އަދުގެ ޚާއްސަ

Print

މިނިވަން ފަތިސް

ޝާޢިއުކުރީ ޔޫސުފް މުޙައްމަދު ފުޅު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އަލްމަރްޙޫމު ޔޫސުފު މުޙަންމަދުފުޅު

ސޫރަކޮށްލި ފަޟާގެ ވައްތަރު މޫސުމެއްގެ ވިލާގެ ޢަޞްކަރު
        ފޫދެމުން    ދިޔަބޮޑުވެ    އޮއިވަރު   ރޫޅިލީ  އެގުޅާލި ފައްތަރު

ވައިމުޅިން ހިފެހެއްޓިލީމާ      ވާރެވެހުމަށް ތަން ނެތީމާ
        ބާރުހުސްކޮށްލީ  އައިމާ       އާރުލާ    ގުގުމާލި    ތަންޑަރު

ދޮންވަމުން އުދަރެސް ފަޅާލާ  ދުންކަނިން ކަނިތައް ބުރާލާ
        ފެންޖަހާ ނިއްވީ ދުރާލާ     އަންނަހާ    ޑޭވީންގެ     ފަންވަރު

ދަނޑުތަކަށް ނުކުތުން ނަހީވީ     މަޑުމަޑުން ތިބުމަށް ސަބަބުވީ
        ކަނޑަކަނޑައިގެން ގޮސް އެ ހުލިވީ އަޑުއަޑުން ސިއްސައިލި ދަންބެރު

ހައްލަމުން ބިރުވެރި އިރާކޮޅު ގަތް އަނދިރި މެންދަމުގެ ފޮއިކަޅު
        އައްޔަކުން ފިލުވީ އެ ތަންވަޅު    ބައްޔަކަށް  ފޮށިގަތް   ވެލާވަރު

އެދުމަކަށް ހެއްލެން އެ ދިޔަހާ މަދު ހިތެއް އޮޅިގެން އެވީހާ
        ހަނދުމަވީމާ ކެހި   ލިބުނުހާ ބަދަލުކޮށްލީ   ދެއްކި    މަންޒަރު

ސާލު އަޅުވެތިކަމުގެ ލައިގެން،   ހާލިހާލީގައި ނުނިދިގެން
        މާލިތައްފެނި    ބިރުފިލައިގެން  ހާލު އެނގި އައްޔޭ  މި ހިތްވަރު

މަތިމަތިން ކުރަހާލި ކޫރުން ނެތި ޚަރީފެއް އައި ދުހޫރުން
        ފަތިހަކަށް ދައްކާލި ނޫރުން   ފެތުރެނީ  އަލި ދިން   ސަރާސަރު

ޚިދުމަތުން ފައްކާވެދާތީ     ބިނދެލުމަށްވެވި ކައިރިދާތީ
        އެދެވުނީ ދެކިލަން ޙަޔާތީ      ހެދި އެ އައި     މޭވާގެ މަތިވަރު

ރަޙުމަތުން މަތިވެރި ޖަލާލީ،  ޙިކުމަތުގެ ތަރިއެއް ވިދާލީ
        ފޮނުވި އިލްހާމުން    އެ ކޮށްލީ ކަނޑުތަކާ ބިން    އުތުރިދާވަރު

ތަންމަތިން ނިދިފައިވި ހޭލަން ތަންދެމުން އެ ނިދާ އަހާލަން
        ބުންއަޑުން ފެށުނީ     ގޮވައިލަން     ބަންގިޔަށް  ﷲ އަކްބަރު

ޝައުޤަކުން ހިތްތައް މި ކުރުވަން ދައުރަކުން އުންމީދު ދިރުވަން
        ޤައުމަކަށް    އަލި ދޭށަ މިނިވަން  ދުވަހަކަށް ތޮޅިލީ ފެނުން އިރު

ގައިމު ވެސް ދިރުމެއް އައިއްޔޭ ވައިފެނަށް ބަދަލެއް އައިއްޔޭ
        ހައިބަތެއް ދައްކައިދިނިއްޔޭ  ހެޔޮވެލައި ދީބުގެ       ސަމައްތަރު

ސައްތައިން އޮނަވިހި ވިދާލީ ފަސްދޮޅަސް ފަހަކާ ގުޅާލީ
        ރަސްމުވެވި  ސައްބީސް    ޖުލާއީ ގޮސްކުރީ ފަހަގަ   ކަލަންޑަރު

އުންމަތެއް ޠާހިރުވި އިސްލާމް ޚަންދަޤަށް ފަށަނީއެ ފަސްލާން،
        ދިންބަޔަކު ކޮނެ  އޭގެ    ފޮރުވާން  ދެން ނެތޭ ވަގުތެއްވެ އާޚިރު

ބޭރުބޭރަށް ނަންވިދާލާ    މޭރުމެއް ވެވިގެން އުޖާލާ  
        ބޭރު ލޯތައް  އެދި   ބަލާލާ     ދޭ ރުމޫޒު ވަނީ    ތަޞައްވުރު

ހޫނުކަން ލިބުމުންނެ ދޯދިން މޫނުތައް ހިނިތުންވެ ބޯދިން
        ހޫނު ހައިކަން    ނެއްތި ރޯދިން     ބޭނުމެއް ހިފަނީވެ  ކަށަވަރު

އުދުހެމުން އަޔަތީ ޙަޟާރަތު ފުދި އިތުރުވާހެން ބަޝާރަތު
        އަދުގެ    ޤައުމީ ހެޔޮ    ޢިމާރާތް   ވިދުވަނީ   ޢީދެއްގެ ވިދުވަރު

ވިސްނިޔަސް  މޭރުން ނުވާހާ ގެސްކުރަން އެނގުމެއް ނުވާހާ
        ނަޞްރު   ދެއްވީ ލޯބިވާހާ    ފަސްގަނޑަށް    ލޮބުވެތި މުދައްބިރު

ދިވެހި އަދު ސިންގާ ސަނާޔަށް ހޮވިދަނީ އޮތްހާ ކަރާމާތް
        ދިވެހި އަޑު އިއްވާލުމުން    މާތް ރިވެތި      ''ތަޙުރީރުލްޖަޒާއިރު''

ކަރުނަތައް ލޯބިން ވެލީވަރު ދަރުމަޔަށް އެދިގެން ގޮވާއިރު
        ހަރުހަވެތި    ވެލުމުން   ޢަނާޞިރު   މަރުޙަބާއޭ  އަދުގެ ނާޞިރު

އިދާރާ

އެނގޭތަ؟

ވާހަކަ