އަދުގެ ޚާއްސަ

Print

އަޅި ކުލައިގެ އެތުގެ ރޫޙް

ޝާޢިއުކުރީ އަޙްމަދު ރަޝީދު . ހިމެނޭބަޔަކީ ވާހަކަ



އަޙްމަދު ރަޝީދު  އެސްޖެހިގެ ލ. ފޮނަދޫ

ދުނިޔޭގައިވާ އެންމެ ބައިބޯ، މެމްބަރުންގެ ޢަދަދު ގިނަ ޖަމާޢަތަކީ ސްކައުޓުން ނެވެ. ސްކައުޓް ޙަރަކާތަކީ އެ ޙަރަކާތުގެ ސަބަބުން އިންސާނާ ހެޔޮމަގަށް ބައްޓަން ކޮށްދޭ ޝައުޤުވެރި ކުރުވާ ޙަރަކާތެކެވެ. ސްކައުޓް ޙަރަކާތުން ތަފާތު ހުނަރުތައް ދަސްކުރުމުގެ ފުރުޞަތު ލިބިގެން ދެއެވެ. ސްކައުޓް ޙަރަކާތް ޝައުޤްވެރި ކުރުވުމަށް ތަފާތު ލަވަތައް ދަސްކޮށްދެއެވެ. މިގޮތުން ފާހަގަ ކޮށްލެވޭ އެއް ލަވައަކީ "ގިންގެން ގުލި ގުލި ގުލި ގުލި ވޮއްޗާ ....” މިލަވައެވެ. މިލަވަ އުފެދިގެން އައިގޮތާއި މެދު ކިޔާ އުޅޭ ވާހަކައެެއް އޮވެއެވެ. މިތާނގާ މިވާހަކަ ލިޔެލާނަމެވެ.

އެފްރިކާގެ ޖަންގަލި ސަރަޙައްދުގައި މީހުން ދިރިއުޅުނު ހިސާބެއްގެ ރައްޔިތުންނަށް ނުވަތަ އެ އަވަށު މީހުންނަށް އަޅިކުލައިގެ އެތެއްގެ ރޫހެއްގެ އުނދަގުލާއި ދުއްތުރާތައް ކުރިމަތިވަމުން އައިކަމަށް ކިޔާއުޅުނު ވާހަކައެއް އޮވެއެވެ.

ކޮންމެ އަހަރަކުވެސް ހުޅަނގު މޫސުމުގެ ވިއްސާރައަށްފަހު އަޅި ކުލައިގެ އެތެއްގެ ރޫހް ފާޅުވެއެވެ. މި ރޫހެއް ފާޅުވަނީ ކޯރެއްގެ އައްސޭރިފަށުގެ ދުންފިނިތަކުގެ ތެރެއިންނެވެ. މި ރޫހް ފާޅުވުމަށްފަހު އަވަށް ތެރެއަށް އަރައެވެ. އަވަށް ތެރެއަށް އެރުމަށްފަހު ނޯށް ދަމާލާ އަވަށުގެ ވަސް ބަލާލައެވެ. އެއަށްފަހު އަވަށުގެ ވަށައިގެން ބުރު ޖަހައެވެ. ނުވަތަ އަވަށްތެރެއަށް އަރައިގެން ދެއެވެ. އެސޮރު އަވަށުގެ ވަށައިގެން ބުރު ޖެހިނަމަ އެއީ އަވަށު މީހުންނަށް ކާމިޔާބު އަހަރެއް ކަމުގައި ދެކެއެވެ. އަވަށް ތެރެއަށް އަރައިގެން ގޮސްފިނަމަ އެ އަވަށަށް ހަނަފަސް ކަމާއި ހައިހޫނުކަން ކުރިމަތިލާން ޖެހެއެވެ.
'ވޮޗާ' އަވަށަށް ޖެހިޖެހިގެން ތިން އަހަރު މި ރޫހް އަރައެވެ. މިކަމުގެ ސަބަބުން މި އަވަށުގެ ކަންތައްތައް ވަނީ ގޯހުންގޯހަށް ގޮސްފައެވެ. މިކަމުގެ ސަބަބުން އަވަށުގެ ވެރިޔާ 'ގިން ގެންގާ' ހުރީ ނުހަނު ކަންބޮޑު ވެފައެވެ. ހަމަ އެހެންމެ އަވަށުގެ ހަކީމު 'ހޭ ލަ ޝޭ' ވެސް ހުރީ އެހާމެ ކަންބޮޑުވެފައެވެ. ކޮންމެއަކަސް އަވަށުގެ ވެރިޔާ އާއި ހަކީމު، އަތް އުރާލައިގެން ނުތިބެ މިކަމާމެދު ކޮންމެވެސް ހައްލެއް ހޯދުމަށް ނިންމިއެވެ.

