މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ނުވާނެޔޭ ނުކުރެވޭނެޔޭ ނުބުނާ ހުނަރުވެރި އަންހެން ކުއްޖާ |
|
|
| މުނިފޫހި - އެހެނިހެން | |
| 03 ސެޕްޓެމްބަރ 2011، 06:29 ހޮނިހިރު | |
ސާތިދާ މިއަދު ވެފައިވަނީ މުޅި ޤައުުމުގެ ފަޚުރަކަށެވެ.ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު އަޅުގަނޑު ރާއްޖޭން ބޭރަށް ކުރާ ކޮންމެ ދަތުރަކާ ގުޅިގެންވެސް ކޮންމެވެސް މަޢުލޫމާތުކޮޅެއް ފަންވަތުގެ ކިޔުންތެރީންނާ ޙިއްސާކޮށްލެވޭތޯ ބަލަމެވެ. ގިނަ ފަހަރަށް އަޅުގަނޑަށް ދިމާވާ ކަމެއްގެ ވާހަކައިންނެވެ. ނަމަވެސް މިފަހަރު ތިޔަ ބޭފުޅުންނާ މި ޙިއްޞާކޮށްލަނީ ތައިލެންޑްގެ މިއަދުގެ ފަޚުރު ކަމުގައިވާ ނާންގެ ވާހަކައެވެ. ލަވަކިޔުމުގެ ދާއިރާއިން މި ދިޔަ މަހު އާދަޔާ ޚިލާފު ބޮޑު ކާމިޔާބީއެއް ދުނިޔޭގެ ފެންވަރުގައި ޙާޞިލުކުރި ސާތިދާ ޕްރޮމްޕިރިޔާގެ ކާމިޔާބީގެ ވާހަކައެވެ.ގިނަ ބަޔެއްގެ ކުރިމައްޗަށް، ޢާއްމުންގެ ތެރެއަށް ނުކުމެ ފުރަތަމަ ފަހަރަށް ސާތިދާ (ނާން) ލަވައެއް ކީ އޭނާގެ ޢުމުރުން 10 އަހަރުގައި، ސްކޫލް ލަވަމުބާރާތެއްގައެވެ. އެ މުބާރާތާ ހަމައިން އޭނާގެ އަޑުގެ 'ތޫނުކަން' ހާމަވި އެވެ. މުދައްރިސުންނާއި ހެޔޮ އެދޭ މީހުންގެ ތަރުޙީބާއި ހިތްވަރުގެ ސަބަބުން އޭނާއަށް ލިބިފައި ވާ ލަވަކިޔުމުގެ ހުނަރާއިގެން ކުރިޔަށް ހަލުވި ފިޔަވަޅުތަކެއް ކުރިޔަށް އަޅަން ފެށި އެވެ. މިހާރު ޢުމުރުން 26 އަހަރު ފުރިފައިވާ ސާތިދާ އަކީ، މަޤްބޫލު، މަޝްހޫރު، އުންމީދީ ލަވަކިޔުންތެރިއެކެވެ. މީހުންގެ ހިތް ދަމައިގަންނަ ފަދަ ޖާދުވީ އަޑެއްގެ ވެރިއެކެވެ. އަދި މީހުންގެ އަޑު ތަމްރީނުކޮށްދޭ ހުނަރުވެރިއެކެވެ. ހުސްވި ސެޕްޓެމްބަރ މަހު ކުރީކޮޅު ސާތިދާ ޕްރޮމްޕިރިޔާގެ ނަން ދުނިޔޭގެ މީޑިއާގައްޔާއި އިންޓަރނެޓްގެ ހުރިހާ ދިމާއެއްގައި ފެތުރިގެން ދިޔައީ ސަބަބެއް ނެތިއެއް ނޫނެވެ. އެއީ އޭނާގެ ޤައުމަށް އޭނާ ހޯދައިދިން ޝަރަފަކަށްޓަކައެވެ. ޕާރފޯރމިންގ އާރޓްސްގެ ދާއިރާއިން ތައިލެންޑަށް ބައިނަލްއަޤްވާމީ ދާއިރާގައި ލިބުނު ފުރަތަމަ ކާމިޔާބީގެ ސަބަބު ކަމުގައި އޭނާ ވީތީ އެވެ. ލަވަ ކިޔުމުގެ ބައިނުލްއަޤުވާމީ މުބާރާތެއްގައި އޭނާ ބައިވެރިވި 5 ދާއިރާއަކުން (ކޮންމެ ދާއިރާއަކުން ވެސް) ރަން މެޑެލި އޭނާ ހޯދީތީ އެވެ. އެއީ "ހުށަހަޅައިދޭ ފަންނުގެ އޮލިމްޕިކްސް" ގެ ނަމުން މަޝްހޫރުވެފައިވާ "ދަ ވޯރލްޑް ޗެމްޕިއަންޝިޕްސް އޮފް ޕަރފޮރމިންގ އާރޓްސް" (ޑަބްލިޔޫސީއޯޕީއޭ) އެވެ. މި ބޮޑު މުބާރާތުގައި ސާތިދާ ބައިވެރިވި 5 ބައިންވެސް ފަޚުރުވެރި ރަންވަނަ އޭނާ ވަނީ ހޯދައިފައެވެ. ޑަބްލިޔޫސީއޯޕީއޭ އަކީ، ދުނިޔޭގެ އެންމެ ކުޅަދާނަ ފަންނާނުން ހޯދުމުގެ މަޤްޞަދުގައި، 1996 ން ފެށިގެން އަހަރަކު އެއްފަހަރު ހޮލީވުޑްގައި ބާއްވަމުން އަންނަ މުބާރާތެކެވެ. ހުށަހަޅައިދޭ ފަންނުތައް ނުވަތަ ޕަރފޮރމިންގ އާރޓްސްގެ ދާއިރާއިން ލަވަކިޔުމާއި ނެށުމާއި ތަމްސީލުކުރުމާއި (އެކްޓިންގ) މިޔުޒިކްގެ ސާމާނު ބޭނުންކުރުންފަދަ ހުރިހާ ބައިތަކަކަށް މި މުބާރާތުގައި އިންސާފުކުރެއެވެ. "މި މުބާރާތާ ބެހޭ ގޮތުން އަޅުގަނޑަށް މަޢުލޫމާތު ލިބުނީ ހަމަ އިއްތިފާގަކުން. މީގެ 3 އަހަރު ކުރިން އެއްދުވަހަކު ޔޫޓިއުބުން ވީޑިއޯ ކްލިޕްތަކެއް ބަލަމުން ދަނިކޮށް ފެނުނީ ފިލިޕީންސް ލަވަކިޔުންތެރިއެއްގެ ލަވައެއް. ޖެޑް މަޑެލާ ކިޔައިފައިވާ 'މުސްތަޙީލު ހުވަފެން' މި ލަވަ އަޅުގަނޑު ސަމާލުކުރުވި." ސާތިދާއަށް މި މުބާރާތް ތަޢާރުފު ވީ ގޮތް އޭނާ ކިޔައިދިނެވެ. "އޭނާގެ އަޑުގެ ފެންވަރާއި އަޑުގެންގުޅުމުގެ ހުނަރުތަކާއި އަޑުގެ އުކުޅުތައް އަޅުގަނޑުގެ ހިތުގައި ޚާއްޞަ ތަޢުރީފެއް އުފެއްދި. އަޅުގަނޑު ހިތަށް އެރި 'ސަހަރޯ އޭ! މީނާވެސް ވާނީ ހަމަ ކޮންމެވެސް . . . . މީހަކަށޭ'. އޭގެ ފަހުން އަޅުގަނޑަށް