މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ކޮމްޕިއުޓިންގ އާއިި އިންފޮރމޭޝަން ޓެކްނޮލޮޖީގެ ތާރީޚުގެ ތެރެއިން ބައެއް ..... (ދެވަނަ ބައި) |
|
|
| ސައިންސް ޓެކްނޮލޮޖީ - ޓެކްނޮލޮޖީ | |||
| 15 ސެޕްޓެމްބަރ 2011، 00:27 ބުރާސްފަތި | |||
|
އަޙުމަދު ޖަވާދު، ޅ. ނައިފަރު (11 އޮގަސްޓް 2011 (ބުރާސްފަތި) ގުޅޭ) 1976 ވަނަ އަހަރު- ސްޓީވް ޖޮބްސްއާއި ސްޓީވް ވޮޒްނިއަކް ގުޅިގެން އެންމެ ފުރަތަމަ އެޕަލް ކޮންޕިއުޓަރ އުފެއްދިއެވެ. އަދި ކުޑަ ދުވަސްކޮޅަކަށްފަހު އެޕަލް ކޮންޕިއުޓަރުގެ 2 ވަނަ ވަރޝަން ވެސް އުފެއްދިއެވެ. އެއާއެކު ސްކޫލުތަކާއި ކޮލެޖްތަކުގައި އެޕަލް ކޮންޕިއުޓަރުގެ މަޤުބޫލުކަން އިތުރުވެގެން ދިޔައެވެ. 1979 ވަނަ އަހަރު - އެންމެ ފުރަތަމަ ޕަބްލިކް އޮންލައިން ޚިދުމަތްކަމަށްވާ ކޮމްޕުސާވް ތަޢާރަފްކުރިއެވެ. - ބޮބް ފްރެންކްސްޓަންއާއި ޖޭން ބްރިކްލިން ގުޅިގެން "ވިސި ކަލްކް" ނަމަކަށްކިޔާ ސްޕްރެޑް ޝީޓް ޕްރޮގްރާމެއް އުފެއްދިއެވެ. 1980 ވަނަ އަހަރު - އައި.ބީ.އެމް ގެ ޕަރސަނަލް ކޮންޕިއުޓަރުތަކުގައި ބޭނުންކުރާނެ އޮޕަރޭޓިންގ ސިސްޓަމްއެއް ހެދުމުގެ ފުރުޞަތު މައިކްރޯސޮފްޓްގެ ކޯ ފައުންޑަރ ބިލްގޭޓްސްއަށް ލިބުނެވެ. މި ލިބުނު ފުރުޞަތުގައި މައިކްރޯސޮފްޓް ޑޮސް އޮޕަރޭޓިން ސިސްޓަމް ތަޢާރަފް ކުރިއެވެ. - ކޮންޕިއުޓަރު ހާޑް ޑިސްކްގެ އާ ވައްތަރެއްކަމަށްވާ "ވިންޗެސްޓަރ" ހާޑް ޑިސްކް ތަޢާރަފްވެ ފައިލްތައް ރައްކާކުރުމަށް އިތުރު ފަސޭހަތަކެއް ލިބުނެވެ. 1981 ވަނަ އަހަރު - އައި.ބީ.އެމް ގެ ޕަރސަނަލް ކޮންޕިއުޓަރު މާކެޓަށް ނެރުނެވެ. - އެންމެ ފުރަތަމަ ކޮންޕިއުޓަރު ވައިރަސް ކަމަށްވާ "އެލްކް ކޮލޯނަރ" ކޮމްޕިއުޓަރު ތަކުގައި ފެތުރެން ފެށިއެވެ. މިވައިރަސް އުފައްދާފައި ވަނީ އެޕަލް 2 ގެ އޮޕަރޭޓިން ސިސްޓަމް އެޅުމަށް ޚާއްޞަކުރެވިފައިވާ ފްލޮޕީ ޑިސްކު މެދުވެރިކޮށެވެ. 1982 ވަނަ އަހަރު - 3 މިލިއަނެއްހާ ޕަރސަނަލް ކޮންޕިއުޓަރު އުފައްދާ ބާޒާރަށް ނެރެފައި ވެއެވެ. - ކޮމްޕެކް ކުންފުނި އުފެދި އެކުންފުނިން އައި.