މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހެނދުނުގެ ނާސްތާ ސްކޫލް ކުދިންނަށް ވަރަށް މުހިންމު |
|
|
| ސިއްޙަތު - ސިއްޙަތު | |||
| 08 ފެބްރުވަރީ 2010، 00:07 ހޯމަ | |||
|
މުޙަންމަދު ޢަބްދުއްޞަމަދު ދުވަހުގެ އެންމެ މުހިންމު ކެއުމަކީ ހެނދުނުގެ ނާސްތާކަން އެނގިވަޑައިގަންނަވަނީ ކިތައް ބެލެނިވެރިނަށްތޯ އެވެ؟ ހަށިގަނޑަށް ފައިދާހުރި ކާނާއެއް ހެނދުނުގެ ނާސްތާއަށް ބޭނުންކުރުމަކީ މުޅި ދުވަހުގެ ހަރަކާތްތައް ރަގަޅަށް ފެށުމަށް ލިބޭ ބާރެކެވެ. ނަމަވެސް ހެނދުނުގެ ނާސްތާއަށް ސަމާލުކަމެއް ނުދެވެއެވެ. ބޮޑެތި މީހުންނާއި ސްކޫލްކުދިންނާއި ބެލެނިވެރިން ވެސް ހެނދުނު ސައި ދޫކޮށްލުން އާދަކޮށްފި އެވެ. ނަމަވެސް ދަރިވަރުންނަށް ހެނދުނު ރަނގަޅު ނާސްތާއެއް ދިނުމަކީ ބެލެނިވެރިންގެ ޒިންމާއެކެވެ. ވަގުތު ނެތުމާއި ބަނޑުހައި ނުވުމާއި އަދި އިތުރު ސަބަބުތަކާ ހުރެ ހެނދުނު ސައި ނުބޮއި ކުދިން ސްކޫލަށް އާދެއެވެ. މިކަމުގެ ސަބަބުން ތަފާތު ޞިއްޙީ މައްސަލަތަކާއި އުނގެނުމުގެ ދަތިތައް ކުރިމަތިވާނެ ކަމެއް ދަރިވަރުންނަކަށް ނޭނގެއެވެ. އެހެން ކަމުން ދަރިވަރުންގެ ކިބައިގައި ހެނދުނު ސްކޫލަށް އައުމުގެ ކުރިން ނާސްތާކުރުމުގެ އާދަ އަށަގަންނަވަން ވަނީ ޖެހިފައެވެ. ދިރާސާއަކުން ދައްކާ ގޮތުގައި ހެނދުނު ރަނގަޅަށް ނާސްތާކޮށްގެން ސްކޫލަށް ދާކުދިންނަށް ވުރެން، ހެނދުނު ސައި ނުބޮއި ސްކޫލަށް ދާކުދިންގެ ނަތީޖާ ދަށެވެ. އެމެރިކާގެ ހަވާރޑް މެޑިކަލް ސްކޫލްގެ ޑރ. ރޮނާލްޑް ކުލެއިމެން ވިދާޅުވެފައިވެ އެވެ. "ރަނގަޅު ނާސްތާއެއް ކޮށްގެން ކުދިން ސްކޫލަށް ދިއުމުން ކިޔެވުމަށް ކުދިން ރަނގަޅަށް މަސައްކަތް ކުރެއެވެ. ހާޒިރީ ރަނގަޅުވުމާއެކު، މާބޮޑަށް ހަލަނިވެގެން އުޅުން މަދުވެއެވެ. ނާސްތާ ނުކޮށް ސްކޫލަށް ދިއުމުން ކިޔެވުމަށް ދޭންވާ ސަމާލުކަމެއް ނުދެވެ އެވެ. އަދި މިކަމުގެ ސަބަބުން ކުލާހުގައި ވިޔާ ނުދާކޮށް އުޅެ އެވެ. މުދައްރިސުން ކިޔަވާދެއްވާ އިރު އަޑު ނޭހުމާއި، އެހެންކުދިންނާއި ތޮޅުމާއި ، އެހެންކުދިންގެ ތަކެތި ސިއްރުން ނެގުން ފަދަ ކަންތައްތައް ކުދިން ކުރެއެވެ. " ތަރައްގީވެފައިވާ ގައުމުތަކުގެ ސްކޫލްތަކުގައި އެއް ދަންފަޅި އަށް ކިޔަވައިދިނުމާއި ސްކޫލުން ކާން ދިނުމުގެ ނިޒާމެއް ވެސް ހަމަޖެހިފައި އޮވެ އެވެ. ދިރާސާއިން ދައްކާގޮތުގައި މި ނިޒާމުގެ ސަބަބުން ދަރިވަރުން