ފެނުނީ ޑަބްލިޔޫސީއޯޕީއޭ ގެ 2005 ގެ ޗެމްޕިއަންކަން ޖެޑް ހޯދިތަން. (މި މުބާރާތް) މިއީ ޙަޤީޤަތުގައި އަޅުގަނޑު މި ރޮނގުން ކުރިޔަށް ދިޔުމަށް ޝައުޤުވެރިވި ސަބަބަކީ. އެހެންކަމުން މި މުބާރާތާ ބެހޭ ގޮތުން މަޢުލޫމާތު ހޯދަން ފެށިން." ބައިނުލްއަޤުވާމީ މިފަދަ ބޮޑު މުބާރާތެއްގައި ވާދަކުރުމަކީ ވަރަށް ވާދަވެރި ކަމެއްކަމާއި އަދި އެއީ އޭނާއަށް ވަރަށް ބޮޑު ގޮންޖެހުމެއްކަމަށް ވާނެކަން ދެނެހުރެމެ، އޭނާ ގަސްތުކުރީ އޭނާގެ ހުނަރު ދައްކައިލުމަށެވެ. އެހެން ނަމަވެސް އެކަމާ ބެހޭ ޤަވާޢިދުތައް ދިރާސާކޮށްލުމުން އެނގުނީ މުބާރާތުގައި ބައިވެރިވުމުގެ ޝަރުޠު އޭނާގެ ފުރިހަމަ ނުވާ ކަމެވެ. "ޑަބްލިޔޫސީއޯޕީއޭ ގެ ރަސްމީ ވެބްސައިޓްގައި ވާ ގޮތުން އެ މުބާރާތުގައި ބައިވެރި ވެވެނީ ޑަބްލިޔޫސީއޯޕީއޭ ގެ މެންބަރު ޤައުމުތަކަށެވެ. އަދި މެންބަރު ކޮންމެ ޤައުމެއްގައި އެ ޤައުމުގެ ރައްޔިތުންގެ ތެރެއިން ޑިރެކްޓަރަކު ހުރެފައި އަހަރަކު އެއްފަހަރު އޮންނަ މި މުބާރާތުގައި އެ ޤައުމަކުން ވާދަކުރާނެ މީހަކު އެ ޤައުމަކުން ކަނޑައަޅަންޖެހެއެވެ. ކަންދިމާވި ގޮތުން ތައިލެންޑަކީ ޑަބްލިޔޫސީއޯޕީއޭ ގެ މެންބަރު ޤައުމެއް ނޫނެވެ." ސާތިދާ އޭނާގެ ހަނދާންތައް ޙިއްޞާކޮށްލިއެވެ. ކޮންމެއަކަސް ޢަޒުމްވަރުގަދަ ސާތިދާގެ އުންމީދާއި އަޒުމަކަށް މިކަމުގެ ސަބަބުން ލޮޅުމެއް ނޭރި އެވެ. އޭނާ އެކަންވެސް ބަލައިގަތީ ފަހި ނަޒަރަކުންނެވެ. އެހެންކަމުން އެ މުބާރާތުގައި ބައިވެރިވުމުގެ ޝައުޤުވެރިކަން ފާޅުކޮށް ޑަބްލިޔޫސީއޯޕީއޭ ގެ ރައީސް ގްރިފް އޮނެއިލަށް ސާތިދާ އީމޭލެއް ފޮނުވި އެވެ. މި އީމެއިލާ ގުޅިގެން، (ކުރިންވެސް ހީކުރެވިފައިވާ ގޮތުގެ މަތީން) ސާތިދާ އަށް ޖަވާބު ލިބުނީ 'ފަރުދެއް ނަމަވެސް ޖަމްޢިއްޔާ އަކުން ނަމަވެސް ތައިލެންޑަށް ކަނޑައަޅާނެ، ހުއްދަދެވިފައިވާ ޤައުމީ ޑިރެކްޓަރަކަށް އެދޭ ޤާބިލު މީހަކު ހޯދައި އެކަމަށް އޭނާ ލައްވައި ހުށަހެޅުމަށެވެ.' މުބާރާތުގައި ބައިވެރިވުމަށްޓަކައި ޤައުމީ ޑިރެކްޓަރެއް ހޯދުމުގެ ލަފާ ސާތިދާއަށް ލިބުމާއެކު އޭނާ ހިތަށް އެރީ އެކަން ކޮށްދޭނީ ކާކުބާވައެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން ކޮންމެވެސް ގޮތަކުން އެ މުބާރާތުގައި ބައިވެރިވެވޭނެ ކަމުގެ އުންމީދު ނައްތައެއް ނުލައެވެ. މުބާރާތުގައި ބައިވެރިވުމަށް ދިމާވި ހުރަސްތައް ނައްތައިލެވެންދެން ސާތިދާ އޭނާގެ އަސްލު މަސައްކަތުގައި ކުރިޔަށް ދިޔައެވެ. މީހުންނަށް އަޑުގެ ތަމްރީނު ދިނުމުގައެވެ. މި ދުވަސްވަރު މިޔުޒިކްގެ އެކި "އިވެންޓް"ތައް ބާއްވައި އަލްބަމްތަކަށް 'މެހުމާން ލަވަކިޔުންތެރިއެއް'ގެ ގޮތުން 'އަޑުއަޅައިދ'ީ އުޅުނެވެ. މި ގޮތަށް މަސައްކަތް ކުރަމުން އައިސް 2005 ގައި "ތައިލެންޑްގެ ޤައުމީ ލަވަމުބާރާތުން" ސާތިދާއަށް އެއްވަނަ ލިބިއްޖެ އެވެ. އޭނާ ހިތަށް އެރިއެވެ. މިއީ ސަރުކާރުގެ ރަސްމީ އިދާރާ އަކުން (ސަރުކާރުގެ ޢާއްމު ގުޅުންތަކާ ބެހޭ ޑިޕާޓްމަންޓުން) ބޭއްވި ޤައުމީ މުބާރާތެކެވެ. އެހެންކަމުން ޑަބްލިޔޫސީއޯޕީއޭގެ ޤައުމީ ޑިރެކްޓަރަކަށް އެތާގެ ފަރާތުން ވެވިދާނެ އެވެ. މި ޚިޔާލުގައި މި ކަމުގެ ތަފްޞީލުތައް ޑަބްލިޔޫސީއޯޕީއޭގެ ރައީސަށް އީމެއިިލަކުން ސާތިދާ ދެންނެވި އެވެ. މުބާރާތުގައި ބައިވެރިވުމުގެ އުންމީދުގައި އެކަމަށް އެދި ދުޢާކޮށްކޮށް ހުއްޓައި ދެ އަހަރުފަހުން ސާތިދާ ހިނިތުންކުރުވީ ޑަބްލިޔޫސީއޯޕީއޭގެ ބައިނުލްއަޤްވާމީ ސިލެކްޝަން ކޮމިޓީ އިން އޭނާ ކޮލިފައިވާކަމަށް ކަނޑައެޅުމުންނެވެ. ވަކިވަކި ފަރުދުންނަށް ޤައުމެއް ތަމްސީލުކުރެވޭ ގޮތަށް ހުޅުވައިލި "ޚާއްޞަ ބައި"ން އޭނާ އަށް ޖާގަ ދިނެވެ. "އަޅުގަނޑު އަދިވެސް އެ އީމެއިލް މަތިން ހަނދާންހުރޭ." ފައިބެ އަހަރު ކިރިސްޓިޔަން ޢީދުގެ ތެރޭ ލިބުނު އުފާވެރި އީމެއިލް އަށް އިޝާރާތްކުރަމުން