ފުޓްބޯޅައިގެ ތާރީޚަށް ނަޒަރެއް
ޢަބްދުލްމުޢީދު ޙަސަން
ފުޓްބޯޅައަކީ ޤަދީމީ ކުޅިވަރެކެވެ. މީލާދުގެ 2500 އަހަރު ކުރިން ޗައިނާ މީހުން ފުޓްބޯޅަ ކުޅެފައިވެ އެވެ. އޭރު އެބައިމީހުން، މޮޅުވާ ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރުމަށްޓަކައި ހަފުލާތައް ބާއްވާފައިވެ އެވެ. އަދި ދެރަވާ ޓީމުގެ ކުޅުންތެރިންގެ ގައިގައި ތަޅައި އަނިޔާކޮށްފައިވެ އެވެ. ޒަމާނުގެ ދުވަސްތަކާއެކު، ޗައިނާގައި ފުޓްބޯޅަ ތަރައްޤީވަމުންދިޔަ އެވެ. ޗައިނާ މީހުން ފުޓްބޯޅައަށް ކިޔާފައިވާ ނަމަކީ، ކޫޖޫ (Cuju) އެވެ.
އޭރު ޗައިނާގައި ފުޓްބޯޅަ ކުޅެފައިވަނީ ފައިންނެވެ. ގޯލް ބަހައްޓާފައިވަނީ ކުޅޭތަނުގެ މެދުގަ އެވެ. ކުޅުންތެރިން، ބޯޅަ ބިމުގައި ނުޖައްސައި ގޯލަށް ގެންދެވޭތޯ ބަލަ އެވެ.