މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކަރަންޓަކީ ނުރައްކާތެރި އެއްޗެއް! |
|
|
| ސައިންސް ޓެކްނޮލޮޖީ - ޓެކްނޮލޮޖީ | |||
| 27 ސެޕްޓެމްބަރ 2010، 00:01 ހޯމަ | |||
|
ޢަބްދުﷲ ފިރާޤް ޒަމާން ބަދަލުވެ ދިޔައީއެވެ. ފުޅިބައްތިއާއި، ފާނޫޒުގެޒަމާން ފެންނަ ހިސާބަކުނެތެވެ. އަތުން އެއްޗެހި ދޮވެސާފުކުރުންވެސް ނެތިދަނީއެވެ. އަލިފާން އަންދައިގެން އިސްތިރިކުރި ހަނދާންތައްވެސް ފަހަތައްގޮސް ގެއްލިއްޖެއެވެ. އާ ހޯދުންތަކާއި އާ އީޖާދުތަކުގެ ސަބަބުން ދިރިއުޅުންފަސޭހަވެ ހިނގައްޖެވެ. ކޮންމެކަމެއް ކުރުމަށް މެޝިނެއް އުފައްދައިފިއެވެ. އަހަރެމެންގެ މި ކުޑަކުޑަ ވެށީގައިވެސް މިބުނާ މެޝިންތައް ވަކިހިއްޕާލައިފިއެވެ. އާންމުގޮތެއްގައި ގިނަމެޝިންތައް މަސައްކަތް ކުރުވުމަށް ކަރަންޓް ބޭނުންވެއެވެ. ކަރަންޓަކީ ކިތަންމެ ގިނަގުނަ ބޭނުންތަކެއް ފުއްދާދޭ ދިރިއުޅިމުގެ ބައިވެރިޔަކަށްވިޔަސް ކަރަންޓަކީ ވަރަށް ނުރައްކާތެރި އެއްޗެކެވެ. އަހަރެމެންގެ މިތުރެއް އަދި ހަތުރެއްވެސް މެއެވެ. އެކުއުޅުނު މިތުރަކު ކަރަންޓުގައިޖެހި ނިމިދިޔަތަން މިއަދުވީކަމެއްހެން ލޯމައްޗަށް އަދިވެސް ފެންނަ ކަހަލައެވެ. ބަލާލިކޮންމެ ދިމާލަކުން މިއަދު ފެންނަމުން މިދަނީ ކަރަންޓާއި ގުޅުންހުރި ތަކެއްޗެވެ. ބޮކި ހޮޅިބުރިއެވެ. ޓީވީ އާއި ރޭޑިއޯއެވެ. ދޮންނަމެޝިނާއި، ހިއްކާމެޝިނެވެ. ކަރަންޓް އަވަނާއި، ކަރަންޓް އުނދުނެވެ. އިސްތިރިއާއި، އޭސީ އާއި، ހީޓަރުވެސް މެއެވެ. މިހެންގޮސް ދިރިއުޅުމުގެ ބޭނުންތައް ފަސޭހަކޮށްދޭނެ ކިތަންމެ ސާމާނެކެވެ. ކަންމިހެންހުރުމާއި އެކު ރައްކާތެރިކަމާއި އެކު ކަރަންޓް ބޭނުންކުރުމަކީ، ތިމާއާއި ތިމާގެ ވަށައިގެންވާ އެންމެންގެ ރައްކާތެރިކަމަށްޓަކައި ވަރަށް މުހިންމުކަމެކެވެ. ދިރިއުޅޭ މާޙައުލުގެ ކަރަންޓް ޙާލަތުހުރީ ރަނގަޅަށްތޯ ބަލާ އަބަދުވެސް އެކަމަށް ފާރަވެރިވާން ވާނެއެވެ. ކަރަންޓް ޝޮކުގެ ސަބަބުން މަރާއި ކުރިމަތިލާންޖެހިދާނެއެވެ. ގުނަވަނެއް ވާވެދާނެއެވެ. ހަށިގަނޑުފިހި އަނދާފާނެއެވެ. އަދި މިނޫނަސް ކިތަންމެ ކިތަންމެ ނުރައްކާތެރި ހާދިސާތަކެއް ކަރަންޓުގެ ސަބަބުން ހިނގާފާނެއެވެ. އެހެންކަމުން މިފުރުސަތު ޙާއްޞަކޮށްލާނީ ރައްކާތެރި ކަމާއިއެކު ކަރަންޓްބޭނުންކުރުމާއި މެދު ކުޑަނަމަވެސް މަޢުލޫމާތުކޮޅެއް ޙިއްޞާކޮށްލުމަށެވެ. 