ފަންވަތް ސައިންސްޓެކް އައިޓީ ދުނިޔޭގެ އެންމެ ބޮޑު، އޮންލައިން އިސްލާމީ ވެށި
ބެލި ޢަދަދު: 5055
ދުނިޔޭގެ އެންމެ ބޮޑު، އޮންލައިން އިސްލާމީ ވެށި ޕްރިންޓް އީމެއިލް
ކިޔުންތެރިން ދެކޭގޮތް / 7
ދެރަވަރަށްމޮޅު 
ސައިންސް ޓެކްނޮލޮޖީ - އައިޓީ
06 ޖެނުވަރީ 2009، 03:47 އަންގާރަ

ޢަބްދުލްމުޢީދު ޙަސަން

އިންޓަރނެޓްގައި އިލެކްޓްރޯނިކް މުޖުތަމަޢުތައް ޤާއިމްކުރަން ފެށީ ވަރަށް ފަހުންނެވެ. ނަމަވެސް، ހިކިފަނުގައި އަލިފާން ރޯވާހާ ހަލުއިކަމާއެކު، އެކަން ވައިގައި ހިފައިފިއެވެ. ނަތީޖާއަކަށްވީ، މަޑުން ނުތިބެ މުސްލިމުން ވެސް މިމައިދާނަށް ވަދެ، އިންޓަރނެޓްގައި، ވަރޗުއަލް އިސްލާމީ ވެށްޓެއް ޤާއިމްކުރުމެވެ.

މިފަދަ ވެށިތަކަކީ، ދުނިޔޭގެ ފެންވަރުގައި، ދީންތަކުގެ އަހުލުވެރިންނަށް ހުޅުވާލެވިފައިވާ ބިޔަ މައިދާންތަކެކެވެ. އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފުވެ އުޅުމަށް، މިފަދަ ވެށިތަކުގެ ބޭނުން ހިފިދާނެއެވެ.

އިންޓަރނެޓްގައި ޤާއިމްކުރެވުނު، ވަރޗުއަލް އިސްލާމީ ވެށްޓަކީ، ސެކަންޑް ލައިފް ކަހަލަ ވެށްޓެކެވެ. މި ވެށްޓަށް ކިޔަނީ، Muxlim Pal (މުސްލިމް ފަރުދު) އެވެ. މި ވެށީގެ ކޮންމެ އަހުލުވެރިއަކު، އޭނާ ތަމްސީލު ކުރާނެ، ކާޓޫނު މީހެއް އިޚުތިޔާރުކުރާނެއެވެ. ދެން އޭނާއަށް، މުޅި ދުނިޔޭގެ އެތަން މިތަނަށް ގޮސް، އިސްލާމީ ސަގާފަތު، އެހެން މީހުންނަށް ފޯރުކޮށްދެވިދާނެއެވެ.

ރައްޓެހިންނަށް ދޭނެ ހަދިޔާ ބަދިޔާ ގަނެވޭނެ މަގު ވެސް މި ވެށީގައި ވަނީ ތަނަވަސްވެފައެވެ. މިސާލަކަށް ސައިފަތް ޕެކެޓެކެވެ. އެ ގަންނާނީ، އިންޓަރނެޓްގައި ބޭނުންކުރާ ތަފާތު ފައިސާގެ ތެރެއިން ފައިސާއަކުންނެވެ. އަދި ނަމާދު ވަގުތު ޖެހުމުން، ނަމާދުކުރާ ކޮޓަރިއަކަށް ވަދެ ނަމާދު ކުރެވިދާނެއެވެ. އަންހެނެއްނަމަ، ދޮޅި އަޅައިގެން ނަމާދުކުރެވިދާނެއެވެ.

ވަރޗުއަލް އިސްލާމީ ވެށީގެ މުއައްސިސަކީ، މުޙައްމަދުލް ފަޠާޠްރީ އެވެ. އޭނާ ވިދާޅުވެފައިވެއެވެ. "އަޅުގަނޑުމެން މި ޤާއިމްކުރީ ދީނީ ވެށްޓެއް ނޫނެވެ. އެކަމަކު، މިއީ، އިސްލާމީ ދިރިއުޅުމުގެ ވައްޓަފާޅީގެ މައްޗަށް ބިނާވެފައިވާ ވެށްޓެކެވެ."