ސާތިދާ ބުންޏެވެ. ކޮންމެއަކަސް މުޅި ތައިލެންޑް ފަޚުރުވެރިވާ ފަދަ އަދި އޭސިޔާ ހިނިތުންކުރުވި ކާމިޔާބީއެއް ހޮލީވުޑުން ސާތިދާ ހަމަ ހޯދީކީ ނޫނެވެ. ބައިވެރިވި ހުރިހާ އެއްޗަކުން އެއްވަނަ ހޯދީއެވެ. އަޅުގަނޑުގެ މިއަދުގެ ބަޠަލާ ސާތިދާ އަކީ ހަމަ އިއްތިފާޤަކުން ލަވަކިޔުންތެރިޔަކަށް ވީ ކުއްޖެއް ނޫނެވެ. އާދޭހެވެ. ސާތިދާ ޕްރޮމްޕިރިޔާ (ނާން) އަކީ އެ ޢާއިލާގައި ތިބި އެއްބަނޑު އެއްބަފާ 3 އުޚުތުންގެ ތެރެއިން އެންމެ ދޮށީ ދައްތައެވެ. މަންމައާއި ބައްޕައާއެކު މި 3 ކުދީންވެސް ދިރިއުޅެމުން އަންނަނީ ބެންކޮކްގައެވެ. ސާތިދާ އަކީ ކުޑައިރުއްސުރެ ލަވަޔާއި މިޔުޒިކަށާއި ޑިޒްނީ ތަޞްވީރަށް ލޯބިކުރި ކުއްޖެކެވެ. ނަތީޖާއެއްގެ ގޮތުން މުނިފޫހިފިލުވުމަށްޓަކައި ހުސްވަގުތު ސާތިިދާ ލަވަކިޔާން ފެށި އޭނާގެ އަމިއްލަ އުސްލޫބަކަށެވެ. އެއީ އޭނާ ބޭނުންވި ގޮތެވެ. އަދި އޭނާއަށް ބޭނުންވާ ގޮތްވެސް މެއެވެ. ފަހުން މރ. ސޮމްޗައި ވޮންގކުމްޕޫ ގެ ގާތުން ޕިޔާނޯކުޅުމުގެ ފިލާވަޅުތަކެއް ހޯދަމުން މިޔުޒިކުގެ ތެރެއަށް ފަންނީ ގޮތުން ވަންނަން ފެށިއެވެ. ސްކޫލް ދުވަސްވަރު ހޯދިކާމިޔާބީގެ އިތުރަށް މަތީ ތަޢުލީމުގެ ދުވަސްވަރު މުޔުޒިގެ ގޮތުން ނާން (ސާތިދާ) ކުރިޔަށް ޖެހިލިއެވެ. ޗުލަލޮންގކޮރްމް ޔުނިވަރސިޓީގެ ކޯރަސް ކްލަބާ ގުޅުމުގެ ސަބަބުން ނާން ވަރަށް ބޮޑަށް މަޝްހޫރުވެގެން ދިޔައެވެ. އަދި މި ޔުނިވަރ ސިޓީގެ 13 ވަނަ ލަވަ މުބާރާތުގެ އެއްވަނަ އިނާމާއި އެންމެ މަޤްބޫލު ލަވަކިޔުންތެރިޔާގެ ވޯޓު އޭނާ ކާމިޔާބުކުރިއެވެ. ނާންގެ ޢުމުރުން 21 އަހަރުގައި ޗުލަލޮންގކޮރްމް ޔުނިވަރސިޓީ އިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރިއެވެ. އެއީ ވިޔަފާރިއާ ބެހޭ ޤާނޫނުގެ ރޮނގުންނެވެ. ޔުނިވަރސިޓީ އިން ނާން ދަސްވެނިވިދާ ގިނަ ދުވަސްތަކެއް ނުވަނީސް "ލަންޑަން ކޮލެޖް އޮފް މިޔުޒިކް އެންޑް