އަވަށުގެ ވެރިޔާ ގިން ގެނގާ އޭނާގެ ހަގުރާމަވެރި ލަޝްކަރު އެއްކުރެއްވިއެވެ.  މި ލަޝްކަރުގައި ތިބޭ ފަހުލަވާނުންގެ އަތުގައި ބޮޑެޓި އައްޑަނަ ތަކާއި ދުނިދަނޑިތައް ހުއްޓެވެ. އަވަށުގެ ވެރިޔާ ގިން ގެންގާ، އަަމުރުފުޅު ކުރައްވާފައިވަނީ އެތުގެ ރޫހް އަރައިގެން އަންނަ މަގުމަތީގައި ހަނގުރާމައިގެ ސަފުތައް އަތުރާލައިގެން ތިބުމަށެވެ. އަދި  އެތުގެ ރޫހް އަރައިގެން އަންނަވަގުތު ލަޝްކަރީން ދުނިދަނޑިތަކާއި އައްޑަނަތައް ހިފައިގެން ތިބެ އެތަކެތި ހޫރައި އެސޮރު ބިރުގަންނަވާލެވޭތޯ މަސައްކަތް ކުރުމަށް އިރުޝާދު ދެއްވިއެވެ. ހަމަ އެވަގުތު ޙަކީމު، ހޭ ލަ ޝޭ އާއި އޭނާގެ ކިޔެވެލި ބޭކަލުން ތައްޔާރުވެގެން ތިބީ އެސޮރުގެ ރޫޙާނީ ބާރު ކަނޑުވާލުމަށެވެ. އެމީހުންތިބީ ދުންމުށިތަކެއް ހިފައިގެން އެތުގެ ރޫޙް 'ޝެލަވޮލި ޝެލަވޮލި ޝެލަވޮލި' ކިޔަމުން އަރައިގެން އަންނަ ވަގުތަށް ބަލަބަލައެވެ.

އެތުގެ ރޫޙް އަރާ ވަގުތުގެ އިންތިޒާރުގައި އަވަށުގެ މީހުން ތައްޔާރުވެގެން ތިބިއެވެ. އެއްފަރާތުގައި ތިބީ އަވަށުގެ ވެރިޔާ ގިން ގެންގާ އާއި އޭނާގެ ފަހުލަވާނުންނެވެ. (ސްކައުޓް ކޭމްޕްގައި ވަށްބުރަކަށް ތިބޭއިރު ބުރުގެ ކަނާތްފަރާތުގައި ތިބޭ ކުދިންނަކީ މި ގްރޫޕްކަމަށް ބެލިދާނެއެވެ.) އަނެއްފަރާތުގައި ތިބީ ހަކީމާއި އޭނާގެ ކިޔެވެލި ބޭކަލުންނެވެ. (ވަށްބުރުގެ ވާތް ފަރާތުގައި ތިބޭ ކުދިންނަކީ މިމީހުންކަމަށް ހެދިދާނެއެވެ.)

އެތުގެ ރޫޙް އަރާނެ ވަގުތެއްގެ އިންތިޒާރުގައި ވަގުތުތައް ގުނަމުން ދިޔަވަގުތު ފަހުލަވާނުން ނުވަތަ ލަޝްކަރީން އެމީހުންގެ ވެރިމީހާއަށް ތަޢުރީފްކޮށް މަޑުމަޑުން ލަވައިގެ މިބައި ކިޔަމުން ގެންދެއެވެ.

" ގިން ގެންގް ގުލި ގުލި ގުލި ގުލި ވޮއްޗާ
ގިން ގެންގް ގޫ، ގިން ގެންގް ގޫ
ގިން ގެންގް ގުލި ގުލި ގުލި ގުލި ވޮއްޗާ
ގިން ގެންގް ގޫ، ގިން ގެންގް ގޫ "

ހަމައެވަގުތު (ލަޝްކަރީންގެ ބައި ނިމުމާއެކު) ޙަކީމާއި އޭނާގެ ކިޔެވެލި ބޭކަލުންވެސް ވެރިމީހާ އަށް ތަޢުރީފްކޮށް އަންނަނިވި ލަފުޒު ތައް ކިޔަން ފަށައެވެ.

" ހޭލާ، ހޭލާ ޝޭލާ، ހޭލާ ޝޭލާ ހޭލާ ހޯ އޮ އޯ!   
 ހޭލާ، ހޭލާ ޝޭލާ، ހޭލާ ޝޭލާ ހޭލާ ހޯ! "
މިހެން ކިޔަމުން އެމީހުންގެ ބޭސްކޮތަޅުތައް ނަގައެވެ.
" ޝަލަވޮލި ޝަލަވޮލި ޝަލަވޮލި ޝަލަވޮލި "

އެވަގުތު ކޯރުގެ ތެރެއިން ބޮޑު ބިރުވެރި، އަޅި ކުލައިގެ އެތެއް އަރައިގެން އައިސް ޖަވާބުގައި ކިޔަން ފަށައެވެ. (މިކަން ކުރާނީ ކޭމްޕްގައި ތިބޭ ބޮޑެތިމީހުންނެވެ.)

" އޫމްޕަހް އޫމްޕަހް އޫމްޕަހް އޫމްޕަހް! "

އެތް އެމީހުންނާއި ކައިރިއަށް އަންނަމުން ދެއެވެ. އޭރު ހަނގުރާމަވެރިން އެމީހުންގެ އައްޑަނައިގައި ބެރުޖަހަމުން އިހުނަށްވުރެ ބާރަށް ލަވަކިޔަން ފަށައެވެ. (ރާގާއި އެއްވަރަށް ހަނގުރާމަވެރިންގެ ފަލަމަސް ގަނޑުގައި ޖަހަމުން ދިޔުމަށް އިރުޝާދު ދޭށެވެ.)

" ގިން ގެންގް ގުލި ގުލި ގުލި ގުލި ވޮއްޗާ
ގިން ގެންގް ގޫ، ގިން ގެންގް ގޫ
ގިން ގެންގް ގުލި ގުލި ގުލި ގުލި ވޮއްޗާ
ގިން ގެންގް ގޫ، ގިން ގެންގް ގޫ "
ދެން ހަކީމު ތެދުވެ ބާާރަށް ކިޔަން ފަށައެވެ.
" ޝަލަވޮލި ޝަލަވޮލި ޝަލަވޮލި ޝަލަވޮލި "

އެހިސާބުން އެ ރޫޙާނީ އެތް އައިކޮޅަށް އެނބުރި އަވަށުގެ ވަށައިގެން ހިނގަން ފަށައެވެ. އޭރު އެސޮރު ކިޔަމުން ދަނީ މިހެންނެވެ.
" އޫމްޕަހ އޫމްޕަހ އޫމްޕަހ އޫމްޕަހ! "

މިހިސާބުން އަވަށުގެ ހުރިހާ ރައްޔިތުން އުފާ ފާޅުކުރަން ފަށައެވެ. ހުރިހައި އެންމެން އެކުގައި ލަވަކިޔަން ފަށައެވެ.

" ގިން ގެންގް ގުލި............



ހަމަމިގަލަމުން

އިދާރާ

ވާހަކަ