މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ފުޓްބޯޅައިގެ ތާރީޚަށް ނަޒަރެއް |
|
|
| ކުޅިވަރު - ކުޅިވަރު | |
| 12 ޖޫން 2010، 01:27 ހޮނިހިރު | |
|
ޢަބްދުލްމުޢީދު ޙަސަން ފުޓްބޯޅައަކީ ޤަދީމީ ކުޅިވަރެކެވެ. މީލާދުގެ 2500 އަހަރު ކުރިން ޗައިނާ މީހުން ފުޓްބޯޅަ ކުޅެފައިވެ އެވެ. އޭރު އެބައިމީހުން، މޮޅުވާ ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރުމަށްޓަކައި ހަފުލާތައް ބާއްވާފައިވެ އެވެ. އަދި ދެރަވާ ޓީމުގެ ކުޅުންތެރިންގެ ގައިގައި ތަޅައި އަނިޔާކޮށްފައިވެ އެވެ. ޒަމާނުގެ ދުވަސްތަކާއެކު، ޗައިނާގައި ފުޓްބޯޅަ ތަރައްޤީވަމުންދިޔަ އެވެ. ޗައިނާ މީހުން ފުޓްބޯޅައަށް ކިޔާފައިވާ ނަމަކީ، ކޫޖޫ (Cuju) އެވެ.އޭރު ޗައިނާގައި ފުޓްބޯޅަ ކުޅެފައިވަނީ ފައިންނެވެ. ގޯލް ބަހައްޓާފައިވަނީ ކުޅޭތަނުގެ މެދުގަ އެވެ. ކުޅުންތެރިން، ބޯޅަ ބިމުގައި ނުޖައްސައި ގޯލަށް ގެންދެވޭތޯ ބަލަ އެވެ. މީލާދުގެ ކުރީގެ 476-221 އާ ދެމެދު ކޫޖޫއަކީ ޗައިނާގައި މަޤުބޫލުކަން ލިބިފައިވާ މަޝްހޫރު ކުޅިވަރެކެވެ. ޢަސްކަރީ ތަމްރީނެއްގެ ގޮތުގައި ކޫޖޫ ބޭނުންކުރެވުނެވެ. އެބައިމީހުން ކުޅުނު ބޯޅައިގެ އެތެރެ ފުރެންދެން ކެހެރި އަޅާފައިވެ އެވެ. މީލާދީން 600 ވަނަ އަހަރު ޖަޕާނު މީހުން ފުޓްބޯޅަ ކުޅެފައިވެ އެވެ. ޖަޕާނުމީހުން އެންމެ ފުރަތަމަ އެޔަށް ދީފައިވާ ނަމަކީ، (Kemari) އެވެ. މި ކުޅިވަރުގެ އަޞްލަކީ، ޗައިނާގެ ކޫޖޫ އެވެ. ޖަޕާނުގައި އެކުޅިވަރު ކުރިއަރައި ތަރައްޤީވި އެވެ. ޖަޕާނު ކުޅުންތެރިން ގޯލް ފާހަގަކޮށްފައިވަނީ، ދެ ދަނޑިންނެވެ. ކޮންމެ ދަނޑިއެއްގެ އުސްމިނަކީ ފަސްފޫޓެވެ. ކުޅެން ބޭނުންކުރި ބޯޅައިގެ ވަށަމިނަކީ ގާތްގަނޑަކަށް 22 ސެންޓިމީޓަރެވެ. މުބާރާތުގެ ދިގުމިނަކީ، ގާތްގަނޑަކަށް 20 މިނެޓެވެ. ![]() އިހުޒަމާނުގައި ޔޫނާނީންނާއި ރޫމީން، އެކިއެކި ބޯޅަ ގޭމްތައް ކުޅެފައިވެ އެވެ. ޔޫނާނީން ކުޅެފައިވާ އެފަދަ ގޭމްތަކުގެ ތެރޭގައި ފައިން ކުޅޭ ބޯޅަ ގޭމް ހިމެނެ އެވެ. އޭރު އެކުޅިވަރަށް (episkyros) ނުވަތަ (phaininda) މިނަން ކިޔާފައިވެ އެވެ. މީލާދުގެ ކުރީގެ ހަތަރުވަނަ ޤަރުނުގައި އުޅުނު ލިޔުންތެރިއެއް ކަމަށްވާ އެންޓިފާނިސްގެ (Antiphanes) ލިޔުންތަކުގައި އެކުޅިވަރު ނަންގަނެވިފައިވެ އެވެ. ބައެއް މުއައްރިޚުންގެ ނަޒަރުގައި، އެންމެ ފުރަތަމަ ފުޓްބޯޅަ ކުޅެންފެށީ، ޔޫނާނު މީހުންނެވެ. މީލާދުގެ ކުރީގައި މިޞްރު މީހުން ފުޓްބޯޅަ ކުޅުނެވެ. އެޒަމާނުގައި މިޞްރު މީހުން ބޯޅަ ހަދާފައިވަނީ، ލަކުޑިންނާއި ޖަނަވާރުގެ ހަމުންނާއި ފަތުންނެވެ. އެތަކެތިން ހަދާފައިވާ ބޯޅަތައް ރީތިކޮށް ޒީނަތްތެރިކުރުމަށްޓަކައި އޭގައި ގަދަ ކުލަތަކުން ކުލަޖައްސާފައިވެ އެވެ. މީލާދީން 448 ވަނަ އަހަރު މިޞްރަށް ޒިޔާރަތްކުރެއްވުމަށްފަހު ހިރޯޑްޓަސް ލިޔުއްވާފައިވެ އެވެ. "އަޅުގަނޑު މިޞްރަށް ދިޔައިރު، މިޞްރު މީހުން ބޯޅަ ކުޅެ އެވެ. އެއީ ބަކަރިހަމުން ހަދާފައިވާ ބޯޅައެކެވެ. އޭގެތެރެއަށް އަޅާފައިވަނީ ކަފައާއި ހުޔެވެ. ވާދަވެރި ދެ ޓީމެއްގެ ކުޅުންތެރިން، ފައިން އެ ބޯޅަ ކުޅެ އެވެ. ކަނޑައެޅިފައިވާ ވަކި ތަނަކަށް އެއްޓީމެއްގެ ބަޔަކު އެބޯޅަ ގެންދިއުމުން އެބައިމީހުންނަށް އެ ޖެހުނީ ގޯލެއް ކަމަށް ބެލެވެ އެވެ." އިހުޒަމާނުގައި ޢަރަބީން ފުޓްބޯޅަ ކުޅެފައިވާކަން، ޢަރަބީންގެ ޖާހިލިއްޔަ ޒަމާނުގެ ޅެންތަކުން އެނގޭކަމަށް ބައެއް ބާހިސުން ލިޔެފައިވެ އެވެ. މިޒަމާނުގެ ފުޓްބޯޅަ ތަޢާރުފުވެގެން އައީ، އިނގިރޭސިވިލާތުންނެވެ. ޑެންމާކުގެ ޢަސްކަރީ ބާރުތައް އިނގިރޭސިވިލާތުން ބޭރުކުރުމަށްފަހު އުފާފާޅުކުރުމުގެ ގޮތުން، 1016 މ. ވަނަ އަހަރު، އިނގިރޭސީން ފުޓްބޯޅަ ކުޅުނެވެ. އެކުޅިވަރުގައި އެބައިމީހުން ބޭނުންކޮށްފައިވަނީ މަރުވެފައިވާ ޑެންމާކު މީހުންގެ ގުނަވަންތައް ކަމަށް ބައެއް ލިޔުންތަކުގައިވެ އެވެ. އަދި އެބައިމީހުން ބޭނުންކުރީ، ޑެންމާކު ލަޝްކަރުގެ ލީޑަރުގެ ބޯ ކަމަށް ވެސް ބައެއް ލިޔުންތަކުގައިވެ އެވެ. މިހެންވެ، އެކުޅިވަރު ކުޅުން މަނާކުރެވުނެވެ. ނަމަވެސް އެކުޅިވަރު ޢާއްމުންގެ ތެރޭގައި ފެތުރުން ހުއްޓުމެއްނެތި