މީޑިއާ" އިން ލަވަކިޔުމުގެ ރޮނގުން، އެލްއެލް ސީ އެމް ޑިޕްލޮމާއެއް ނާން ހޯދިއެވެ. ނާން (ނުވަތަ ސާތިދާ) މިޔުޒިކުގެ ދާއިރާއިން ކޮށްފައިވާ ޚިދުމަތްތަކާއި ހޯދައިފައިވާ ކާމިޔާމީތައް ބަޔާންކުރުމަށް މިފަދަ ތިން ހަތަރު ޞަފުޙާ އަކުން ނުފުދޭނެ އެވެ. އެކަމަށް އެތައް ސަތޭކަ ޞަފްޙާއެއް ބޭނުންވާނެ އެވެ. އެހެން ކަމުން ތައިލެންޑްގެ ރަސްގެފާނުގެ އުފަންފުވަހުގެ ރަސްމިއްޔާތުގައި ހުށަހަޅާއިދިން ހުށަހަޅައިދިނުމަށް ރަދުންގެ ފަރާތްޕުޅުން ޝަރަފު ލިބިފައިވާ ނާނަށް މި ދާއިރާއިން ލިބިފައިވަ އެންމެ މަތިވެރި ޝަރަފަކީ ވޯލްޑް ޗެމްޕިއަންސް އޮފް ޕާރފޯރމިންގ އާރޓްސް މުބާރާތުގައި މުޅި މުބާރާތުން ސީނިއަރ ގްރޫޕުން 1 ވަނަ ލިބުމެވެ. ޢުމުރުން 25- 29 އަހަރުގެ ޢުމުރުފުރާއިން މި ކާމިޔާބީ ލިބުނު އިރު އޭނާ ބައިވެރި ކޮންމެ ބަޔަކުން ވަނީ ރަން މެޑެލި ހޯދައިފައެވެ. އެ ދާއިރާތަކަކީ "ބްރޯޑްވޭ، އޮޕެރާ، ޕޮޕް، ދުނިޔޭގެ މިޔުޒިކް މި 4 ބަޔާއި، ޖޭޒް/ސައުލް/އާރ އެންޑްބީ އެވެ. ކޮންމެ އަކަސް ނާނަކީ މިއަދު ތައިލެންޑްގެ ފަޚުރެކެވެ. އޭނާގެ ޖާދުވީ އަޑުގެ ޖާދޫގައި މުޅި ދުނިޔެވެސް ޖެހިއްޖެ އެވެ. އެއީ ނުވާނެޔޭ ބުނެ ކަންކަން ފަސޭހައިން ދޫކޮށްލުމަކީ ނާންކުރާނެ ކަމަކަށް ނުވާތީ އެވެ. އަދި ތިމާ ކުރަން ބޭނުން ކަމަކަށް ހުރަސް އެޅުނަސް އެ ހުރަސްތައް ނައްލައިލުމަށް ކެނޑިނޭޅި މަސައްކަތްކުރުމުންނެވެ. އާދެ! ނާން ނުވަތަ ސާތިދާ ޕްރޮމްޕިރިޔާގެ މި ކާމިޔާބީއިން ކޮންމެ މީހަކަށްވެސް ޢިބްރަތްތަކެއް ލިބުނުކަން ކަށަވަރެވެ. ކަންކަމުގައި ކުރިޔަށް ދިޔުމަށް ހިއްވަރު ލިބިއްޖެކަން ކަށަވަރެވެ. އުންމީދު އާލާވެއްޖެކަން ޔަޤީނެވެ. ނާނަށް އަޅުގަނޑު އެދެނީ ގިނަ ކުރިއެރުންތަކާއި އިތުރު ކާމިޔާބީއެވެ. ---------- (ނިމުނީ) މަޢުލޫމާތު: ބޭންކޮކް ޕޯސްޓް (31 އޮގަސްޓް 2011)
|
| ހަމަ މި ގަލަމުން |
|---|