ފަޠާޠްރީ ވިދާޅުވާ ގޮތުގައި، މިއީ، މުސްލިމުންނާއި މުސްލިމުން ނޫން މީހުންގެ ކުރިމަތީގައި ހުޅުވާލެވިފައިވާ ވެށްޓެކެވެ. މި ވެށީގެ އަހުލުވެރިންގެ ތެރެއިން ކޮންމެ މީހަކަށް ޚާއްޞަ ކޮޓަރިއެއް ވެއެވެ. އެ ކޮޓަރި، އޭނާ ބޭނުން ގޮތަކަށް ޒީނަތްތެރި ކުރެވިދާނެއެވެ. އަދި ބާޒާރުކުރާނެ ތަންތަނާއި ބޮޑު މައިދާނެއް ވެއެވެ.

މި ވެށީގައި ހިލޭ ރަޖިސްޓަރީ ކޮށްދެއެވެ. އަދި ރަޖިސްޓަރީކުރާ ކޮންމެ މީހަކު ހެދުން ގަތުމަށްޓަކައި، ޚިޔާލީ މަދު ފައިސާކޮޅެއް ދެއެވެ. އެއަށްފަހު، އިތުރު ފައިސާ ބޭނުންނަމަ، އަސްލު ފައިސާ ދީފައި އިތުރު ޚިޔާލީ ފައިސާ ގަނެވިދާނެއެވެ.

