މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
| ރަމަޟާންމަހުގެ ދީވާނުގައި (2) |
|
|
| މުނިފޫހި - އެހެނިހެން | |||
| 03 ސެޕްޓެމްބަރ 2010، 17:33 ހުކުރު | |||
|
އެއްކޮށް،ލިޔުނީ: އަޙްމަދު އަޖްމަލް ޙާމިދު 27 އޮގަސްޓް(ހުކުރު) އާ ގުޅޭ... 7. ރަހުމަތްތެރިން ކުރާ އަނިޔާ އެއްދުވަހަކު އެކުވެރި ދެ ރަޙްމަތްތެރިޔަކު ސަހަރާތެރޭ ހިނގަމުންދިޔަ އެވެ. އޭގެ ދެ މީހުން ސަހަރާގެ އަޑިގުޑަންތައް ހުރަސްކުރަމުންދިޔައީ އޮލަ ވާހަކައިގެ ތިބެއެވެ. މިހެން ގޮސް އެ ދެމީހުންގެ ދެމެދުގައި ދެކެވުނު ވާހަކަ ހޫނުވެގެން ގޮސް ބޮޑު ތަޅާފޮޅުމަކަށް ބަދަލުވެގެން ހިނގައްޖެ އެވެ. އޭގެތެރެއިން އެކަކު އަނެކަކުގެ މޫނުމަތީ ޖަހައިފި އެވެ. އަނިޔާވި އެކުވެރިޔާ އޭނާގެ ރަޙްމަތްތެރިޔާ ދެކެ ވަރަށް ގަދަޔަށް ރުޅިއަ އެވެ. ނަމަވެސް އޭނާ އެކަމުގެ ބަދަލެއް ނުހިފަ އެވެ. އޭނާ ބިންމަތީ ދެކަކޫޖަހައި އިށީނެވެ. އަދި ބިމުގެ ވެލިގަނޑުގައި
އަތުން ލިޔެލި އެވެ. މި އަދު އަހަރެންގެ އެކުވެރިޔާ އަހަރެންގެ މޫނުމަތީ ޖެހި އެވެ.އޭގެ ދެ އެކުވެރިން ދެން ހިނގަމުންދިޔައީ ހިމޭނުން ތިބެ އެވެ. އެ މީހުންނަށް ހިނގަމުން ގޮސް ފެންގަނޑެއްގެ ކައިރިއަށް ދެވިއްޖެ އެވެ. އޭގެ ދެމީހުން އަރާމުކޮށްލުމަށް ފެންގަނޑުކައިރީ މަޑުކޮށްލި އެވެ. އަނިޔާލިބުނު އެކުވެރިޔާ ފަތާލަން ފެންގަނޑަށް އެރުނެވެ. ދެންހުރިމީހާ ކަދުރު ރުކެއްގެ ހިޔަލުގައި ޖައްސާލި އެވެ. ކަދުރު ރުކުގެ ދަށުގައި އޮތް މީހާ އެއްލި ކަޅިއަކުން އޭނާގެ އެކުވެރިޔާ ގެނބޭތަން ފެނުނެވެ. ވަގުތުން އޭނާ ތެދުވެ އެ ފެންގަނޑުތެރެއަށް ފުންމާލި އެވެ. އަދި އޭނާގެ އެކުވެރިޔާ ސަލާމަތްކޮށް އެއްގަމަށް އެރުވި އެވެ. އޭނާގެ އެކުވެރިޔާއަށް ލިބިފައިވާ ސިހުން ފިލުމުން އޭނާ ހިލަގަނޑެއް ނެގި އެވެ. އަދި އޭގައި ބޮޑުއަކުރުން ކަނޑާނެދި އެވެ. މި އަދު އަހަރެންގެ އެކުވެރިޔާ އަހަރެން ސަލާމަތް ކޮށްދިނެވެ. އޭނާގެ ގައިގައި ޖެހި، އަދި އޭނާ ސަލާމަތް ވެސް ކުރި އެކުވެރިޔާ އޭނާކުރެން އެއްސެވެ. "ތިބާ ކުރިން ވެލިގަނޑުގައި ލިޔެފައި މިހާރު ހިލައިގައި ތިޔަ ކަނޑާނަގަނީ ކީއްވެ ހެއްޔެވެ؟" "ތިބާގެ އެކުވެރިއެއް ތިބާއަށް އަނިޔާއެއް ދީފިނަމަ އެވާހަކަ ލިޔަންވާނީ ވެލިގަނޑުގަ އެވެ. އޭރުން މާފުކުރުމުގެ ވައިރޯޅިތައް އެކަން ފޮހެލަފާނެ އެވެ. ނަމަވެސް ތިބާގެ އެކުވެރިޔަކު، ހެޔޮކަމެއް ކޮށްދީފިނަމަ އެ ވާހަކަ ލިޔެ ކަނޑާ ނަގަންވާނީ ހިލައިގަ އެވެ. އޭރުން އެކަމެއް ހަނދާނެއް ނުނެތޭނެ އެވެ." އޭނާގެ އެކުވެރިޔާ ޖަވާބުދިނެވެ. 8. ދީލަތި ދުޝްމަނު އެއީ މީލާދީ ގޮތުން 1191 ވަނަ އަހަރުގެ އެޕްރީލްމަހު ހިނގިކަމެކެވެ. ޞަލީބީންނާއި އެ މީހުންގެ ދުޝްމަނުންނާ ދެމެދު ކުރެވެމުންދާ ހަނގުރާމަވަނީ ވަރުގަދަވެ ހޫނުވެފަ އެވެ. ޞަލީބީ އަންހެނެއްގެ ތިންމަހުގެ ކުޑަ ދަރިފުޅު އޭނާގެ ފޭލިގެއިން ވަގަށްނެގެވި، އަޅުކުއްޖެއްގެ ގޮތުގައި ބާޒާރުގައި ވިއްކާލެވުނެވެ. ހިތާމައިން ފުރިފައިވާ ހާލު އެ އަންހެނާ އޭނާގެ ދުޝްމަނުންގެ ވެރިޔާގެ އަރިހަށް ހިނގައްޖެ އެވެ. އަދި އޭނާގެ ކުޑަ ދަރިފުޅަށްވީ ގޮތް ދަންނަވައިފި އެވެ. އެ ވެރިޔާ އެ އަންހެނާގެ ވާހަކަ ކަނުލައި އަޑު އެއްސެވި އެވެ. އަދި ހަމަ އެ ހިނދުންފެށިގެން އެ ތުއްތު ކުއްޖާފުޅު ހޯދުމުގެ މަސައްކަތުގައި މީހުން ފޮނުއްވައިފި އެވެ. އެ ކުއްޖާ ފެނިވަޑައިގަތުމަށްފަހު، އަމިއްލަ ޖީބުފުޅުން ފައިސާ ހޭދަކުރައްވައި އެކުއްޖާ މިނިވަން ކޮށްދެއްވައިފި އެވެ. މި އިޝާރާތްކުރާ ވެރިޔަކީ ކާކުތޯ އެވެ؟ މަޝްހޫރު އިސްލާމީ މުޖާހިދު، ކޮމާންޑަރު އަދި މުޖައްދިދު ޞަލާޙުއްދީނުލްއައްޔޫބީ އެވެ. ޞަލާޙުއްދީނުގެ ވަރަށް އަރިސް، އެކުވެރިއެއްކަމުގައިވާ އަލްމުއައްރިޚު ބަހާއުއްދީން، ހަމަލޯފުޅުން ދެކެވަޑައިގެންނެވި މިހާދިސާ ކިޔައި ދެއްވަނީ އަންނަނިވި ޢިބާރާތުންނެވެ. "އެކަލޭގެފާނު އެކުއްޖާ އޭނާގެ މަންމައަށް ރައްދުކުރެއްވި އެވެ. އެ މަންމަ އެ ދަރިފުޅު އުރާލައި މެޔާލާ ބައްދާލި އެވެ. އޭރު ވެސް އެ މަންމަގެ ދެލޮލުން ކޯތާފަތްމައްޗަށް ކަރުނަތައް ފައިބަމުންދިޔަ އެވެ. އެތައް ބަޔަކު މި ތަންދެކޭން ރޮވިރޮވި ތިއްބެވެ. އަހަރެން ވެސް ވީ އެމީހުންގެ ތެރެއިންނެވެ. އެ އަންހެންމީހާ އެކުއްޖާއަށް އިރުކޮޅެއް ވަންދެން ގާތުންދިނެވެ. އަދި އެކަން ނިމުމުން، އެކަނބުލޭގެ ސަވާރުވާނޭ އަހެއް ގެނެސް އޭނާ އަށް ދިނުމަށް ޞަލާޙުއްދީނު އަމުރުކުރެއްވި އެވެ. ދެން އެއަންހެންމީހާ އޭގައި އޭނާގެ ފޭލިގެއަށް އެނބުރި ހިނގައްޖެ އެވެ." 9. ނަގުލަންދާށްޓާއި ހަރުފަ ޞާލިޙް މީހަކު ކިޔައިދީފައިވާ ވާހަކައެއް އިމާމް ރާޒީ ރަޙިމަހު ﷲ ލިޔުއްވާފައިވެ އެވެ. އެމީހާ ކިޔައިދެ އެވެ. "އެއްދުވަހަކު ހަވީރު އަހަރެން ކޯރެއްގެ އައްސޭރިގައި ހިނގަމުންދަނިކޮށް، އެއްލި ކަޅިއަކުން ނަގުލަންދާށްޓެއް ފެނިއްޖެ އެވެ. އަހަރެންގެ ހިތަށް އެރި އެވެ. އެއީ ވެސް މާތް ﷲ ތަޢާލާ ކޮންމެވެސް ޙިކްމަތަކާއި ސަބަބަކަށްޓައި ހައްދަވާފައިވާ މަޚްލޫޤެއްކަން ޔަޤީނެވެ. އަހަންނަކަށް އެ އަންނަނީ ކޮންތަނަކުން ކަމެއް ނުވަތަ އެދަނީ ކޮންތަނަކަށް ކަމެއް ނުވަތަ އޭގެ ހޮރުވީ ކޮން ހިސާބެއްގައި ކަމެއް ވެސް ނޭނގެ އެވެ. އަހަރެން ނުކުތީ ހިނގާލާށެވެ. އަހަންނަށް ވަގުތު އެބައޮތެވެ. އެހެންވެ އަހަރެން އޭގެ ފަހަތުން ދިޔައީމެވެ. އެ ނަގުލަންދާށި ވަކި ހިސާބަކަށްގޮސް، ކޯރުގެ ގުންޑޮޅިކައިރީގައި މަޑުކޮށްލި އެވެ. އަހަރެން ވެސް އެ ސޮރު ކައިރީގައި މަޑުކޮށްލައިގެން ހުރީމެވެ. އިރުކޮޅަކުން ކޯރުތެރެއިން ކަހަނބެއް ދައްކާލައިފި އެވެ. އެ ކަހަނބު ޖަހަމުން އައިސް ތިލަ ކޮށްލީ އެނަގުލަންދާށްޓާ ދިމާޔަށެވެ. ނަގުލަންދާށި އެ ކަހަނބުގެ ގުދާރު މައްޗަށް އަރައި ހަމަޖެހިލިތަން ފެނުމުން އަހަރެން ހައިރާންވީމެވެ. މި ހިނގާދިޔަ އާދަޔާ ޚިލާފު ކަންތަކުގެ ސަބަބުން އަހަރެން އެ ނަގުލަންދާށި އެ ދަނީ ކޮންތާކަށްތޯ ބަލަން އިތުރަށް ޝައުޤުވެރިވި އެވެ. އަހަރެން އެ ދޭތީގެ ފަހަތުން ދިޔައީމެވެ. އެނަގުލަންދާށްޓަށް ކޯރުގެ އަނެއް ފަރާތަށް ދެވުމާއެކު ކަހަނބުގެ ގުދާރުމަތިން އެއްގަމަށް ފުއްމާލި އެވެ. އަދި ހަލުވިކަމާއެކު، ވަކި މިސްރާބެއް