އަދުގެ ޚާއްސަ

Print

ތަރައްޤީގެ ނޫސްވެރިކަން

ޝާޢިއުކުރީ މުޙަންމަދު ވަޙީދު - މަޑުލު . ހިމެނޭބަޔަކީ އިޖުތިމާޢީ


މަޑުލު މުޙަންމަދު ވަޙީދު

ތަރައްޤީގެ ނޫސްވެރިކަމަކީ، ޒަމާންވީ ނޫސްވެރިކަމަށް  އައި ވަރަށް ބޮޑު އިންޤިލާބެކެވެ. ގިނަ ފަހަރަސް ނޫސްވެރިކަން ކުރެވެނީ މައި ރަށްރަށުގައި ތިބެގެން މަރުކަޒުތަކުގައި ހިނގާ ކަންތައްތައް ރިޕޯޓުކުރުމުގަ އެވެ. ''ތަރައްޤީ'' މި ބަސްފުޅާވެ، އިންސާނީ ފިކުރާއި ވިސްނުމަށް އަންނަ ބަދަލު ވެސް ތަރައްޤީގެ ތެރެއަށް ވަނުމުން މާއްދިއްޔަތަށްވުރެ ތަަރައްޤީ މި ބަސް ފުޅާވެގެންދެ އެވެ.

ތަރައްޤީގެ ނޫސްވެރިކަމުން ހަމައެކަނި މަޢުލޫމާތު ދީފައި ނިންމައިލަނީ އެއް ނޫނެވެ. މީހުންގެ ހިތްވަރު އައުކޮށްދީ ކަންކަމަށް ބާރު އަޅައިދޭ ވެސް މެ އެވެ. މި ފަދަ ނޫސްވެރިިކަމަކީ، އިޖުތިމާޢީ ކަންކަމަށް ވެސް ސަމާލުކަންދޭ  ނޫސްވެރިކަމެކެވެ.  އެކުވެރިވުމާއި، ހަމަޖެހުން ގެނެސްދިނުމާއި އުފައުވެރިކަން އާންމު ކުރުމުގަ އެވެ.

ތަރައްޤީގެ ނޫސްވެރިކަމަކީ، ޕްރޮޕެގެންޑާއެއް ނޫނެވެ. އަދި ކިއެއްތަ އެއީ ހަމަގައިމު ވެސް ސަރުކާރުގެ ޕުރޮޕެގެންޑާއެއް ނޫނެވެ. އިންސާނީ އުންމީދުތަކަށް ވާޞިލުކޮށްދިނުމުގައި އެހީތެރިވުމަކީ މި ފަދަ ނޫސްވެރިކަމެއްގެ ވަރަށް ބޮޑު މަސްއޫލިއްޔަތެކެވެ.

ޝައްކެއްނެތެވެ. ތަރައްޤީގެ ނޫސްވެރިކަމުގެ ތެރެއިން މީހުންނަށް ސަރުކާރުގެ ސިޔާސަތުތައް ހާމަކޮށްދެއެވެ. އައު އިޖުތިމާޢީ ނިޒާމެއް އުފެއްދުމަށް ނޫސްވެރިން ލައިދޭ ބަރަކީ ތަރައްޤީގެ ނޫސްވެރިކަމެވެ. ތަރައްޤީގެ ނޫސްވެރިކަމުގައި ސަރުކާރުގެ ސިޔާސަތުހާމަ ކޮށްދޭ ފަދައިން އެ ސިޔާސަތުގައި ހުރި ރަނގަޅުކުރަންޖެހޭ ކަންތަކަށް ފާޑުވެސް ކިޔާނެ އެވެ. އެއީ ތަަރައްޤީއަށް ބޭނުންވެފައި އެންމެ ދަށުފަންތީގައި ތިބި މީހުންެގެ ޙައްޤުގަ އެވެ. ސިޔާސަތުކަނޑައަޅާ ފަރާތްތަކުގެ ވާހަކަތައް އާންމުންނަށް ފޯރުވައިދޭ އިރު އާންމުންގެ ވާހަކަތައް ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށް ރައްދުކޮށް ދީނުމަކީ ވެސް ތަރައްޤިގެ ނޫސްވެރިކަމުގައި ހިމެނޭ ކަމެކެވެ. އެހެންވީމާ، ތަރައްޤީގެ ނޫސްވެރިކަން އެ ވަނީ ދެ ކޮޅަށް ދަތުރުކުރާ އެއްޗަކަށެވެ. މަޢުލޫމާތާއި ޚަބަރު ފަތުރައިފައި ހުއްޓައެއް ނުލައެވެ.  އެ މަޢުލޫމާތާއި ޚަބަރު ކިޔާމީހުންގެ ޚިޔާލުތަކާއި ވިސްނުން ހުންނަ ގޮތް އާންމު ކުރޭ ވެސް މެއެވެ.

