ތާރީޚީ ނަބިއްޔާ
ޢަބްދުﷲ ފާރޫޤް ޙަސަން
މުޙަންމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަރީޢާއިން ދުނިޔެއަށް ލިބިފައިވާ އަގުހުރި ގިނަގުނަ ހަދިޔާތަކުގެ ތެރެއިން އެންމެ މުޙިންމު އެއްހަދިޔާއަކީ ކީރިތި ޤުރުއާނުގައި " މަޤާމު މަޙްމޫދު " ގެ ނަމުން ނަންދެވިފައިވާ އަގުހުރި ހަދިޔާ އެވެ. އިތުރު ސާހިބާގެ ޒަރީޢާއިން ދުނިޔެއަށްވަނީ މުޙަންމަދީ ނަބީކަން ނުވަތަ އިޢުތިރާފްވެވިފައިވާ ނަބީކަމުގެ ހަދިޔާ ލިބިފައެވެ. ޤަބޫލުކުރެވިފައިވާ ނަބީކަމުގެ ނަސީބު ލިބިފައެވެ. އިޢުތިރާފްނުވެ ފަރުނުޖެހޭފަދަ ނަބީކަމެއްގެ ހަދިޔާ ލިބިފައެވެ.
ކީރިތި ޤުރުއާންގައި ފަންސަވީހަކަށް ނަބީބޭކަލުންގެ ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެބޭކަލުންގެ އިތުރަށްވެސް މާތްﷲ ގެ ޙަޟުރަތުން ވަޑައިގެންނެވި ކޮންމެ ނަބީބޭކަލަކީ ތެދުވެރި ނަބީބޭކަލެކެވެ. އަޅުގަނޑުމެން މުސްލިމުން ކުޑަވެސް ތަފާތުކުރުމަކާނުލައި އެހުރިހައި ބޭކަލުންނަށް އީމާންވަމުއެވެ. ނަމަވެސް ކަނޑައެޅިގެންހުރި ޢަޤްލީ ދަލީލުތަކާއި ތާރީޚީ ހެކިތަކުގެ ބިންގަލުގެ މަތިން އެބޭކަލުން ވަޒަނަކުރަން ބޭނުންވާ މީހުން ނަބީބޭކަލުންނާ ބެހޭގޮތުން ވަރަށްގިނަ ކަންތައްތަކެއް އޮޅުންފިލުވާން ބޭނުންވެއެވެ. ދެނެގަންނާން ބޭނުންވެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ އެނަބީބޭކަލަކީ ކޮންޤައުމެއްގެ ކޮންރަށެއްގައި އުޅުއްވި ބޭކަލެއްކަމެވެ. ކޮންއިރަކު ދުނިޔެއަށް ވަޑައިގެންނެވި ބޭކަލެއްކަމެވެ. އެބޭކަލުންގެ މައިކަނބަލުންނާއި ބަފައިކަލުންގެ ނަންފުޅަކީ ކޮބައިކަމެވެ. އެބޭކަލަކު ވާހަކަފުޅު ދައްކަވައި އުޅުއްވީ ކޮންބަހަކުން ކަމެވެ. އެބޭކަލަކާ އެއްދުވަސްވަރެއްގައި އުޅުއްވި މުއައްރިޚުން އެބޭކަލެއްގެ ވާހަކަ ލިޔުއްވާފައިވާކަން ނުވަތަ ނޫން ކަމެވެ.