އަޙުމަދު ޖަވާދު / ޅ. ނައިފަރު
15 ސެޕްޓެމްބަރ 2011 (ބުރާސްފަތި) ގުޅޭ
2001 ވަނަ އަހަރު- އޮޕަރޭޓިންގ ސިސްޓަމްތަކުގެ އެތައްބައިވަރު އަޕްޑޭޓްތަކާއެކު މައިކްރޯސޮފްޓް ވިންޑޯޒް އެކްސްޕީ ބާޒާރަށް ނެރުނެވެ. - އިންޓެލް ޕެންޓިއަމް 4 ގެ 1.4 ގިގަ ހާރޓްޒް ގެ ޗިޕް ތަޢާރަފްވިއެވެ. މި ޗިޕްގައި 42 މިލިއަން ޓްރާންސިސްޓަރ ހިމެނިފައި ވެއެވެ.
- މައިކްރޯސޮފްޓް އޮފީސް އެކްސްޕީ ބާޒާރަށް ނެރުނެވެ. - މަޝްހޫރު ވިކިޕީޑިއާ ވެބްސައިޓް ތަޢާރަފްވިއެވެ.
2002 ވަނަ އަހަރު- ޓެބްލެޓް ޕީސީ އަށް ގެނައި އާބަދަލުތަކަކާއެކު އަލުން ތަޢާރަފްވިއެވެ. - މައިކްރޯސޮފްޓް ޑޮޓް ނެޓް ލައިބްރަރީ ތަޢާރަފްކުރިއެވެ. މިއީ ވިންޑޯޒްގެ ކޮންޕިއުޓަރތަކަށް ސޮފްޓްވެއަރ ތައްޔާރުކުރުމަށް ބިންގަލެއްގެ ގޮތުގައި ބޭނުންކުރާ ކޯޑް ލައިބްރަރީ އެކެވެ. - ޑީ.ވީ.ޑީއަށް ރައިޓްކުރާ އާލާތްތައް އުފެއްދިއެވެ. - އިންޓެލް ޕެންޓިއަމް 4 ގެ 3.06 ގިގަހާޓްޒްގެ ޗިޕް ބާޒާރަށް ނެރުނެވެ. މި ޗިޕްގައި ބިލިއަނުން ގުނާލެވޭ ޢަދަދަކަށް ޓްރާންސިސްޓަރ ހިމެނިފައިވެއެވެ. އަދި ހައިޕަރ ތްރެޑިންގ ޓެކްނޮލޮޖީ ހިމެނިފައި ވެއެވެ.
2003 ވަނަ އަހަރު- ވަޔަލެސް ޓެކްނޮލޮޖީ ޢާއްމުވާން ފެށިއެވެ. - މައިކްރޯސޮފްޓް އޮފީސް 2003 ބާޒާރަށް ނެރުނެވެ. 70 ބަހުން ހެދިފައިވާ އޮފީސް ޕެކޭޖްގެ 400 މިލިއަން ކޮޕީ 175 ޤައުމެއްގައި ވިކިފައި ވެއެވެ. - އޮންލައިން ސޯޝަލް ނެޓްވޯކެއް ކަމަށްވާ މައި- ސްޕޭސް ވުޖޫދަށްއައެވެ.