1) ކަރުންޓުން ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ގޭގައިވާ ކަރަންޓް ޑިސްޓްރިބިއުޝަން ބޯޑު ގައި އީ.އެލް.ސީ.ބީ އެއް ހަރުކުރެވިފައިވާނެއެވެ. މަހަކު އެއްފަހަރު މި އީ.އެލް.ސީ.ބީ ގައިވާ "ޓެސްޓް" ބަޓަނައް ފިތާލާ އީ.އެލް.ސީ.ބީ ވެއްޓޭތޯ (ޓްރިޕް) ވޭތޯ ބަލަން ވާނެއެވެ. ޓްރިޕް ނުވާނަމަ އަވަހަށް އީ.އެލް.ސީ.ބީ ބަދަލު ކުރަންވާނެއެވެ. އަލަށް ހަރުކުރާ އީ.އެލް.ސީ.ބީ އަކީ ހުއްދަދެވިފައިވާ ފަރާތަކުން ޓެސްޓްކުރެވިފައިވާ އެއްޗަކަށްވެސް ވާންވާނެއެވެ. 2) ދިރިއުޅޭ މާޙަޢުލުގެ ކަރަންޓް ވައިރުކުރެވިފައިހުރީ މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ މިންގަނޑާއި އެއްގޮތަށްތޯ ޔަޤީންކުރުމަކީވެސް ނުހަނު ބޭނުންތެރިކަމެކެވެ. 3) ގޭގައި ހަރުކުރެވޭ ސޮކެޓް ތަކަކީ ސޭފްޓީ ކަވަރ ހުންނަ ސޮކެޓްތަކެއްތޯ ބަލަންވާނެއެވެ. އެހެން ނޫންނަމަ ކުޑަކުދިން ސޮކެޓް ތެރެއަށް ފިން، ކަށިގަނޑު، މޮހޮރު ފަދަ ތަކެތި ލުމަކީ ވަރަށް ކައިރީގައިވާކަމެކެވެ. މިތަކެއްޗަކީ ކަރަންޓް ދަތުރުކުރާ ތަކެއްޗައްވުމުން ކުދިންނަށް ކަރަންޓް ޝޮކެއްލިބުން އޮންނީނީ ވަރަށް ކައިރީގައެވެ. 4) ބާރތްޓަބް ހުންނަ ފާހާނާ ފަދަ ތަންތަނުގައި ކަރަންޓް ސާމާނުގެންގުޅުމަކީ ރައްކާތެރި ކަމެއް ނޫނެވެ. މިފަދަ ކަރަންޓް އާލާތެއް ފެންގަނޑު ތެރެއަށް ވެއްޓި ހިތާމަވެރި ހާދިސާއެއް ހިނގާފާނެއެވެ. 5) އަތް ތެމިފައިވާނަމަ، ނުވަތަ ފެނުގައި ހުރެގެން ކަރަންޓް އެއްވެސް އެއްޗެއްގައި އަތް ލައިގެން ނުވާނެއެވެ. ފެނަކީ ފަސޭހަކަމާއިއެކު ކަރަންޓް ދަތުރު ކުރާ އެއްޗެކެވެ. 6) ބޭނުންކުރާ "އެކްސްޓެންޝަން" ކަރަންޓް ވާގަނޑު ފަދަތަކެތި ކާޕެޓް ދަށުން ގެންގޮސް ބެހެއްޓުން ރަނގަޅެއްނޫނެވެ. މިހެން ހުރެއްޖެނަމަ މީހުން ހިނގުމުގެ ސަބަބުން ވަރަށް ފަސޭހައިން ނަރުގެ ދާފަށާ ކެނޑި ކަރަންޓް ޝޮކެއް ލިބުމަކީ ކައިރި ކަމެކެވެ. ނޫނީ ކަރަންޓް ޝޯޓެއްވެ އަލިފާނުގެ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެއެވެ. 7) ބޮތްކެއް އަނދައިގެން ނުވަތަ ކަރަންޓް ޕޮއިންޓެއް މަރާތު ކުރާނަމަވެސް، އަބަދުވެސް ބްރޭކަރ "އޮފް" ކޮށްލައިގެން ކުރުމަށް ހަނދާންބަހައްޓަންވާނެއެވެ. 