އަޅުގަނޑު ވެސް އެއްބަހެވެ. މި ފަދަ ނޫސްވެރިކަމަކީ، މީހުންގެ ޒާތީ ޙަޔާތާއި، ފިލްމުސްޓާރުންގެ ވާހަކަތަކާއި، ކުޅިވަރާއި ކޯޅުންތަކާއި ހަމަނުޖެހުންތަކުގެ ވާހަކަތަކަށްވުރެ ފޫހި އެއްޗަކަށް ވެދާނެ އެވެ. އެހެންނަމަ ވެސް ނޫސްވެރިކަމަކީ، ފައިދާ ހޯދުމަށްވުރެ މުޖުތަމަޢަށް އަދާކޮށްދޭންޖެހޭ ޝަރަފުވެރި މަސްއޫލިއްޔަތެއްކަމަށް  ދެކޭނަމަ، ތަރައްޤީގެ ނޫސްވެރިކަން ފޫހިނުވާނެ ގޮތަކަށް ހުށަހެޅޭނެ މަގުތައް ހޯދިދާނެ އެވެ.  ހޯދާނެ ވެސްމެ އެވެ.

ތަރައްޤީގެ ނޫސްވެރިކަމުގައި ނޫސްވެރިންނަކީ، ޤައުމީ ތަރައްޤީގެ ބައިވެރީންނެވެ. އަމިއްލަ މަސައްކަތުން ކުރި އެރުމެއް ހޯދޭތޯ ބަލާ ފަރުދުންނަށް ހިތްވަރުދޭ އެ ފަދަ މީހުންގެ އެކުވެރިންނެވެ. މި ފަދަ ނޫސްވެރިކަމެއްގައި ނޫސްވެރިން މަސައްކަތކުރާނީ އެކަހެރި ކޮށެއް ނޫނެވެ. ''ޑިވެލޮޕްމަންޓް ޕާރޓްނަރުން''ގެ ގޮތުގަ އެވެ.

އަލަށް އާބާދު ކުރާ ރަށެއްގައި ދަނޑުވެރިކަން އާލާކުރުމަށް އެންމެ އާއިލާއަކުން ފެށި މަސައްކަތުގެ ހެޔޮ ބަދަލު ފެށިގެން ދިޔަގޮތް ގެނެސްދީގެން އެހެން މީހުންނަށް ހިތްވަރުދީގެން އެހެން މީހުންނަށް ހިތްވަރުދިނުމަކީ،  މިފަދަ ނޫސްވެރިކަން ސަމާލުކަންދޭ ކަހަލަ ކަމެކެވެ. ފަހަރެއްގައި ވެސް ތަރައްޤީގެ ނޫސްވެރިކަމަކީ، ކާމިޔާބުވީ ކަންތައްތައް ގެނެސްދީފައި، ނިންމައިލާ ނޫސްވެރިކަމެއް ނޫނެވެ. ނާކާމިޔާބވީ ކަންތައްތައް ވެސް ކިޔައިދީ ނާކާމިޔާބުވީ ކީއްވެކަން ބުނެދީ އެހެން މީހުން އެކުށް އަނެއްކާ ވެސް ތަކުރާރު ނުކުރާނެ ގޮތެއް ހެދުމަކީ މި ފަދަ ނޫސްވެރިކަމަކުން ކުރަންޖެހޭނެ ކަމެކެވެ.

ތަރައްޤީގެ ނޫސްވެރިކަމަކީ، އިންސާނުންނަށް ސަމާލުކަންދޭ ނޫސްވެރިކަމެވެ. އިންސާނުންގެ ތެރެއިން ވެސް ހާލުގައި ތިބި މީހުން އެ ހާލަތުން ރަނގަޅު ހާލަތަކަށް  ބަދަލުވުމަށް، މަޢުލޫމާތުދީ ހިތްވަރުލައިދީ މަގުދައްކާ ނޫސްވެރިކަމެވެ.

މި ފަދަ ނޫސްވެރިކަމަކީ، ފުދިފައިވާ ތަރައްޤީގެ ދުނިޔެއަށް ބޭނުންވާ ނޫސްވެރިކަމަކަށް ނުވެ ހިނގައިދާނެ އެވެ. އެހެން ނަމަވެސް ބަނޑުފުރާނަ މުއްތިނުކުރެވި ތިބި ފަގީރު ގައުމުތަކަށް މިއީ ވަރަށް ބޭނުންތެރި ނޫސްވެރިކަމެކެވެ. ބޭރަށް ހިނގުމުން ދިފާޢުވުމަށް ފިޔަވަޅު އެޅުމަށާއި، ބޭރަށް ހިނގުން ޖެހިއްޖެނަމަ، ހަދާނެގޮތް އެނގުމާއި ލޮނުފެން ތައްޔާރު ކުރާނެ ގޮތް އެނގުމާއެކު، 5 އަހަރުން ދަށުގެ އެއްވެސް ކުއްޖަކު ބޭރަށް ހިނގުންޖެހިގެން މަރުނުވާނެ ގޮތަކަށް ކަންތައްތައް ކުރަން އެނގުމަކީ، ވަރަށް ބޮޑު ކާމިޔާބެކެވެ. ތަރައްޤީގެ ނޫސްވެރިކަމަކީ އެއީ އެވެ.

