ކީރިތި ޤުރުއާނުގެ މާނަ ފަހުމުކޮށްގަތުމަށް މަގެއް (12)
ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް، ގ. މަންޒިލް
(17 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ޝާއިޢުކުރި ބައާ ގުޅޭ)
އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 4
ހަތަރުވަނަ އާޔަތުގައި މުއުމިނުންގެ އިތުރު ސިފަތައް ބަޔާން ކުރެވިފައި ވެއެވެ. 'والذين يؤمنون بما أنزل إليك وما أنزل من قبلك وبالآخرة هم يوقنون، އަދި އެމީހުންނަކީ ކަލޭގެފާނުގެ މައްޗަށް ބާވައިލެއްވުނު އެއްޗަކަށާއި އަދި ކަލޭގެފާނުގެ ކުރީން ބާވައިލެއްވުނު އެއްޗިއްސައް ވެސް އީމާންވާ މީހުންނެވެ. އަދި އާޚިރަތް ދުވަސް އަންނާނޭ ކަމާ މެދު، އެ މީހުން ޔަގީންކުރެއެވެ' މި އާޔަތުގައެވެ. މި އާޔަތުގައި ފުރަތަމައަށް ބަޔާންކުރެވިފައި ވަނީ މުއުމިނުންނަކީ މާތްﷲ ބާވައިލެއްވި ފޮތްތަކަށް އީމާންވާ މީހުން ކަމެވެ. މި ގޮތުން، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ، މުހައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ފޮތް ކަމުގައިވާ ކީރިތި ޤުރުއާނަށް އެންމެ ފުރަތަމައިން، އެ މީހުން އީމާންވެއެވެ. މީގެ މާނައަކީ، އެ ފޮތަކީ މާތްﷲ ބާވައިލެއްވި ފޮތެއްކަން ހިތުގެ އަޑީން ގަބޫލުކުރުމެވެ. އަދި އެ ފޮތުގައިވާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަމުގައި ވެސް ގަބޫލުކުރުމެވެ. އަދި މި ގަބޫލު ކުރުން މުއުމިނުންގެ ކިބައިން ފެނިގެން ދެއެވެ. އެ މީހުނަކީ، އެ ފޮތުގައި އެންގަވައިފައިވާ ގޮތުގެ މަތީން، އެ މީހުންގެ އަމަލުތައް، ބެހެއްޓުމަށްޓަކައި މަސައްކަތްކުރާ ބައެކެވެ.