ކުރިޔަށްދިޔަ އެވެ. ދެން އެކިއެކި ސަބަބުތަކަށްޓަކައި، ރަސްމީގޮތުން އެކުޅިވަރު މަނާކުރެވުނެވެ. އަދި ފުޓްބޯޅަ ކުޅެފި މީހަކަށް ދޭންޖެހޭ އަދަބަކީ، އެއް ހަފުތާގެ މުއްދަތައް ޖަލަށްލުން ކަމަށް ވެސް ކަނޑައެޅުނެވެ. މިޒަމާނުގެ ފުޓްބޯޅަ ކުޅިވަރުގެ މައިދާނުގައި ތަރައްޤީވެ، މަޝްހޫރު ކުޅިވަރަކަށް ވެގެން ދިޔައީ، ނަވާރަވަނަ ޤަރުނުގެ މެދުތެރޭގައި ކުރެވުނު މަސައްކަތްތަކެއްގެ ސަބަބުންނެވެ. ފުޓްބޯޅައިގެ ޒަމާނީ ޤަވާޢިދުތައް އެކުލަވާލުމުގެ މަސައްކަތް ފެށިފައިވަނީ، 1862 ވަނަ އަހަރު އެވެ. އަދި އިނގިރޭސިވިލާތުގައި ފުޓްބޯޅައާ ބެހޭ ރަސްމީ ފަރާތެއް އުފެދިފައިވަނީ، 1967 ވަނަ އަހަރު އެވެ. ފިރިހެނުންގެ ފުރަތަމަ ބައިނަލްއަޤުވާމީ ފުޓްބޯޅަ މުބާރާތް އިންތިޒާމުކުރެވުނީ، 1930 ވަނަ އަހަރުގަ އެވެ. އެފަހަރު ޗެމްޕިޔަންކަން ހޯދީ އުރުގުއޭ ގެ ޓީމެވެ. އަންހެނުންގެ ފުރަތަމަ ބައިނަލްއަޤުވާމީ ފުޓްބޯޅަ މުބާރާތް އިންތިޒާމުކުރެވުނީ 1991 ވަނަ އަހަރު ޗައިނާގަ އެވެ. އެފަހަރު ޗެމްޕިއަންކަން ހޯދީ ޔޫއެސްއޭ ގެ ޓީމެވެ. ފީފާއަކީ، ފުޓްބޯޅައާބެހޭ ބައިނަލްއަޤުވާމީ އިއްތިޙާދެވެ. ފީފާގެ، އަސްލު ނަމަކީ (Fédération Internationale de Football Association) އެވެ. މި އިއްތިޙާދު ތައުސީސްކުރެވުނީ، 21 މެއި 1904 ގައި، ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސްގަ އެވެ. މި އިއްތިޙާދުގެ މައިމަރުކަޒު ހުންނަނީ، ސްވިސްލޭންޑްގެ ޒިޔުރިކުގަ އެވެ. މިހާރު ދުނިޔޭގައި ފުޓްބޯޅައާބެހޭ ކަންތައްތައް އިންތިޒާމުކުރަނީ މި އިއްތިޙާދުންނެވެ. މަޞްދަރުތައް: ވިކިޕީޑިއާ. ޗައިނާކަލްޗަރ ޑޮޓް އޯރގް. ޝުރޫޤުނިއުސް ޑޮޓް ކޮމް. މުންތަދަޔާތުލް ކަނީސާ. ޖީލް-ލީބިޔާ ޑޮޓް ނެޓް.
|
| ހަމަ މި ގަލަމުން |
|---|
"ދޮގުހެދުމާއި ނުބައި ޢަމަލުތައް ކުރުމުން އެއްކިބާނުވާ މީހާ (ރަމަޟާންމަހުގެ ދުވާލު) ކާބޯތަކެއްޗާ ދުރުހެލިވެގެން ހުރުމަކަށް މާތް ﷲ އޭނާގެ ކިބައިން އެދިވޮޑިއެއްނުގަންނަވަ އެވެ." (ޙަދީޘްފުޅެއްގެ މާނަ) |