ލާމަސީލު އުސްތާޛު
ކައުޘަރު އަޙްމަދު ލަޠީފް
އާދަމް ޒާހިރު 2017 ވަނަ އަހަރު ޖަމާޢަތުގެ ޚަބަރުގައި ލިޔުއްވާފައިވާ ގޮތުގައި މުދައްރިސުންންގެ ވާޖިބާއި މަސައްކަތަކީ އަގުނުކުރެވޭ ގައުމީ މަސައްކަތެކެވެ. މުދައްރިސުންނަކީ ގައުމެއްގެ ދިރުމާއި އެގައުމުގެ ދަރިން ހެދި ފޯދުމުގެ މޭސްތިރިންނެވެ. ކިހާބޮޑު ތެދުފުޅެއް ތޯއެވެ. ތަޢުލީމީ ދާއިރާ ނުވަތަ އުނގަންނައިދިނުމާއި ތަރުބިއްޔަތު ކުރުމުގެ ދާއިރާގައި މަސައްކަތްކުރުމަކީ ހަމަ ހަގީގަތުގައި ވެސް ބުރަ ޒިންމާދާރު އަބުރުވެރި ކަމެކެވެ. ސަބަބުތައް ގިނަގުނައެވެ. އަޅުގަނޑަށް ވެސް އުނގަންނައިދިނުމުގައި ގާތްގަނޑަކަށް ހައެއްކަ އަހަރު ހޭދަކުރުމުގެ ފުރުސަތު ލިބިފައިވެއެވެ. އެހެން ނަމަވެސް ދަންނަވަންތޯއެވެ. މިދާއިރާގައި މަސައްކަތްކުރާ ކޮންމެ މީހަކީ އަދި ކާމިޔާބު މީހަކަށް ނުވެދާނެއެވެ. ކޮންމެ ކަމެއްގެ ވެސް ކާމިޔާބު ފެށޭ ހިސާބު ކަމަށް އަޅުގަނޑު ގަބޫލުކުރާ ހިސާބަކީ، ކުރަން އުޅޭ ކަމަކާމެދު ހިތުގައި ވަރުގަދަ ލޯތްބެއް އުފެދޭ ހިސާބެވެ. ދައްކާން މިއުޅޭ ވާހަކައަކީ އަޅުގަނޑަށް އުނގަންނަވައިދެއްވި އަޅުގަނޑުގެ ލާމަސީލު އުސްތާޛެއްގެ ވާހަކައެވެ.