إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُونَ
މިޞްރުގެ މަޝްހޫރު ޢާލިމު ޑރ. މުޞްޠަފާ މަޙުމޫދު ވަނީ، 31 އޮކްޓޯބަރ 2009 ވީ ހޮނިހިރު ދުވަހު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފައެވެ. އަވަހާރަވި އިރު އޭނާގެ ޢުމުރުފުޅަކީ، 88 އަހަރެވެ.
މާތް ﷲ، މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި އެވެ. އާމީން!
ޢަބްދުލްމުޢީދު ޙަސަންޑރ. މުޞްޠަފާ މަޙުމޫދު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މިޞްރުގެ އަލްމުނޫފިއްޔާގައި، މީލާދީ ސަނަތުން 1921 ވަނަ އަހަރު އެވެ. ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލުކުރެއްވި ދާއިރާއަކީ މެޑިސިން އެވެ. އޭނާއަކީ މެޑިކަލް ޑަކުޓަރެކެވެ. އޭގެ އިތުރުން، އޭނާއަކީ، މުފައްކިރެކެވެ. ލިޔުންތެރިއެކެވެ. ފިލޯސަފަރެކެވެ. ލިޔުންތެރިކަމާއި ތަޙުޤީޤުކުރުމުގެ މަސައްކަތް އޭނާ ފަށްޓަވާފައިވަނީ، 1960 ގައެވެ.
ޑރ. މުޞްޠަފާ މަޙުމޫދު ކާވަނި ބައްލަވައިގަތީ، 1961 ވަނަ އަހަރުގަ އެވެ. ދެބޭފުޅުން ލިބިވަޑައިގަތް ފަހުން، 1973 ގައި އެ ކާވަނި ރޫޅުނެވެ. ލިބިވަޑައިގަތް ދެ ބޭފުޅުންނަކީ، އަމަލު އާއި އަދުހަމް އެވެ. ދެން 1983 ގައި އެހެން ބޭކަނބަލަކާ ކާވަނި ބައްލަވައިގަތެވެ. ނަމަވެސް 1987 ގައި މި ކާވަނި ވަނީ ރޫޅިފައެވެ. އެއަށްފަހު، އޭނާގެ ހުރިހައި ވަގުތެއް ހިބަކުރައްވާފައިވަނީ އިސްލާމްދީނަށް ޚިދުމަތްކުރެއްވުމަށެވެ.