2004 ވަނަ އަހަރު- އެލް.ސީ.ޑި ކޮންޕިއުޓަރ މޮނިޓަރ ބޭނުންކުރުން ޢާއްމުވާން ފެށިއެވެ. - ޕީ.ޑީ.އޭ ގެ ބަދަލުގައި ސްމާޓްފޯން ބޭނުންކުރުން އިތުރުވާން ފެށިއެވެ. - މަޝްހޫރު ސޯޝަލް ނެޓްވޯކް، ފޭސްބުކް، ވުޖޫދަށް އައެވެ. - ލިނަކްސްގެ ސާވަރ ތަޢާރަފްވެ މައިކްރޯސޮފްޓް ވިންޑޯސް ސާވަރާއި ސަން ސޯލާރިސް އަދި ޔުނިކްސް ސާވަރތަކާއި ދާދި އެއްހަމައެއްގައި ވާދަކުރަން ފެށިއެވެ. - މޮޒިއްލާ އިން ފަޔަރ ފޮކްސްގެ ފުރަތަމަ ވާޝަން ރިލީޒްކުރިއެވެ. - ޔޫ.އެސް.ބީ ފްލޭޝްޑްރައިވް ތަޢާރަފްވިއެވެ. - ރީޓެއިލް ވިޔަފާރި ތަކުގައި ރޭޑިއޯ ފްރިކުއެންސީ އައިޑެންޓިފިކޭޝަން ޓެގް ބޭނުންކުރަން ފެށިއެވެ. - ސޮނީ ޕްލޭސްޓޭޝަން ޕޯޓެބަލް (ޕީ.އެސް.ޕީ) މާކެޓަށް ނެރުނެވެ. - އެޕަލް އައިމެކް ޖީ5 ތަޢާރަފްކުރިއެވެ.
2005 ވަނަ އަހަރު- މަޝްހޫރު އޮންލައިން ވީޑިއޯ ވެބްސައިޓް ޔޫޓިއުބް ތަޢާރަފް ކުރިއެވެ. - އެޕަލް އައިޕޮޑް ތަޢާރަފްކުރިއެވެ. - މައިކްރޯސޮފްޓް ވިޝުއަލް ސްޓޫޑިއޯ 2005 ބާޒާރަށް ނެރުނެވެ. - މައިކްރޯސޮފްޓް ވިންޑޯޒް މީޑިއާސެންޓަރ 2005 ބާޒާރަށް ނެރުނެވެ. މި އޮޕަރޭޓިންގ ސިސްޓަމް ޚާއްސަކުރެވިފައި ވަނީ ފޮޓޯ، ވީޑިއޯ، މިއުޒިކް އަދި ޓީވީ ބެލުމަށެވެ. - މައިކްރޯސޮފްޓް ގޭމް ކޮންސޯލް އެކްސްބޮކްސް 360 ތަޢާރަފްކުރިއެވެ.
2006 ވަނަ އަހަރު- ސޮނީ ޕްލޭސްޓޭޝަން 3 ބާޒާރަށް ނެރުނެވެ. - މައިކްރޯސޮފްޓާއި މޮޒިއްލާ ބްރައުޒަރ މާކެޓްގެ ވާދަވެރިކަމުގެ ތެރޭގައި އިންޓަނެޓް އެކްސްޕްލޯރަރ 7 އަދި މޮޒިއްލާ ފަޔަރފޮކްސް 2 ނެރުނެވެ. - އިންޓެލް ޑުއަލްކޯ ޕްރޮސެސަރ ބާޒާރަށް ނެރުނެވެ. - ނިންޓެންޑޯ ޑީ.އެސް ލައިޓް ގޭމް ކޮންސޯލް ބާޒާރަށް ތަޢާރަފްވިއެވެ. - އައިބީ އެމްގެ ސުޕަރ ކޮންޕިއުޓަރ BLUE GENE އުފެއްދިއެވެ. މި ކޮންޕިއުޓަރުން 0.1 ސިކުންތުގެ ތެރޭގައި 28 ޓްރިލިއަން އިރުޝާދަށް ތަބާވެއެވެ. - ގޫގުލްއިން ޔޫޓިއުބް ގަތެވެ. - އިންޓެލް މައިކްރޯޕްރޮސެސަރ ހިމަނައިގެން އެޕަލް މެކް ކޮންޕިއުޓަރުތައް ވިއްކަންފެށިއެވެ.