ބީ.އެމް ކޮންޕިއުޓަރ ހަދައި މާކެޓްކުރަން ފެށިއެވެ. 1983 ވަނަ އަހަރު - 1982 ވަނަ އަހަރުގެ އެންމެ މޮޅު މެޝިން އަކީ ކޮންޕިއުޓަރު ކަމަށް މަޝްހޫރު ޓައިމް މެގަޒިން އިން ހާމަކޮށް އެވޯޑް ދިނެވެ. - ލޮޓަސް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފެދުނެވެ. ލޮޓަސްގެ އޮފީސް ބަންޑަޅި ވެފައި ވަނީ އެދުވަސްވަރު އައި.ބީ.އެމް ކޮންޕިއުޓަރުތަކުގައި އެންމެ ގިނައިން ބޭނުންކުރެވުނު ސޮފްޓްވެއަރ ބަންޑަޅި ކަމުގައެވެ. 1984 ވަނަ އަހަރު - އެޕަލް ކުންފުނީގެ މަޝްހޫރު މެކިންޓޮޝް ނުވަތަ މެކް ކޮންޕިއުޓަރު އެފެއްދިއެވެ. - ޕަރސަނަލް ކޮންޕިއުޓަރުތަކުގައި ބޭނުންކުރުމަށް ހެދުނު އެންމެ ފުރަތަމަ ލޭޒަރ ޖެޓް ޕްރިންޓަރު ބާޒާރަށް ނެރުނެވެ. 1986 ވަނަ އަހަރު - މައިކްރޯސޮފްޓަށް އަންނަމުން ދިޔަ ތަރައްޤީއާއި އެކު އެދުވަސްވަރު ދުނިޔޭގެ އެންމެ ކާމިޔާބު ސޮފްޓްވެއަރ ކުންފުނީގެ ގޮތުގައި އެކުންފުނި ވިއެވެ. 1989 ވަނަ އަހަރު - އަހަރެމެން މިހާރު ބޭނުންކުރަމުން މި ގެންދާ "ވޯލްޑް ވައިޑް ވެބް" ތަޢާރަފް ކުރިއެވެ. "ވޯލްޑް ވައިޑް ވެބް" ތަޢާރަފްކުރީ ޓިމް ބާރނާ ލީ ނަމަކަށް ކިޔާ މީހެކެވެ. - ނިންޓެންޑޯ ކުންފުނީގެ އެންމެ ފުރަތަމަ ގޭމް ކޮންސޯލް، "ގޭމްބޯއީ" ބާޒާރަށް ނެރުނެވެ. - އިންޓެލް ކުންފުނީގެ 486 ގެ ނަން ދީފައިވާ މައިކްރޯ ޕްރޮސެސަރ ޗިޕް އުފެއްދިއެވެ. މި ޗިޕުގައި 1،000،000 ޓްރާންސިސްޓަރު ހިމެނެއެވެ. އަދި ސިކުންތެއްގެ ތެރޭގައި 15 މިލިއަން އިރުޝާދަށް ތަބާވުމުގެ ޤާބިލްކަން މި ޗިޕަށް ލިބިފައި ވެއެވެ. 1991 ވަނަ އަހަރު - ކޮޑަކް ކުންފުނީގެ އެންމެ ފުރަތަމަ އެސް. އެލް އާރ ކެމެރާ އުފެއްދިއެވެ. މި ކެމެރާ ޚާއްޞަކުރެވިފައި ވަނީ ފޮޓޯ ނޫސްވެރިކަމަށެވެ. - "ވޯލްޑް ވައިޑް ވެބް" ކޮންސޯޓިއަމް އިން "ވޯލްޑް ވައިޑް ވެބް" ބޭނުންކުރުމާއި ކޮންޕިއުޓަރުތަކުގައި ހުންނަ ލިއުންތައް ގުޅުވާލުމަށް ބޭނުންވާ ޤަވާޢިދުތަކާއި އުޞޫލުތައް ހާމަކުރިއެވެ. 