އަދައިގެން ދާން ފަށައިފި އެވެ. އެދާ ދިމާގައި، ގަހެއްގެ ދޮށުގައި މީހަކު ނިދާފައި އޮއްވާ އަހަންނަށް ފެނުނެވެ. އަހަރެން ހީކުރީ އެނަގުލަންދާށި އެ މީހާގެ ގައިގައި އޭގެ ބަރަފައިން ދަތް އަޅާނެ ކަމަށެވެ. އެހެންވީމާ އަހަރެން އޭނާއަށް އަވަހަށް ގޮވަން ހިތަށް އެރި އެވެ. ނަމަވެސް އަހަރެން އޭނާއަށް ގޮވަން ހަރަކާތްކޮށްލިތަނާހެން، އޭނާގެ ބޮލާވީ ކޮޅުގައި އަނގަ ހުޅުވައިގެން ވިހަލާން ތައްޔާރަށް އިން ވިހަގަދަ ހަރުފައެއް ފެނުނެވެ. ކުއްލިއަކަށް އެއްކަލަ ނަގުލަންދާށި އެހަރުފައާ ދިމާކޮށްލައި އޭގެ ގަޔަށް ވަރަށް ބާރަށް ކަށި ޖެހި އެވެ. ވަގުތުން އެ ހަރުފަ ތަންޑާވެގެން ބިއްޗަށްޗަށް ވެއްޓިއްޖެ އެވެ. އަހަރެންގެ ކުރިމަތީ މިހިނގާދިޔަ އަޖާއިބުކުރުވަނިވި ކަންކަމާހެދި އަހަރެންގެ ހިތަށް އެރި އެވެ. މި ތާ މި އޮންނެވި ބޭކަލަކު ވާނީ ވަރަށް ޞާލިޙް ބޭކަލަކު ކަމުގަ އެވެ. އަހަރެންނަށް ދުޢާ ކޮށްދިނުމަށް އެދުމަށްޓަކައި އޭނާއާ ގާތްވެލީމެވެ. ރަނގަޅަށް ޚަބަރު ދަބަރު އޮޅުން ފިލި އިރު، މި މީހަކީ، ރާބޮއި އަމަލުވެގެން ބިންމައްޗަށް ދެމިފައި އޮތް މީހެކެވެ. އަހަރެން ޢަޖާއިބުވީމެވެ. އިރުކޮޅަކުން އޭނާ ހޭލި އެވެ. އަދި އަހަރެން އޭނާއަށް ކަން ހިނގައިދިޔަ ގޮތް ކިޔައިދިނުމުން އޭނާގެ ހިތަށް އަސަރުކޮށް ވަގުތުން އޭނާ ތައުބާވި އެވެ. މާތް ﷲ ގެ ރަޙްމަތްފުޅުވަނީ އެކަލާނގެ އަޅުތަކުންނަށް ތަނަވަސްވެގެނެވެ. އެއީ އަހަރުމެން އެކަލާނގެއަށް ރުޖޫޢަވާނަމަ އެވެ." 10. އަންނާރު އިބްރާހީމު އިބްނު އަދުހަމަކީ ޒުހުދުވެރިކަމުގެ ދިރިއުޅުއްވުމަކަށްޓަކައި ރަސްކަމުގެ ތަޚުތު ދޫކޮށްލެއްވި އަޅުވެރިޔެކެވެ. އެއްފަހަރަކު އެކަލޭގެފާނު ބަގީޗާއެއް ބެލެހެއްޓެވުމަށް ހަވާލުވެވަޑައިގަތެވެ. އެއްދުވަހަކު ބަގީޗާގެ ވެރިޔާ އޭނާ ކާލާނެ އަންނާރެއް ގެނެސްދިނުމަށް އިބްރާހީމަށް ވިދާޅުވި އެވެ. އިބްރާހީމު ވަޑައިގެން ދޮން އަންނާރެއް ބިންނަވާ ބަގީޗާގެ ވެރިޔާއަށް އެރުއްވި އެވެ. ބަގީޗާގެ ވެރިޔާ ރަހަ ބެއްލެވުމާއެކު އޭގައި މާ ހުތްރަހަ ގަދަކަމަށްވެގެން ފަރީއެއް ނުކުޅުއްވި އެވެ. އަދި އެހެން އަންނާރެއް ގެނެސްދީބަލާށޭ އިބްރާހީމު އަރިހުގައި ވިދާޅު ވެއްޖެ އެވެ. އިބްރާހީމް އަނެއްކާ ވެސް ދޮންވެ ފައްކާވެފައިވާ އަންނާރެއް ގެންނެވި އެވެ. ނަމަވެސް އެއިންވެސް ދިނީ ހިތި ހުތް ރަހައެކެވެ. ބަގީޗާގެ ވެރިޔާ ކޯފާވެ ގަދަ އަޑުފުޅުން ހަޅޭފުޅުލަވައިގަތެވެ. "ކަލޭ މަގޭ ބަގީޗާ ބަލަހައްޓާތާ މިއޮއްހައި ދުވަސްވީއިރު ވެސް ފޮނި އަންނާރާއި ހުތް އަންނާރު ވަކިކުރާކަށް ނޭނގުނު ހެއްޔެވެ؟ މިގަސްތަކާބެހޭ އެއްކަމެއް ވެސް ކަލެއަށް ނޭނގެނީ ހެއްޔެވެ؟" އިބްރާހީމް އެއްވެސް ފަސްޖެހުމަކާނުލައި ވިދާޅުވި އެވެ. "އަޅުގަނޑުގެ ޒިންމާއަކީ އެއްވެސް ހާލެއްގައި މިބަގީޗާގައި އަޅާ މޭވާ ރަހަބެލުމެއް ނޫނެވެ. ނަމަވެސް މިބަގީޗާ ބެލެހެއްޓުމެވެ. އަޅުގަނޑު އަޅުގަނޑުގެ ޒިންމާ ފުރިހަމަޔަށް އަދާކުރަމެވެ." ބަގީޗާގެ ވެރިޔާއަށް އޭނާގެ ޚިދުމަތުގައިވާ މި މަސައްކަތުމީހާގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަން ފެނި އޭނާގެ އުޖޫރަ ބޮޑުކުރެއްވި އެވެ. ނަމަވެސް އުޖޫރަ ބޮޑުކުރާއިރަށް އިބްރާހީމް މަސައްކަތް ދޫކޮށްލައްވައިފި އެވެ. ބަގީޗާގެ ވެރިޔާ އެ ކަލޭގެފާނުގެ އަރިހުން އެކަލޭގެފާނު މަސައްކަތް ދޫކޮށްލެއްވީ ކީއްވެގެންތޯ ސުވާލު ކުރެއްވި އެވެ. އެކަލޭގެފާނު ދެންނެވި އެވެ. "މިއަދާ ހަމައަށް އަޅުގަނޑަށް އުޖޫރަ ދެއްވީ ބަގީޗާ ބެލެހެއްޓުމަށެވެ. ނަމަވެސް އަދު އަޅުގަނޑަށް އުޖޫރަ ދެއްވަން ތިއުޅުއްވަނީ އަޅުގަނޑުގެ އިޚްލާޞްތެރިކަމަށެވެ. އަޅުގަނޑު އަޅުގަނޑުގެ ތަޤްވާއަކުން ވިޔަފާރިއެއް ނުކުރާނަމަވެ." 11. ޤާޟީންގެ ޤާޟީ ޢައްބާސީންގެ ބާރު ވަރުގަދަކުރެއްވުމުގެ މަޤްޞަދުގައި އަބޫޖަޢުފަރުލް މަންޞޫރު އެ ޒަމާނުގެ އެންމެ ބޮޑު ޢިލްމުވެރިޔާކަމުގައިވާ އިމާމް އަބޫޙަނީފާގެ އަރިހުން ޤާޟީންގެ ޤާޟީ، އާދެ ދައުލަތުގެ އުއްތަމަފަނޑިޔާރަކަށް ވެވަޑައިގަތުމަށް އެދެވަޑައިގަތެވެ. މިމަޤާމަކީ އުއްމަތުގެ ޝަރުޢީ ނިޡާމުގެ ކަންކަން