2007 ވަނަ އަހަރު- އިންޓެލް ކޯ 2 ޑުއޯ ޕްރޮސެސަރ ބާޒާރަށް ނެރުނެވެ. - އެޕަލް އައިފޯން ތަޢާރަފްކޮށް ފުރަތަމަ 7 ދުވަހުގެ ތެރޭގައި 270،000 ފޯނު ވިކުނެވެ. - ވަޔަރލެސް ގެ މަޤުބޫލުކަން އިތުރުވެގެން ގޮސް ވީ.އޯ.އައި.ޕީ ބޭނުންކުރާ މިންވަރު އިތުރުވާންފެށިއެވެ. - އެޗް.ޑީ ޑީވީޑީގެ ބަދަލުގައި ބްލޫރޭ ޑިސްކު ބޭނުންކުރަން ފެށުނެވެ. - ދުނިޔޭގެ އާބާދީގެ މޯބައިލް ފޯން ބޭނުންކުރާ މީހުންގެ ނިސްބަތް ½ އަށް އެރިއެވެ. - މައިކްރޯސޮފްޓް އޮފީސް 2007 އަދި މައިކްރޯސޮފްޓް ވިންޑޯޒް ވިސްޓާ ބާޒާރަށް ނެރުނެވެ.
2008 ވަނަ އަހަރު- މައިކްރޯސޮފްޓް ވިންޑޯޒް ސާވަރ 2008 ތަޢާރަފްކޮށް ބާޒާރަށް ނެރުނެވެ. - ޑެލް ކުންފުނީގެ ހައިބްރިޑް ކޮންޕިއުޓަރ ތަޢާރަފްކުރިއެވެ. މިއީ ޑެސްކްޓޮޕް ކޮންޕިއުޓަރ އަކަށްވުރެ ކުޑަ ލެޕްޓޮޕަކަށްވުރެ ބޮޑު ކޮންޕިއުޓަރ އެކެވެ. - މައިކްރޯސޮފްޓްގެ ފައުންޑަރ ބިލް ގޭޓްސް ރިޓަޔަރ ކުރިއެވެ. - އިންޓަނެޓް ދިނުމަށް ޚާއްސަކުރެވިފައިވާ ޓެކްނޮލޮޖީއެއް ކަމަށްވާ ވައި މެކްސް ތަޢާރަފްކުރިއެވެ. ވައިމެކްސް އަކީ ވަޔަރލެސް އަށްވުރެ އެޑްވާންސް ޓެކްނޮލޮޖީއެކެވެ. - ސްމާޓްފޯންތަކުގައި ޓީވީ، ޖީޕީއެސް، ކެމެރާ ހިމެނުން ޢާއްމުވާންފެށިއެވެ. - ގޫގުލްގެ ވެބް ބްރައުޒަރ ގޫގުލް ކްރޯމް ރިލީޒްކުރިއެވެ. - މޮޒިއްލާ ފަޔަރފޮކްސް 3 ރިލީޒްކުރިއެވެ.
2009 ވަނަ އަހަރު- ކޮމްޕިއުޓަރ ރިސައިކަލް ކުރުމާއި މަދުން ހަކަތަ ބޭނުންކުރުމަށް ދިރާސާކޮށް މަސައްކަތް ފެށުނެވެ. (ގްރީން ކޮމްޕިއުޓިން) - ބްރައުޒަރ އަށް ޚާއްސަކުރެވިފައިވާ އިންސްޓޯލްކުރަން ނުޖެހޭ ވެބް އެޕްލިކޭޝަންތައް ޢާއްމުވާން ފެށިއެވެ. - އިންޓެލްގެ މަލްޓި ކޯ ޕްރޮސެސަރ ތަޢާރަފްކުރިއެވެ. - މައިކްރޯސޮފްޓް އިންޓަރނެޓް އެކްސްޕްލޯރާ 8 ތަޢާރަފްކުރިއެވެ. - ކްލައުޑް ކޮންޕިއުޓިންގ ޢާއްމުވާން ފެށިއެވެ. - މައިކްރޯސޮފްޓް ވިންޑޯޒް 7 ރިލީޒްކުރިއެވެ. - ލިނަކްސްގެ މައްޗަށް ބިނާވެފައިވާ "އުބުންތޫ" އޮޕަރޭޓިންގ ސިސްޓަމް ތަރައްޤީކޮށް މީހުންނަށް ފަސޭހައިން ބޭނުން ކުރެވޭ ސިސްޓަމްއެއްގެ ގޮތުގައި ރިލީޒްކުރިއެވެ. - ސޯޝަލް ނެޓްވޯކިން ފުޅާވެ ސްކޫލްތަކާއި، ރޭޑިއޯ ސްޓޭޝަންތައް އަދި އެހެނިހެން ތަންތަނުގައިވެސް އަމިއްލަ ނެޓްވޯކްތައް ބޭނުންކުރަން ފެށިއެވެ. - ސާވަރ، ހާޑްވެއަރ އަދި ސްޓޯރޭޖް ވަރޗުއަލައިޒޭޝަން ޢާއްމުވާންފެށިއެވެ.