1992 ވަނަ އަހަރު - މައިކްރޯސޮފްޓްގެ އޮޕަރޭޓިން ސިސްޓަމް ވިންޑޯޒް 3.1 ތަޢާރަފްކުރިއެވެ. އަދި 2 މަސްދުވަހުގެ ތެރޭގައި 3 މިލިއަން ކޮޕީ ވިކުނެވެ. 1993 ވަނަ އަހަރު - އިންޓެލް ކުންފުނީގެ ޕެންޓިއަމް ޕްރޮސެސަރ އުފެއްދިއެވެ. އަދި މި ޕްރޮސެސަރ ބޭނުންކޮށްގެން ކުންފުނިތަކުން ކޮންޕިއުޓަރ އުފައްދަން ފެށިއެވެ. މި ޕްރޮސެސަރުގައި 3.1 މިލިއަން ޓްރާންސިސްޓަރ ހިމެނެއެވެ. އަދި ސިކުންތަކު 112 މިލިއަން އިރުޝާދަށް ތަބާވުމުގެ ޤާބިލްކަން ލިބިފައިވެއެވެ. - ދަތުރުފަތުރު ކުރުމުގައި ބޭނުންކުރާ ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް (ޖީ.ޕީ.އެސް) ގެ މަސައްކަތް ފުރިހަމަކޮށް ނިންމާލެވުނެވެ. މި ސިސްޓަމްގައި ޖުމްލަ 24 ސެޓަލައިޓް ވެއެވެ. - މައިކްރޯސޮފްޓް އޮފީސްގެ ފުރަތަމަ ވަރޝަން ކަމަށްވާ އޮފީސް 3 ޕްރޮފެޝަނަލް މާކެޓަށް ނެރުނެވެ. 1994 ވަނަ އަހަރު - އޯޕަންސޯސް އޮޕަރޭޓިންގ ސިސްޓަމެއް ކަމަށްވާ ލިނަކްސް ވުޖޫދަށް އައެވެ. މި އޮޕަރޭޓިން ސިސްޓަމް އަކީ އެހެން މީހުންވެސް އެ ސިސްޓަމް އިތުރަށް ތަރައްޤީ ކުރުމަށްޓަކައި އިންޓަނެޓުން ހިލޭ ލިބޭ ގޮތަށް ދޫކޮށްލައިފައިވާ ސިސްޓަމްއެކެވެ. - ޖިމް ކްލާކް އަދި މާކް އެންޑްރެސެންގެ މަސައްކަތުން، ވެބްސައިޓްތަކަށް ވަނުމަށް ޚާއްސަ ކުރެވިފައިވާ ޕްރޮގްރާމެއްކަމަށްވާ، ނެޓްސްކޭޕް ނެވިގޭޓަރ 1.0 އުފެއްދިއެވެ. - މަޝްހޫރު ދެ ވެބްސައިޓު ކަމަށްވާ ޔާހޫ އާއި އެމޭޒަން ވުޖޫދަށް އައެވެ. 1995 ވަނަ އަހަރު - އޮންލައިން ވިޔަފާރި ފުޅާވެ އީބޭ ވުޖޫދަށް އައެވެ. - ސަން މައިކްރޯ ސިސްޓަމްއިން ކޮންޕިއުޓަރު ޕްރޮގްރާމް ކުރާ ބަހެއް ކަމަށް ވާ ޖާވާ އުފެއްދިއެވެ. - މައިކްރޯސޮފްޓް ވިންޑޯސް 95 ބާޒާރަށް ނެރުނެވެ. ވިންޑޯސް 95 ގައި 10 މިލިއަނަށްވުރެ ގިނަ ކޯޑުފޮޅުވަތް ލިޔެފައި ވެއެވެ. 1996 ވަނަ އަހަރު - ނެޓްވޯކަށާއި ސާވަރ ތަކަށް ޚާއްޞަކޮށްގެން މައިކްރޯސޮފްޓުން ތައްޔާރުކުރި އޮޕަރޭޓިން ސިސްޓަމެއްކަމަށްވާ ވިންޑޯޒް އެން.ޓީ 4.0 ބާޒާރަށް ނެރުނެވެ. 