މަޒްމޫން ޝާއިޢުކުރުމަށްޓަކައި ފޮނުއްވާނީ
publish@fanvai.info
|
| ހަކުރު ބައްޔާމެދު ފަރުވާތެރި ވަމާ!! |
|
|
| ސިއްޙަތު - ސިއްޙަތު | |
| 14 ޖުލައި 2011، 10:37 ބުރާސްފަތި | |
|
އަލީ ނިޝާން ހަކުރު ބަލި (Diabetes Mellitus) އަކީ ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު އިންތިޒާމްކޮށްދޭ އިންސޫލިން އުފެއްދުމަށް ހަށިގަނޑު ނުކުޅެދުމުން، ނުވަތަ އިންސޫލިން އަށް ހަށިގަނޑު އިޖާބަ ނުދިނުމުން ކާބޯހައިޑްރޭޓް މެޓަބޮލިޒަމްގައި އުފެދޭ އުނިކަމެކެވެ. މާނަ އަކީ މިދެންނެވި ގޮތަށް އިންސޫލިން އުފައްދައި ނުދިނުމުން، ލޭގައިވާ ހަކުރުގެ މިންވަރު ނުވަތަ ގުލުކޯޒްގެ މިންވަރު މަތިވެގެން ގޮސް ހަކުރު ބަލި ކުރިމަތި ކުރުވަނީ އެވެ. ސަބަބަކީ އިންސޫލިން އަކީ ލޭގައި ހަކުރުގެ މިންވަރު ކޮންޓްރޯލްކޮށް އެއްހަމައެއްގައި ބަހައްޓައިދޭ ހޯމޯން އެވެ.އެހެން އިބާރާތަކުން ދަންނަވަނީނަމަ ހަކުރުބައްޔަކީ ހަށިގަނޑުގައި ހަކަތަ އުފެއްދުމަށްޓަކައި ހަކުރު ބޭނުން ކުރުމުގައި ދިމާވާ މައްސަލަތަކަކާއި ގުޅިގެން ޖެހޭ ބައްޔެކެވެ. މިގޮތުން ހަކުރު އުފެއްދުމުގައި ނުވަތަ ހަށިގަނޑުގެ ހަކަތަ ބޭނުންވާ ގުނަވަންތަކަށް ފޯރުކޮށްދިނުމުގައި ނުވަތަ އެގުނަވަންތަކުގައި ހަކުރު ހަކަތައަށް ބަދަލު ކުރުމުގައި ނޫންނަމަ މިފަދަ އެހެންވެސް މަރުޙަލާ އެއް ފުރިހަމަ ނުކުރެވުމަކީ ހަކުރުބަލީގައި ފެންނަ ކަންކަމެވެ. ނަތީޖާ އަކަށްވަނީ ލޭގައި ދައުރުކުރަމުންދާ ހަކުރުގެ މިންވަރު މައްޗަށް ދިއުމެވެ. އަދި ލޭގައި ހަކުރު ގިނައިން ހުރުމާއި އެކުވެސް ހަށިގަނޑުގައި ހަކަތަ ނެތްކަން އިހުސާސް ކުރެވުމެވެ. އަދި ހަށިގަނޑަށް އެތަކެއްބަދަލު ތަކެއް އާދެއެވެ. މީގެތެރޭގައި މުހިންމު އެއް ކަމަކީ ލޭގައި މިދައުރުވާ ހަކުރާއި އަދި އޭގެން އުފެދޭ ބައެއް މާއްދާތަކުން ހަށިގަނޑުގެ މުހިންމު އެތައްގުނަވަނަކަށް ބޮޑެތި ގެއްލުން ދެމުން ދިއުމެވެ. ހަކުރުބައްޔަށް ފަރުވާތެރިވެ ފަރުވާހޯދުމަށް އަވަސްވެ ގަންނަންވީ މި ސަބަބާއި ހުރެއެވެ. ހަކުރު ބަލި ހުރިކަމަށް ބެލެވެނީ މީހެއްގެ ލޭގައި