އުމަވީ ދައުލަތާއި ޢައްބާސީ ދައުލަތުގެ ޤާޟީ: އަލް ޤާޟީ އަބޫ ލައިލާ
އިބްރާހީމް ރަޝީދު މޫސާ
އިސްލާމްދީން ބާވައިލައްވައި މި ދީން މި ބިމުގައި ސާބިތުވުމާ ވިދިގެން މުޖްތަމަޢުގެ އަފްރާދުންގެ މަސްއަލަތައް ޙައްލުކޮށްދޭނެ ނިޔާވެރީންނަށާއި، އަނިޔާވެރީންގެ އަނިޔާވެރިކަމުންނާއި ޙައްދުފަހަނަޅާއިދާ މީހުންގެ ޗާބޫކުތަކުން އެ މީހުން ޙިމާޠަތްކޮށް ޢަދުލު އިންސާފު ޤާއިމުކުރާން ކެރޭ ޤާޟީންތަކަކަށް މި ދީން ބޭނުންވެއެވެ. އިސްލާމް ދީނުގެ އުޞޫލުތަކުން މިސްތަކުންނަށް ލިބުނު އެންމެ ފޮނި އެއް މޭވާއަކީ މީސްތަކުންގެ ހިތްތަކުގައި އިންސާފުވެރިކަމުގެ ތިލަފަތް ޤާއިމުކުރުމެވެ. މި ތިލަފަތުން މީސްތަކުންނަށް އެމީހުންގެ ޙައްޤުތައް ކިރައިދޭނެ ބަޔަކު ލިބުމެވެ. އެ މީހުންގެ އަތްމަތިން ޢަދްލު އިންސާފު ޤާއިމުވެ މުޖްތަމަޢަށް އަމާންކަން ލިބުމެވެ. އެ މީހުންގެ އިންސާފުވެރިކަމުން ދުނިޔެއަށް ބާއްޖަވެރިކަން ލިބުމެވެ.
އަލްޤާޟީ އަބޫ ލައިލާއަކީ އަބޫ ޢަބްދުއްރަޙްމާނު ބިން އަބީ ލައިލާ ޔަސާރު ބިން ބިލާލު ބިން ބުލައިލު ބުނުލް ޙައްލާޖު ބިނުލް ޙަރީޝް ބިން ޢައުފު ބިން ޢަމްރުލް އައުސީ އަލްއަންޞާރީއެވެ. އެކަލޭގެފާނު ރައްކައުވީ ހިޖްރައިން 76ވަނަ އަހަރު ކޫފާގައެވެ. އެކަލޭގެފާނު ވަރަށް ތުއްޕުޅުއިރު ބަފައިކަލުން އަވަހާރަވެއްޖެއެވެ. އަބޫ ލައިލާ ޢިލްމު އުނގެނިވަޑައިގަތީ ކޫފާގެ ޢިލްމުވެރީންގެ އަރިހުންނެވެ. އެކަލޭގެފާނު ކޫފާގެ ޤާޟީކަމަށް އިސްކުރެވުނީ އުމަވީންގެ ޚިލާފަތުގައެވެ. އަބޫ ލައިލާ އަވަހާރަވީ 148ވަނަ އަހަރުގެ ރަމަޟާން މަހުގައެވެ. އެކަލޭގެފަނު ޤާޟީކަމުގައި 33 އަހަރު ހުންނެވިއެވެ. އެކަލޭގެފާނު ފަރާއިޟު ޢިލްމުގައި ފޮތެއް ލިޔުއްވިއެވެ.