައިގެން ހުއްޓެވެ. މިދުނިޔޭގެ އަޖާއިބުކަން ދެކޭށެވެ. އެއްދުވަހު ނުހަނު ރީތި ކުލަ ތަސްވީރުތައް ފެނިފައި ހަމަ އަނެއްދުވަހު އެކުލަ ތަސްވީރުތައް ހުދާއިކަޅުން ވެސް ފެންނަމުންދަނީއެވެ.

ދުނިޔެ ތޮށަލި ދުޅައަށް އޮވެ ހިނގަމުން ދަނީއެވެ. އެއްވަތް ދަށުން އަނެއްވަތް މަތިންނެވެ. ނިމުނީ

އިދާރާ

އެނގޭތަ؟

ވާހަކަ