ހަކުރު ހުންނަންވީ ވަރަށްވުރެ މައްޗަށް ގޮސްފައި ހުރުމުންނެވެ. މިބަލި ޖެހެނީ ހަކުރު ކޮންޓްރޯލްކުރުމަށް ހަށިގަނޑުގައި އުފައްދާ މާއްދާއެއް ކަމަށްވާ އިންސޫލިން މަދުވުން، ނުވަތަ އޭގެ މަސައްކަތް ނުކުރާގޮތް ވުމުންނެވެ. ހަކުރު ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެއް ނޫނެވެ. މިއީ މުޅިން ރަނގަޅު ކުރެވިދާނެ ބައްޔެއް ނޫން ނަމަވެސް ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. ހަކުރު ބަލީގެ ދެވައްތަރެއް ހުރެއެވެ. ފުރަތަމަ ވައްތަރަކީ އިންސޫލިން އަށް ބަރޯސާވާ ވައްތަރު ނުވަތަ ޓައިޕް 1 އެވެ. މިވައްތަރު އާންމުކޮށް ޖެހެނީ ކުޑަކުދިންނަށެވެ. ނުވަތަ އުމުރުގެ ކުރީކޮޅު އެވެ. ދެވަނަ ވައްތަރަކީ އިންސޫލިން އަށް ބަރޯސާނުވާ ވައްތަރު ނުވަތަ ޓައިޕް 2 އެވެ. މިއީ އުމުރުން 40 އަހަރު ވުމުގެފަހުން ކުރިމަތިވާ ވައްތަރެކެވެ. ހަށިގަނޑުން ހަކަތަ ލިބިގަންނަ ގޮތްތައް: އާންމުގޮތެއްގައި އަހަރުމެން ކާއެއްޗެތީގައި ހިމެނެނީ މައިގަނޑު ތިން ބައެކެވެ. އެއީ: 1. ކާރބޯހައިޑްރޭޓްސް (ސްޓާރޗް އަދި ހަކުރު) 2. ޕްރޮޓީންސް (މަހާއި އެކި ޓިޝިއޫ އަދި މާއްދާތައް އުފައްދާ) 3. ފެޓްސް (ސަރުބީ ގެ ބާވަތްތައް) އަހަރުމެން ކާއެއްޗެތީގެ ތެރެއިން ކާރބޯހައިޑްރޭޓްސް އެކުގައިހެން އަދި ޕްރޮޓީންސް އާއި ފެޓްސްގެ ބައެއް ހަށިގަނޑުން ބަދަލުކުރަނީ "ގްލޫކޯސް" ނަމަކަށް ކިޔޭ ހަކުރަކަށެވެ. "ގްލޫކޯސް" އަކީ ހަށިގަނޑުން ހަކަތަ އުފެއްދުމަށް ބޭނުން ކުރާ މާއްދާއެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ ހަށިގަނޑުގެ މެޝިނަރީ ހިންގާ 'ތެލެވެ'. މި ހަކުރު ("ގްލޫކޯސް") ހަށިގަނޑުގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށްޓަކައި ލޭގައި ދައުރު ކުރަމުންދެއެވެ. އަދި ހަކަތަ ބޭނުންވާމިންވަރަކުން އެކި ގުނަވަންތަކުން (މިސާލަކަށް ސިކުނޑި، ކިޑްނީ ...) ގްލޫކޯސް އެތެރެކޮށް އެހަކަތަ އަށް ބަދަލުކޮށް ބޭނުން ކުރަމުންދެއެވެ. މިގޮތުން ހަށިގަނޑުގެ ގުނަވަންތަކަށް ގްލޫކޯސް އެތެރެކޮށް ހެދުމުގައި އެހީވަނީ 'އިންސިއުލިން' އޭ ކިޔޭ މާއްދާއެކެވެ. 