މުސީބާތުގެ ދަނޑިވަޅުގައި ހާލުގައި ޖެހުނު މީހުންނަށް ހިތްވަރުދީ، ކަންކަމާ އުޅޭނެ ގޮތް ބުނެދީ، އެ ދެވޭ ގޮތުގައި އަމިއްލަ ހައްލު ހޯދި މީހުންގެ ވާހަކަތައް އާންމުކޮށްދީ ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ހާލަތު ލުއިކޮށްދިނުމަކީ، މި ފަދަ ނޫސްވެރިކަމަކުން ކުރަންޖެހޭނެ ކަމެކެވެ.

މި ފަދަ ނޫސްވެރިކަން ހޫހި އެއްޗަކަށް ވަނީ އެކަން ކުރަންތިބި މީހުންނަށް އެކަން ކުރެވޭ ގޮތުންނެވެ. އެ ގޮތް ރަނގަޅުކުރުމަށް ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަކީ ވެސް މުހިންމުކަން ވަކިން ކުޑަ ކަމެއް ނޫނެވެ.

ތަރައްޤީގެ މާނަ ނޫސްވެރިންގެ ހިތަށް އަރަންވާނީ، ''އޭނާ މަރުވީ ކަލިޔާ ބިރިންޖީ ކޮޅެއް ވެސް ނުލިބިގެންހޭ''  ބުނާ އުޞޫލަކުން ކަމަށް ވެގެން ނުވާނެ އެވެ. ނޫސްވެރީން ތަރައްޤީ މާނަ ކުރަންވާނީ، ހާލުގައި އުޅޭ މީހުންގެ ހާލަތު ލޮލުން ދެކި އަތުން ހިފައިފަ އެވެ. ހަމްދަރުދީއާއި ހެޔޮކަމެއް ކޮށްދިނުމުގެ މަޤުޞަދާއި، އެދެވޭ ބަދަލެއް ގެނެސްދެވިދާނެ ކަމުގެ ރޫޙު ނެތްނަމަ، ތަރައްޤީގެ ނޫސްވެރިޔަކަށް ނުވެވޭނެއޭ ބުނެވިދާނެ އެވެ.

ތަރައްޤީގެ ބާޑީފަށުގައި އުޅޭ މީހުންގެ ހާލާމެދު ފިކުރުނުކުރެވޭ ނަމަ އިންސާނީއްޔަތަށް ޚިދުމަތެއް އަދާކޮށްދިނުން އެއީ މުހިންމު ކަމެއްކަމަށް ނުދެކޭނަމަ ތަރައްޤީގެ ނޫސްވެރިކަމަށް ޖާގަ އޮންނާނީ ވަރަށް ކުޑަ ކޮށެވެ.

އަޅުގަނޑުމެންގެ ރާއްޖެއަކީ، ކުޑަ ކުޑަ ޤައުމެކެވެ. އެހައި މުއްސަނދި ޤައުމެއް ނޫނެވެ. ހާލުގައި އުޅޭމީހުން މަދެއް ނޫނެވެ. ސާފުބޯފެން އެއީ މުހިންމު އެއްޗެއްކަމަށް ވާންޖެހިފައިވާ މީހުން މަދެއް ނޫނެވެ. ރައްކާތެރިގޮތަކަށް ޤަޟާޙާޖަތް ކުރެވޭނެ ގޮތެއް ހޯދަންޖެހިފައިވާ މީހުން މަދެއް ނޫނެވެ. މިހެން ގޮސް ''ސާސްކަފުގެ ތަރައްޤީގެ ލަނޑުދަނޑިތަކަށް'' ބަލައިލައިފިނަމަ، ނޫސްވރިންނަށް އެހީތެރިވެވިދާނެ ގޮތްތަކެއް އެބަ ހުއްޓެވެ. ބޭނުންވަނީ އަޒުމަކާއި ހިތްވަރެކެވެ. ނަގިލިލައިފައި އެއްތަނެއްގައި ތިބެގެން ނޫސްބަޔާނު ން ޚަބަރު ހެދުމުގެ އާދަ ދޫކޮށްލައި ދަތުރުކޮށް ޙަޤީޤީ ދިވެހިންގެ ޙަޤީޤީ ދިރިއުޅުން ހުންނަ ގޮތް ލޮލުން ދެކެންވެއްޖެ އެވެ. ޙަޤީޤަތުގައި ވެސް ނޫސްވެރިކަމަކީ 6ވަނަ ބާރުކަމުގައި ހަދައި ތަރައްޤީގެ ނޫސްވެިކަމެއް ޚިޔާރުކުރަންޖެހިއްޖެ އެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ.

މަޑުލު މުޙަންމަދު ވަޙީދު (2006). ފަތްތޫރަ (327) ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

އިދާރާ

އެނގޭތަ؟

ވާހަކަ