1997 ވަނަ އަހަރު - އިންޓެލް އިން ޕެންޓިއަމް 2 ގެ ޕްރޮސެސަރު އުފެއްދިއެވެ. މި ޕްރޮސެސަރުގައި 7.5 މިލިއަން ޓްރާންސިސްޓަރ ވެއެވެ. - މައިކްރޯސޮފްޓްއިން އިންޓަނެޓް އެކްސްޕްލޯރަރ 4.0 މާކެޓަށް ނެރެ ބްރައުޒަރ މާކެޓުގެ ބޮޑުބައެއް ހޯދިއެވެ. 1998 ވަނަ އަހަރު - މިހާރު މުޅި ދުނިޔެއަށް މަޝްހޫރު ގޫގުލް ކުންފުނި އުފެދުނެވެ. - އެޕަލް ކުންފުނީގެ އައި.މެކް ކޮންޕިއުޓަރ ތަޢާރަފްކުރިއެވެ. - މައިކްރޯސޮފްޓް ވިންޑޯޒް އޮޕަރޭޓިންގ ސިސްޓަމްތަކުގެ ޢާއިލާއަށް ވިންޑޯޒް 98 އިތުރުވިއެވެ. 1999 ވަނަ އަހަރު - މައިކްރޯސޮފްޓް އޮފީސް 2000 މާކެޓަށް ނެރުނެވެ. - އިންޓެލް ކުންފުނީގެ ޕެންޓިއަމް 3 ޕްރޮސެސަރ ތަޢާރަފްކުރިއެވެ. މި ޕްރޮސެސަރުގައި 9.5 މިލިއަނަށްވުރެ ގިނަ ޓްރާންސިސްޓަރު ހިމަނާފައި ވެއެވެ. - 2000 ވަނަ އަހަރު ކޮންޕިއުޓަރުތަކުގެ ތާރީޚަށް ޖެހިދާނެ މައްސަލަތައް ރަނގަޅުކުރުމަށްޓަކައި ކުންފުނިތަކާ ސަރުކާރުތައް ގުޅިގެން ހިންގި ވައި.ޓޫ.ކޭ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސް ނިންމާލިއެވެ. މިކަމަށް ގާތްގަނޑަކަށް 500 ބިލިއަން ޑޮލަރު ޚަރަދު ކުރިއެވެ. 2000 ވަނަ އަހަރު - މައިކްރޯސޮފްޓް ވިންޑޯޒް 2000 އޮޕަރޭޓިންގ ސިސްޓަމް ތަޢާރަފްކޮށް ބާޒާރަށް ނެރުނެވެ. - ސިއްޙީ ދާއިރާގައި މިހާރު ބޭނުންކުރާ ޓެކްނޮލޮޖީއެއް ކަމަށްވާ ޓެލެ މެޑިސިން ތަޢާރަފްކުރިއެވެ. - 2000 ވަނަ އަހަރާ ހިސާބަށް އައި އިރު އީ.ކޮމާސް ކުރިއަރައިގެން ގޮސް އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 100 ބިލިއަން ޑޮލަރުގެ އޮންލައިން ވިޔަފާރި ކުރެވެއެވެ. އަދި އޮންލައިން ކޮށް އިޝްތިހާރުކުރުމަށް 5 ބިލިއަނެއްހާ ޑޮލަރު އަހަރަކު ހޭދަކުރެއެވެ. މިހާ ހިސާބުން އަޅުގަނޑު މި ލިއުމުގެ ދެވަނަ ބައި ނިންމާލަން ޤަޞްތުކުރަމެވެ. ދެން އަންނަ ބައެއްގައި 2001 ވަނަ އަހަރުގެ ފަހުން ފެށިގެން މިއަދާ ހަމައަށް ވެސް ގެނެސްދެވޭތޯ ބަލާނަމެވެ. ---------- (ނުނިމޭ) މި ލިޔުން: ފޮނުވުން: އަލްފާޟިލް އަޙުމަދު ޖަވާދު، ޅ. ނައިފަރު އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
|
| ހަމަ މި ގަލަމުން |
|---|