ތަޢުލީމީ ގޮތުން ނަތީޖާ ރަނގަޅުވެ އަދި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުވެ އެވެ. މި ފަދަ ނިޒާމެއްގެ އެއް ބޭނުމަކީ މުޖްތަމަޢުގެ ތަފާތު ފަންތިތަކުގެ ކުދިން އުޅޭ ސްކޫލެއްގައި ރަނގަޅުކާނާގެ މިންތަކަށް ފެތޭ ކެއުމެއް، ވަކި ކުއްޖަކު އިސްތިސްނާއެއް ނެތި ހުރިހާ ކުދިންނަށް ވެސް ފޯރުކޮށްދިނުމެވެ. މީގެ ނަތީޖާއަކަށްވާނީ ފައިސާގެ ގޮތުން އެހާ ތަނަވަސްކަމެއް ނެތް މީހުންގެ ކުދިންނަށް ވެސް ކޮންމެ ވެސް ވަރަކަށް ބެލެންސްކުރެވިފައިވާ ކާނާގެ ބާވަތްތައް ލިބި އެ ކުދިންވެސް ކިޔެވުމާއި އަދި އިތުރު ހަރާކަތްތަކުގައި ފަސްޖެހިފައި ތިބެން ނުޖެހުމެވެ. ސްކޫލަށްދާ އުމުރުގެ ކުދިންނަކީ އެ އުމުރެއްގައި އެ ކުދިންގެ ހަށިގަނޑު ހެދި ބޮޑުވާ އުމުރުގެ ކުދިންނެވެ. ވުމާއެކު މި އުމުރުގައި ދެވޭ ކާނާއަކީ އެކުދިންގެ ސިކުނޑިއާއި އަދި ވިސްނުމުގެ ފެންވަރަށް ބަދަލުތަކެއް ގެނުވާނެ އެއްޗެއްކަން ޔަގީނެވެ. ވުމާއެކު، ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުވެ، ވަށާޖެހޭ ތަޢުލީމުގެ ތެރެއިން ސްކޫލުން ކުދިންގެ ކޭންބުއިމުގެ ޚިދުމަތް ދިނުމުގެ ނިޒާމުވެސް ފެށިގެން ދާނެ ކަމަށް އުއްމީދު ކުރެވެއެވެ. ހެނދުނުގެ ނާސްތާ އަކީ ރޭގަނޑުގެ ނިދީގައި ހޭދަކުރާ ދިގު ވަގުތުތަކުގައި ގޮހޮރު ހުސްކޮށް އޮތުމަށް ފަހު އެތެރެކުރެވޭ ކާނާގެ އެތިކޮޅެވެ. ރޭގަނޑުގެ ނިދިން ތެދުވާއިރުގެ ހަށިގަނޑުގެ ހަކަތަ ހުންނަނީ ވަރަށް ދަށްވެފަ އެވެ. އެހެންކަމުން ދުވާލުގެ ހަރަކާތްތައް ފެށުމަށް ހަކަތަ ބޭނުންވެ އެވެ. ސިކުނޑި އާއި އަދި ހަށިގަނޑުގެ މުހިއްމު އެހެނިހެން ގުނަވަންތަކަށް ބޭނުންވާ ހަކަތަ ލިބި ހަށިގަނޑުގެ މަސައްކަތްތައް ފަށައިގަތުން ހުއްޓިފައި އޮންނާނީ ހެނދުނު މި ދެވޭ ކާއެތިކޮޅެއްގެ މައްޗަށެވެ. ސިކުނޑި އަށް ބޭނުންވާ ހަކަތަ އަކީ ހަމައެކަނި ގުލްކޯޒު އަންދައިގެން ލިބޭ ހަކަތަ ކަމަށް ވާއިރު އެންމެ ކުޑަމިނުން ސައިތަށްޓެއް ވެސް ނުދީ ސްކޫލަށް ފޮނުވާ ކުދިން، އެ ކުދިންނަށް މުދައްރިސް ކިޔަވައިދެއްވާ ފިލާވަޅުތަކަށް ސަމާލުކަން ދީ ފިލާވާޅުތައް ދެނެގަންނާނީ ކިހިނެއްބާވަ އެވެ؟ ބޮލުގައި ރިހުމާއި ، މޭ ނުބައި ކުރުމާއި، ބަނޑުގައި ރިހުމުގެ ތެރެއިން ފިލާވަޅަށް ދެވޭ ސަމާލުކަމެއް އޮންނާނެތޯ އެވެ؟ ހެދުނު ސައިނުބޮއި ސްކޫލަށް އަންނަ ކުދިންގެ ކިބައިން ނާއުއްމީދު ވުމާއި އަވަހަށް ރުޅި އައުމާއި ހިތާމައާއި ، ހާސްކަން ފެނެއެވެ. އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ހެދިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ސްކޫލް ކުދިންގެ ތެރެއިން 02 އިންސައްތަ ކުދިން ސްކޫލަށް އަންނަނީ ހެނދުނު ނާސްތާ ނުކޮށެވެ. އަދި މި ކުދިން ސްކޫލްގެ ދިރާސީ ދުވަސް ހޭދަކުރަނީ އެންމެ އެދެވޭ ގޮތަށް ނޫން ކަމަށް ވެސް ފާހަގަކުރެވިފައިވެ އެވެ. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިކަމާބެހޭގޮތުން ދިރާސާއެއް ކުރެވިފައިނެތަސް ހެނދުނު ނާސްތާ ނުކޮށް ސްކޫލަށް އަންނަކުދިން ގިނަ ކަން ފާހަގަ ކުރެވެ އެވެ. ހެނދުނު ނާސްތާ ނުކުރުމުން ލިބިދާނެ ގެއްލުންތަކުގެ ތެރޭގައި ތިރީގައި މިވާ ކަންތައްތައް ފާހަގަކުރެވެ އެވެ. * ބަނޑުގައި ރިއްސުމާއި ބަނޑުގައި ވައި އުފެދި ގޮހޮރު ފާރުވުން. * މޭ ނުބައިކުރުމާއި ހޮޑުލެވުން. * ބޮލުގައި ރިއްސުމާއި ވަކި ކަމަކަށް ސަމާލުކަންދީގެން އިންނަން އުނދަގޫވުން. ޚާއްޞަކޮށް ހިސާބު ކަހަލަ ސިކުނޑި ބޭނުންކުރަންޖެހޭ މާއްދާތަކުން ރަނގަޅު މާކްސް ނުލިބުން. * ސްކޫލަށް ދާ ހިތްނުވުމާއި އިމްތިހާނުތަކުން ފާސްނުވުން. * ސްކޫލްގެ އެކްޓިވިޓީތަކުގައި ބައިވެރިވާ ހިތްނުވުމާއި މޫޑު ބަދަލުވުން. ސްކޫލަށް ދިއުމުގެ ކުރިން ކުދިންނަށް، ނާސްތާ ނުކުރެވޭ ވަރަށް ގިނަ ސަބަބުތައްވެ އެވެ. އޭގެ ތެރޭގައި ކުއްޖާ ދިރިއުޅޭ ވެށި، އާއިލީ ދިރިއުޅުން އަދި މައިންބަފައިންގެ އަޅާލުމާއި ލޯބި ކުއްޖާ އަށް ލިބޭ މިންވަރު ހިމެނެ އެވެ. އަދި ރޭގަނޑުގެ ނިދި ފުރިހަމަ އަށް ނުލިބުމަކީ ވެސް ހެނދުނު ސައި ރަނގަޅަށް ނުބޮވުމުގެ ސަބަބެކެވެ. މީގެ އިތުރަށް ވަރަށް ގިނަ ކުދިން ހެނދުނު އެއްޗެއް ކެއުމަށް ދެކޮޅު ހަދައެވެ. ސައިބޯ ހިތްނުވެޔޭ ބުނެ އެއްޗެއް ކެއުމަށް އިންކާރުކުރެ އެވެ. މިހެންވާންޖެހެނީ ރޭގަނޑު ލަސްވާ ފަހުން ނުވަތަ ނިދުމުގެ ކުރިން މާ ގިނަ އިން ކާން ދެވޭތީ ކަމަށް ފާހަގަކުރެވިފައިވެ އެވެ. އަދި ބޮޑުކަމު ދިއުމުގައި މައްސަލަ ހުންނަ ކުދިން ވެސް ހެނދުނު ސައިބުއިމަށް ދެކޮޅު ހަދައެވެ. ހެނދުނުގެ ނާސްތާގެ ސަބަބުން ކުޑަކުއްޖާ އަށް ލިއްބައިދޭނެ ފައިދާތަކުގެ ތެރޭގައި އަންނަނިވި ކަންތައްތައް ހިމެނެއެވެ. * ފިލާވަޅުތަކަށް ސަމާލުކަންދިނުން އިތުރުވާނެ. * ހިސާބާއި އަދި ސައިންސްގެ މައްސަލަތައް އަވަހަށް ހައްލުކުރުން * ލޮލާއި އަތުގެ ކޯރޑިނޭޝަން ރަނގަޅުވާނެ. * ކަންތައްތަކަށް ފިސާރި ސަމާލުވެ ހުރުމަށް އެހީތެރިވެދޭނެ. * ކްރިއޭޓިވް (އުފެއްދުންތެރި) އަދި ފަންނީ މަސައްކަތްތައް ކުރުމުގެ ގާބިލުކަން އިތުރުވާނެ. * ސްކޫލަށް ހާޒިރުނުވާ ދުވަސްތައް މަދުވާނެ. * ކުޅުމާއި ޖިސްމާނީ ހަރަކާތްތަކުގައި ބައިވެރިވުން އިތުރުވާނެ. ހެނދުނު ސައިގެ ގޮތުގައި ކާހިތްވާ ކަހަލަ ކޮންމެ އެއްޗެއް ވެސް ރަނގަޅުވާނެ އެވެ. ނަމަވެސް އާއްމުކޮށް ކާނާގެ ބައިތަކުގެ ތެރެއިން ހުރިހާ ބައިތަކެއް އެކުލެވޭ ކާނާއެއް އިޚުތިޔާރުކުރުމަކީ ރަނގަޅު ކަމެކެވެ. ހެނދުނުގެ ނާސްތާގައި ކޮންމެހެން ހުންނަންޖެހޭނެ ކަމަށް ޑައިޓިޝަނުން ލަފާ ދެއްވާ ބައިތަކަކީ ރޮށި ނުވަތަ ޕާން ނުވަތަ އެ ބާވަތުގެ އެއްޗެކެވެ. ސަރުބީ ގިނައިން ނުހިމެނޭ ވައްތަރެއްގެ ޕްރޮޓީން ލިއްބައިދޭނެ ކާނާއެވެ. މިސާލަކަށް، ކައްކާފައި ހުންނަ ބިސް، ޕީނަޓް ބަޓަރ، މަހުގެ ބާވަތެއް ވެސް ރަނގަޅުވާނެއެވެ. ކިރުގެ ވައްތަރެއް، ދިޔާކިރު ނުވަތަ ހިކި ކިރު، ނުވަތަ ޔޯގަޓް ނުވަތަ ޗީޒް ވެސް ކަމުދާނެއެވެ. ކޮންމެވެސް ވައްތަރެއްގެ މޭވާއެއް ނުވަތަ މޭވާގެ ޖޫހެއްވެސް ރަނގަޅުވާނެއެވެ. މި ދެންނެވުނު މައިގަނޑު ބައިތައް ހިމެނޭ ހެނދުނުގެ ނާސްތާއަކީ ސްކޫލް ކުދިންނަށް ވަރަށް އެކަށީގެންވާ ނާސްތާއެކެވެ. މީގެ ސަބަބުން އެ ކުދިންގެ ހަކަތައިގެ މިންވަރު ރަނގަޅު ލެވެލެއްގައި ހިފެހެއްޓުމަށް އެހީތެރިވެދޭނެ އެވެ. އަޅުގަނޑުމެންގެ ދަރިންނަކީ އަޅުގަނޑުމެންނާ ހަވާލުކުރެވިފައިވާ އަމާނާތެކެވެ. އެ ކުދިން ރަނގަޅު ގޮތުގައި ތަރުބިޔަތުކުރުމަކީ އަޅުގަނޑުމެންގެ މަސްއޫލިއްޔަތެކެވެ. ހަމައެކަނި މަދަރުސާ އަށް ފޮނުވުމަކުން އެ ކުދިންގެ ތަރުބިޔަތުގެ މަސްއޫލިއްޔަތު އަދާކުރެވުނީ ކަމަށް ބަލައިގެން ނުވާނެ އެވެ. ކެއުމާއި ބުއިމާއި އަދި ދިރިއުޅުމުގެ ވައްޓަފާޅި ދަސްކޮށްދިނުމަކީ ވެސް ތަރުބިޔަތުގެ ބައެކެވެ. (ނިމުނީ)
|
| އިތުރު މަޒްމޫނު |
|---|
|
އެކަކުވެސް ނެތް
''އަޅުގަނޑަށް ވިންސޭ ގޮތުގައި ހަމައެއް ނަހަމައެއް ބެލުމަކާނުލައި ބަސް އުފެދިފައިވާ އަޞްލަށް ޙުރުމަތްތެރިކަމެއް ނުބަހައްޓައި އެބަހަކާ ނުގުޅޭ ފަދަ ބޭރުބަސްތަކުގެ ލަފްޒުތައް ބަހަކަށް ވައްދަން މަސައްކަތް ކުޅައުމަކީ އެބަހަކަށް ޚިދުމަތް ކުޅައުމުގެ ބަދަލުގައި ބަހަށް ކުރެވޭ ވަރަށްވެސް ބޮޑު ޚިޔާނާތްތެރި ކަމެކެވެ.'' - މުޙަންމަދު އަމީން- |