'އިންސިއުލިން' އަކީ ހަށިގަނޑުގެ 'ޕެންކްރިއާސް' ގެ ބައެއް 'ސެލް' ތަކުން އުފައްދާ ވަރަށް މުހިންމު މާއްދާއެކެވެ. މި މާއްދާ އިން ހަށިގަނޑު އުފެދުމުގައާއި، ހެދި ބޮޑުވުމުގައާއި، ހަށިގަނޑުގައި ހިނގާ 'މެޓާބޮލިސްމް' ނުވަތަ އުފެއްދުމާއި އާކުރުމުގެ މަސައްކަތްތައް ފުރިހަމައަށް ހިންގުމުގައާއި އަދި ކުރީވެސް އިޝާރާތް ކުރިފަދައިން ހަކަތަ ބޭނުންކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރެއެވެ. ހަކުރު ބަލީގެ ވައްތަރުތައް: ހަކުރުބަލީގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. މީގެ ތެރެއިން އެންމެ ގިނައިން ފެންނަ ދެ ވައްތަރަކީ "އިންސޫލިން އަށް ބަރޯސާވާ ވައްތަރު ނުވަތަ ޓައިޕް 1" އަދި "އިންސޫލިން އަށް ބަރޯސާނުވާ ވައްތަރު ނުވަތަ ޓައިޕް 2" އޭކިޔޭ ދެ ބާވަތެވެ. އެހެން ގޮތަކަށް ދަންނަވަނީނަމަ 'ފުރަތަމަ' ވައްތަރާއި'ދެވަނަ' ވައްތަރެވެ. މީގެ އިތުރުން 3 ވަނަ ވައްތަރެއްގެ ގޮތުގައި ބެލެވެނީ ބަލިވެ އިނުމާއި ގުޅިގެން ކުރިމަތިވާ ހަކުރު ބައްޔެވެ. ހަކުރު ބަލީގެ ފުރަތަމަ ވައްތަރު (ޓައިޕް 1 ޑައިބިޓީސް) މި ވައްތަރުގައި ހަށިގަނޑުން އިންސިއުލިން އުފެއްދުން ދަށްވެގެންދަނީއެވެ. ނުވަތަ ބޭނުންވާވަރަށް އުފައްދައި ނުދެނީއެވެ.ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއަށް ގްލޫކޯސް އަކަށް ނުވަދެވެއެވެ. ނަތީޖާއެއްގެ ގޮތުން ލޭގައި އެކުލެވޭގްލޫކޯސް މިންވަރު މައްޗަށް ދެއެވެ. މިއީ ހަށިގަނޑުގެ ދިފާއީ ނިޒާމުން ކޮންމެސް ސަބަބަކާއި ހުރެ "ޕެންކްރިއާސް" އަށް ކުރާ ގޯނާއެއްގެ ސަބަބުން ފެށިގެން އަންން ކަމެކެވެ. ގިނައިން މި ވައްތަރު ފެށިގެން އަންނަނީ ޅަ އުމުރުގައެވެ. މާނައަކީ ކުޑަކުދިންނާއި ޒުވާނުންގެ ތެރެއިންނެވެ. ހަކުރު ބަލީގެ ދެވަނަ ވައްތަރު(ޓައިޕް 2 ޑައިބިޓީސް) ޓައިޕް ޓޫ ޑައިބިޓީސްގައި ޗިސްމޭއިން އިންސިއުލިން ކޮންމެވެސް ވަރަކަށް އުފައްދަމުން ދެއެވެ. ނަމަވެސް އިންސިއުލިން ގެ އަސަރު ފުރިހަމަ ގޮތުގައި ގުނަވަން ތަކަކަށް ނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ގުނަވަންތަކުގެ 'ސެލް' ތަކުގެތެރެއަށް ގްލޫކޯސް އަކަށް ނުވަދެވެއެވެ. އަދި ލޭގައި ހަކުރު ހުންނަ މިންވަރު މައްޗަށްދެއެވެ. ހަކުރު ބަލީގެ ދެވަނަ ވައްތަރުގައި ޗިސްމޭ އިންއިންސުލިން އުފެއްދި ނަމަވެސް ކޮންމެވެސް ސަބަބުތަކާއި ހުރެ އިންސުލިންގެ މަސައްކަތް ނުކުރަނީއެވެ. އެހެން ކަމުން ކަސްރަތުކޮށްގެންނާއި ކެއުމަށް ބަދަލުގެނެސްގެން ނުވަތަ ބޭހުން ހަކުރު ކޮންޓްރޯލް ކުރެވިދާނެއެވެ. މިވައްތަރު އާންމުކޮށް ފެންނަނީ އުމުރުން ދުވަސްވީ މީހުންނެގެ ތެރެއިންނެވެ. ޓައިޕް ޓޫ ޑައިބިޓީސް ޖެހުން ގާތީ: • ހަށިގަނޑުގެ ބަރުދަން އިތުރު މީހުން • އާއިލާގައި ހަކުރުބަލި ހުންނަ މީހުން • ބަނޑުބޮޑު އިރު ހަކުރުމައްޗަށް ދިޔަ / 9 ޕައުންޑަށްވުރެ ބަރު ކުދީން ވިހާފައިވާ މީހުން ބަލިވެ އިނުމާއި ގުޅިގެން ކުރިމަތިވާ ހަކުރު ބަލި: މާބަނޑުވުމާއި ގުޅިގެން ކުރިމަތިވާ ހަކުރުބައްޔަށް ބަލިވެ އިންނަ ކޮންމެ އަންހެނަކުމެ ޓެސްޓްކުރުމަކީ ބޭނުންތެރި ކަމެކެވެ. އެހެނީ ހަކުރުބަލީގެ ސަބަބުން ކުރިމަތިވާ އުދަގޫތައް ފެނުމަކާއި ނުލައި، ނުވަތަ ހަކުރުބަލި މެދުވެރިވުމަށް މަގުފަހިކޮށްދޭ ކަމެއް ކުރިމަތި ނުވާ ހާލުގައިވެސް މާބަނޑުވުމުން ހަކުރުބަލީގެ މައްސަލަ ކުރިމަތިވެއެވެ. މާބަނޑުވުމާއި ގުޅިގެން ކުރިމަތިވާ ހަކުރު ބަލީގެ އުދަގޫ ވިހެއުމަށްފަހު ފިލައިދެއެވެ. މާބަނޑު ދުވަސްވަރު މިކަމުގެ އުދަގޫ ކުރިމަތިވާ ގިނައަންހެނުންނަށް އަހަރުތަކެއް ފަހުން ހަކުރު ބަލީގެ އުދަގޫތަކާއި ކުރިމަތިލާންޖެހެއެވެ. އެހެންކަމުން ކުރިން ބަލިވެއިދެ ހަކުރު ބަލީގެ އުދަގުލާއި ކުރިމަތިލާފައިވާނަމަ އެކަން ޑޮކްޓަރަށް ނުވަތަ ސިއްހީ މައުލޫމާތު ފޯރުކޮށްދޭ މީހަކަށް ބަޔާންކޮށްދީ އެކަމަށް ފަރުވާ ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ހަކުރު ބަލިޖެހެން ދިމާވާ ސަބަބުތައް: ހަކުރު ބަލި ޖެހެން ދިމާވާ ސަބަބެއް ގިނަ ފަހަރަށް ނޯވެއެވެ. ނަމަވެސް ހަކުރު ބަލި ޖެހުމާއި ބައެއް ކަންތައްތަކާއި ގުޅިފައި ހުންނަކަން ފާހަގަކޮށްލަން ޖެހެއެވެ. އެއީ:- • އާއިލާގައި