ވަރޗުއަލް އިސްލާމީ ވެށްޓަށް ޒިޔާރަތް ކުރެއްވުމަށްޓަކައި މިތަނަށް އެއްފަހަރު ކްލިކްކޮށްލައްވާށެވެ.
މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (5)Add Comment
...
ލިޔުނީ މުވާޠިން, 2009-01-06 06:50:17
މި ލިޔުމުގައި ދެކަމެއް ފާހަގަ ކުރެވުނު. ފުރަތަމަ ކަމަކީ ޒަމާނީ ޓެކްނޯލޮޖީގެ އެހީގައި އިސްލާމީ އަޚްލާޤީ އާ ވެށްޓަކަށް ލޯހުޅުވާލަ ދިންކަން. ދެވަނަ ކަމަކީ އުސްތާޛު މުޢީދު އީޖާދު ކުރައްވާފައިވާ ވަރަށް ހިތްގައިމު އާ ޖުމުލައެއް. އެއީ ''ހިކިފަނުގައި އަލިފާން ރޯވާހާ ހަލުއިކޮށް'' މި ޖުމުލަ. މި ޖުމުލަ ފާހަގަ ކޮށްލެނުނު ސަބަބަކީ، މީގެ ކުރިން މުޅިންވެސް އަޑު އިވެނީ ހިކި ކަފަ ދަނޑެއްގައި އަލިފާން ރޯވާވާހަކަ. އެކަމަކު ހިކި ކަފަ ދަނޑަކީ، ދިވެއްސަކަށް ވަރަށް މަދުން ނޫނީ ފެންނާނެ ތަނެއް ނޫން. އެހެންވީމާ އެމިސާލު ބަހުގައި ދިވެހިވެށީގެ އަސަރެއްނެތް. މުޢީދު ގެންނަވައިފައި އޮތް ގޮތުން މައްދިވެހި މިސާލަކަށް މިހާރު އެ މިސާލު ވެއްޖެ. އެހެންކަމުން މި ކަމަށްޓަކައި މުޢީދަށް ޝުކުރުދަންނަވަން.
...
ލިޔުނީ މުޢީދު, 2009-01-08 07:09:39
ދެވަނަ ބޭފުޅަކު ހުށަހެޅުއްވި ޚިޔާލުފުޅު އަޅުގަނޑަށް ފެންނަ ގޮތެއް ނުވިއެވެ. ނަމަވެސް، އަޅުގަނޑަށް ކުށްބަހެއް ލިޔެވިފައިވާނަމަ، އެކަން ޔަޤީންވާ ބޭފުޅަކު، އެބަހެއް އިޞްލާޙުކުރެއްވުމަކީ، އަޅުގަނޑު އެދޭ ކަމެކެވެ.
...
ލިޔުނީ މ, 2009-01-09 08:01:36
މުޢީދު އަރިހުންނާއި މުވާޠިނުގެ އަރިހުން މާފު އެދެމުން އަޅުގަނޑު ދަންނަވައިލީ ޚަބަރެއް ފެތުރޭލެއް ހަލުއިކަން ބަޔާންކުރުމަށް ދިވެހި ލިއުންތަކުގައި ''ހިކިފަނުގައި އަލިފާން ރޯވާހެން"، "ހިކިފަތުގައި އަލިފާން ރޯވާހެން"، "ހިކިހޯލިތަކެއްގައި އަލިފާން ރޯވާހެން" މި ފަދަ ގޮތްގޮތަށް ލިޔެފައިހުއްޓާ އަޅުގަނޑު ދެކޭ ހަނދާންވާ ކަމަށާއި، ނަމަވެސް "ހިކި ކަފަ ދަނޑެއްގައި އަލިފާން ރޯވާހެން" ނޭ ލިޔެފައި އޮތްވައި އަޅުގަނޑަށް ފެނިފައި ނެތް ވާހަކައެވެ. މުވާޠިނެކޭ އެއްފަދައިން އަޅުގަނޑުވެސް "ހިކި ކަފަ ދަނޑެއްގައި އަލިފާން ރޯވާހެން" މި މިސާލުބަހަކީ ދިވެހި ވެށްޓާ ގުޅޭ މިސާލުބަހެއް ކަމަކަށް ނުދެކެމެވެ.
...
ލިޔުނީ މުޢީދު, 2009-01-09 14:41:43
މުވާޠިނަށާއި މީމަށް އިޚުލާޞްތެރި ޝުކުރު ދަންނަވަމެވެ. އަޅުގަނޑަށް ފެންނަނީ ތި ހުރިހާ މިސާލު ބަހެއް ވެސް ރަނގަޅު ކަމަށެވެ. އަޅުގަނޑަކީ ދިވެހި ބިމުގައި އަމިއްލައަށް ކަފަގަހެއް ހެއްދި މީހަކީމެވެ. ފަން، ފަތް، ހިކި ހޯލި، ކަފަ އަދި މިނޫން ތަކެތި ބޭނުންކޮށްގެން ވެސް މިސާލުބަސްތައް އުފައްދަންވީއެވެ.
ދިވެހި ސަގާފަތުގައި ކަފައާއި އަލިފާނަކީ ވަރަށް ގުޅުން ބޮޑު ދެ މިތުރުންނެވެ. ކަފަ ބާލީހުގައި ރޯވި އަލިފާން ގަނޑު ފެތުރިގެން ގޮސް މުޅި ގެ އެކީގައި އަނދާ ހުލިވި ކަމަށް ބުނާ ވާހަކައެއް އަޑުއެހީމެވެ.
...
ލިޔުނީ ޝާހިދު, 2009-01-10 11:54:29
ދިވެހިބަހުގައި ކުރިއްސުރެން ބޭނުންކުރާ އެހެން ގޮތެއް ވެސް އޮވޭ. އެއީ "ބޯކެޔޮ ވަލަކު ހުޅުލީ ހެން". (http://www.qaumiyyath.gov.mv/basfoiy/#bas) މުޢީދު ވިދާޅުވިހެން އެއް ކަމަކަށް ގިނަ މިސާލު ބަސްތަކެއް ހުރުމުން ބަހުގެ މުއްސަނދިކަން އިތުރުވާނެ.

ޚިޔާލު ހުށަހަޅާ
ލިޔާބައި ކުޑަކުރޭ | ލިޔާބައި ބޮޑުކުރޭ

security code
މަތިން ފެންނަ އަކުރުތަށް ހުރިގޮތަށް (އިގިރޭސިން) ލިއުއްވާ

ހުށަހެޅުމަށްޓަކައި މަތިން ވާތްފަރާތުގައިވާ "ހުށަހަޅާ" ބަޓްން ބޭނުންކުރަށްވާ

busy
 
ހަމަ މި ގަލަމުން
ބެލި ޢަދަދު: 5055
extra avandia and congestive heart failure