8) ވިދާ ގުގުރާނަމަ، ފޯނުން ވާހަކަ ދެއްކުން، ފެންވެރުން، ކަރަންޓް ސާމާނު ބޭނުން ކުރުން ރަނގަޅެއްނޫނެވެ. ވިދުވަރުގައި ހުންނަ "އިލެކްޓްރިކަލް ޗާރޖް" ފެންހޮޅި ތެރޭން، ފޯން ކޭބަލް ތެރޭން އަދި ކަރަންޓް ނަރު ތެރޭން އައުމުގެ ފުރުސަތު ވަރަށްބޮޑެވެ. 9) ކަރަންޓްގައި ޖެހިފައިވާމީހަކު ފެނުނަސް އެމީހެއްގެ ގައިގައި އަތްލުމުގެ ކުރިން ކަރަންޓް ކަނޑާލަން ހަނދާންކުރާށެވެ. އިންސާނާގެ ހަށިގަނޑަކީ ކަރަންޓް ދަތުރުކުރާ އެއްޗަކަށްވާތީ ކަރަންޓްގައި ޖެހިފައިވާ މީހާ މެދުވެރިކޮށް ތިމާގަޔަށްވެސް ކަރަންޓް އަންނާނެއެވެ. އެހެންކަމުން ކަރަންޓް ކަނޑާލާނެ ގޮތެއް ނޭންގިއްޖެނަމަ ހިކި ލަކުޑިގަނޑެއް ފަދަ އެއްޗެއް ބޭނުން ކުރާނީ އެވެ. މިސާލަކަށް ލަކުޑިންހުންނަ ކުނިކަހާ ފިހީގެ ދަނޑި ރަނގަޅުވާނެއެވެ. ![]() ކަރަންޓަކީ އެހާމެ ބޭނުންތެރި، އެހާމެ ނުރައްކާތެރި އެއްޗެކެވެ. ނަމަވެސް ރައްކާތެރި ކަމާއިއެކު ބޭންކުރާނަމަ ނުރައްކާތެރި ޙާދިސާއެއް ހިންގުމުގެ ފުރުސަތު ވަރަށް ހަނި އެއްޗެއްވެސްމެއެވެ. އެހެން ކަމުން ކަރަންޓާއި، ކަރަންޓް ސާމާނު ބޭނުން ކުރުމާއި، ބެހެއްޓުމުގައި ފަރުވާތެރި ކަމާއި ރައްކާތެރިކަން ކުރިއަށްނެރުން އެއީ ތިމާއާއި ތިމާގެ ވަށައިގެންވާ އެންމެންގެ ރައްކާތެރިކަމެވެ. (ނިމުނީ) މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (4)
![]()
...
ލިޔުނީ ޖުނައިދު, 2010-09-27 02:39:37
ވަރަށް ފުރިހަމަ ލިޔުމެއް. ފިރާގުގެ ލިޔުންތައް ވަރަށް ކަމުދޭ. ވަރަށް ބޭނުންތެރި އެކަމަކު ގިނަ ބަޔަކަށް ނޭނގޭ މައުލޫމާތުތަކެއް ހުންނާތީ ވަރަށް ޝައުޤުވެރި. ތިޔަ ކުރައްވާ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! ފަންވަތުގެ ކޮންމެ ލިޔުންތެރިއެއް ވެސް ތި ކޮށް ދެއްވަނީ ވަރަށް އަގުހުރި މަސައްކަތެއް. މިއީ މިހާޜު ވަރަށް މަދުވެފައިވާ ބައެއް. ޝުކުރިއްޔާ އަދިވެސް..ޝުކުރިއްޔާ!
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|
ވިދުވަރުގައި ހުންނަ އިލެކްޓްރިކަލް ޗާރޖް އާއި ބެހޭގޮތުން ތަންކޮޅެ ތަފްސީލް ކޮށް ކިޔާލަން ލިބިއްޖެއިއާ ވަރައްރަނގަޅު
ހޮނު އެޅުމަކީ ކިހިނެއްވާކަމެކަން މިކަމުން ރަކާތެރިވާނީ ކިހިނެއްކަން އެނގުން ވަރަށް މުހިންމު
ޢަބްދުﷲ ފިރާޤް ގެ ތިމައުލޫމާތު ކޮޅަށް ޝުކުރު ދަންނަވަން