ހަކުރު ބަލީގެ މީހަކު ހުރުން • ފަލަވުން • ލޭމައްޗަށްދިއުމާއިކޮލެސްޓްރޯލް މައްޗަށްދިއުން • ދިރިއުޅުމުގައި ފިކުރު ބޮޑުވުމާއި ހާސްކަން ކުރިމަތިވުން ހަކުރުބަލީގެ އަލާމާތް: • ވަރުބަލިވުން • ކަރުހިއްކުން / ފެންބޮވުން • އާދަޔާޚިލާފަށް ބަނޑުހައިވުން • ބަރުދަން ލުއިވަމުން ދިއުން / ބަރުދަނަށް ބަދަލުއައުން • ގިނަ ގިނައިން ކުޑަކަމުދާން ޖެހުން / އަވަސް އަވަހަށް ކުޑަކަމުދާން ޖެހުން ހަކުރުބަލި ޖެހިފައިވާކަން ދެނެގަންނެގޮތް: ހަކުރުބަލި ޖެހިފައިވާކަން ޔަޤީން ކުރެވޭނެ ގޮތަކީ ލޭގައި ހަކުރު ހުރިމިންވަރު ބެލުމެވެ. އާއްމު ގޮތެއްގައި ހައިބަނޑާއި ހުންނަމީހެއްގެ ލޭގައި ހަކުރު ހުންނާނީ 70 އާއި 99 މިލިގްރާމް ޕަރ ޑެސިލީޓަރ އާއި ދެމެދުގެ މިންވަރަކަށެވެ. ކެއުމަށްފަހު މީހާގެ ހަކުރުމައްޗަށް ދެއެވެ. ނަމަވެސް 200 މިލިގްރާމް ޕަރ ޑެސިލީޓަރ އަށްވުރެ މައްޗަށް ދިއުމަކީ ވަރަށް ނާދިރު ކަމެކެވެ. ހަކުރުބަލި ކަމުގައި ނިންމުމަށްޓަކައި (ޑަޔަގްނޯސް ކުރުމަށް) އެމެރިކަން ޑައަބިޓީސް އެސޯސިއޭޝަން (އޭ.ޑީ.އޭ) އިން ކަނޑައަޅާފައިވާ ދެ މިންގަނޑަކީ: 1. ހަކުރުބަލީގެ އަލާމާތްތަށް (ކުރިންދެންނެވުނު) ހުރުމާއި އެކު ލޭގެ ހަކުރު ބަލާއިރު 200 މިލިގްރާމް ޕަރ ޑެސިލީޓަރ އަށްވުރު މަތީގައި ހުރުން 2. ހައިބަނޑާއި ހުރެ ހަދާ ޓެސްޓުގައި (ފާސްޓިންގް ބްލަޑް ގްލޫކޯސް) ލޭގައި ހަކުރުގެ މިންވަރު 126 މިލިގްރާމް ޕަރ ޑެސިލީޓަރ އަށްވުރެ މަތީގައި ދެ ދުވަހެއްގެ މަތީން ހުރުން. ހަކުރުބަލި ޖެހިއްޖެނަމަ ހަދާނީ ކިހިނެއް: ހަކުރުބަލި ހުރިކަން އެނގުމުން ލޭގައި ހަކުރުގެ މިންވަރު އަބަދުމެ ރަނގަޅު ހިސާބުގައި ބެހެއްޓުމަށް ވަރަށް ސަމާލު ކަން ދޭންވާނެއެވެ. ރަނގަޅީ ކެއުމުގެ ކުރީންވެސް އަދި ފަހުންވެސް ހަކުރު މައްޗަށް ދިޔަނުދީ ފަރުވާތެރިކަމާއި އެކު ބަލަހައްޓަމުން ގެންދިއުމެވެ. ގަވާއިދުން ކަސްރަތު ކުރުމާއި، ކެއުމުގެ މިންގަނޑުތައް ރަނގަޅަށް ބެހެއްޓުމާއި، ބޭސްކެއުމުގައި ފަރުވާތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއިން ކޮންމެވެސް