2010 ވަނަ އަހަރު- އިނގިރޭސި ނޫން އެހެން އަކުރަކުން ލިޔެފައިވާ ފުރަތަމަ ޑޮމެއިން ނަން ލޯންޗްކުރިއެވެ. - އެޑޯބީ ފޮޓޯޝޮޕުން 20 ވަނަ އަހަރީ ދުވަސް ފާހަގަކުރިއެވެ. - ނިންޓެންޑޯ 3ޑީއެސް ގޭމް ކޮންސޯލް ބާޒާރަށް ނެރުނެވެ. - ޑީވީޑީ އިން ކޮންޕިއުޓަރަށް ކޮޕީކުރުމާއި، ތަޅުލާފައި ހުންނަ ފޯން ހުޅުވުމާއި، ޖެއިލްބްރޭކް ކުރުމަކީ ހުއްދަ ކަމެއްކަމަށް އެމެރިކާގެ ސަރުކާރުން ނިންމިއެވެ. - ކަސްޓަމަރުންނަށް ބޭނުންކުރެވޭ ގޮތަށް 3ޑީ ޓީވީ ތަޢާރަފްކުރިއެވެ. - ފޭސްބުކް ބޭނުންކުރާ މީހުންގެ ޢަދަދު 500 މިލިއަނަށް އެރިއެވެ. އަދި އެންމެ ގިނަ މީހުން ބޭނުންކުރާ ވެބްސައިޓް އަކީ ފޭސްބުކް ކަމުގައި ވިއެވެ. - އެންމެ ފުރަތަމަ ޑޮޓް ކޮމް އުފެއްދިތާ 25 އަހަރު ވިއެވެ. - އެޗް. ޕީ އިން ޕާމް ގަތެވެ. - 4ޖީ މޯބައިލް ޓެކްނޮލޮޖީ ތަޢާރަފްވިއެވެ. - ޓްވިޓާގައި ޓްވީޓްކޮށްފައިވާ ޢަދަދު 20 ބިލިއަނަށް އެރިއެވެ.
މިހާ ހިސާބުން އަޅުގަނޑު މިސިލްސިލާ މެދުކަނޑައިލުމަށް ޤަޞްދުކޮށް ލިޔުން ނިންމައިލަމެވެ. މި ލިޔުުންތަކުގައި ބޭނުންތެރި މުހިންމު މަޢުލޫމާތުތަކެއް ފޯރުކޮށްދެވިއްޖެ ކަމަށް އުއްމީދު ކުރަމެވެ. 2011 ވަނަ އަހަރު ނިމުމުން މި އަހަރުގެ ތެރޭގައި ޓެކްނޮލޮޖީގެ ދުނިޔޭގައި ހިނގައި ދިޔަ މުހިންމު ކަންތައްތަކަށް އަލިއަޅުވައިލެވޭތޯ މާތް ﷲ ގެ އިރާދަފުޅާއެކު މަސައްކަތް ކުރާނަމެވެ.
---------- (ނިމުނީ)
މި ލިޔުން: ފޮނުވުން: އަލްފާޟިލް އަޙުމަދު ޖަވާދު، ޅ. ނައިފަރު އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
|