އިންތިޒާމުކޮށް ކޮންޓުރޯލު ކުރުމުގެ މަޤްޞަދުގައި އަލަށް އުފައްދާފައިވާ މަޤާމެކެވެ. ނަމަވެސް އަލްމަންޞޫރުގެ އަނިޔާވެރިކަން ފޮރުވުމަށް ބޭނުންކުރެވޭނެ ނިވާފަތްގަނޑަކަށް ވެވަޑައިގަންނަވަން ބޭނުންފުޅު ނު ވާތީ އިމާމް އަބޫޙަނީފާ އިންކާރުކުރެއްވި އެވެ. "މީހުންނަށް އަޅުގަނޑުމެންނަކީ ތާއީދުކުރަން އެކަށީގެންނުވާވަރުގެ ބަޔެއްކަމުގައި ދެއްކެވުމަށް ކަލޭގެފާނު ބޭނުންފުޅު ވަނީތޯ އެވެ؟" އަލްމަންޞޫރު މި ފަދައިން ސުވާލު ކުރެއްވި އެވެ. އިމާމް އަބޫޙަނީފާ ޖަވާބުގައި ވިދާޅުވީ ތިމަންކަލޭގެފާނަކީ ތިޔަ ވިދާޅުވާ މަޤާމަށް ކުފޫ ހަމަވާ މީހަކު ކަމުގައި ދެކިވަޑައިނުގަންނަވާތީ، އެކަން ގަބޫލު ކުރެއްވެން ނެތީ ކަމަށެވެ. އަލްމަންޞޫރު ވިދާޅުވިއެވެ. "ކަލޭގެފާނަކީ ދޮގުވެރިއެކެވެ." އިމާމް އަބޫޙަނީފާ ފުރުޞަތުގެ ބޭނުން ހިއްޕަވާ ވިދާޅުވި އެވެ. "އަޅުގަނޑަކީ ދޮގުވެރިއެއްކަމުގައިވާނަމަ، އަޅުގަނޑަކީ އެ މަޤާމަށް އެކަށީގެންވާ މީހެއް ނޫނެވެ. އަދި އަޅުގަނޑަކީ ތެދުވެރިޔަކަށްވާނަމަ، އަޅުގަނޑު އެ މަޤާމަށް އެކަށީގެންނުވާ ވާހަކަ ދަންނަވައިފީމެވެ." މިޒުވާބުން މޮޅެވެވޭނެ ގޮތެއް ފެނިވަޑައިނުގެން އަލްމަންޞޫރު އެކަލޭގެފާނު ހުރަގެއަށް ލެއްވި އެވެ. 12. ދެހައިވާނު ތަންކޮޅެއް ހަރުމީހަކު އޭނާގެ ކާފަ ދަރިފުޅު އޭނާގެ އުނގަށް ލައިގެން އިނެވެ. އޭނާ އެ ކުއްޖާއަށް ބުންޏެވެ. "ކާފަގެ ހިތުތެރޭ ދެހައިވާނަކު ތަޅާފޮޅާހެން ކާފައަށް ހީވެއެވެ. އެތަނުން އެއްހައިވާނަކީ ދަހި، އަނިޔާވެރި އަދި ބަދަލުހިފުމުގެ ރޫޙުވަރު ގަދަ އެއްޗެކެވެ. ދެން އޮތް އެއްޗަކީ ރަޙުމްކުރަން ދަންނަ، ދީލަތި އަދި ހަރުދަނާ ޢަޤީދާއެއްގެވެރި އެއްޗެކެވެ." "އޭގެ ތެރެއިން މޮޅުވާނީ ކޮން ހައިވާނެއްތޯއެވެ؟" އޭނާގެ ކާފަ ދަރިފުޅު ސުވާލުކުރި އެވެ. "ކާފަ އެ އެއްޗަކަށް ކާންދިން ހައިވާނެކެވެ." ކާފަ ޖަވާބުދިނެވެ. (ނިމުނީ) މިލިޔުން އެޑިޓްކޮށްދެއްވި އަލްއަޚް އަޙްމަދު ޝަމީން ދޮންމަނިކަށް ޝުކުރު ދަންނަވަމެވެ.
|
| ހަމަ މި ގަލަމުން |
|---|