އެއްކަމެއް ނޫނީ ދެކަމެއް ކޮށްލުމުން ފުދިދާނެކަމަށް ހީކޮށް އަމަލުކޮށްފިނަމަ ނޭނގި ހުއްޓާ ލިބިދާނެ ގެއްލުން ވަރަށްވެސް ބޮޑެވެ. އަދި ޑޮކްޓަރަށް ގަވާއިދުން ދެއްކުމާއިޑޮކްޓަރުގެ ލަފާހޯދައި ލޭގައި ހަކުރު ބަހައްޓަންޖެހޭ މިންވަރަކީ ކޮބައިތޯ ބަލައި މަޝްވަރާކޮށް އެއިރުޝާދުގެ ދަށުން ކަންތައް ކުރަމުންގެންދިއުމަކީ ބުއްދިވެރި ގޮތެވެ. ހަކުރުބަލި ޖެހުމު ކުރީން: ބައެއްމީހުންނަކީ ހަކުރުބަލި ޖެހުމުގެ ފުރުސަތު ބޮޑުމީހުންނެވެ. އެންމެގިނައީ ޓައިޕް 2 ޑައަބިޓީސް، އާއިލާގެތެރޭގައި އުޅޭތީ މިބަލި ޖެހުމުގެ ފުރުސަތު ބޮޑުމީހުންނެވެ. މިބައިމީހުންނަށް ރައްކާތެރިކަން ލިބޭނީ ކިހިނެއް ހެދީމާބާއެވެ؟ ނޫނީ ދުވަސް ދުވަސް ކޮޅުން ހަކުރު ބަލައިލަ ބަލައިލަ ތިބެންވީ ބާއެވެ؟ ނޫނެކެވެ. ކުރެވިދާނެ ކަންތައް އެބަހުއްޓެވެ. އެންމެ މުހިންމު ކަމަކީ ބަރުދަން ލުއިކުރުމެވެ. ހިކުމެވެ. ދެން ކެއުމުގައި މެދުމިންވަރެއް ގެންގުޅެ ގަވާއިދުން ކަސްރަތުކޮށް ހަށިގަނޑު ފަލަވެގެން ދިޔަނުދީ ހިފެހެއްޓުމެވެ. މީގެއިތުރުން ހަކުރު ހުރިމިންވަރު ބަލާ ޓެސްޓު ކުރުމާއި ދުޅަހެޔޮ ސިއްޙަތަކަށްޓަކައި ކުރަންޖެހޭ އެހެނިހެން ކަންކަމަށް ބަލައިގެން އުޅުން ބުއްދިވެރިއެވެ. މީގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، މޭވާއާއި ތަރުކާރީ ގިނައިން ކެއުމާއި، ހަރަކާތްތެރި ދިރިއުޅުމެއް ބައްޓަންކުރުމެވެ. ބަލިން ރައްކާތެރިވުން ހަމަ ޔަގީނުންވެސް ފަރުވާލިބުމަށްވުރެ ރަނގަޅެވެ. ނޫންތޯއެވެ؟ ހަކުރު ބަލި ކޮންޓްރޯލް ކުރުން: ހަކުރު ބައްޔަކީ އެއްކޮށް ފަސޭހަކުރެވޭ ބައްޔެއް ނޫންކަމުން ބަލަން ޖެހެނީ ބަލި ކޮންޓްރޯލްކުރެވޭތޯ އެވެ. ހަކުރު ބަލީގެ ކޮންމެ ވައްތަރެއް ވިޔަސް ކޮންޓްރޯލް ކުރުމަށްޓަކައި ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ގެންނަނށްޖެހެއެވެ. ހަކުރު ބައްޔަކީ އެއްކޮށް ފަސޭހަކުރެވޭ ބައްޔަކަށް ނުވާތީ ވިސްނަންޖެހެނީ ހަކުރު ބަލި ކޮންޓްރޯލް ކުރެވޭތޯ އެވެ. ހަކުރު ބަލީގެ ކޮންމެ ބާވަތެއް ވިޔަސް، ކޮންޓްރޯލްކުރުމަށްޓަކައި ދިރިއުޅުމުގެ ބައެއް އާދަތަކަށް ބަދަލު ގެންނަން ޖެހެއެވެ. އޭގެ ތެރޭގައި:- • ފުދޭ މިންވަރަށް ކަސްރަތުކުރުން • ކެއުމަށް އެދެވޭ ބަދަލު ގެނައުން • ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން • ފިކުރު ބޮޑުކުރުމާއި، ހާސްކަމުން ދުރުހެލިވުން ހަކުރުބައްޔައް އޮތް ފަރުވާ އަކީ ކޮބާ؟ 1. ހަކުރުބަލީގެ ފުރަތަމަ ވައްތަރުގެ ފަރުވާ: ހަކުރުބަލީގެ ފުރަތަމަ ވައްތަރުގެ ފަރުވާގައި ހަކުރު ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭ ކަންތައްތަކުގެ އިތުރުން އިންސިއުލިން އިންޖެކްޝަން ގަވާޢިދުން ޖަހަން ޖެހޭނެއެވެ. 2. ހަކުރުބަލީގެ ދެވަނަ ވައްތަރުގެ ފަރުވާ: މިވައްތަރުގައި ހަކުރު ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭ އަމަލުތަކަށް ރަގަޅަށް ސަމާލުކަންދީ އެކަންތައްތައް ކުރުމުން ހަކުރު ބަލި ކޮންޓްރޯލް ކުރެވެއެވެ. އެގޮތުން ކޮންޓްރޯލް ނުކުރެވިއްޖެނަމަ ގުޅަ ބޭސް ބޭނުން ކުރަންޖެހޭނެއެވެ. އަދި ބައެއް ހާލަތްތަކުގައި އިންސިއުލިން ވެސް ޖަހަން ޖެހިދާނެއެވެ. އެއީ ބޭހުން ހަކުރު ބަލި ކޮންޓްރޯލް ނުކުރެވުން، ނުވަތަ ނުރައްކާތެރި ޖަރާސީމެއް ހަށިގަނޑުގައި އަށަގަތުން ފަދަކަމެއް ދިމާވުމުންނެވެ. ------------------ (ނިމުނީ) މި ލިޔުން: ފޮނުވުން: އަލްފާޟިލް ޢަލީ ނިޝާން އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކަުރު މިހާތަނަށް ހުށަހަޅާފައިވާ ޚިޔާލުގެ އަދަދު (2)
![]()
...
ލިޔުނީ ހަސަން އަހުމަދު, 2011-07-17 16:56:47
އާއްމު ވަމުންދާ ހަކުރުބައްޔަށް ވަރަށް މުހިއްމު މައުލޫމާތު ހިމެނޭ ލިޔުމެއް.. އެކި ބަލިތަކުން ސަލާމަތްވެވޭ ބޭސްތައް ހުރިއިރު ހަކުރުބަލި މުޅިން ރަގަޅުކުރެވޭނެ އެއްވެސް ބޭހެއް ހޯދިފައެއް ނެތްތޯ؟ ހަކުރު ބަލި މީހުނަށް ކެއުން ގެންގުޅެން ޖެހޭ ގޮތުގެ މައުލޫމާތުކޮޅެއް ހިމެނި ދާނެތޯ؟ ތަންކޮޅެއް ދިގު މުއްދަތަކަށް ހިފަހައްޓާ ވަރުގެ އިންސިއުލިން އެއް ހުރޭތޯ؟ މިހާރު ދުވާލަކު ދެފަހަރު ނޫނީ ތިންފަހަރު އިންޖެކްޝަން ޖަހަންޖެހޭ....
ޚިޔާލު ހުށަހަޅާ
|
| ހަމަ މި ގަލަމުން |
|---|